މާލޭގެ ބޮޑުބަޔަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ

މިރޭ 23:45 ކަންހާއިރު ވަނީ މާލެއިން ކަރަންޓް ގޮއްސައެވެ. ނަމަވެސް ކުޑައިރުކޮޅެއް ތެރޭގައި ވަނީ މާލޭގެ ބޮޑު ބަޔަކަށް ކަރަންޓްގެ ހިދުމަތް އަނބުރާދީފައެވެ.

މާލެއިން ކަރަންޓް ދިއުމުން ސްޓެލްކޯއިންވަނީ ރައްޔިތުންނަށް ދިމާވާ ދަތިތަކަށް މައާފައްއެދިފައެވެ.

ކަރަންޓް ދިއުމުން މާލެ ގްރޭންޑްގެ ލިފްޓްގައި މީހަކު ތާށިވެއްޖެ

ކަރަންޓް ދިއުމުން މާލެ ގްރޭންޑްގެ ލިފްޓްގައި މީހަކު ތާށިވެއްޖެއެވެ. މިހާރު އެމްއެންޑީއެފްގެ ފަޔާރ އެންޑް ރެސްކިޔު ޓީމުން އަންނަނީ އެސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

އިތުރު ތަފްސީލް އަންނަނީ…..

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ގޮއްސި

މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ގޮއްސިއެވެ.

ސެޓެލްކޯއިން ބުނިގޮތުގައި ކަރަންޓްދިޔަ ސަބަބު ދެނެގަނެ މިހާރު ދަނީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންނެވެ.

 

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ރައީސް އަންގަވައިފި

ރާއްޖެއާއި ރާއްޖޭން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދޫކުރާ ލޯނު ސްކީމަށް މިއަހަރު ކުރިމަތިލާ ޝަރުތު ހަމަވެފައިވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރުމަށް ކަމާބެހޭ މިނިސްޓްރީތަކަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާާނު މިހެން ވިދާޅުވީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ބުނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތައުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި، މި އަހަރު ކުރިމަތިލީ މީހުންގެ ވަގުތީ ނަތީޖާ އެ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށެވެ.

މި ފަހަރު ހުޅުވާލީ ލޯނުގެ 500 ފުރުސަތަށެވެ. އެ ފުރުސަތުތަކަށް 1338 މީހުން ކުރިމަތިލި އެވެ. އޭގެ ތެރެއިން ޝަރުތު ހަމަވީ 806 މީހެކެވެ. ރައީސް ވިދާޅުވީ 806 ދަރިވަރުންނަށް ލޯނު ދޫކުރަން އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހުށައެޅޭނެ ކަމަށެވެ. އެ ފުރުސަތު އޮތީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ލޯނަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންނަށް ސަބަބާ އެކު އެކަން ފެންނާނެ ހެން ހާމަކޮށްފައިވާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ނ. މާޅެންދުއަށް ރައީސް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު މިލަދުންމަޑުލު ދެކުނުބުރީ މާޅެންދުއަށް ވަޑައިގެންފިއެވެ.

މިއީ ނ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަޑައިގަންނަވާ ދެވަނަ ރަށެވެ.

ރައީސުލްޖުމްހޫރިއްޔާ މާޅެންދުއަށް ވަޑައިގެންނެވުމުން ރަށުގެ ގިނަ ރައްޔިތުންތަކެއް މަރުޙަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް އެއްވެފައިވެއެވެ. މި ދަތުރުފުޅުގައި ރައީސް މުޢިއްޒު ރަށުގެ އެކި ފަރާތްތަކާ ބައްދަލުކުރައްވާނެ ކަމަށް ރިޔާސީ ކޮމިއުނިކޭޝަންސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.

މި ގޮތުން ރަށު ކައުންސިލާއި މުއައްސަސާތަކުގެ އިސްވެރިންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވާނެއެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ކަމަކީ މާޅެންދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތެވެ. މި މަޝްރޫޢަކީ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަހުގެ 21 އިން 24 އަށް ކުރިއަށްދާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވާލެއްވުމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަޑުއެއްސެވުމެވެ.

ހުޅުމާލެ ރަށު-މާރުކެޓާ ދިމާ ތޮށިގަނޑުމަތިން ބަނގުރާ ފުޅިތަކެއް ފުލުހުން ހޯދައިފި

ހުޅުމާލެ ރަށުމާރުކެޓާ ދިމާ ތޮށިގަނޑުމަތިން ބަނގުރާ ހުރި ދަބަސްތަކެއް ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ރަށު މާރުކޭޓާދިމާ ތޮށިގަނޑުމަތން ފެނިފައިވާ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައިފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނިފައިވާކަމަށެވެ.

އެހެންކަމުން އެ ތަކެތި ހުޅުމާލެ ފޭސް 1 އިން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފައިވާ ކަމަށާއި، ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

 

ސަބްސިޑީގެ %100 ލިބޭނީ ބަރާބަރަށް ފްލެޓަށް ކުލި ދައްކާނަމަ: އެފްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ހައުސިންގ ޔުނިޓުތަކުގެ އެއްބަސްވުންތަކުގައި މިހާރު ސޮއިކުރަން ފަށާފައިވާއިރު، އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓެނަސް ފީ ބަރާބަރަށް ދައްކާނަމަ ސަބްސިޑީގެ %100 ލިބޭނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފިއެވެ.

އެފްޑީސީއިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ފްލެޓުތަކަށް ދައްކަންޖެހޭ މަހު ކުއްޔާއި މެއިންޓެނަންސް ފީ އެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދައްކައިފިނަމަ، އެ ފަރާތަކަށް %100 ސަބްސިޑީގެ މަންފާ ލިބިގެންދާނެކަމަށެވެ. އަދި މަހުގެ 10 ވަނަ ދުވަހުގެ ފަހުން ދައްކާނަމަ، ސަބްސިޑީ ލިބޭ އިންސައްތަ ދަށްވެއެވެ.

ކުލި ދައްކާ ދުވަހާ ގުޅިގެން ސަބްސިޑީގެ މިންވަރު ބެހިގެންދާ ގޮތް:

  •  މަހުގެ 16 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފިނަމަ %75 ސަބްސިޑީގެ މަންފާ
  •  މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފިނަމަ %50 ސަބްސިޑީގެ މަންފާ
  •  މަހުގެ 26 ވަނަ ދުވަހުގެ ކުރިން އެ މަހެއްގެ މަހު ކުލި ދައްކައިފިނަމަ %25 ސަބްސިޑީގެ މަންފާ
  •  މަހުގެ 26 ވަނަ ދުވަހުގެ ފަހުން އެ މަހެއްގެ މަހު ކުލި ދައްކާނަމަ، ދައްކަންޖެހޭނީ ސަބްސިޑީގެ މަންފާ ނުހިމަނާ މަހު ކުލި

މީގެ އިތުރުން އެފްޑީސީއިން ބުނީ، މަހު ކުލީގެ އަދަދު އެ މަހެއްގެ 30 ވަނަ ދުވަހުގެ ނިޔަލަށް ނުދައްކައިފިނަމަ، އެ ފައިސާ ދެއްކުމަށް އެދި ކުއްޔަށް ހިފާ ފަރާތަށް ލިޔުމުން 30 ދުވަހުގެ ނޯޓިހެއް ފޮނުވުމުގެ އިޚްތިޔާރު އެފްޑީސީއަށް ލިބިގެންވާ ކަމަށެވެ.

މި ހައުސިން ޔުނިޓުތަކުގެ ތެރެއިން 2 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ޑިޕޮސިޓްގެ ގޮތުގައި ދައްކަން ޖެހެނީ 15،000ރ. އެވެ. އަދި 3 ކޮޓަރީގެ އެޕާޓްމަންޓުތަކަށް ދައްކަން ޖެހެނީ 25،000ރ. އެވެ.

