ކޮރަޕްޝަންގެ ތުހުމަތު އޮއްވައި މާލެ ޓެކްސީ އެޕް 2 މަސް ފަހުން ލޯންޗުކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ގްރޭޓާ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ފަސޭހަކަމާއެކު ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައާރަފް ކުރި މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން އެޕަލްގެ އެޕް ސްޓޯރަށް ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މާލެ ޓެކްސީ ލައިން ލޯންޗުކުރީ އޭޕްރީލް ދެވަނަ ދުވަހުގެ ރެއެވެ. ނަމަވެސް އޭގެ ފަހުން ދެ މަސްވިއިރު ވެސް އެ އެޕްގެ ޚިދުމަތް ނުލިބި ރައްޔިތުންނަށް ވަނީ އުނދަގޫތަކާ ކުރިމަލާންޖެހިފައެވެ. ހަމައެއާއެކު ޓެކްސީ އެޕް ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހެޅިއެވެ.

ކަން އެހެން އޮއްވައި މިއަދު ވަނީ ޓެކްސީ އެޕް ލޯންޗުކޮށްފައެވެ.

މިއީ ގްރޭޓާ މާލެ ސަރަހައްދު ކަމަށްވާ މާލެ، ހުޅުމާލެ އަދި ވިލިމާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ޓެކްސީގެ ޚިދުމަތް ހޯދައި ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ބުންޏެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް އައިފޯން ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު ޓެކްސީ ބުކްކުރެވޭނެއެވެ. އަދި އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްޓަކައި ޚާއްސަ ކިއުއާރް ކޯޑެއް ނުވަތަ ޑައުންލޯޑް ލިންކެއް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެންޑްރޮއިޑް ފޯނުތަކަށް މި އެޕްލިކޭޝަން ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބޭނެ ނަމަވެސް، އެ ފަރާތްތަކަށް ވެބް އެޕްލިކޭޝަން ނުވަތަ ހޮޓްލައިން ނަންބަރު 1655 މެދުވެރިކޮށް ދަތުރުތައް ހަމަޖެއްސޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މާލެ ޓެކްސީ ލައިންގެ ހިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13,000 އަށްވުރެ ގިނަ ދަތުރު ކޮށްދީފައިވާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޚިދުމަތް ދިނުމަށްޓަކައި ތިމާވެއްޓާ ރައްޓެހި، 100 އިންސައްތަ އިލެކްޓްރިކް (އީވީ) 150 އުޅަނދު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ ތެރޭގައި މާލޭގެ ހަނި މަގުތަކަށް ޚާއްސަ ކުދި ކާރުތަކާއި، އެއާޕޯޓް ދަތުރުތަކަށް ޚާއްސަ ބޮޑެތި އުޅަނދުތައް ހިމެނޭހެން ތިން ސައިޒެއްގެ ކާރުތައް ހިމެނެއެވެ.

ސަރުކާރުގެ ޓެކްސީލައިން އެޕްލިކޭޝަން ރަސްމީކޮށް ކޯންޗު ކުރިއިރު، މި އެޕްލިކޭޝަން ހެދުމުގައި ކޮރަޕްޝަން އޮތް ކަމަށް ބުނާ މައްސަލައެއް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

ކުޑޫ ހުށަހެޅުއްވި މައްސަލައިގައި މާލެ ޓެކްސީ ލައިންގެ އެޕްލިކޭޝަން ތައްޔާރުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ހިނގާފައިވާ ކަމަށް ބުނެ އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކުގެ ހަގީގަތަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއިން ބަލައިދިނުމަށް އެދިފައިވެއެވެ.

މީގެ އިތުރުން ޓެކްސީ ލައިންގެ ހޮޓްލައިން ނަންބަރަށް ނުގުޅި، އެ ހޮޓްލައިނަށް ބާރު ބޮޑުވާކަމުގެ ޝަކުވާ ވެސް އާންމުން ވަނީ ކޮށްފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބޭނުންކުރިކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

2026 މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި އެ ރަށުގެ 4 ގެއެއް ބަލައިފާސްކޮށްފައިވެއެވެ. މި ފާސްކުރުންތަކުގެ ތެރެއިން ވަގުތީ ބަރުދަނުގައި ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މި ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ ދެ މީހުންނެވެ. އެއީ މުޙައްމަދު ޢަޠޫފް ޙަބީބް (25އ)، އެތެންސް / ގއ. ވިލިނގިލި އަދި މުޙައްމަދު ރާއިފް ޙުސައިން (20އ)، ދެތަޑިމާގެ / ގއ. ވިލިނގިލި އެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަޠޫފް 15 ދުވަހަށް އަދި ރާއިފް 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު (17/2011) އަށް ގެނެވުނު އިސްލާހުތަކުގެ ދަށުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ހިންގުނު މަސައްކަތެކެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކުރުމަކީވެސް މި އޮޕަރޭޝަނުގެ މުހިންމު މަގުސަދެކެވެ.

މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ރިސޯޓުތަކުން، ބޭންކުތަކަށް 671 މިލިއަން ޑޮލަރު މާރުކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އަލަށް އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުގެ ދަށުން، މިދިޔަ އަހަރުގެ ތެރޭގައި ރިސޯޓުތަކުން ބޭންކުތަކަށް ޖުމްލަ 671 މިލިއަން ޑޮލަރު މާރުކޮށްފައިވާކަމަށް އެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭއިން ނެރުނު 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، ޖެނުއަރީ 2025 ގައި އަމަލުކުރަން ފެށި ބޭރު ފައިސާ މާރުކުރުމުގެ އާ ގާނޫނުގެ ދަށުން 182 ރިސޯޓަކުން ވަނީ އެމްއެމްއޭގައި ރަޖިސްޓްރީކޮށް ޑޮލަރު މާރުކުރަން ފަށާފައެވެ. އެ އުސޫލުތަކަށް ބަލާއިރު، ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސަންޓް ބޭންކުތަކަށް މާރުކުރަން ޖެހޭއިރު، ގެސްޓްހައުސްތަކާއި ސަފާރީތަކުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސަންޓް މާރުކުރަން ޖެހެއެވެ.

މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ނޫން އެހެން ދާއިރާތަކުން މަދުވެގެން 15 މިލިއަން ޑޮލަރުގެ އާމްދަނީ ލިބޭ ވިޔަފާރިތަކުންވެސް ލިބޭ ފައިސާގެ 20 ޕަސަންޓް ބޭންކުތަކަށް މާރުކުރުމަށް އެ ގާނޫނު ލާޒިމުކުރެއެވެ.

ރިސޯޓުތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ ތެރެއިން 70 ޕަސަންޓް އެމްއެމްއޭއަށް ވިއްކަން މަޖުބޫރުކޮށްފައިވާއިރު، މިދިޔަ އަހަރު ބޭންކުތަކުން ވަނީ 523.4 މިލިއަން ޑޮލަރު އެމްއެމްއޭއަށް މާރުކޮށްފައެވެ. މިއީ ރިސޯޓުތަކުން މާރުކުރި ޖުމްލަ ފައިސާގެ 78 ޕަސަންޓެވެ.

އެ ބަދަލާއެކު ދައުލަތުގެ ރިޒާވަށް ހެޔޮ އަސަރެއް ކޮށްފައިވާކަން ފާހަގަކުރަމުން އެމްއެމްއޭއިން ބުނީ، ބާޒާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމަށް ބޭންކުތަކަށާއި އަސާސީ މުދާ ގަތުމަށް ދޫކުރި ޑޮލަރުގެ މިންވަރު 10 ޕަސަންޓަށް އިތުރުވެ، 1.1 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ފޯރުކޮށްދިން ޑޮލަރުގެ ތަފުސީލަށް ބަލާއިރު، ސަރުކާރުގެ ކުންފުނިތަކަށް އަސާސީ މުދާ ގެނައުމާއި ދަރަނި ދެއްކުމަށް 651 މިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ. އަދި ބޭންކުތައް މެދުވެރިކޮށް އާންމުންނާއި ވިޔަފާރިތަކަށް 447.6 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، ސީދާ ސަރުކާރުގެ ދަރަނި ދެއްކުމަށާއި ބޭސްފަރުވާގެ އެހީއަށް 436 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ.

އިގްތިސޯދީ ދާއިރާއިން ރުފިޔާގެ އަގު ހިފެހެއްޓުމަށްޓަކައި، އިގްތިސޯދުގައި ދައުރުވާ ފައިސާގެ ތެރެއިން ތިން ބިލިއަން ރުފިޔާ އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް އެމްއެމްއޭއިން ވަނީ އަނބުރާ ނަގާފައެވެ. މިއީ ބޭންކުތަކަށް ސެކިއުރިޓީ ވިއްކައިގެން ހިންގި ހަރަކާތެއް ނަމަވެސް، ބޭންކިން ނިޒާމުގައި ދައުރުވާ ރުފިޔާގެ މިންވަރު މިދިޔަ އަހަރު އިތުރުވެފައިވާކަން އެމްއެމްއޭގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ އަހަރު ބޭންކުތަކަށް ފޯރުކޮށްދިން ޑޮލަރުގެ އަދަދަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 29 ޕަސަންޓް އިތުރު އަދަދެއްކަމަށްވެސް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ދަމަނަވެށީގެ ޚިދުމަތްތައް ވަގުތީ ގޮތުން އާބަން ޕްރައިމަރީ ހެލްތް ސެންޓަރަށް ބަދަލުކޮށްފި

އާންމު ސިއްހަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެންގުޅޭ ހާއްސަ ސިޔާސަތުގެ ދަށުން، މާލޭ ހެންވޭރުގައި ހުންނަ “ދަމަނަވެށި” ވަގުތީ ގޮތުން ބަންދުކޮށް، އެތަނުން ދެމުން އައި ހިދުމަތްތައް މާފަންނު އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރަށް މިއަދު ބަދަލުކޮށްފިއެވެ.

ދަމަނަވެށި އިމާރާތް ވަގުތީ ގޮތުން ބަންދުކުރަން ޖެހުނީ، މާލެ ސަރަހައްދުގައި ޖީޕީ (ޖެނެރަލް ޕްރެކްޓިޝަނަރ) އަދި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުތައް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، އެ އިމާރާތް އެ ފެންވަރަށް ތަރައްގީކޮށް ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

ޚިދުމަތްތައް ހޯދޭނެ ބަދަލު ސަރަހައްދުތައް

ދަމަނަވެށި އިމާރާތް ބަންދުކޮށްފައި ހުރި ނަމަވެސް، އާންމުންނަށް ދެމުންދާ ހިދުމަތްތައް މެދުނުކެނޑި ކުރިއަށްދާނެ އިންތިޒާމުތައް ސަރުކާރުން ވަނީ ތިރީގައިވާ ތަންތަނުން ހަމަޖައްސާފައެވެ:

  • މާފަންނު އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު (ދަމަނަވެށީގެ މައިގަނޑު ހިދުމަތްތައް މިހާރު ލިބޭނެ މަރުކަޒު).
  • ހުޅުމާލޭ ޕަބްލިކް ހެލްތް ޔުނިޓް.
  • މާލެ ސަރަހައްދުގައި އަލަށް ހުޅުވި ޖީޕީ ކްލިނިކް.

އައު ސެންޓަރާއެކު ލިބޭނެ ކުރިއެރުންތައް

ދަމަނަވެށި އިމާރާތް އެއްކޮށް އަޕްގްރޭޑް ކުރެވި، ޒަމާނީ “އާބަން ހެލްތް ސެންޓަރެއް” ގެ ގޮތުގައި އަލުން ހުޅުވުމުން އާންމު ސިއްހަތަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން އަލަށް ތައާރަފްވާ ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ:

  • އާންމު ބަލިތަކުގެ ޑޮކްޓަރުން (ޖީޕީ) ގެ ހިދުމަތް ފުޅާދާއިރާއެއްގައި ލިބުން.
  • އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި، ސެންޓަރުގެ ތެރެއިން ހާއްސަ (ސްޕެޝަލިސްޓް) ޑޮކްޓަރުންނަށް ދެއްކުމާއި އެފަރާތްތަކުގެ ލަފާ ހޯދޭނެ އެންމެ ފަހުގެ ނިޒާމު ގާއިމުވުން.
  • އާންމު ސިއްހަތު ކުރިއެރުވުމަށާއި، ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށް ގައުމީ ފެންވަރުގައި ހިންގާ އެކި ޕްރޮގްރާމްތައް އެ މަރުކަޒުގައި ފުޅާދާއިރާއެއްގައި ކުރިއަށް ގެންދިއުން.

ސަރުކާރުގެ މައިގަނޑު އަމާޒަކީ މިފަދަ ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުތަކުގެ އެހީގައި، ބޮޑެތި ހޮސްޕިޓަލްތަކަށް ބާރުބޮޑުނުވެ، ކޮންމެ އަވަށަކުންވެސް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު އަސާސީ ސިއްހީ ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމެވެ.

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލައި، ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖައްސަނީ

ސަރުކާރުން ހިންގާ ކުޅިވަރު އިމާރާތްތަކާއި ދަނޑުތަކުގައި ނަމާދު ވަގުތަށް ކުޅިވަރުތައް މެދުކަނޑާލަން ޖެހޭ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިއަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވި ގޮތުގައި، މި ބަދަލުގެ މަގްސަދަކީ ކުޅިވަރު ކުޅޭ ތަންތަނުގައި ކުޅިވަރު ކުޅެން ތިބޭއިރު ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމެވެ.

އެގޮތުން ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅަކަށް، އެއީ 20 މިނެޓަށް ވިޔަސް، ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަން ޖެހޭ ގޮތަށް އުސޫލުތަކަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.

ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލުމުގެ އިތުރުން، އެ ވަގުތު އެ ސަރަހައްދެއްގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ވެސް ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

“ކުޅިވަރު ކުޅެން ތިއްބައި ނަމާދު ވަގުތު ޖެހިއްޖެ ނަމަ، ކުޅިވަރު މެދުކަނޑާލުމަށް ފަހު އެތަނެއްގެ ތެރޭގައި ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ކަންކަމާ މެދު މަޝްވަރާތަކެއް ކުރެވި ތަންފީޒުކުރުމާ ހަމައަށް އާދެވިފައިވަނީ،” ރައީސް ވިދާޅުވި އެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިހާރު އާންމުކޮށް ފެންނަނީ ނަމާދު ވަގުތު ނިމިގެންދާއިރު ވެސް ކުޅިވަރުގެ މައިދާނުގައި މީހުން ތިބޭ މަންޒަރެވެ. އަދި ކުޅިވަރު އެކުވެނި އާއި މާފަންނު ސްޓޭޑިއަމް ފަދަ ތަންތަނުގައި މިހާރު ނަމާދު ކުރެވޭނެ އެކަށީގެންވާ އިންތިޒާމުތަކެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި މިކަންކަން ތަންފީޒުކުރަން ފަށާނެ ކަމަށާއި، މީގެ ފަހުން ސަރުކާރުން އަޅާ ކުޅިވަރު އިމާރާތްތަކުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތައް ހިމަނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށް ދީނީ އަދި އިޖުތިމާއީ ގޮތުން ފައިދާހުރި ބަދަލަކަށް ވާނެ ކަމަށް ސަރުކާރުން ދެކެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސްކަމަށް ސަލީމް އިންތިޚާބުވެއްޖެ

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އައު ނައިބު ރައީސްކަމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެންބަރު އަޙްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު އިންތިޚާބުކޮށްފިއެވެ.

މަޖިލީހުގެ އައު ނައިބު ރައީސް ކަމަށް ސަލީމް އިންތިޚާބުވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) އާ ވާދަކުރައްވައިގެންނެވެ.

ޖުމްލަ 74 ވޯޓު ލިއިރު، ސަލީމަށް 62 ވޯޓު ލިބިވަޑައިގެންނެވިއެވެ. ޒިޔާދަށް ލިބިވަޑައިގަތީ 10 ވޯޓެވެ. ބާތިލް ދެ ވޯޓު ހިމެނެއެވެ.

ސަލީމަކީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން އެންމެ ގިނަދުވަސްވީ، އަދި ތަޖުރިބާ ލިބިވަޑައިގެންހުންނެވި އެއް މެންބަރެވެ. އޭނާއަކީ 20ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.

މިއީ ސަލީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ހަތަރުވަނަ ދައުރެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމު ހުސްވީ، އެ މަގާމު ފުރުއްވަމުން ގެންދެވި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް އިއްޔެ އިސްތިއުފާދެއްވައިފައިވަނީ، ނާޒިމްގެ މައްޗަށް ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުން ސޮއިކޮށް، އިތުބާރު ނެތް ކަމަށް ހުށަހަޅައި، އޭނާ ވަކިކުރަން އިއްޔެ ތާވަލުވެސް ކޮށްފައި ވަނިކޮށެވެ.

ނާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ފިޔަވައި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކޮށް، ނާޒިމްގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި ގަރާރުގައިވަނީ، މަގާމުގައި ހުރެ ނާޒިމް ނާޖާއިޒު ފައިދާ ނަގައި، ފިތުނަ އުފައްދައި، މަޖިލީހުގެ މަސްލަތު ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އެކަމަކު، ބޮޑު ތިން ތުހުމަތުކުރީ ކީއްވެ ކަމެއް އެ ގަރާރުގައި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.

އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނާޒިމް ނެރުއްވި ބަޔާނުގައި، އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ވަނީ ދޮގުކުރައްވައިފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގައި ބަޔާންކޮށްފައިވާ ތުހުމަތުތައް ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް ނެތެވެ. އަދި މަޖިލީހުގެ ގަވާއިދާ ޚިލާފުވެފައިވާ ކަމުގެ އެއްވެސް ޝަކުވާއެއް މީގެ ކުރިން އެއްވެސް މެންބަރަކު ނުވަތަ މުއައްސަސާއަކުން އުފުލާފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ނައިބު ރައީސްކަމުގެ މަގާމުގެ ވާޖިބުތަކާއި ޒިންމާތައް އަދާކުރައްވާފައިވާނީ ގާނޫނީ ހަމަތަކުގެ މަތިން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ. އެއްވެސް މެންބަރެއްގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅުއްވާފައި ނުވާނެ ކަމަށާއި، ވަކި ސިޔާސީ ފިކުރަކަށް ތަބާވެ މެންބަރުންގެ މެދުގައި ތަފާތުކުރުމެއް ގެންގުޅުއްވާފައި ނުވާނެ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެހެންނަމަވެސް، ވެރިކަންކުރާ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ ހުރިހާ މެންބަރުން ސޮއިކުރައްވައި އޭނާ މަގާމުން ވަކިކުރުމަށް ހުށަހަޅުއްވާފައިވާތީ، ޑިމޮކްރެޓިކް ހަމަތަކަށް އިހުތިރާމްކުރުމުގެ ގޮތުންނާއި، މެޖޯރިޓީގެ ނިންމުމަށް އިޖާބަދިނުމުގެ ގޮތުން މަގާމުން ދުރަށް ވަޑައިގަތުމަށް ނިންމެވީ ކަމަށް ނާޒިމް ވިދާޅުވިއެވެ.

16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރަން ފިޔަވަޅުތައް އަޅަނީ

ސޯޅަ އަހަރުން ދަށުންގެ ކުދީންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބަންދު ކުރުމަށް އަަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރުން ކުރަމުން އަންނަ މުހިއްމު ބައެއް ކަންތައްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އުސޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި، ކުޑަ މުޖުތަމައެއް ކަމަށެވެ. އެހެންކަމުން، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރަން އިސްކަންދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ފިޔަވަޅު އަޅަން ނިންމެވީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

އެކަމަކީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައިވެސް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ކުޑަކުދިން ވަރަށްބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ.

ހާއްސަކޮށް ސައިބާ ބުލީން އަކީ، ކުދިންގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، އެފަދަ ކަންކަމުން ކުދިން ރައްކާތެރި ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އޮންލައިންކޮށް ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގެ ނުރައްކަލަކީ މުޖުތަމައަށް އޮތް ބޮޑު ގޮންޖެހުމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަކީ ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.

މި ނުރައްކަލުން ޒުވާނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ނިންމައި، މި ސިޔާސަތު އެކުލަވާލުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާގުޅޭ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ކުރިއަށް އޮތްތަނުގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމައި، އުންމީދުކުރަނީ ގިނަވެގެން އެއް އަހަރު ނުވަތަ އެއައްވުރެއްވެސް އަވަހަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން އެންފޯސް ކުރެވޭނެ ކަމަށް، 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓޭލިއާގައި އޮތް ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރުމުގައި ބޭން ކުރުމުގެ ކަންކަން ކުރުން، އޭގެ މާނައެއް ނޫން ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުމަކީ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވަސް 2.0”

މި އާ ނިޒާމުގެ ސަބަބުން ކުދިންގެ ތައުލީމީ ކުރިއެރުމަށާއި، އިންޓަނެޓުގެ ޒަރިއްޔާއިން އާ ހުނަރުތައް ދަސްކުރުމަށް އެއްވެސް ހުރަހެއް އެޅިގެން ނުދާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

އެންސްޕާގެ މެޑިކަލް ވެލްފެއާގެ ކަންކަން އާސަންދައިގެ ދަށަށް

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ދެމުން އަންނަ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް މާދަމާ އިން ފެށިގެން އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމައިފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ އެންސްޕާއިން ދެމުން ދިޔަ މެޑިކަލް ވެލްފެއާގެ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލު ކުރުމަށް ނިންމީ މިހާރު ސިއްހީ ނިޒާމުގެ އެހީގެ ހިދުމަތް ދެ ތަނަކުން ދޭތީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމަށެވެ. އޭގެ ތެރޭގައި އެންސްޕާއިން ކުރިން ދިން 16 ހިދުމަތެއް ހިމެނޭ ކަމަށް އެ އިއުލާނުގައިވެ އެވެ.

އާސަންދަ ކުންފުނީގެ ދަށަށް ބަދަލުވާ ހިދުމަތްތައް:

  1. ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން
  2. ކެންސާ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން
  3. ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެން ނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން
  4. ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ
  5. އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް
  6. ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ސިއްހީ ކަންކަމަށް ދެވޭ އެހީ
  7. ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވާ ނުކުރާ ޓެސްޓްތަކާއި ތަހުލީލްތަކަށް ދެވޭ އެހީ
  8. ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން (އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ
  9. ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ހާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަ ކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން) އެހީވުން
  10. ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން
  11. އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ
  12. ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން
  13. ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން
  14. މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އިމަޖެންސީ ހާލަތެއް މެދުވެރިވެއްޖެ ނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން
  15. ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ހާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލި މީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފާކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވި ނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން
  16. ވެލްފެއާގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑާ ކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން

މި ބަދަލާއި ގުޅިގެން ހެލްތު މިނިސްޓަރު ގީލާ ޢަލީ މިއަދު ވިދާޅުވީ މިބަދަލާއެކު ބޭސްފަރުވާގެ އެކި ކަންކަމުގައި ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން އެއް އެޕްލިކޭޝަނެއްގެ ތެރެއިން ލިބޭ ގޮތަށް ބަދަލުވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން ރައްޔިތުންނަށް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

“މިހާރު ރައްޔިތުންނަށް އެންމެ ދަތިވާ ކަމަކީ އެހީތެރިކަމަށް ބަލާއިރު އާސަންދަ ކުންފުނިން މި އެދެވެނީ ވަކި ކަންކަމަކަށް. އެންސްޕާއިން އިތުރު ކަންކަމަށް އެހީތެރިކަމަށް އެދެމުން މިދަނީ. އެހެންވީމަ މިގޮތަށް ބަދަލުވުން އެއްތަނަކުން މީހުންގެ މައުލޫމާތު ވެސް ބެލެހެއްޓިގެންދާނެ އަދި ފޯރުކޮށްދެވޭ އެހީތެރިކަން މާ ސާފުކޮށް އޮޅުން ފިލައިގެންދާނެ،” ގީލާ ވިދާޅުވި އެވެ.

އެންސްޕާގެ ދަށުން ދެމުން އައި މެޑިކަލް ވެލްފެއާ ޚިދުމަތްތައް އާސަންދަ ސްކީމުގެ ދަށަށް ބަދަލުވުމާއެކު މިހާރު އެންސްޕާއަށް އެހީތެރިކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކަށް ޖޫން 1 އިން ފެށިގެން ދެން ޖަވާބު ދެމުންދާނީ އާސަންދަ ކުންފުނިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި ދެން މި ޚިދުމަތްތަކާ ގުޅޭ މައުލޫމާތު ވެސް ދޭނީ އާސަންދަ ކުންފުނީގެ ފަރާތުން ކަމަށް ހެލްތު މިނިސްޓްރީން ބުނެ އެވެ.

ދުންފަތުން ދިވެހީން ދުރުކުރުމަށްޓަކައި 5 އަހަރުގެ ގައުމީ ކެމްޕެއިނެއް ފަށަނީ

ދިވެހީން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރުމަށްޓަކައި ފަސް އަހަރު ދުވަހުގެ ބޮޑު ކެމްޕެއިނެއް ފަށަން ނިންމައިފައިވާކަން ސަރުކާރުން މިއަދު ހާމަކޮށްފިއެވެ.

ހަތަރު ވުޒާރާއަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.

ޤީލާ ވިދާޅުވީ ދިވެހިރާއްޖޭގައި ކޮންމެ ހަތަރު މީހަކުން އެކަކު ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށްޓަކައި މި ސަރުކާރުން ބައެއް ފިޔަވަޅު އެޅިކަން ފާހަގަކުރައްވައި ޤީލާ ވަނީ 2007ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިން ދުންފަތުގެ އިސްތިއުމާލުކުރުން މިދިޔަ އަހަރު މަނާކުރުމަށް ޖެނެރޭޝަން ބޭން ތައާރަފުކުރުމާއި، 2024 ވަނަ އަހަރުގެ ފަހުކޮޅު ވޭޕް ގެންގުޅުމާއި ބޭނުންކުރުން މަނާކުރިކަން ފާހަގަކުރައްވައިފައެވެ.

އެފަދަ ފިޔަވަޅުތައް ސަރުކާރުން އަޅައިފައި ވަނީ ދިވެހީންގެ ހައްގުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި 84 އިންސައްތަ މީހުން މަރު ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ނުކުންނަ ތަފާތު ހިރާސްތަކުގެ ސަބަބުން ކަމަށް ވެސް ޤީލާ ވިދާޅުވިއެވެ.

އެފަދައިން ވިދާޅުވެ އޭނާ ވަނީ ކުރިއަށް އޮތް ފަސް އަހަރު ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި ގައުމީ ކެމްޕެއިނެއް ލޯންޗުކުރަން ނިންމާފައިވާކަން އިއުލާނުކުރައްވައިފައެވެ.

“ކުރިއަށް މި އޮތް ފަސް އަހަރު ދުވަހަށް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން މަދުކުރުމަށްޓަކައި، ގައުމީ ކެމްޕެއިނެއް މިއަދު ލޯންޗުކުރެވިގެން މި ދަނީ،” ޤީލާ ވިދާޅުވިއެވެ.

އޭނާ ވަނީ މި ކެމްޕެއިންގައި އާންމުންނާއި ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރިއަށް ހުރި ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ މަދަރުސާއެއްގައި ދުންފަތުގެ ނުރައްކަލާއި، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައުލޫމާތު ދަރިވަރުންނަށާއި، މުދައްރިސުންނަށާއި، އާއިލާތަކަށް ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން މަދުކުރުމަށް މަސައްކަތް ކުރާ ފަރުދުންނާއި ޖަމިއްޔާތަކަށް ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އޭޕްރިލް މަހުގެ 20ވަނަ ދުވަހު ހުޅުވާލާފައި ވެއެވެ.

ދުންފަތުގެ ޑިއުޓީ ކުޑަކުރަން އެބަ ވިސްނަން: އިޙްސާން

ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ތިން ރުފިޔާ 50 ލާރިން އަށް ރުފިޔާއަށް ބޮޑުކުރުމަކީ ސަރުކާރުން ނިންމި އުނދަގޫ ނިންމުމެއް ކަމަށާއި، އޭގެ ދެބައިކުޅަ އެއްބައި ލުއިކުރަން ސަރުކާރުން ވިސްނަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިޙްސާން ވިދާޅުވީ ސަރުކާރުން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ނިންމީ، ވޭޕް މަނާކުރުމާއެކު ވޭޕްކުރަމުން ދިޔަ މީހުން ކުއްލިއަކަށް ދުންފަތަށް ބަދަލުވެދާނެ ކަމަށް ލަފާކޮށްފައި ކަމަށެވެ. ދުންފަތް ކޮންޓްރޯލްކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ ގައުމުތަކަކުން ވެސް ޑިއުޓީ ބޮޑުކުރާ ކަމަށް، އިޙްސާން ވިދާޅުވިއެވެ.

“އެހެން ނަމަވެސް އޭރު އަށް ރުފިޔާއަށް އަޅުގަނޑުމެން މި ބަދަލުކުރި ކުރުމަކީ ޓޮބޭކޯ ކޮންޓްރޯލްކުރުމަށް ވުރެ ބޮޑަށް ވޭޕް މަނާކުރުމުން، ވޭޕް ބޭނުންކުރަމުން ދިޔަ ހުރިހާ އެންމެން ދުންފަތް ބޭނުންކުރުމުގެ ތެރެއަށް ވަދެގެން ދާނެ ކަމަށް އަޅުގަނޑުމެންނަށް އޭރު ލިބިފައި ހުރި ހުރިހާ ދިރާސާތަކަކުން ވެސް، އަދި އެކަމުގެ ތަޖުރިބާކާރު މާހިރުން އަޅުގަނޑުމެންނަށް ދެއްވި ލަފާގައި ވެސް ފާހަގަވުމާ ގުޅިގެން،” އިޙްސާން ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވީ، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް އުނދަގޫ ނިންމުމެއްގެ ގޮތުގައެވެ.

އިޙްސާން ވިދާޅުވީ، ދެމެހެއްޓެނިވި ގޮތަކަށް ވޭޕް މަނާކޮށް ދުންފަތް ކޮންޓްރޯލްކުރެވިގެން ދާނެ ފަދަ ގޮތަކަށް، ދިރާސާތަކާ އެއްގޮތަށް ޑިއުޓީ ރޭޓަށް ބަދަލު ގެނެސް ހިފެހެއްޓުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށްފަހު، ދުންފަތުން ނަގާ ޑިއުޓީ ހަތަރު ރުފިޔާއަށް ކުޑަކުރަން ރާއްޖެއަށް ލަފާ ދީފައިވާ ކަމަށް، އިޙްސާން ވިދާޅުވިއެވެ.

“މިއީ އަޅުގަނޑުމެން ހަމަ ކޮންސިޑާކުރަމުން އަންނަ ރޭޓެއް މިހާރު ވެސް. އަދި ކަމާބެހޭ ހުރިހާ އިދާރާތަކާއި އަދި މިކަމުގައި ޑިޒިޝަން ނެގުމުގައި ހުރިހާ ސްޓޭކްހޯލްޑަރުންނާ އަޅުގަނޑުމެން މި މަޝްވަރާތައް ކުރާނަން. ކޮށްފައި އަޅުގަނޑުމެން އެ ރޭޓަށް ދާން އެންމެންނަށް އެއްބަސްވެވޭ ކަމަށް ވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަށް އެ ރެކޮމެންޑޭޝަން ސަރުކާރުން އަރުވާނެ،” އޭނާ ވިދާޅުވިއެވެ.

ދުންފަތުން ނަގާ ޑިއުޓީ ރޭޓަށް ބަދަލު ގެންނައިރު، ދުނިޔޭގެ ބޮޑެތި މާލީ އިދާރާތަކާއި ފަންނީ މާހިރުން ދޭ ލަފައާއި އިރުޝާދަށް ސަރުކާރުން ވަރަށް ބޮޑަށް ބަލާނެ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ނޮވެންބަރު 2024އިން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.

އޭގެ ފަހުން ސިނގިރޭޓުގެ ވިޔަފާރި ދަށްވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން އޭރު ބުންޏެވެ. ނަމަވެސް އަމިއްލައަށް ސިނގިރޭޓު އުފައްދަން ބޭނުންކުރާ ތަކެތީގެ ވިޔަފާރި އިތުރުވުމާއި ވަގަށް ސިނގިރޭޓު އެތެރެކުރުމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

އީދު ބަންދުގައި ޝެޑިއުލްގެ ބޭރުން މޯލްޑިވިއަންއިން 200 ދަތުރު ކުރި!

މިދިޔަ އީދު ބަންދުގައި ޕްލޭން ކުރި ވަރަށް ވުރެ، އެތެރޭގެ ދަތުރުތައް 21 ޕަސެންޓު އިތުރުވި ކަމަށް ގައުމީ އެއާލައިން، މޯލްޑިވިއަންއިން މިއަދު ބުނެފިއެވެ.

މި ފަހަރު އީދަށް ހަފުތާއެއް ލިބުނުއިރު، ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރިއެވެ. ޚާއްސަކޮށް، އަތޮޅުތަކުގައި ކުލަގަދަކޮށް އީދު ފާހަގަކުރުމުން އެ ރަށްތަކަށް ދަތުރުކުރި މީހުން ގިނައެވެ.

