ކުޑަ ޑިންގީއެއްގައި އެކަނި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ

ރ. ވާދޫން މިއަދު ފަތިހު އެކަނި ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:48 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެއީ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.

އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދު ފަތިހެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އަދި، އެ މީހާ ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކަމާ ބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އެހެންވެ، މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރަން ވަނީ އެދިފައެވެ.

އެކަނި މަހަށް ނުފުރާން ފުލުހުންނާއި ސިފައިން އިލްތިމާސްކުރި ނަމަވެސް ރަށްރަށުގައި އެއީ އާންމު ކަމެކެވެ. މީގެ ކުރިން ވެސް އެކަނި މަހަށް ނުކުންނަ މީހުން ގެއްލިގެން ހޯދަން ޖެހެއެވެ. ބައެއް ފަހަރު އެ ފަދަ ވަރަށް ހިތާމަވެރި ހާދިސާތަކުގައި މީހުން ނިޔާވެފައި ވެސް އެބަހުއްޓެވެ.

މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފިތުރު އީދު ފާހަގަކުރަނީ

މާލެ ސަރަހައްދުގައި ކުލަގަދަކޮށް، ތިން ދުވަހު ފިތުރު އީދު ފާހަގަކުރުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފިތުރު އީދުގެ މުނާސަބަތުގައި އީދު ދުވަހުން ފެށިގެން ތިން ދުވަހު ‘އީދު ހަވީރު 1447’ އޮންނާނެ ކަމަށެވެ.

އެ ހަރަކާތްތައް ފަށާނީ، އީދު ދުވަހުގެ ހަވީރު 16:00ގައި މާލެއާއި ހުޅުމާލެއާއި ވިލިމާލޭގައެވެ.

މާލޭގައި ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަޙައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. އަދި، ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި ވިލިމާލެ ފުޓްބޯޅަ ދަނޑުގައި “ޢީދު ހަވީރު 1447” ގެ ހަރަކާތްތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

އެ ހަރަކާތްތައް ބާއްވަން ފިތުރު އީދު ދުވަހު ސަލްޓަން ޕާކް ހުޅުވަން ސަރުކާރުން ވަނީ ނިންމާފައެވެ.

މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި ޢީދު ހަދިޔާ ދިނުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިގޮތުން، ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށްދާނެއެވެ. އެ ސްޓޯލްތައް ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ އެކި ތީމުތަކަށް، ތަފާތު އެކި ތަޖުރިބާތައް ކުރެވޭނެހެން އަދި ކުޑަކުދިން ގަޔާވާނެ އެކި ކަހަލަ ހަރަކާތްތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

“ޢީދު ހަވީރު 1447″ގައި އެމްއެންޑީއެފްގެ ޚާއްޞަ ހަރަކާތްތަކެއް ބާއްވާނެއެވެ. އޭގެ ތެރޭގައި ސިފައިންގެ ޔުނީފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯ ނެގުމާއި، ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބޭނެއެވެ.

މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި އެމްޑަބްލިއުއެސްއީއާއި ވެމްކޯއާއި އެމްޕީއެލްއާއި އެޗްޑީސީއާއި އެސްޓީއޯއާއި އެމްއޭސީއެލްއާއި އާރުޑީސީއާއި އެމްޓީސީސީ އަދި މިފްކޯ ހިމެނެއެވެ.

މި އަހަރުގެ ފިތުރު އީދު ދުވަސް ވަނީ، އަންނަ ހަފުތާގެ ހުކުރު ދުވަހެވެ.

 

ކުރިއަށް އޮތީ ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރު: މެޓް

ކުރިއަށް މި އޮތް ދުވަސް ވަރަކީ މި އަހަރު ތެރޭގައި ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރު ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މިއަދު އެ އިދާރާއިން ބުނީ، މި ހިނގާ މާޗް މަހާއި ކުރިއަށް އޮތް އެޕްރީލް މަހަކީ ރާއްޖޭގެ ހޫނުމިން އެއްމެ މައްޗަށް ދާނެ ދުވަސްވަރު ކަމަށެވެ.

މި ދުވަސްވަރު ވިލާ މަދުވެފައި ވައިމަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާނެ ކަމަށާއި ދުވާލުގެ ހޫނުމިން މަތިވެގެންދާ މިންވަރާއި ރޭގަނޑުގެ ފިނިކަން ދަށްވެގެންދާ މިންވަރުގެ ފަރަގު ކުޑަވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އާންމު ވައިގެ ހޫނުމިނަށްވުރެ އިހްސާސްކުރެވޭ ހޫނުމިން މަތިވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މެޓުން ބުނީ ދުވަހުގެ ހޫނުމިން އާއްމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 14:00 ހާއިރު ކަމަށެވެ.

މަޑަވެލީގެ ބިން ހިއްކަން އެމްޓީސީސީއަށް

ގދ. މަޑަވެލީގެ ގޮނޑުދޮށް ހިމާޔަތްކޮށް، ބިން ހިއްކުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން، 19.17 ހެކްޓަރުގެ ބިންހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި، 1،645 މީޓަރުގެ ރިވެޓުމަންޓު ޖެހުމާއި 120 މީތަރުގެ ސަރަހައްދެއްފައި ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މަޑަވެލީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގައި ސޮއިކުރުން — ފޮޓޯ/ އެމްޓީސީސީ

ހަތަރު ސަތޭކަ ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ، 174 މިލިއަން ރުފިޔާއަށެވެ.

ދެހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ މަޑަވެއްޔަކީ، ޒަމާނުއްސުރެް ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައި އޮތް ރަށެކެވެ. ބިން ހިއްކައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން ރަށުގެ ބިން އިތުރުވެ، ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ލިބޭނެ ކަމަށް އެމްޓީސީސީން ފާހަގަކުރިއެވެ.

އޭގެ އިތުރަށް، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިމުމުން އުދަ އެރުމާއި ރަށް ގިރުމުގެ މައްސަަލައަށް ހައްލެއް އަންނާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ.

އެމް.އެން.ޔޫ އާއި މައުމޫން ފައުންޑޭޝަން ސްކޮލަރޝިޕްތައް ދަރިވަރުންނަށް ހަވާލުކޮށްފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން މިއަހަރުގެ ފުރަތަމަ ސެމިސްޓަރގެ ސްކޮލަރޝިޕްތައް ލިބުނު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ފާހަގަކޮށްލެވުނު އެއް ކަމަކީ ފުރަތަމަ ފަހަރަށް އެމް.އެން.ޔޫގައި “މައުމޫން ފައުންޑޭޝަން ސްކޮލަރޝިޕް” ހަވާލުކުރުމެވެ. އެމްއެންޔޫއިން ބުނީ މައުމޫން ފައުންޑޭޝަންގެ ފަރާތުން އެމް.އެން.ޔޫގެ މާސްޓަރ އޮފް އެޑިއުކޭޝަން ޕްރޮގްރާމްތަކުގައި ކިޔަވާ ދަރިވަރުންނަށް ހުޅުވާލި މި ފުރުސަތުގައި 6 ދަރިވަރުން ކުރިމަތިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހޮވުނު ކާމިޔާބު ދަރިވަރަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މައުމޫން ފައުންޑޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ދުންޔާ މައުމޫނެވެ. މި ސްކޮލަރޝިޕަކީ ތައުލީމީ ދާއިރާއިން ރަނގަޅު ނަތީޖާ ހޯދާ އަދި އިސްނެގުމުގެ ހުނަރު ހުރި ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެވޭ ފުރުސަތެކެވެ.

އެމް.އެން.ޔޫ ސްކޮލަރޝިޕްތަކަށް ޖުމްލަ 64 ދަރިވަރުން ކުރިމަތިލީ އިރު، ފުރިހަމަ އިވެލުއޭޝަން މަރުހަލާއަކަށްފަހު 11 ދަރިވަރަކު ވަނީ ހޮވިފައެވެ. މި އެވޯޑްތައް ހަވާލުކޮށްދެއްވީ ޑރ. ޝެހެނާޒް އާދަމްއެވެ.

މިފަހަރު ދެވުނު ސްކޮލަރޝިޕްތަކުގެ ތެރޭގައި އެމް.އެން.ޔޫ ފުލް ސްކޮލަރޝިޕް، އެމް.އެން.ޔޫ ޓިއުޝަން ފީ ސްކޮލަރޝިޕް، ޕީ.އެޗް.ޑީ ސްކޮލަރޝިޕް އަދި ޝަހީދު އެވޯޑް ހިމެނެއެވެ. ގައުމީ ޔުނިވަރސިޓީން ބުނީ މި ސްކޮލަރޝިޕްތަކުގެ މައިގަނޑު މަގްސަދަކީ ކިޔެވުމުގެ ހަރަދުތަކަށް ލުޔެއް ހޯދައިދީ، ދަރިވަރުންގެ ތައުލީމީ އަދި ފަންނީ ކުރިއެރުމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

ރޯދަ މަހުގެ ފުރަތަމަ 15ގައި ޒަކާތުގެ ގޮތުގައި 5.5 މިލިއަން ރުފިޔާ

ރޯދައިގެ 15 ދުވަހު ޒަކާތުގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރޯދައިގެ ފުރަތަމަ 15 ދުވަހު ފިޠުރު ޒަކާތުގެ ގޮތުގައި 5،482،171.00 ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ކުރީ އަހަރާ ބަލާއިރު މިިލިއަނަށްވުރެ ގިނަ ރުފިޔާގެ އިތުރުވުމެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 4،460،199 ރުފިޔާއެވެ.

އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުތަކުންނާއި، ކައުންސިލްތައް މެދުވެރިކޮށް އަދި އޮންލައިންކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

މި ފަހަރު އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ހަތް ޕްލެޓްފޯމެއްވެ އެވެ. އެއީ ދިރާގު މޯބައިލް އެޕާއި ދިރާގު ޕޭ އުރީދޫ އެމް ފައިސާ މޯބައިލް އެޕާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕްގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް އެޕާއި ފަހިޕޭ މޯބައިލް އެޕާއި އަވަސް މޯބައިލް އެޕްގެ އިތުރުން ބަނޑޭރި ޕޭ ވެބްސައިޓެވެ.

މީގެ ތެރެއިން ބަނޑޭރިޕޭ އާއި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އެވެ. އެހެން ޕްލެޓްފޯމުތައް މެދުވެރިކޮށް ރަމަޟާން މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 06:00 އާ ހަމައަށް ފިޠުރު ޒަކާތް ދެއްކޭނެ އެވެ.

ވުޒާރާގެ ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނީ މާޗް 19 ވަނަ ދުވަހުގެ ނިޔަލަށް ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު  11:00އިން 14:00އަށެވެ.

ފިޠުރު ޒަކާތް ދެއްކުމަކީ ވާޖިބެއް ކަމުން ހުރިހާ އެންމެން ވެސް މި ވާޖިބު އަދާކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަނދާން ކޮށްދީފަ އެވެ.

ޗާރޓާރޑް ފްލައިޓެއްގައި މިރޭ 164 ޢުމްރާވެރިން ފުރަނީ

އެކި ސަބަބުތަކާ ހުރެ ޢުމްރާގެ އަޅުކަން އަދާކުރުމަށް ނުފުރިފައި ތިބި ޢުމްރާވެރީންނަށް ފުރޭނެގޮތް ހަމަޖެހިއްޖެއެވެ.

މިގޮތުން އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ ޢުމްރާއަށް ފުރުމުގައި އެކި ސަބަބުތަށް ދިމާވެގެން ނުފުރުނު 164 ޢުމްރާވެރިން މިރޭ ޢުމްރާއަށް ފުރޭގޮތް ހަމަޖެހިފައިވާކަމަށެވެ.

ޢުމްރާވެރިން ޢުމްރާގެ އަޅުކަމަށް ފުރަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ފަރާތުން މޯލްޑިވިއަންގެ ޗާރޓާރޑް ފްލައިޓެއްގައި ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މައްކާގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ.

”މި ފުރުޞަތުގައި ހައްޖު ކޯޕަރޭޝަނަށާއި މޯލްޑިވިއަންނަށް ޝުކުރު ދަންނަވަން. އަދި ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަ އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން,“

ޝަހީމްވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު މިކަން ހައްލު ކުރެއްވުމަށް ދެއްވި އަހައްމިއްޔަތަށްޓަކައި ރައީސަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާފައެވެ.

އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީވި ނަމަވެސް ބައެއް ޤައުމުތަކުން ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ނުފުރި ލަސްވެފައިވާތީވެ މި މައްސަލަ ޙައްލުކޮށް ޢުމްރާވެރީންނަށް ފުރޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރައީސް ޑރ. މުއިއްޒުވަނީ އިރުޝާދު ދެއްވާފައެވެ.

އަންހެނުންގެ ތަރައްގީއަށް އެންމެ ބޮޑަށް މަސައްކަތް ކުރަނީ މިސަރުކާރުން: ރައީސް މުޢިއްޒު

މި ސަރުކާރަކީ އަންހެނުންގެ ތަރައްޤީއަށް އެންމެ ބޮޑަށް މަސައްކަތްކުރާ ސަރުކާރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވާ ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުކީ މިއަދެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދާއި ހަމައަށް އައިއިރުގައި، ނަތީޖާއިން މި ސަރުކާރުން އެކަން ދައްކުވައިދީފައިވާނެ ކަމަށެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް މިއަދާއި ހަމައަށް އައިއިރުގައި ތަރައްގީ ކުރުމަށްޓަކައި ކުރެވުނު ކަމެއްވިއްޔާ ކުރައްވާފައިވާނީ މި ސަރުކާރުންކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

އެގޮތުން ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ރޯދަ އިނާޔަތް ލިބޭގޮތް ހައްދަވައިދެއްވީ ވެސް މި ސަރުކާރުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާއަކީ ހުރިހާ ރައްޔިތުން ވޯޓުލައިގެން ހޮވާ، ފުލްޓައިމް އެގްޒެކެޓިވް މަގާމަކަށް ބަދަލުކުރެއްވީ ވެސް މި ސަރުކާރުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް، ކައުންސިލްގެ ބަޖެޓުން ލިބެމުން އައި ފަހެއް އިންސައްތައިގެ ބަދަލުގައި ދިހައެއް އިންސައްތައަށް ޑަބަލްކޮށްދެއްވީ ވެސް މިސަރުކާރުން ކަމުގައި ވިދާޅުވި އެވެ. މީގެ އިތުރުން ރޯދަ އިނާޔަތް ދެވޭނީ މި ބޮޑުކުރެވުނު ދިހައެއް އިންސައްތައިގެ ތެރެއިން ނޫން ކަމަށާއި، ކައުންސިލްގެ ބަޖެޓުން ކަމުގައި ކަނޑައެޅުއްވީ ވެސް މިސަރުކާރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ކޮމިޓީއަކަށް ހަދައިދިނީ މި ސަރުކާރުން ކަމުގައި ވިދާޅުވި އެވެ. އެގޮތުން މިދިޔަ ދުވަސްތަކުގައި އަންހެނުން ބާރުވެރިކުރުވުމަށްޓަކައި އެކިއެކި ލޯނުތައް ދޫކުރުމުގެ މަސައްކަތާއި އެކި ގޮތްގޮތުން އިގުތިސޯދީ ގޮތުން ބާރުވެރިކުރުވުމަށްޓަކައި ކުރެވެން ހުރި ކަންކަން ކުރުމާއި އަދި މިއަހަރުގެ ތެރޭގައި އެގޮތުން ކުރިއަށް ގެންދަންހުރި ގިނަ ކަންތައްތަކެއް ތަރުތީބުކުރެވި، ރިޔާސީ ބަޔާނުގައިވެސް ބަޔާންކުރައްވާފައިވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރުމަކީ އަދި ވިމެން އެންޕަވާމަންޓް މެއިންސްޓްރީމް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ސިޔާސަތުކަމަށާއި ސަރުކާރުން މި ސިޔާސަތު ތަންފީޒު ކުރައްވަމުން ގެންދަވާނެކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.

