ރާއްޖޭގެ ބޮޑު ބަޔަކަށް ހުކުރު ދުވަހާ ހަމައަށް ވިއްސާރަ ކުރާނެ ކަމަށް މެޓުން ލަފާކޮށްފި

އަންނަ ހުކުރު ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެއަށް ވަރަށް ވިއްސާރަ ކުރާނެ ކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުންޏެވެ.

ހުކުރު ދުވަހުން ފެށިގެން މޫސުން ރަނގަޅުވި ނަމަވެސް ކެރީގެ އަސަރު ކޮންމެވެސް ވަރަކަށް ކުރާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ. އެގޮތުން ވާރޭ ވެހުން މަދުވާނެ ކަމަށް ބެލެވުނަސް ވަޔާއި ކަނޑުތައް ކޮންމެވެސް ވަރަކަށް ގަދަވާނެ ކަމަށް މެޓުން ބުންޏެވެ. ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.

މެޓުން ބުނީ މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނުގަދަ ދުވަސްވަރު ކަމަށާއި ވާރޭ ވެހުނު ނަމަވެސް އިހުސާސްކުރެވޭ ފިނިހޫނުމިން ހުންނާނީ މަތީގައި ކަމަށެވެ.

އެމްޑީޕީގެ 12 ޑިމާންޑެއް ސަރުކާރަށް!

ސަރުކާރުން މިހާރުން މިހާރަށް ކަންކަން އިސްލާހު ކުރަން ގޮވާލައި އިދިކޮޅު އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ގަރާރެއް ފާސްކޮށްފި އެވެ.

އެ ޕާޓީން ބޭއްވި ނިއުސް ކޮންފަރެންސްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އިއްވެވި ގަރާރުގައި 10 ކަމެއް އިސްލާހު ކުރަން ސަރުކާރަށް ހުށަހެޅި އެވެ. އެއީ

  1. މުސްތަގިއްލު މުއައްސަސާތަކުގެ ރައީސުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލިހަށް އަލުން ދޫކޮށްލުން.
  2. ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ރާވާފައިވާ ކަންކަން އިސްލާހުކުރުން.
  3. ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވޯޓު ދެއްވާ ގޮތަކުން ނުވަތަ ސިޔާސީ ޕާޓީއެއްގެ ކޮމިޓީއަކުން އަޅާ ފިޔަވަޅަކުން މެމްބަރުކަން ގެއްލޭ ގޮތަށް ގާނޫނަށް ގެނެސްފައިވާ ބަދަލު ބާތިލްކުރުން.
  4. ލޯކަލް ކައުންސިލްތައް މާލީ ބާރުވެރިކަން ލިބޭ ގޮތަށް ގާނޫނުތައް އަލުން އިސްލާހުކުރުން.
  5. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަންގެ ތަހުގީގުތައް އަވަސްކުރުން.
  6. ސަރުކާރުގެ ސިޔާސީ މަގާމުގެ އަދަދު ހާމަކުރުން. އޭގެ ތެރޭގައި މިދިޔަ ހަ މަސް ދުވަހު ސަރުކާރުގެ ކުންފުނިތަކަށް އައްޔަންކުރި މީހުންގެ އަދަދާއި ޕްރޮމޯޝަންގެ އަދަދާއި އެ މީހުންގެ ތަފުސީލް ހާމަކުރުން.
  7. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ކުރިމަތިވެފައިވާ ދަތި ދަނޑިވަޅާ ދިމާކޮށް މަސްވެރިންނަށް ތެލުގެ ސަބްސިޑީ ދިނުން.
  8. ޖޭއެސްސީ އިސްލާހުކޮށް، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރުން.
  9. އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަން ފަދަ ތަންތަނުގެ ރައީސުންގެ މަގާމުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކޮށް، ގާބިލް ބޭފުޅުން އެ މަގާމުތައް އިސްކުރުން.
  10. ދައުަލަތުގެ ހަރަދު ކުޑަކޮށް، އިގުތިސާދީ ހާއްސަ ހާލަތާ ގުޅޭ އިސްލާހުތައް ހާމަކުރުން.
  11. ގާނޫނުއަސާސީ އިސްލާހު ކުރާއިރު ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރިން ހިމެނޭ ގޮތަށް ހާއްސަ ކޮމިޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ މަޝްވަރާގެ މަތިން ނޫނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ގޮތަށް ނިޒާމު ބައްޓަންކުރުން.
  12. ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ މަޝްރޫއުތައް ވަގުތުން ހުއްޓާލުން އަދި ތިމާވެށި ހިމާޔަތް ކުރުމުގެ ބާރު އީޕީއޭ އަލުން ދިނުން.

“މި ކަންކަން އިސްލާހު ކުރުމަށް އެކަށީގެންވާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައި، ދިވެހި ރައްޔިތުންގެ ހައްގުގައި އިހުތިޖާޖު ފެށުމަށް މި ޕާޓީން ނިންމި ވާހަކަ ހާމަކުރަން،” މީކާއިލް ވިދާޅުވި އެވެ.

އެ ގަރާރު ފާސްކުރުމާ އެކު، އެމްޑީޕީން ރޭ ވަނީ ސަރުކާރާ ދެކޮޅަށް އިހުތިޖާޖު ކުރަން މަގުމައްޗަށް ނުކުމެފަ އެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވި ގޮތުގައި ގަރާރު ފާސްކުރީ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ އިއްތިފާގުންނެވެ.

ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީ އުވާލައިފި

ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް ގެނައި ބަދަލުތަކުގެ ދަށުން ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީ އުވާލައިފިއެވެ.

ކެބިނެޓުގެ 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރަކު އިސްތިއުފާ ދެއްވިއިރު އެ ބޭފުޅުންގެ ތެރޭގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ހިމެނިވަޑައިގަންނަވައެވެ. ސަރުކާރުގެ 20 މިނިސްޓްރީގެ މެންޑޭޓަށް ބަދަލު ގެނެސް ޖުމްލަ 15 މިނިސްޓްރީއަށް މަދުކޮށް ކެބިނެޓް އަލުން އެކުލަވާލިއިރު ސިޓީސް އެންޑް ލޯކަލް ގަވަމެންޓް މިނިސްޓްރީއެއް ނެތެވެ. އަދި ކެބިނެޓް އަލުން އެކުލަވާލައި މިނިސްޓަރުން އައްޔަންކުރެއްވިއިރު އާދަމް ޝަރީފަށް އެއްވެސް މަގާމެއް ދެއްވާފައެއް ނުވެއެވެ.

އުވާލި މިނިސްޓްރީގެ ޕަބްލިކް ވޯކްސްގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އިންފްރާސްޓްރަކްޗާ، އާބަން އެންޑް ހައުސިން ޑިވެލޮޕްމަންޓް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ހަރަކާތްތަކަށް ޕަބްލިކް ވޯކްސްގެ ދާއިރާއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، އަތޮޅުތައް ހިންގުމުގެ ބޭނުމަށް ގާއިމުކޮށްފައިވާ އިމާރާތްތަކާއި ވަސީލަތްތައް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެއެވެ. މީގެ ކުރިން އެ މިނިސްޓްރީ ވުޖޫދުގައި ނެތް އިރުވެސް ޕަބްލިކް ވޯކްސްގެ ހުރިހާ ކަމެއް ބެލެހެއްޓީ ހައުސިން މިނިސްޓްރީގެ ދަށުންނެވެ.

މިނިސްޓްރީ އުވާލި ނަމަވެސް އެ ތަނުގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނާއި ސިޔާސީ މުވައްޒަފުން ވަކި ގޮތެއް އެންގެންދެން އެ މިނިސްޓްރީގެ މަސައްކަތަށް ނުކުންނަމުންދާ ކަމަށް އެނގިފައިވެއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި މި ބަދަލުތައް ގެންނެވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމަށެވެ. މި ބަދަލުތައް ގެންނަން ފެށީ މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ސަރުކާރުގެ ހިންގުމަށް ބަދަލު ގެންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައި ވަނިކޮށެވެ.

ގިރާވަރުފަޅުން 98 ހެކްޓަރުގެ ބިން ހިއްކައި ނިމިއްޖެ

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 98 ހެކްޓަރުގެ ބިން ހިއްކާ ނިމިފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ އެ ފަޅުން ޖުމްލަ 169 ހެކްޓަރުގެ ބިން ހިއްކުމަށް ކަނޑައަޅާފައިވާ ކަމަށެވެ. މިދިޔަ ސަރުކާރުން ފެށި މި މަޝްރޫޢުގެ ދަށުން 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ހިއްކިފައިވަނީ 54 ހެކްޓަރު ކަމަށާއި، ކުރިން މަސައްކަތް ހަވާލުކުރި ކުންފުންޏަށް މަސައްކަތް ކުރިއަށް ނުގެންދެވި ލަސްވުމުން މި ސަރުކާރުން އެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމްއޭސީއެލް އިން މި އަހަރުގެ ޖެނުއަރީ 31 ގައި މަސައްކަތް ފެށިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ “އެމްއޭސީއެލްއިން ހިއްކުމަށް ހަމަޖެހިފައިވަނީ 96 ހެކްޓަރު. މި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް 44 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި އިތުރަށް. އެހެންވީމަ މިހާތަނަށް ޖުމްލަ 98 ހެކްޓަރުގެ ބިން ވަނީ ހިއްކާފައި” ކަމަށެވެ. ބާކީ އޮތް ބައި އަންނަ މެއި މަހުގެ 31 ގެ ނިޔަލަށް އެއްކޮށް ހިއްކާ ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ ގޮތުން ވަޒީރު ވިދާޅުވީ އެންމެ ފުރަތަމަ ޕްލޭން ހަދާފައިވަނީ 5000 ގޯތި ދޫކުރާ ގޮތަށް ކަމަށާއި، ނަމަވެސް އެ އަދަދަށް ގޯތި ދެވެން ނެތުމުން 1000 އެއްހާ ގޯތި ގުޅީފަޅަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި ބަދަލާ ގުޅިގެން ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި އަލުން ގުރުނަގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

ކުރީ ސަރުކާރުން ނުހިއްކާ ހުރި ބިންތަކަށް ރަޖިސްޓްރީ ދޫކޮށްފައިވާ މައްސަލައަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ ޤާނޫނީ ގޮތުން ނުހިއްކާ އޮންނަ ބިމަކުން ރަޖިސްޓްރީ ދިނުމަކީ ކުރެވޭނެ ކަމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ. މި ސަރުކާރުން އާ ލޭންޑް ޔޫސް ޕްލޭން އާންމުކޮށް ގުރުނެގުމުގެ ކަންކަން ނިންމާފައިވާ ކަމަށާއި، ބިން ހިއްކާ ނިމުމާ އެކު ރަސްމީކޮށް ރަޖިސްޓްރީ ހަދައި ގޯތިތައް ހަވާލުކުރާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ހީނާ، ގީލާ، އިރުތިޝާމްގެ އިތުރުން އަލީ ޝަރީފް ހިމަނައިގެން ކެބިނެޓު އެކުލަވާލައިފި

ކުރިން ވަޒީރު ކަމުގައި ނެތް ހަތަރު ބޭފުޅަކު ހިމަނައިގެން، ކެބިނެޓު މިރޭ އަލުން އެކުލަވާލައިފި އެވެ.

ކެބިނެޓު އަލުން އެކުލަވާލީ މިއަދު 10 މިނިސްޓަރަކު އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

އާ ކެބިނެޓު

  • ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް މިނިސްޓަރު، މޫސާ ޒަމީރު
  • ހޯމްލޭންޑް، ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު، އަލީ އިހުސާން
  • ފޮރިން އެފެއާޒް މިނިސްޓަރު، އިރުތިޝާމް އާދަމް
  • ހެލްތު، ފެމިލީ އެންޑް ވެލްފެއާ، ގީލާ އަލީ
  • އެޑިޔުކޭޝަން އެންޑް ހަޔާ އެޑިޔުކޭޝަން މިނިސްޓަރު، އިސްމާއިލް ޝަފީރު
  • ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، މުހައްމަދު އަމީން
  • ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު
  • އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް، އެންޑް ޓްރޭޑް މިނިސްޓަރު، މުހައްމަދު ސައީދު
  • އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓް މިނިސްޓަރު، މުހައްމަދު ޝަހީމް
  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖު މިނިސްޓަރު، ހީނާ ވަލީދު
  • އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕަމަންޓް މިނިސްޓަރު، އަބްދުﷲ މުއްތޮލިބު
  • ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ މިނިސްޓަރު، އަލީ ޝަރީފް

ތަފުސީލު އަންނަނީ…

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް އިސްތިއުފާ ދެއްވައިފި

މިނިސްޓަރ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް އިސްތިއުފާ ދެއްވައިފިއެވެ.

އިތުރު ތަފްސީލް އަންނަނީ….

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ހައިދަރު އިސްތިއުފާ ދެއްވައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމުން ޑރ. އަލީ ހައިދަރު އިސްތިއުފާ ދެއްވައިފިއެވެ.

އިތުރު ތަފްސީލް އަންނަނީ….

ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް އިސްތިއުފާ ދެއްވައިފި

ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހިމް މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ފަހަކަށް އައިސް ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނީ މަގާމުތަކުން އިސްތިއުފާ ދެއްވަން ފައްޓަވާފައެވެ. އެގޮތުން އެމްޕީއެލްގެ އެމްޑީ އާއި މިފްކޯގެ ސީއީއޯގެ އިތުރުން ފެނަކައިގެ ވެރިންވެސް ވަނީ މިދިޔަ ދެ ހަފުތާގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ކުންފުނިތަކުގެ އިސްވެރިން މަގާމުތަކުން ވަކިކުރުމާއި އިސްތިއުފާ ދިނުން އިތުރުވެފައިވާއިރު، ފެނަކަ އާއި އެޗްޑީސީގެ ބައެއް އިސް މަގާމުތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް، މި ބަދަލުތައް ގެންނަ ސަބަބެއް މިހާތަނަށް ސަރުކާރުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރަކަށް ފަހުމީ އައްޔަން ކުރައްވައިފި

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ބޯޑު މެންބަރުކަމުގެ މަގާމަށާއި މެނޭޖިން ޑިރެކްޓަރު މަގާމަށް، ކުރިން ސްޓެލްކޯގެ އެމްޑީއަކަށް ހުންނެވި, ޙުސެއިން ފަހުމީ މިއަދު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން މިއަދު ވަނީ ފަހުމީ އެމްޑަބްލިޔުއެސްސީގެ ވެރިއަކަށް އައްޔަން ކުރެއްވިކަން ހާމަކޮށްފައެވެ.

ސްޓެލްކޯގައި 27 އަހަރަށް ވުރެން ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ފަހުމީ އެ ކުންފުނިން ވަކިކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއަށް ފަހު މިނިސްޓަރެއްގެ ފެންވަރުގައި އޭނާއަށް ވަނީ, ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމު ދެއްވައިފައެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި, އަބްދުލް މަތީން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

ބައެއް ކުންފުނިތަކުގެ އިސް ވެރިންގެ އިސްތިއުފާ އާއި މަގާމުން ވަކިކުރުން ގިނަ ވެފައި މި ވަނީ އެންމެ ފަހުން ބޭއްވި ބޮޑު އިންތިޚާބުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައި ވަނިކޮށެވެ.

މިފްކޯގެ މެނޭޖިން ޑިރެކްޓަރު ފަރުހަތު ޝަހީރާއި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން, މުޙައްމަދު ރިޝްވާން ވަނީ މި ފަހުން އިސްތިއުފާ ދެއްވައިފައެވެ.

ހަމަ އެހެންމެ މި ފަހުން, އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުޙައްމަދު ނަޖާޙް ވަނީ ވަކިކުރައްވައިފައެވެ.

ސްޓެލްކޯގައި 1998 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެއްވި, ފަހުމީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަންކުރީ ނޮވެންބަރު 28، 2023ގައެވެ.

ފަހުމީ މަގާމުން ވަކިކުރިއިރު، މުޅި މާލެއާއި ހުޅުމާލޭން އެއް ފަހަރާ ކަރަންޓު ކެނޑުމުގެ މައްސަލަތަކެއް ކައިރި ކައިރީގައި ހިނގައި، ސްޓެލްކޯއަށް އޮތީ ފާޑުކިޔުން އަމާޒުވެފައެވެ.

ޔޫތު މިނިސްޓަރ އަސްވާޑް އިސްތިއުފާ ދެއްވައިފި

ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަސްވާޑް މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ މިއަދުއެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

އަސްވާޑުގެ އިތުރުން ދަނޑުވެރިކަމާބެހޭ ވަޒީރު ޑރ. މާރިޔާ އާއި، ހެލްތު މިނިސްޓަރ އަބްދުالله ނާޒިމާއި، ދިފާއީ ވަޒީރު ޣައްސާން މައުމޫން މިއަދު ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ސިޓީސް މިނިސްޓަރ އާދަމް ޝަރީފް އާއި، ޖެންޑާ މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އާއި، ޚާރިޖީ ވަޒީރު ޑރ. ޚަލީލް މިއަދު ވަނީ މަޤާމުން ވަކިކޮށްފައެވެ. ހަމައެއާއެކު އިއްޔެވަނީ ރައީސް އޮފީހުގެ މިނިސްޓަރ ޢަލީ އާރިފް މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މި ބަދަލުތަކަކީ ނިމިދިޔަ ހޮނިހިރު ދުވަހު ބޭއްވި ފެންނަ ނުފެންނަ ވޯޓަށްފަހު، ސަރުކާރުގެ ހިންގުމަށް ގެންނަން ފަށާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބޭއްވި އެ ވޯޓުގައި ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

އިންތިޚާބުގެ ނާކާމިޔާބީއަށްފަހު، ސަރުކާރުގެ އެކި ކުންފުނިތަކުގެ އިސްވެރިން މަޤާމުތަކުން ވަކިކުރުމާއި އިސްތިޢުފާ ދިނުން ވަނީ އިތުރުވެފައެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ސީއީއޯ ފަރުހަތު ޝަހީރާއި، ސަރުކާރުގެ ފެން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޢަބްދުލް މަތީން އާދީއްތަ ދުވަހު ވަނީ ކުއްލި ގޮތަކަށް މަޤާމުތަކުން އިސްތިޢުފާ ދެއްވައިފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ނަޖާހު އާއި، އެގްރޯނެޓްގެ އެމްޑީ ޙުސައިން ދީދީގެ އިތުރުން، އެމްޕީއެލްގެ އެމްޑީ ރިޝްވާން ވެސް ވަނީ ސަރުކާރުން އަންގައިގެން މަޤާމުން އިސްތިޢުފާ ދެއްވައިފައެވެ. މީގެ އިތުރުން އެމް.ޑަބްލިއު.އެސް.ސީ އާއި އެޗް.ޑީ.ސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ވެސް ވަނީ މަޤާމުން ވަކިކޮށްފައެވެ.

ސަރުކާރުގެ މަތީ މަޤާމުތަކުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އަދި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު ޙުސައިން ޝަރީފް ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް ފަހުން ސަލްމާ އާއި، އާމިނަތު ޙުސައިން ޝަރީފްގެ މަޤާމް ވަނީ އިއާދަ ކޮށްފައެވެ.

މި ބަދަލުތަކަކީ ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމަށް ރައީސް ފަށްޓަވާފައިވާ މަސައްކަތްޕުޅުގެ ބައެއް ކަމަށް ބެލެވެއެވެ.

ހެލްތު މިނިސްޓަރު ނާޒިމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވެސް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ނާޒިމް އިސްތިއުފާ ދެއްވި ކަމަށް މައުލޫމާތު ލިބިފައިވާއިރު، ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް އިބްރާހީމް ވެސް އިސްތިއުފާ ދެއްވައިފި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މީގެ އިތުރުން ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމާއި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މަގާމުން ވަކިކޮށްފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ވަޒީރުންތަކެއް މަގާމުން ވަކިކޮށްފައި ވަނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި މުހިންމު ވޯޓުތަކަކުން ވެރިކަން ކުރާ ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އެ ދުވަހު ބޭއްވި ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރީ ކޮމިޓީގެ އިންތިޚާބުން މުހިންމު ގިނަ ގޮނޑިތައް ކާމިޔާބު ކުރީ އިދިކޮޅު އެމްޑީޕީންނެވެ.

މީގެ އިތުރުން މައި ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި ވެސް، ގިނަ ބަޔަކު ވޯޓު ދިނީ ސަރުކާރުން ބޭނުންވި ގޮތާ ޚިލާފަށް، ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ދެކޮޅަށެވެ.

އެ އިންތިޚާބުތަކުގެ ފަހުން ދައުލަތުގެ ކުންފުނިތަކަށް ވެސް ބަދަލުތައް ގެނެސްފައިވެއެވެ. އެގޮތުން އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހުސެއިން ދީދީ އާއި ފެނަކަގެ މެނޭޖިން ޑިރެކްޓަރު ކަމުން މުޙައްމަދު ނަޖާޙް ވަނީ މި މަހުގެ ހަ ވަނަ ދުވަހު ވަކިކޮށްފައެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު މާރިޔާ ވެސް އިސްތިއުފާ ދެއްވައިފި

ދަނޑުވެރިކަމާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވެސް އިސްތިއުފާ ދެއްވައިފިއެވެ.

ތަފްސީލް އަންނަނީ….