Advertisement

ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ ޒިންމާއެއް: ޚުތުބާ

ތަޢުލީމީ ސިޔާސަތުތައް މުރާޖަޢާކޮށް ހަރުދަނާކުރާއިރު، ތަޢުލީމުގެ އަސާސީ ބިންގާތަކަށް ލޮޅުން ނާރާނޭހެން ކަންކަން ތަރުތީބުކުރުމަކީ އަންނާން އޮތް ޖީލުތަކަށްޓަކައި ކަމާބެހޭ އިދާރާތަކުގެ ކޮނޑުގައި އެޅިފައިވާ ބޮޑު މަސްއޫލިއްޔަތެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ “ވަށައިޖެހޭ ތަޢުލީމުގެމަތީގައި އުންމަތް ބިނާކުރާށެވެ!” މިއެވެ.

Advertisement

ޚުތުބާގައި ބުނެފައިވަނީ، ތަޢުލީމީ މަންހަޖުތަކާއި މުޤައްރަރުތައް ބިނާކުރަންވާނީ އިލާހީ މަންހަޖާ އެއްގޮތަށް، ދުރު ރާސްތާގެ ސާބިތު އަމާޒުތަކެއްގެ މައްޗަށް ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ތަޢުލީމަކީ ހަމައެކަނި ދުންޔަވީ ވަޒީފާއަކަށް ތައްޔާރުވުމުގެ ބަދަލުގައި، އެ ކުދިންގެ ބުއްދިއާއި އަޚުލާޤަށް ފުރިހަމަކަން ގެނެސްދޭ، ވަށައިޖެހޭ ތަޢުލީމަކަށް ވާންޖެހޭނެ ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.

މުދައްރިސުންގެ ދައުރާ ގުޅޭގޮތުން ޚުތުބާގައި ބުނީ، މުދައްރިސުންނަކީ ޢިލްމާއި މަޢުރިފާގެ ނޫރުން ދަރިވަރުންގެ ހިތްތައް އަލިކޮށްދޭ މޭސްތިރިން ކަމަށެވެ. އެހެންކަމުން، ކޮންމެ މާއްދާއެއް ކިޔަވައިދިން ކަމުގައިވިޔަސް އިސްލާމްދީނުގެ އަޞްލުތަކާއި ތަރަހައިގެ ތެރެއަށް އެކަންކަން ފެއްތުމަކީ މުދައްރިސުންގެ ބޮޑު އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ބެލެނިވެރިންނަށް އިލްތިމާސްކުރަމުން ޚުތުބާގައި ބުނީ، ދަރިން މަދަރުސާއަށް ފޮނުވުމުން ޒިންމާ ނިމުނީ ކަމަށް ދެކިގެން ނުވާނެ ކަމަށެވެ. ދަރިންނަށް ބޭނުންވާ ތަކެތި ހޯދައިދޭ ފަދައިން، އެކުދިންނަށް ހިތްވަރުދީ، ޖިސްމާނީ އަދި ނަފުސާނީ ބަދަލުތަކަށް ހޭލުންތެރިވާ ގާތް އެކުވެރިއަކަށް ބެލެނިވެރިން ވާންޖެހޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މީގެ އިތުރުން، ދަރިވަރުންނަށް ނަޞޭޙަތްތެރިވަމުން ޚުތުބާގައި ބުނީ، އުނގެނުމުގެ މަގަކީ ބުރަ މަސައްކަތެއް ނަމަވެސް، އެއީ ސުވަރުގެއަށް މަގު ފަހިކޮށްދޭ އަޖުރު މަތިވެރި ޖިހާދެއް ކަމަށެވެ. އެހެންކަމުން މުދައްރިސުންނަށް އިޙުތިރާމުކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި، ޢަޒުމާއެކު ކުރިއަށް ދިއުމަށް ދަރިވަރުންނަށް ގޮވައިލިއެވެ.

ޚުތުބާ ނިންމާލަމުން ބުނީ، އުންމަތް މިއަދު ބޭނުންވަނީ ދީނީ އަދި ދުންޔަވީ ޢިލްމަށް މާހިރު، އިޚުލާޞްތެރި، އަދި ޤައުމީ މަޞްލަޙަތު އިސްކުރާނެ ޖީލެއް ކަމަށެވެ. މިފަދަ ޖީލެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ ބާއްޖަވެރިކަމާ ގުޅިފައިވާ ކަމެއް ކަމަށްވެސް ޚުތުބާގައި ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓަންވާނެ: ޚުޠުބާ

ޢައުރަ ކަޝްފުކޮށްގެން ވެކްސްކުރުމާއި ލޭޒާ ޓްރީޓްމެންޓު ހެދުން ހުއްދައެއް ނޫން: ޚުތުބާ

ރޯދަމަސް އުފާވެރިވަނީ ދެދުނިޔޭގެ ނިޢުމަތް ލިބޭތީ : ރައީސް މައުމޫން

ރިޒުޤު ތަނަވަސްކޮށްދެއްވުން އެދި ކުރެވިދާނެ ބައެއް ދުޢާ