ފަހު ދިހައެއްގައި ވެސް ޕީޖީ އޮފީހުގެ ހިދުމަތް މެދުނުކެނޑޭނެ

ރޯދަ މަހުގެ ފަހު 10 ދުވަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތަކާއި، ޚިދުމަތްތައް މެދުނުކެނޑި ކުރިއަށްގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފް ނިންމަވާފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުން މިރޭ ބުނީ އެ އޮފީހަށް ބަލައިގަންނަންޖެހޭ ލިޔެކިއުންތައް ބަލައިގަތުމަށާއި، ޢާންމުންނަށް ދޭންޖެހޭ އެހެނިހެން ޚިދުމަތްތައް ދިނުމަށްޓަކައި، ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކުގައި، ހުކުރު ހޮނިހިރު ފިޔަވައި، ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް އޮފީހުގެ ރިސެޕްޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެ އޮފީހުން ބުނީ މި ދުވަސްތަކުގައި މި އޮފީހުގެ މުވައްޒަފުން ޢާންމު އުޞޫލެއްގެ ގޮތުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ނަމަވެސް ކޮންމެހެން އޮފީހަށް ހާޒިރުވެގެން ނޫނީ ނުކުރެވޭނެ މަސައްކަތްތައް އޮފީހަށް ހާޒިރުވެ ކުރަމުން ގެންދާނެ ކަަމަށެވެ. އަދި ކޯޓު އަޑުއެހުންތަކަށް ގަވާއިދުން ހާޒިވަމުން ގެންދާނެ ކަމަށެވެ.

މި މުއްދަތުގައިވެސް، އަދި އަބަދުވެސް online.pgo.mv މެދުވެރިކޮށް ޕީޖީ އޮފީހުގެ ޚިދުމަތްތައް މެދު ނުކެނޑި ލިބޭނެ ކަމަށްވެސް ބުންޏެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ނުބޭއްވޭނެ: ނާޒިލް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ނެގުމާ މެދު އާންމުންގެ ޚިޔާލު ހޯދަން ނަގާ ވޯޓުން ސަރުކާރަށް ލިބޭނީ “ލަދުގަންނަ” ވަރުގެ ނަތީޖާއެއް ކަމަށް، އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވެއްޖެއެވެ.

އަރްމީނިއާގެ ނަން ރެޒިޑެންޓް ސަފީރުކަމަށް ޔޫއޭއީގެ ސަފީރު މުޙައްމަދު ޙުސައިން ޝަރީފްގެ ނަމަށް ރުހުންދިނުމާ ގުޅޭގޮތުން މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައި ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން ނާޒިލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ފޮރިން މިނިސްޓްރީން މަހަކު ކުރާ ޚަރަދު 23 މިލިއަން ރުފިޔާއިން 54 މިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ.

އެެއީ އަހަރަކަށް ނަމަ 648 މިލިއަން ރުފިޔާއެވެ. ފަސް އަހަރުގެ ދައުރަކަށް ނަމަ 3.1 ބިލިއަން ރުފިޔާއެވެ.

