މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އިގުތިސާދީ ގޮތުން ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަން ދައުލަތުގެ ކުންފުނިތަކަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު އަންގައިފިއެވެ.
ޕީސީބީން ނެރުނު ސާކިއުލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މިދިޔަ މާރިޗު 30 ގައި ވެސް އެ ބޯޑުން އަންގާފައިވާނެއެވެ. އެއާ އެކު، އިތުރު ބޮޑެތި ފިޔަވަޅުތައް އަޅަން މިއަދު ނެރުނު ސާކިއުލާގައި ޕީސީބީން ވަނީ އެންގިފައެވެ.
ޕީސީބީން އެންގި ފިޔަވަޅުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުރުމާއި، މަގާމުގެ ކުރިއެރުން ދިނުން ހުއްޓާލުމާއި، އޮޕަރޭޝަންތައް ނުހުއްޓި ކުރިއަށް ގެންދަން ކޮންމެހެން މުހިންމު ނޫން މަގާމުތަކަށް މީހުން ނުނެގުން ހިމެނެއެވެ. އޭގެ އިތުރުން ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކަށް ނޫނީ އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް ވަނީ އަންގައިފައެވެ.
ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހުއްޓާލައި، އޭގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވުމަށް ވެސް ޕީސީބީން ވަނީ އެންގިފައެވެ. ހަމައެހެންމެ ތަމްރީނު ދަތުރުތައް ހުއްޓާލައި އޮންލައިންކޮށް ތަމްރީނުތަކުގައި ބައިވެރިވުމާއި، ކޮންމެހެން ބޭނުންވާ ހަފުލާތައް ނޫނީ ނުބޭއްވުމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރި ނަމަ އެ ނިޒާމު ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ސަރުކާރުގެ އެހެން ބައެއް އިދާރާތަކުން ވެސް ވަނީ ރަސްމީ މަސައްކަތުގެ ވަގުތު ކުޑަކުރުމާއި އިތުރުގަޑީގެ މަސައްކަތް ހުއްޓާލުން ފަދަ ފިޔަވަޅުތައް އަޅަން ފަށައިފައެވެ.


ކިޔުންތެރިންގެ ހިޔާލު