މި އެޕާޓުމެންޓުތަކުގެ ތެރެއިން 2 ކޮޓަރީގެ އެޕާޓްމެންޓުތަކަށް މަހު ކުލީގެ ގޮތުގައި ޖުމްލަ ދައްކަންޖެހެނީ 8،000ރ. އެވެ. އަދި 2 ކޮޓަރީގެ އެޕާޓްމެންޓުތަކަށް ދައްކަންޖެހެނީ 10،500ރ. އެވެ.

މި މަޝްރޫޢުގައި ހިމެނެނީ އަމާން ހިޔާގެ 6 ޓަވަރު އަދި އަމާން ދޯދީގެ 6 ޓަވަރެވެ. އޭގެތެރޭގައި 3 ކޮޓަރީގެ އެޕަރޓްމަންޓަކީ 2،800 ހައުސިން ޔުނިޓެވެ. މި އެޕަރޓްމަންޓްތައް ހަވާލުކުރަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހުއެވެ.

ޕައިލެޓުކަން ކިޔަވާ ދަރިވަރުންގެ ދަތިތަކަށް ހައްލު ނުލިބޭތީ މަޖިލީހަށް ސިޓީއެއް

ސަރުކާރުން ފޯރުކޮށްދީފައިވާ ލޯނު ސްކީމްގެ ދަށުން ސްޕެއިންގެ “އީއޭއެސް ބާސެލޯނާ” އަދި “ފްލައިބައި”ގައި ޕައިލެޓުކަން ކިޔަވާ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

އެކަން ހައްލުކޮށްދިނުމަށް އެދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކޮށް އެ ސިޓީ ފޮނުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.

އެ ސިޓީގައި މެންބަރު ކުޑޫ ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައިގައި މިދިޔަ އޭޕްރިލް 15ގައި މަޖިލީހަށް ޕެޓިޝަނެއްވެސް ދަރިވަރުންގެ ފަރާތުން މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.

އެ މައްސަލައަށް މަޖިލިސް މެދުވެރިކޮށް ހައްލެއް ހޯދައިނުދެވި ވަނިކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު، މެއި 7 ގައި ޒޫމް މެދުވެރިކޮށް އެ ދަރިވަރުނާ ވާހަކަދައްކަވައި އެ ކުދިންނަށް ދިމާވެފައިވާ މައްސަލަތަކަށް ވީހާވެސް އަވަހަކަށް ހައްލު ހޯއްދަވަައިދެއްވައި އަދި މަސައްކަތް ކުރިއަށްދާ ވަރަކަށް އަޕްޑޭޓު ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

ނަމަވެސް މިއަދާ ހަމައަށް އައިއިރު މިނިސްޓަރު ވިދާޅުވި އެއްވެސް ކަމަކަށް އަމަލީ ސިފަ ނާންނަ ކަމަށެވެ. އަލަށް ހުށަހެޅި ސްޓޫޑެންޓް ލޯނުތައް އަދި ޓޮޕްއަޕް ލޯނުގެ އެއްވެސް ހަބަރެއް އަންގާފައިނުވާ ކަމަށާއި ކިޔެވުމުގެ އާ އަހަރު ފެށޭއިރު ދަރިވަރުންނަށް ލޯނު ލިބޭކަމެއް ނުވަތަ ނުލިބޭ ކަމެއްވެސް ސާފުނުވާ ކަމަށެވެ.

އޭގެ އިތުރުން ޔޫރޯ ފައިސާގެ ރޭޓު މަތިވަމުންދާ ކަމަށާއި ދަރިވަރުންނަށް އެ މައްސަލައިގައިވެސް ހައްލެއް ނުލިބޭ ކަމަށެވެ. އެގޮތުން ބީއެމްއެލް ކާޑު މެދުވެރިކޮށް ޔޫރޯއިން ހަދާ ކޮންމެ ޕޭމަންޓަކަށް 10 ޕަސަންޓު އިތުރަށް ނަގަމުންދާ ކަމަށެވެ.

ލޯނު މައްސަލައަށް ހައްލެއް ނުލިބި، ކޯހަށް ފައިސާ ނުދެއްކިގެން ބައެއް ކުދިން ކޯސްތަކުން ވަކިކޮށްފައިވާކަންވެސް ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި މިއަދާ ހަމައަށް އައި އިރު، ރާއްޖޭން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުމާ ގުޅޭ އެފަދަ ހައްސާސް މައްސަލައަށް މަޖިލިސް މެދުވެރިކޮށް ހައްލެއް ހޯދައިނުދެވުމަކީ މަޖިލީހާ މެދު އާންމުންގެ އިތުބާރު ކުޑަވާނެ ކަމެއް ކަމަށެވެ.

“މީގެ އިތުރުން ސަރުކާރުގެ ހަޔާ އެޑިއުކޭޝަން ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ވަޒީރު ޑރ އަލީ ހައިދަރު އަހްމަދުވެސް އެ ދަރުވަރުން ނާއުންމީދުގެ ތެރެއަށް ވައްޓާލުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމުގައި ދެކެމެވެ..،” އެ ސިޓީގައި ވިދާޅުވެފައިވެއެވެ.

މާފަރު ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް އާއި ހިއްސާކޮށްފި

މާފަރު ރައްޔިތުންގެ ކަންބޮޑުވުންތައް ރައިސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފިއެވެ.

އެ ކަންބޮޑުވުންތައް ހިއްސާކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން މާފަރަށް މިއަދު ވަޑައިގެން އެ ރަށުގެ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި އެ ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ރަށުގެ ސިއްހީ އަދި ތައުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންކަމުގެ މައުލޫމާތު ހިއްސާކުރައްވައިފައެވެ. މީގެ އިތުރުން މާފަރު އެއާޕޯޓާ ގުޅޭ އެކިއެކި ކަންބޮޑުވުން ކައުންސިލުން ހިއްސާކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އެގޮތުން މާފަރު އެއާޕޯޓުގެ ޓާމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ ކަންކަން މެންބަރުން ހިއްސާކުރެއްވިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި މާފަރުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސް ވަނީ މާފަރު ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އެ ރަސްމިއްޔާތުގައި މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރު އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އަލީ އިހްސާން އެވެ.

ރައީސް މާފަރުގެ ނަރުދަމާ އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނ މާފަރުގެ ނަރުދަމާ ޙިދުމަތް، ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

ރައީސް ޑރ މުއިއްޒު ނ އަތޮޅުގެ 13 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ނ. މާފަރަށް ވަޑައިގަންނަވަައި އެރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ގެ ޙިދުމަތް މިއަދުވަނީ ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

މީގެ އިތުރުން ރައީސް ޑރ މުއިއްޒު މާފަރަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރަންޖެހިފައި ހުރި ކަންކަން، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ވީ އެންމެ ފުރިހަމައަކަށް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

އެގޮތުން މާފަރުގައި ރަނގަޅު ފެންވަރުގެ ޞިއްޙީ މަރުކަޒެއް ތަރައްޤީކުރުމަށް، އަލުން މަސައްކަތް ފެށުމަށް ދަންނަވާފައިވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު މާފަރުގެ ތަޢުލީމީ ދާއިރާގެ ތަރައްގީއަށް މިހާރު ކުރަމުންދާ މަސައްކަތުގެ ތެރެއިން، 4 ކުލާސްރޫމް އިތުރު ކުރެވިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އަދި މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ ކަންކަމާއި، ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، މަގު ހެދުމުގެ ޢަމަލީ މަސައްކަތްތައް މިއަހަރުގެ ފަހުކޮޅަށް ތާވަލުކުރެވިގެން ކުރިއަށްދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި މާފަރުގައި 2026 ވަނަ އަހަރު އަލަށް ބޯހިޔާވަހިކަމުގެ މަޝްރޫޢުއެއް ފައްޓަވާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މުވައްޒަފުންނަށް މުސާރަ ދިނުމުގެ އޫސުލު ބަދަލުކުރުމުގެ އެއްވެސް ވިސްނުމެއް ނެތް: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަށް ދިނުމުގައި ގެންގުޅޭ އުސޫލަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވަމުންދާ ދޮގު ޚަބަރުތައް ދޮގުކޮށް، އެފަދަ އެއްވެސް ވިސްނުމެއް ނެތް ކަމަށް ބުނެ ރަސްމީ ބަޔާނެއް ނެރެފިއެވެ. މި ބަޔާން ނެރެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުންނެވެ.

އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މީސް މީޑިއާގައި މިހާރު ދައުރުވަމުންދާ ޚަބަރުތަކަކީ އެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް ހަގީގަތާ ޚިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ. އެ ކުންފުނިން ފާހަގަކުރާ ގޮތުގައި، މި ވާހަކަތަކަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ރެޔާއި ދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި، ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށް ގަސްތުގައި ފަތުރާ ވާހަކަތަކެކެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި މި ކުންފުނިން ކޮށްފައި ނުވާ ކަމަށާއި، އަދި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް އެ ކުންފުނިން ނުގެންގުޅޭ ކަމަށެވެ. އެމްއޭސީއެލްއިން ޔަގީންކަން ދީފައިވަނީ، ކުރިއަށް އޮތްތަނުގައިވެސް މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދެމުން އައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، ދެމުން ގެންދާނެ ކަމަށެވެ.

ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ މުވައްޒަފުން ކަމުގައިވާތީ، އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ މުވައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް އެ ފަރާތްތަކުގެ ވާހަކަތައް ބައްޓަންކުރުމަށް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ކުންފުނިން ގަބޫލުކުރާ ގޮތުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ޙަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މަޢުލޫމާތާއެކުގައެވެ.

އަދި މި ފުރުސަތުގައި އެމްއޭސީއެލްއިން ވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ފަރާތުން، ކުންފުންޏަށް ލިބެމުން އަންނަ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ނުހަނު އިޚްލާސްތެރިކަމާއެކު ކުންފުނީގެ އެންމެހައި މުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

މުޅި ޢައްޒާ ބިމާހަމަކޮއްލައިފި

ފަލަސްތީނުގެ ޢައްޒާއަށް އިޒްރޭލުގެ ނުބައި ޔަހޫދީން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި، ޢައްޒާގެ މީހުން ދިރިއުޅެވޭ ޙާލަތުގައި ހުރި މަދު އިމާރާތްތައް ވެސް ބިމާހަމަކޮއްލައިފިއެވެ. މިހާރު ޢައްޒާއަށް ނަޒަރު ހިންގާލި ކޮންމެ މީހަކަށް ފެންނާނީ ހަމައެކަނި ވިއްސިވިހާލިވެފައިވާ އިމާރާތްތަކެވެ.

ދުނިޔޭގެ އެކި ޤައުމުތަކުން އިސްރާއީލް އިން ހިންގަމުން މިދާ ލާއިންސާނީ އަމަލިތައް ހަރުކަށި ބަހުން ކުށްވެރިކޮށްފައެވެ. އެހެންނަމަވެސް، އިޒްރޭލުގެ މި އަނިޔާވެރި ހަމަލާތަކަށް ދުނިޔޭގެ ބާރުތަކުން ފުރިހަމަ ހުއްޓުމެއް ގެނެވޭ ގޮތް ނުވެއެވެ.

މި ހަމަލާތަކުގައި އެތައް ހާސް ބަޔަކު ވަނީ މަރާލާފައެވެ. އެތައް ބަޔަކު ޒަޚަމްވެ، ގެދޮރު ނެތިގެން ހާލުގައި ޖެހިފައެވެ. އދ. އިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި އެކަނިވެސް ޢައްޒާގައި 2300 އަށް ވުރެ ގިނަ މީހުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި މަރާލާފައެވެ.

ޢައްޒާގެ ރައްޔިތުން ދަނީ އިންސާނިއްޔަތަށް ކެތްނުކުރެވޭފަދަ ބޮޑެތި އަނިޔާތަކެއް ތަޙައްމަލުކުރަމުންނެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން މިކަމަށް އަވަސް ޙައްލެއް ހޯދައިދިނުމަށް ގޮވާލާ އެއްވުންތައް ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި އިތުރުވަމުންނެވެ.