‘ހަވާސާ’އިން ސުވާލުކުރުމުން މޯލްޑިވިއަންއިން މިއަދު ބުނީ، ތާވާލުކުރި ވަރަށް ވުރެ އިތުރަށް 200އަށް ވުރެ ގިނަ އެތެރޭގެ ދަތުރުތައް އީދު ބަންދުގައި ކޮށްފައިވާ ކަމަށެވެ. އެއީ، ޕްލޭންކުރި ވަރަށް ވުރެ، 21 ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ އެއާލައިނުން ބުންޏެވެ.

އީދު ބަންދާ ދިމާކޮށް އާންމުކޮށް ވެސް ދަތުރުތަކަށް އޮންނަ ޑިމާންޑު އިތުރަށް ބޮޑުވެއެވެ.

މިދިޔަ ހަފުތާގައި ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ކަމާ ގުޅޭ ތަފުސީލުތަކެއް ދެއްވިއެވެ. އޭރު ތަރުޖަމާނު ވިދާޅުވި ގޮތުގައި، އެ ދުވަސްވަރަށް ލޯޑު ބޮޑުވާތީ މޯލްޑިވިއަންއިން ދުރާލާ ތައްޔާރުވިއެވެ. މިގޮތުން، ދަތުރުތައް އިތުރުކޮށް، އީދު ބަންދުގައި މޯލްޑިވިއަންއިން 64،000 ސީޓު ވިއްކާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭރު މުންދު ވަނީ ވިދާޅުވެފައެވެ.

ފްލައިޓްގެ އިތުރުން ގިނަ ބަޔަކު ވަނީ އީދު ބަންދާ ދިމާކޮށް ލޯންޗް ފަހަރާއި ބޯޓްތަކުގައި ވެސް އަތޮޅުތެރެއަށް ދަތުރުތައް ކޮށްފައެވެ. ކަން ދިމާކުރި ގޮތުން މިދިޔަ އީދު ބަންދުވީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން އެހާ ރަނގަޅު ދުވަސްވަރަކަށް ވެސް ނޫނެވެ.

މަޖިލީހުގެ އާ ނާއިބު ރައީސް އިންތިހާބު ކުރުމުގެ ޖަލްސާ މާދަމާ ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ކަމުގެ މަގާމުން ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް މާދަމާ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް މިއަދު އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމަށް އޭނާގެ ޕާޓީ ޕީއެންސީން މަޖިލީހަށް ހުށަހެޅި މައްސަލަ، މިއަދުގެ ޖަލްސާގައި ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ނާއިބު ރައީސް ކަމުން އިސްތިއުފާ ދެއްވިކަން ހާމަ ކުރެއްވީ ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ނޫސް ބަޔާނުގައި ވަނީ މަޖިލިސް ނާއިބު ރައީސްކަމުގެ މަގާމުން ވަކިކުރުމަށް އޭނާގެ މައްޗަށް ޕީއެންސީން ކުރި ތުހުމަތުތައް ދޮގުކުރައްވައިފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި އޮތީ ނާއިބު ރައީސް، ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދިއުން އެކަންޏެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲ ވިދާޅުވީ، މަޖިލީހުގެ ނާއިބު ރައީސް ކަމުން ނާޒިމް ވަކި ކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށް، ގާނޫނު އަސާސީގައި ބުނެފައިވާގޮތުގެ މަތީން މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމުން އޭނާ މިއަދު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އެހެންކަމުން ނާޒިމު ވަކިކުރުމުގެ މައްސަލަ ނިމުނީ ކަމަށް މަޖިިލިސް ރައީސް ވިދާޅުވިއެވެ.

އެއަށްފަހު ވިދާޅުވީ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު 1:00 ގައި ބާއްވާނެކަމަށެވެ. އެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ ހެނދުނުގެ ޖަލްސާ ނިންމަވައިލެއްވިއެވެ.

އެ ޖަލްސާއަކީ މަޖިލީހަށް އާ ނާއިބު ރައީސަކު އިންތިހާބު ކުރުމަށް ބާއްވަން ހަމަޖެއްސި ޖަލްސާއެކެވެ. ނަމަވެސް މިއަދު 1:00 ގައި ބާއްވަން އޮތް މަޖިލިސް ޖަލްސާ ނޯންނާނެކަން މަޖިލީހުގެ އިދާރާއިން ވަނީ މެންބަރުންނަށް އަންގައިފައެވެ.

އެއާއެކު މަޖިލީހުގެ އިދާރާއިން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާ އޮންނާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ޖަލްސާއަކީ އާ ނާއިބު ރައީސަކު މަޖިލީހަށް އިންތިހާބު ކުރުމަށް ބާއްވާ ޖަލްސާއެކެވެ.