ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނަށް މިއަދު މަޖިލީހުގައި ޖަވާބުދެއްވަމުން، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް، މި ސަރުކާރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ފެނިފައިނުވާ ފަދަ ނާގާބިލު ސަރުކާރެއް ކަމަށް ސިފަކުރައްވައި ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ނާޒިލް ތުހުމަތުކުރެއްވި ގޮތުގައި އިޖުތިމާޢީ ރައްކާތެރިކަމާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުގައި ސަރުކާރު ވަނީ ނުކުޅެދިފައެވެ. އެގޮތުން އާސަންދައިގެ ޚިދުމަތުގެ ފެންވަރު ދަށަށް ގޮސް ރައްޔިތުންނަށް ބޮޑެތި ތަކުލީފުތައް ކުރިމަތިވެފައިވާ ކަމަށާއި، ބޯހިޔާވަހިކަމުގެ ދާއިރާއަށް ކަނޑައެޅި 2.86 ބިލިއަންގެ ބަޖެޓަށް ވީނުވީއެއް ނޭނގި ހުސްވެފައިވާއިރު އެ ބަޖެޓުން ބޯހިޔާވަހިކަމެއް ލިބުނު ރައްޔިތަކު ފެންނަން ނެތް ކަމަށް ނާޒިލް ވިދާޅުވިއެވެ.
އިޤްތިޞާދީ ގޮންޖެހުންތަކާ ގުޅޭ ގޮތުން ނާޒިލް ވިދާޅުވީ، ޑޮލަރުގެ އަގު ކޮންޓްރޯލްކުރާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑޮލަރުގެ އަގު ހިފެހެއްޓުމެއް ނެތް މިންވަރަށް އުފުލެމުންދާ ކަމަށެވެ. އަދި ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ބަދަލުގައި ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުކޮށް، ކުރީ ސަރުކާރުން ރައްކާކޮށްފައި ހުރި ރިޒާވް ހޭދަކޮށް ހުސްކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުން ބާއްވާ ކުލަގަދަ ރަސްމިއްޔާތުތަކަށް ކުރާ ބޮޑެތި ޚަރަދުތައް ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ތާރީޚުގައި ވެސް އިސްރާފު ބޮޑު ގޮތަކަށް ރަސްމިއްޔާތު ބާއްވާ ސަރުކާރު ކަމަށް ނާޒިލް ސިފަކުރެއްވިއެވެ.
ޚާރިޖީ ދާއިރާއާ ގުޅޭ ގޮތުން ނާޒިލް ވިދާޅުވީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށާއި، ރާއްޖޭގެ އަގުވެއްޓި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ނުރުހުން އަމާޒުވަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު