ކާބޯތަކެތީގެ މުހިންމު ބާވަތްތަކާއި އިމާރާތްކުރުމަށް ބޭނުންވާ ތަކެތި ކަނޑައެޅިފައިވާ ވަކި މިންވަރަކަށް ރާއްޖެއަށް އެކްސްޕޯޓްކުރުމުގެ ހުއްދަ 2026-27 ވަނަ އަހަރަށް ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ.
އިންޑިއާގެ ޑައިރެކްޓްރޭޓް ޖެނެރަލް އޮފް ފޮރިން ޓްރޭޑް (ޑީޖީއެފްޓީ) އިން ނެރުނު ނޮޓިފިކޭޝަނުގައިވާ ގޮތުން، ދެ ގައުމުގެ ދެމެދުގައި ވެފައިވާ ދޭދޭ ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ ބާވަތްތަކުގެ ތެރޭގައި ކުކުޅުބިސް، އަލުވި، ފިޔާ، ހަނޑޫ، ގޮދަން ފުށް، ހަކުރު، މުގު، ހިލަ އަދި ހިލަވެލި ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި މި ބާވަތްތައް އެކްސްޕޯޓްކުރުމުގައި އިންޑިއާއިން އަޅާފާނެ އެއްވެސް ހުރަހަކުން ނުވަތަ މަނާކުރުމަކުން މި ތަކެތި އިސްތިސްނާވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. އާންމު އުސޫލުން ބަލާއިރު މީގެ ތެރެއިން ބައެއް ބާވަތްތަކަކީ އިންޑިއާއިން ބޭރުކުރުން މަނާކޮށްފައިވާ ނުވަތަ ވަކި ހުދޫދުތަކެއް ކަނޑައަޅާފައިވާ ތަކެއްޗެވެ.
މި އެއްބަސްވުމުގެ ދަށުން ހުއްދަ ދީފައިވާ މިންވަރުތަކަށް ބަލާއިރު، 448,913,750 ކުކުޅުބިސް، 22,589 ޓަނުގެ އަލުވި، 37,537 ޓަނުގެ ފިޔާ، 230,429 ޓަނުގެ ހަނޑޫ، 114,621 ޓަނުގެ ގޮދަން ފުށް، 67,719 ޓަނުގެ ހަކުރު، 350 ޓަނުގެ މުގު، 1,300,000 ޓަނުގެ ހިލަ އަދި 1,300,000 ޓަނުގެ ހިލަވެލި ހިމެނެއެވެ. ޑީޖީއެފްޓީން ބުނެފައިވާ ގޮތުގައި ހިލައާއި ހިލަވެލި އެކްސްޕޯޓްކުރުމުގައި، ފޯރުކޮށްދޭ ފަރާތްތަކުން ބޭނުންވާ ހުއްދަތައް ހޯދާފައިވާކަން ކެޕެކްސިލް އިން ކަށަވަރުކުރަންޖެހޭނެއެވެ. އަދި އެކްސްޕޯޓްކުރާ ވެއްޔަކީ ގޮނޑުދޮށުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުން ނަގާފައިވާ އެއްޗެއް ނޫންކަން ވެސް ކަށަވަރުކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު