ޤަތަރުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އެމެރިކާ އާއި އިިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން އީރާނުން މެދުއިރުމަތީ ސަރަހައްދުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުން އަންނަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ބަންދު ކުރި ގަތަރުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފިއެވެ.

ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ބުނީ ގަތަރުގެ އަސްކަރިއްޔާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުތައް ކުރާނީ “ލިމިޓެޑް އޮޕަރޭޝަނަލް ކެޕޭސިޓީ ހުންނަ ނެވިގޭޝަނަލް ކޮންޓިންޖެންސީ ރޫޓުތަކުން” ނުވަތަ ހުޅުވާލާފައިވާ ހާއްސަ ކޮރިޑޯއެއްގެ ތެރެއިން ކަމަށެވެ.

މިއީ ގަލްފުގެ އެންމެ މުހިންމު އެއް އޭވިއޭޝަން ހަބަށް ވައިގެ ދަތުރުތައް އަލުން ފަށަން އެޅި ފިޔަވަޅެކެވެ. ނަމަވެސް ދޯހާއަށް ކުރާ ދަތުރުތައް އިއުލާން ކުރެވެންދެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އަލުން ހުޅުވާފައި ވަނީ އެންމެންނަށް ނޫން ކަމުގައިވިޔަސް، ފަސިންޖަރުން އިވެކުއޭޓް ކުރުމަށް ހާއްސަކޮށްފައިވާ ފްލައިޓްތަކާއި އެއާ ކާގޯ ސާވިސްތަކަށް ހާއްސަކޮށްފައިވާ މަދު ކެޓަގަރީއެއްގެ ފްލައިޓްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށެވެ.

އަދި ބުކިން ކަށަވަރުވެފައިވާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން ސީދާ އެއާލައިންތަކުން ދޭ އަޕްޑޭޓްތަކަށް ބެލުމަށް ވަނީ އެދިފައެވެ.

ގަތަރު އެއާވޭސް އިން ބުނީ މިއަދު ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލަންޑަން (އެލްއެޗްއާރް)، ޕެރިސް (ސީޑީޖީ) އާއި މެޑްރިޑް (އެމްއޭޑީ) އާއި ރޯމް (އެފްސީއޯ) އަދި ފްރޭންކްފާޓް (އެފްއާރްއޭ) އަށް ރިޕެޓްރިއޭޝަން ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އަދި އާއިލާ އާއި އުމުރުން ދުވަސްވީ ފަސިންޖަރުން އަދި ސިއްހީ އެހިތެރިކަން ބޭނުންވާ މީހުންނާއި، މުހިންމު ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެ

މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑް ޖަލުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީހު ނަސީމް (22އ) އެވެ.

ފުލުހުން ބުނީ، އިބްރާހީމް ނަބީހު ނަސީމް ތައިލެންޑުން ހައްޔަރުކޮށްފައިވަނީ 2026 ފެބުރުވަރީ 22 ވަނަ ދުވަހު، އެ ގައުމުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އޭނާ މަރުވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

ފޯކައިދޫން ޕީއެންސީ 10-0 އިން ބަލިކުރާނަން: އަޙްމަދު ޒަކީ

ށ. ފޯކައިދޫގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަޙްމަދު ޒަކީ (އުސްތާޒް ޒަކީ) ވިދާޅުވީ، ފޯކައިދޫގެ ޓީމާ ވާދަކުރެވޭނެ އެހެން ޓީމެއް ނެތް ކަމަށާއި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ރަށުން ޕީއެންސީ 10-0 އިން ބަލިކުރާނެ ކަމަށެވެ.

ޒަކީގެ ވާހަކައިގައި، ވޯޓުލުމުގެ ހައްގަކީ ވަރަށް އަމާނާތްތެރިކަމާއެކު އަދާކުރަންޖެހޭ ހައްގެއްކަން ފާހަގަކުރައްވައި، އެ ހައްގު އަދާކުރާ ގޮތާމެދު މަޙްޝަރު ދުވަހުން ސުވާލު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި، ވެރިކަން ކުރާ ޕީއެންސީން ގާނޫނުއަސާސީއަށް އިސްލާހެއް ގެންނަން އުޅެނީ ރިޔާސީ އިންތިޚާބުގައި އެންމެ ގިނަ ވޯޓު ލިބޭ މީހަކަށް ރައީސްކަން ލިބޭ ގޮތަށް ހެދުމަށެވެ. ޒަކީ ވިދާޅުވީ އެ ނޫން ގޮތަކަށް ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ދެން ވެރިކަން ނުލިބޭނެ ކަމަށެވެ.

“ޕީއެންސީން ކުރަން އެ އުޅޭ ކަމަކީ ވަރަށް ބިރުވެރި ކަމެއް. މިއީ ރައްޔިތުން ވަރަށް ބޮޑަށް ހުށިޔާރުވާންޖެހޭ ކަމެއް،” ޒަކީ ވިދާޅުވިއެވެ.

ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޒަކީ ވިދާޅުވީ، މިހާރު ފެންނަމުންދަނީ ބާރުތައް މާލެއަށް ޖަމާކޮށް، ރައްޔިތުންނަށް ލިބިފައިވާ ބާރުތައް ދަމައިގަންނަމުންދާ މަންޒަރު ކަމަށެވެ. އަދި ސަރުކާރުން ކަންކަން ކުރަމުންދާ ގޮތް ސިފަކުރައްވަމުން އޭނާ ވަނީ، “މި މޮޑޭ މަސްހުނިގަނޑު މި މޮޑެނީ ހިތިފަތް ލައިގެން ބާ؟” އޭ ވިދާޅުވެ ސަރުކާރަށް ސުވާލެއް އަމާޒުކުރައްވާފައެވެ.

ޒަކީ ވިދާޅުވީ މި އިންތިޚާބުގައި ޕީއެންސީއަށް ބޮޑުތަނުން “ނޫނެކޭ” ބުނަންޖެހޭ ކަމަށެވެ. އަދި އެމްޑީޕީން މިހާރު ނިކުމެ ތިބީ ކުޅިވަރު ކުޅެން ނުވަތަ ސަމާސާ ކުރަން ނޫން ކަމަށާއި، އަމާޒަކީ ސަރުކާރު ޒިންމާދާރުވުންކަމަށް ވިދާޅުވިއެވެ

މި ސަރުކާރާ ދެކޮޅަށް އެމްޑީޕީ އިން ކުރަނީ ގައުމީ ޖިހާދެއް: އަހްމަދު އަބްދުﷲ

އެމްޑީޕީން މިހާރު ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން، އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އަހްމަދު އަބްދުﷲ ށ. ފޯކައިދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، މި ސަރުކާރާ ދެކޮޅަށް ކުރެވެމުންދަނީ ގައުމީ ޖިހާދެއް ކަމަށް ސިފަކުރައްވައިފިއެވެ.

ފޯކައިދޫގައި ބޭއްވި މި ޖަލްސާގައި އަހްމަދު ވިދާޅުވީ، މި ސަރުކާރަކީ “އަނިޔާވެރި، މަކަރުވެރި، އަދި ދޮގުވެރި” ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ދައްކަވަމުންދާ އަވާމެންދުރުގައި ނުޖެހި، މި ރާއްޖެ އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަކީ އެމްޑީޕީގެ މައްޗަށް އޮތް ގައުމީ ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވަމުން އަހްމަދު ވިދާޅުވީ، “އިރާދަކުރެއްވިއްޔާ އޭޕްރީލް 4 ގައި ނިކުމެ މި ރާއްޖެ މިއޮތް އަނިޔާވެރިކަމުން ސަލާމަތްކޮށް، މި ރަށުން (ފޯކައިދޫން) ދިހައެއް ސުމަކުން އަދި މުޅި ރާއްޖެއިން ބޮޑުތަނުން މި ސަރުކާރު ބަލިކޮށްލާނެ” ކަމަށެވެ.

މީގެ އިތުރުން، އެމްޑީޕީއަކީ އެއްވެސް އިރެއްގައި ހިތްވަރު އެލޭނެ ބައެއް ނޫންކަން ފާހަގަކުރައްވަމުން އަހްމަދު ވަނީ އެމްޑީޕީ ފުހެލާނެ ކަމަށް ވެރިކަން ކުރާ ޕާޓީގެ އިސްފަރާތްތަކުން ދައްކާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ފުހެލަން އުޅޭނެ ކަމެއް ނެތް ކަމަށާއި، އެމްޑީޕީ ނައްތާލަން އައި އެތައް ބަޔަކު މިއަދު ސިޔާސީ މައިދާނުން ގެއްލި ގޮސްފައިވާ ކަމަށެވެ.

ޖަލްސާގެ ތެރެއިން— ފޮޓޯ: ހަވާސާ

އެމްޑީޕީން އަންނަނީ ލޯކަލަ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާއަކީ ވެސް އެ ޕާޓީގެ ތާއީދު އިތުރުކުރުމަށް ބޭއްވި މުހިންމު ހަރަކާތެކެވެ.

ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ ޕާޓީގެ ސަފުތައް އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވެއްޖެއެވެ.

ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ފެނިގެންދާނީ މުޅި ރާއްޖެ އެއްކޮށް “ރީންދޫވެ”، އެމްޑީޕީގެ ކުލައިން ފެންވެރިގެންދާ މަންޒަރު ކަމަށެވެ. އަދި އެއަށްފަހު ރާއްޖޭގައި ފެށިގެންދާނީ އެމްޑީޕީގެ އުޖާލާ “ރަން ޒަމާން” ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކާ ގުޅޭގޮތުން އަހުމަދު ވިދާޅުވީ، ކޮންމެ ރަށަކުންވެސް ފެންނަނީ ޕާޓީގެ ސަފުތައް ފުޅާވެ، ކުރިއަށްވުރެ ބޮޑަށް ވަރުގަދަވަމުން އަންނަ މަންޒަރު ކަމަށެވެ. މީގެ އިތުރުން، ގިނަ ރަށްތަކަކުން ފޯކައިދޫ އަކީ ސިޔާސީ މަސައްކަތުގައި ނަމޫނާ އެއްގެ ގޮތުގައި ބަލަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.

ޒުވާނުންނަށާއި ރައްޔިތުންނަށް ނަސޭހަތްތެރިވަމުން އަހުމަދު ވިދާޅުވީ، ހުރިހާ ބޭފުޅުންވެސް ނިކުމެ، “ހެދިހާ ގޮތެއް ހެދިގެން” ނުތިބޭނެކަން ހާމަކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ހައްގުތަކާއި މުސްތަގުބަލަށްޓަކައި ބަސް ބުނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

ވާހަކަ ނިންމާލަމުން އަހުމަދު ވިދާޅުވީ، އެމްޑީޕީ މިވަގުތު އޮތީ ވަރަށް ހިތްވަރުގަދަ، އަދި އެއަށްވުރެ މާ ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އަދި ޕާޓީއަށް ލިބޭނެ ބޮޑު ކާމިޔާބީ އޮތީ ވަރަށް ގާތުގައި ކަމަށް ވިދާޅުވެ، ސަޕޯޓަރުންނަށް އުންމީދު އާކޮށްދެއްވިއެވެ.

ޚުތުބާގައި ގޮވާލީ، ރަމަޟާންމަހުގެ ފަހު ދިހައިގައި އަޅުކަން އިތުރުކޮށް، ލައިލަތުލްޤަދުރި ހޯދުމަށް

ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކާ ބައްދަލުކުރާއިރު، މިއީ މާތް ﷲ ޚާއްޞަކުރައްވައިފައިވާ މާތް ދުވަސްތަކެއްކަން ފާހަގަކޮށް، ކުރެވުނު ހެޔޮ ޢަމަލުތަކާ މެދު ވިސްނައި އިތުރަށް ހެޔޮ ޢަމަލުކުރުމުގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލައިފިއެވެ.

ރަޙުމަތުގެ މައްސަރު ވަކިވުމުގެ ވަގުތު ކުޑަތަންވަމުން އަންނައިރު، މި ބަރަކާތްތެރި ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
ކީރިތި ރަސޫލާ ﷺ ރަމަޟާންމަހުގެ ފަހު ދިހައިގެ ރޭތަކުގައި މާތް ﷲ އަށް ކުއްތަންވެވަޑައިގެން އަޅުކަންކުރެއްވުމުގައި އިތުރަށް ހީވާގިވެވަޑައިގެންނެވިކަން ޚުޠުބާގައި ފާހަގަކުރިއެވެ. އީމާންކަމާ އެކު، ސަވާބަށް އެދޭ ޙާލުގައި ރަމަޟާންމަހު ރޭ އަޅުކަންކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުއްސެވޭނެކަން ރަސޫލާ ﷺ ޙަދީޘްކުރައްވައިފައިވާކަން ވެސް ޚުޠުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑުވެގެންވާ ލައިލަތުލްޤަދުރި ހޯދުމަށް ފަހު ދިހައިގެ އޮނަހިރި ރޭތަކުގައި ގަދައަޅައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ޚުޠުބާގައި އަލިއަޅުވައިލިއެވެ. އެ ރެޔަކީ އަށްޑިހަ ތިން އަހަރާއި ގާތްގަނޑަކަށް ހަތަރު މަސްދުވަހު މާތް ﷲ އަށް އަޅުކަންކުރުމުގައި ދެމިހުރި މީހަކަށް ލިބޭ ސަވާބާއި ދަރުމަ އެންމެ ރެއަކުން ލިބޭ ރެއެއްކަން ހަނދާންކޮށްދެމުން، އެ ދަރުމަ ޙާޞިލުކުރުމަށް މަސައްކަތްކުރުމަށް މުސްލިމުންނަށް ގޮވާލިއެވެ.

ރަމަޟާންމަހަކީ ދީލަތިކަމާއި ހޭދަކުރުމުގެ މައްސަރުކަން ފާހަގަކޮށް، ފަހު ދިހައިގެ ދުވަސްތަކުގައި ޞަދަޤާތްކުރުން ގިނަކުރުމަށް ވެސް ޚުޠުބާގައި ބާރުއެޅިއެވެ. އަދި މުސްލިމުންގެ މައްޗަށް ފަރުޟުކުރައްވައިފައިވާ ފިޠުރު ޒަކާތް ނެރުމަށް ސަމާލުކަންދީ އެ ކަމަށް އަވަސްވުމަށް ގޮވާލިއެވެ.

ފިޠުރު ޒަކާތް ނެރުމަކީ ކޮންމެ މުސްލިމަކުމެ ކުރާންޖެހޭނޭ ކަމެއްކަމަށާއި، ޢީދު ވިލޭރެއާއި ޢީދު ދުވަހު ޚަރަދުކުރާނެ މިންވަރު ހުރެ އިތުރަށް ހުރި އެއްޗަކުން ތިމާ ޚަރަދުދީ ބަލަހައްޓާ މީހުންނާއި ތިމާގެ އަމިއްލަ ނަފުސުގެ މަތީން ފިޠުރު ޒަކާތް ނެރުން ވާޖިބުވެގެންވާކަން ޚުޠުބާގައި ބަޔާންކުރިއެވެ. އެއީ ބޮލަކަށް ޞާޢެއްގެ މިންވަރުކަމަށާއި، މި ޒަމާނުގެ ގޮތުން ނަމަ އެއީ ދެ ކިލޯ ހަތަރު ސަތޭކަ ގުރާމްކަން ވެސް އޮޅުންފިލުވައިދިނެވެ.

މިއަދު އިސްލާމީ އުންމަތް ހޭދަކުރަމުންދަނީ ތާރީޚުގައި ފާހަގަކޮށްލެވޭ ފަދަ ނުރައްކާތެރި ދުވަސްތަކެއްކަން ފާހަގަކޮށް، އުންމަތުގެ ދުޝްމަނުން މި އުންމަތް ބަލިކަށިކޮށް ބައިބައިކޮށްލުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ޚުޠުބާގައި އިންޒާރުދިނެވެ. އުންމަތުގެ ކަންކޮޅުތަކުގައި ލޭއޮހޮރުވައިލައި، އިސްލާމީ ޤައުމުތަކުގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް ފެންނަމުންދާކަމަށާއި، މުޞީބާތާއި ނުރައްކާތެރިކަންކަމުގެ ކުރިމަތީގައި ކެތްތެރިކަން އިސްކޮށް ޙިކުމަތްތެރިވުމަށް ޚުޠުބާގައި ބާރުއެޅިއެވެ. މި ޙާލަތުގައި އިސްލާމީ އުންމަތް އެއްބައިވަންތަވެ، ސަފުތައް ބަދަހިކޮށް، އިސްލާމީ މަތިވެރި ޢަޤީދާގައި ސާބިތުވުމަށް ގޮވާލިއެވެ.

މިއަދުގެ ޚުޠުބާގެ ފަހު ބައި ޚާއްޞަކޮށްފައިވަނީ ޒުވާނުންނަށެވެ. އުންމަތުގެ މުސްތަޤުބަލަށްޓަކައި، އިސްލާމީ ޙަޟާރަތު އަލުން އިޢާދަކުރުމަށް އަދުގެ ޒުވާން ޖީލު އިޚުލާޞްތެރިކަމާއެކު ޢަޒުމް ކަނޑައެޅުމަށް ގޮވާލިއެވެ. އަދި މަސްތުވާތަކެއްޗާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ނޭއްގާނީ ޢަމަލުތަކުން އެއްކިބާވެ، ޖަމާޢަތުގައި ނަމާދުކުރުމަށް ފަރުވާތެރިވުމަށް ނަސޭހަތްތެރިވިއެވެ. މީގެ އިތުރުން، މިއީ ޢިލްމުގެ ޤަރުނުކަން ފާހަގަކޮށް، އިސްލާމީ ސަޤާފަތާއި ޙަޟާރަތު އިޢާދަވެ މުސްލިމުންނަށް ޢިއްޒަތާއި ޝަރަފު ލިބޭނީ ދެ ޖިންސުގެ މުސްލިމު ޒުވާނުން ޢިލްމާއި ފަންނިއްޔާތުގައި ކުރިއަރައިގެންކަމަށް ޚުޠުބާގައި ވަނީ ބުނެފައެވެ.

ސަރުކާރުން މިދަނީ ގަސްތުގައި ގައުމު ސުންނާފަތި ކުރަމުން: ޝާހިދު

އެމްޑީޕީން ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން، އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ށ. ފޯކައިދޫއަށް ވަޑައިގެން ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފޯކައިދޫ ރައްޔިތުންގެ ފަރާތުން ލިބުނު ހޫނު މަރުހަބާއަށް ފަށްފަށުން ޝުކުރު އަދާކުރައްވަމުން ޝާހިދު ވިދާޅުވީ، އެ ރަށަށް ދިއުމަކީ އަބަދުވެސް އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، މި އިންތިހާބާ މެދު މިހާ ބޮޑަށް ހުށުޔާރުވާން ޖެހޭ ސަބަބަކީ ގައުމުގެ މިހާރުގެ ހާލަތު ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި މިހާރު ގައުމު މިދަނީ ސުންނާފަތިވެ، ރޫޅި، ހަލާކުވަމުންނެވެ. އަދި މިއީ ސަރުކާރުން ގަސްތުގައި ކުރަމުންދާ ކަމެއްގެ ގޮތުގައި ޝާހިދު ތުހުމަތު ކުރެއްވިއެވެ.

ޖަލްސާގެ ތެރެއިން— ފޮޓޯ: ހަވާސާ

ޝާހިދު އިތުރަށް ވިދާޅުވީ، މިއީ ދޫކޮށްލެވޭނެ ވަރުގެ އިންތިހާބެއް ނޫން ކަމަށާއި، އެންމެން އަތުގުޅާލައިގެން ނިކުމެ ވެރިކަން ކުރާ ޕާޓީ “ބޮޑުތަނުން” ބަލިކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވަނީ ޚިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފޯކައިދޫގައި ކޮށްފައިވާ ޚިދުމަތްތަކުގެ ޒިކުރާ އައުކުރެވެމުންދާކަން ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީން މި އިންތިހާބަށް ނެރެފައިވާ ކެނޑިޑޭޓުންނަކީ “ފަސްގަނޑު ހާވާލައިގެން” ނެރެފައި ތިބި ބައެއް ނޫން ކަމަށާއި، އެއީ ގާބިލުކަމަށް އިސްކަންދީގެން ނެރެފައިވާ ބައެއް ކަމަށް ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުމަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، މި ސަރުކާރުގެ “ގޮތެއް ފޮތެއް ނެތް” ކަމަށެވެ. “ހަދާނެ ގޮތް ހުސްވެގެން މިހާރު މަސައްކަތް ކުރަނީ ބިރު ދެއްކުމާއި، އިންޒާރު ދިނުމުގެ އިތުރުން ރިސްވަތުގެ ހުތުރު ފައިސާ މި މުޖުތަމައު ތެރޭ ފެތުރުން،” ޝާހިދު ވިދާޅުވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ޝާހިދު ވަނީ ސަރުކާރުން ކުރަމުންދާ މިފަދަ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައްވާފައެވެ.

ހަކުރަށް ދޭ ސަބްސިޑީ ކަނޑާލަން މަޝްވަރާކުރަނީ

ދުޅަހެޔޮ މުޖުތަމައު އެއް ބިނާކުރަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކާޑުގެ ބާވަތްތަކުގެ ތެރޭގައި މިހާރު ހިމަނާފައިވާ ހަކުރަށް ދޭ ސަބްސިޑީ ކަނޑާލަން މަޝްވަރާކުރަމުންދާ ކަމަށް، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނާޒިމް ހަކުރު އެކުލެވޭ ބާވަތްތަކުން ޓެކްސް ނެގުމަކީ އާއްމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅޭ ކަމަކަށް ވާތީ، އެ ކަންތައްތައް ވަކި އުސޫލެއްގެ ތެރެއިން ރެގިއުލޭޓް ކުރަމުން އަންނަ ކަމަށެވެ.

ސަރުކާރުން ވޭޕާއި ވަކި އުމުރަކަށް ދުންފަތުގެ ބާވަތްތައް މަނާކުރުމުގެ އިތުރުން ޝީޝާ ވެސް މަނާކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އަދި ހަކުރުން ދޭ ސަބްސިޑީ ކަނޑާލައި، ޓެކްސް ނަގަން ފެށުމަކީ ވެސް އެ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭކަމެއް ކަން އޭނާ ހާމަކުރެއްވި އެވެ.

“އަޅުގަނޑުމެން އެކި ލެވެލްގައި އެބަ ކުރެވޭ. ކިހާ ހިސާބެއްގައި ތޯ މުޅިން ތަންފީޒުވެގެން ދާނީ، އެއީ ކަންނޭނގެ އުފެދޭނެ ސުވާލަކީ. އެންމެ މުހިއްމު ދަނޑިވަޅުގައި، މުހިއްމު ހާލަތުގައި، މުހިއްމު ވަގުތުގައި އެކަންކުރުން ވަރަށް މުހިއްމު،” ނާޒިމް ވިދާޅުވި އެވެ.

މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަށް ކުރިމަތިލާން ހުޅުވާލައިފި

މި ސަރުކާރުގެ ތިންވަނަ ޕޮލިސް ކޮމިޝަނަރު ކަމަށް ކުރިމަތިލާން ފުލުހުން ހުޅުވާލައިފިއެވެ.

އެ މަގާމަށް ބޭފުޅަކު ހޯދަން އިއުލާނުކުރީ، މިދިޔަ މަހުގެ 18އިން ފެށިގެން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފުލުހުންގެ ވަޒީފާއިން ޝަރަފުވެރިކަމާއެކު، ރިޓަޔާކުރެއްވުމުންނެވެ.

އެހެންވެ، ފުލުހުންގެ އިދާރާގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާ ހަވާލުކުރެއްވީ، އެ މަހުގެ 19ގައެވެ.

މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު ނަވީން ސީޕީކަމާ ހަވާލުވެވަޑައިގެންނެވީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު ކުއްލި ގޮތަކަށް، މިދިޔަ އަހަރުގެ އޭޕްރީލް 26ގައި އިސްތިއުފާ ދެއްވުމުންނެވެ. ޝުޖާއު ވެސް ވަނީ ރިޓަޔާ ކުރައްވައިފައެވެ. ސީޕީ ކަމުގެ މަގާމަށް ނަވީންގެ އިތުރުން ފަރުހާދާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމް ވެސް އޭރު ކުރިމަތިލެއްވިއެވެ.

މި ސަރުކާރުން އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކަށް ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ވާދަ ކުރެއްވީ ވެސް ޝުޖާއުއާއި ނަވީންއެވެ.

އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް ކުރިމަތިލެވޭގޮތް ހަދައިފި

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” މި ސިޔާސަތުގެ ދަށުން، އަނބިމީހާ/ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ހުށަހެޅޭގޮތް ހަދައި ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އަނބިމީހާ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތަސް ގޯއްޗަށް އެދެވޭނެ ގޮތުގެ އުސޫލު ކަނޑައަޅައި އިއުލާން ކޮށްފައެވެ.

އެ އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، އަންނަ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 30 އެޕްރީލު ވާ ބުރާސްފަތި ދުވަހުގެ 23:59 ގެ ނިޔަލަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ  https://boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ބުނީ، މި އުސޫލުގެ ދަށުން ދޫކުރަން ހަމަޖެހިފައިވަނީ ރަސްމާލެއިން 1250 އަކަފޫޓުގެ ގޯތި ކަމަށެވެ. އުސޫލުގައި ހިމެނޭ މައި ކެޓަގަރީތަކަކީ، ކެޓަގަރީ-1، މާލޭ ރަށްވެހިންނާއި ކެޓަގަރީ–2، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނެވެ.

އެ އުސޫލުގެ ދަށުން، ގޯއްޗަށް އެދޭ ފަރާތްތަކުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ.

މި އިޢުލާނާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004860, 4004861, 4004862, 4004863, 4004864 ނުވަތަ 4004865 ލިބޭނެ ކަމަށް މިނިސްޓރީން ބުނެއެވެ. އަދި މިނިސްޓްރީގެ އީމެއިލް:[email protected]  އަށް ހުށަހަޅައިގެންވެސް އިޢުލާނާ ގުޅޭގޮތުން މަޢުލޫމާތު ލިބޭނެ ކަމަށް ބުބެފައިވެއެވެ.

ރާއްޖޭގައި ޕެޓްރޯލާއި ޑީސަލް އަގު ބޮޑުކޮށްފި

އެސްޓީއޯ އިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ބޮޑުކޮށްފި އެވެ.

މިއީ އެމެރިކާއިން އިސްވެ އިޒްރޭލްގެ ބައިވެރިވުމާއެކު އީރާނަށް ހަމަލާދީ ބޮޑު ހަނގުރާމައެއް ފެށުމާއި ގުޅިގެން ތެލާއި ޑީސަލް އުފައްދާ މިންވަރު މަދުވުމުން އައި ބަދަލެކެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގުވެސް ވަނީ ބޮޑުކޮށްފަ އެވެ. އެސްޓީއޯ އިން މިރޭ ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 16.01 ރުފިޔާއަށް ކަމަށެވެ. ކުރީން ވިއްކަމުން އައީ 13.50 އަށެވެ. މިއީ 2.51 ރުފިޔާގެ ބޮޑުވުމެކެވެ.

ޑީސަލް ވިއްކަމުން އައީ ލީޓަރެއް 13.92 ލާރިއަށެވެ. ނަމަވެސް ދެން ވިއްކާނީ 17.54 ރުފިޔާއަށެވެ. މިއީ 3.62 ރުފިޔާގެ ބޮޑުވުމެކެވެ.

މިއީ މި ފަހުން ދުވަހަކު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ނުއުފުލޭ މިންވަރެކެވެ.

ސަރުކާރުން ދަނީ ތެލަަށް ނުޖެހޭނެ ގޮތްތަކެއް ހޯދަމުންނެވެ. އެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ދެ އެވެ.

“ގޯތި ދޭނީ ފުލެޓު ދޫކޮށްލަން އެއްބަސްވާނަމަ”

ފުލެޓެއް އޮތުމުގެ ސަބަބުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ “ބިންވެރިޔާ” ސްކީމުގެ ދަށުން ދޫކުރި ގޯއްޗަށް ކުރިމަތިނުލެވުނު ފަރާތްތަކަށް، މި ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސްކީމްގެ ދަށުން ގޯތި ހަވާލުކުރާނެ ޝަރުތު ހިމަނައި، “ބިންވެރިޔާ” ޚާއްސަ ސްކީމާ ގުޅޭ އުސޫލު ހައުސިން މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

މިނިސްޓްރީން މިއަދު އާންމުކުރި އުސޫލުގައިވާ ގޮތުން، ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ގޯތި ދޫކޮށްލަން ބޭނުންވާ ފަރާތްތަކާއި، ބިންވެރިޔާ ސްކީމަށް ކުރިމަތިނުލެވުނު ފަރާތްތަކަށް ގޯތި ދޫކުރާނީ ރަސްމާލޭންނެވެ. ކޮންމެ ގޯއްޗެއްގެވެސް ބޮޑުމިނަކީ 1،250 އަކަފޫޓެވެ.

އެ އުސޫލުގައިވާ ގޮތުން، މި ސަރުކާރުގެ ސްކީމުގެ ދަށުން ގޯއްޗަށް އެދި ގޯތި ކަށަވަރުވެއްޖެނަމަ، ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން “ބިންވެރިޔާ” ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތައް އެ ގޯތި ދޫކޮށްލަން އެއްބަސްވާން ޖެހޭނެއެވެ.

އަދި ފުލެޓެއް އޮތުމުން ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ކުރިމަތިނުލެވުނު ފަރާތްތަކުގެ ތެރެއިން މި ސަރުކާރުގެ ސްކީމުގެ ދަށުން ގޯތި ލިބިއްޖެނަމަ ފުލެޓު ދޫކޮށްލަން އެއްބަސްވާން ޖެހޭނެއެވެ.

ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލީ ނިމިދިޔަ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހެވެ. އެ ޕްރޮގްރާމުގެ ދަށުން 7،900 ފުލެޓާއި 15،000 ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

ޖުމްލަ 7،900 ފުލެޓުގެ ތެރެއިން 4،000 ފްލެޓު ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ ރަށްވެހިންނަށެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅެމުން އަންނަ މީހުންނަށް 1،500 ފުލެޓު ދިނުމަށާއި، ބާކީ 2،400 ފުލެޓު ސަރުކާރުން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީތަކަށް ދިނުމަށް ވަނީ ނިންމައިފައެވެ.

ހައުސިން މިނިސްޓްރީން މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅު ހިއްސާކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި، އެހާތަނަށް ޖުމުލަ 5،067 މީހުން ގޯއްޗާއި ފުލެޓަށް އެދި ފޯމު ހުށަހަޅައިފައިވެއެވެ. އޭގެ ތެރެއިން ފުލެޓަށް އެދި 3،434 މީހުން ފޯމު ހުށަހެޅިއިރު ގޯއްޗަށް އެދި 1،633 މީހުން ވަނީ ފޯމު ހުށަހަޅައިފައެވެ.

ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން: އަބްދުﷲ ޝާހިދު

އެތައް ބިލިއަން ރުފިޔާއެއްގެ ބަޖެޓު ހުސްވެގެން ދިޔައިރު ރަށްރަށުގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ނުގެންދެވުމުން ރާއްޖޭގެ ރަށްރަށް ދަނީ ފަޅުވަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރާއްޖޭގެ ރަށްރަށަށް ކުރަމުން ގެންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން އެމްޑީޕީގެ ރައީސް އަބްދޫﷲ ޝާހިދު ބޮޑުތިލަދުންމައްޗަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ހދ މަކުނުދޫ އަށް ޒިޔާރަތްކުރައްވާ ހަވާސާ އަށް ދެއްވި އިންޓަވިއުއެއެއްގައި ޥާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރަށްރަށުގައި އެމްޑީޕީގެ ސަރުކާރުން ފަށާފައިހުރި މަޝްރޫއުތައް މިސަރުކާރުން އައިސް ހުއްޓާލާފައިވާ ކަމަށާއި، މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ރަށްރަށުގައި އެއްވެސް ތަރައްގީގެ މަޝްރޫއުއެއް ހިނގަމުންދާތަން ނުފެންނަ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރަށްރަށުގެ މީހުން މާލެ އަށް ހިޖުރަކޮށް އެރަށްރަށް ފަޅުވަމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެކަންކަން އެގޮތަށް ދިމާވަނީ ރަށްރަށުގައި އެކަށީގެންވާ މަޝްރޫއުތަކެއް ނުހިންގުމުގެ ސަބަބުން ކަމަށެވެ.

މި ބޮޑުތިލަދުންމައްޗަށް އެމްޑީޕީން އޮތް ބޮޑު ތަސައްވަރުގަ އިމާރާތްކުރި ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެއްވެސް ހަގީގީ ފައިދާއެއް މިސަރުކާރުން ރައްޔިތުންނާ ހަމައަށް ގެނެސްދީފަ ނުވާތަން. ރައްޔިތުން އަޑު ހަރުކޮށް މިއަދު ބުނަމުން އެގެންދަނީ މިސަރުކާރުން ތިމަންނަމެންނަކަށް އަޅައެއް ނުކައޭ، އަޅުގަނޑު ކައިރީގަ އެތައް އެތައް ރައްޔިތުންނެއް ބުނި، މިދިޔަ އަހަރު ރާއްޖޭގެ ފާސްކޮށް ހަރަދުކުރި 56 ބިލިއަންގެ ބޮޑު ބަޖެޓުން ތިމަންނަމެންގެ ރަށަށް، ނެއްލައިދޫ އަށް ނައިވާދޫ އަށް ވައިކަރަދޫއަށް ކުމުންދޫއަށް ނުވަތަ މަކުނުދޫ އަށް އަދިވެސް އެނޫން ރަށްރަށަށް ލިބުނީ ކޯންޗެއްހޭ.
އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވިދާޅުވީ، އިންތިހާބުތައް މަދުކުރުމަށް ވެސް ރައްޔިތުން ނޭދޭ ކަމަށާއި ހދ ގެ ރައްޔިތުންވެސް އެ ސުވާލަށް ދޭނެ ޖަވާބަކީ އިންތިހާބުތައް އެއްކޮށްލަން ނޫނެކޭ ބުނުން ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އިންތިހާބުތައް އެކޮށްލުމުގެ ސަބަބުން ރައްޔިތުންގެ އަޑު އަހަން އައުމުގެ ފުރުސަތު ގެއްލޭކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، އެރައްޔިތުން ބޭނުންވަނީ ވެރިން ރައްޔިތުންގާތަށް އައިސް ބައްދަލުކޮށް ރައްޔިތުންނަށް ހިދުމަތްކޮށްދިނުމަށް ކަމަށެވެ.

ޝާހިދު ވިދާޅުވީ، ހާއްސަކޮށް ހދ ގެ ރައްޔިތުން ބޭނުންވަނީ ރައްޔިތުންގެ ފުރުސަތު ގެއްލުވާނުލައި އެ އޮތް ގޮތަށް ބާއްވަން ކަމަށާއި މުޅި އަތޮޅުންނާއި މުޅި ރާއްޖެއިން ވެސް ބުނަމުންގެންދަނީ ދެ އިންތިހާބު އެއްކޮށްލަން ނޫނެކޭ ކަމަށެވެ.