ނާޒިލް ވިދާޅުވީ، އެމްބަސީތަކަށާއި ހައިކޮމިޝަންތަކަށް ސަރުކާރުން ކުރާ ޚަރަދުގެ ނަތީޖާ ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. އެކަމަކު އެކަން މި ސަރުކާރަށް ސާފުކޮށްނުދެވޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

އެހެންވެ، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ފެންނަ ކަމަށް ދައްކާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށާއި، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ދެކޮޅަށް ރައްޔިތުން ވޯޓުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަތީޖާ ބޮޑުކޮށް ފެންނާނެ، ލަދުގަންނަ ވަރަށް ފެންނާނެ ނަތީޖާ. އިންތިޚާބު އެއްކޮށް ނުލެވޭނެ، ނުކުރެވޭނެ، ރައްޔިތުންނެއް ވޯޓެއް ނުދޭނެ، ޚަރަދެއް ކުޑައެއް ނުކުރެވޭނެ،އިބްރާހީމް ނާޒިލް – އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު

ނާޒިލް ވިދާޅުވީ، އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ޚިޔާލު ހޯދާ ވޯޓުގެ އިތުރުން، ލޯކަލް ކައުންސިލު އިންތިޚާބުގައި މި ސަރުކާރަކީ ރައްޔިތުން ބަލައިނުގަންނަ ސަރުކާރެއްކަން ފެންނާނެ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުގެ ސަބަބުން ފައިދާތަކެއް ވާނެ ކަމަށް ވެރިކަންކުރާ ޕީއެންސީން އަންނަނީ ބުނަމުންނެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީން އަންނަނީ، އިންތިޚާބުތައް އެއް ދުވަހެއްގައި ބާއްވައިފިނަމަ، ރިޔާސީ ދައުރު ދަންމާލުމަށް މަގުފަހިވާނެ ކަމަށް ބުނަމުންނެވެ.

މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ބޭނުންވަނީ ޚަރަދު ކުޑަކުރަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެވެ.

މޯލްޑިވިއަންގެ ފަސިންޖަރުންނަށް އިންޑިއާގެ އަނަންތަޕޫރީ ހޮސްޕިޓަލުން ޑިސްކައުންޓް ދެނީ

ގައުމީ އެއާލައިން، މޯލްޑިވިއަންއިން ދަތުރުކުރާ ފަސިންޖަރުންނަށް، އިންޑިއާގެ ތުރިވަނަންތަޕޫރަމްގައި ހުންނަ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓުން ޑިސްކައުންޓް ލިބޭނެ ގޮތަށް އެއްބަސްވުމެއް ހަދައިފިއެވެ.

އިންޑިއާއަކީ ދިވެހީން ސިއްހީ ފަރުވާ ހޯދުމަށް އާންމުކޮށް ދަތުރުކުރާ ގައުމެކެވެ. އެގޮތުން ރާއްޖެއާ ކައިރިވުމާއި، ޒަމާނީ ސިއްހީ ޚިދުމަތްތައް ލިބެން ހުރުމުން، ގިނަ އަދަދެއްގެ ދިވެހީން ޓްރިވެންޑްރަމްއަށް ދަތުރުކުރެއެވެ.

މޯލްޑިވިއަންއިން ބުނި ގޮތުގައި، އަނަންތަޕޫރީ ހޮސްޕިޓަލާއެކު ހަދައިފައިވާ އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެ އެއާލައިނުން ދަތުރުކުރާ ދިވެހީންނަށް ސިއްހީ ޚިދުމަތްތައް ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދިނުމެވެ.

އެ އެއްބަސްވުމުގެ ދަށުން، މޯލްޑިވިއަންއިން ދަތުރުކުރާ މީހުންނަށް އަނަންތަޕޫރީ ހޮސްޕިޓަލުން ލިބޭ ޑިސްކައުންޓްތަކުގެ ތެރޭގައި:

  • އެޑްމިޓްކޮށްގެންދޭ ފަރުވާއާއި އެޑްމިޓްނުކޮށްދޭ ފަރުވާތަކުން ޚާއްސަ ޑިސްކައުންޓްތަކެއް ލިބުން
  • ހެލްތު ޗެކަޕް ޕެކޭޖްތަކުން 15 ޕަސެންޓްގެ ޑިސްކައުންޓް
  • ލެބޯޓަރީ ޓެސްޓްތަކާއި ރޭޑިއޮލޮޖީގެ ޚިދުމަތްތަކުން 10 ޕަސެންޓްގެ ޑިސްކައުންޓް
  • ތުރިވަނަންތަޕޫރަމް އިންޓަނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސްގެ ޚިދުމަތް

މޯލްޑިވިއަންއިން ބުނި ގޮތުގައި، ދިވެހީންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމުގެ ގޮތުން، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމަށާއި ބަލިމީހުންނަށް ބޭނުންވާ އިތުރު ކަންކަމުގައި އެހީތެރިވުމަށް އަނަންތަޕޫރީ ހޮސްޕިޓަލުގައި ޚާއްސަ ކަސްޓަމާ ކެއާ ޑެސްކެއް ބަހައްޓާނެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް، ހޮސްޕިޓަލުގެ މުވައްޒަފުންނާ ވާހަކަ ދެއްކުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ތަރުޖަމާނެއްގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންއިން ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށްވެސް އެ ޚިދުމަތްތައް ލިބޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މޯލްޑިވިއަންއިން ޓްރިވެންޑްރަމްއަށް ކުރާ ދެކޮޅު ދަތުރުތަކަށް މިހާރު ޓިކެޓަށް 5،286 ރުފިޔާ އަރާއިރު، އެ އެއާލައިނުން ވަނީ، ހޮސްޕިޓަލަށް ގޮސް ބޯޑިން ޕާސް ދެއްކުމުން މިހާރު ޑިސްކައުންޓް ލިބޭނެ ކަމަށް ބުނެފައެވެ.

އެކަމާ ގުޅޭ އިތުރު މައުލޫމާތު މޯލްޑިވިއަން ނުވަތަ އަނަންތަޕޫރީ ހޮސްޕިޓަލުން ސާފުކުރެވޭނެކަން އެ އެއާލައިނުން ފާހަގަކުރެއެވެ.

ޤަތަރުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފި

އެމެރިކާ އާއި އިިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން އީރާނުން މެދުއިރުމަތީ ސަރަހައްދުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުން އަންނަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ބަންދު ކުރި ގަތަރުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފިއެވެ.

ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ބުނީ ގަތަރުގެ އަސްކަރިއްޔާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުތައް ކުރާނީ “ލިމިޓެޑް އޮޕަރޭޝަނަލް ކެޕޭސިޓީ ހުންނަ ނެވިގޭޝަނަލް ކޮންޓިންޖެންސީ ރޫޓުތަކުން” ނުވަތަ ހުޅުވާލާފައިވާ ހާއްސަ ކޮރިޑޯއެއްގެ ތެރެއިން ކަމަށެވެ.

މިއީ ގަލްފުގެ އެންމެ މުހިންމު އެއް އޭވިއޭޝަން ހަބަށް ވައިގެ ދަތުރުތައް އަލުން ފަށަން އެޅި ފިޔަވަޅެކެވެ. ނަމަވެސް ދޯހާއަށް ކުރާ ދަތުރުތައް އިއުލާން ކުރެވެންދެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އަލުން ހުޅުވާފައި ވަނީ އެންމެންނަށް ނޫން ކަމުގައިވިޔަސް، ފަސިންޖަރުން އިވެކުއޭޓް ކުރުމަށް ހާއްސަކޮށްފައިވާ ފްލައިޓްތަކާއި އެއާ ކާގޯ ސާވިސްތަކަށް ހާއްސަކޮށްފައިވާ މަދު ކެޓަގަރީއެއްގެ ފްލައިޓްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށެވެ.

އަދި ބުކިން ކަށަވަރުވެފައިވާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން ސީދާ އެއާލައިންތަކުން ދޭ އަޕްޑޭޓްތަކަށް ބެލުމަށް ވަނީ އެދިފައެވެ.

ގަތަރު އެއާވޭސް އިން ބުނީ މިއަދު ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލަންޑަން (އެލްއެޗްއާރް)، ޕެރިސް (ސީޑީޖީ) އާއި މެޑްރިޑް (އެމްއޭޑީ) އާއި ރޯމް (އެފްސީއޯ) އަދި ފްރޭންކްފާޓް (އެފްއާރްއޭ) އަށް ރިޕެޓްރިއޭޝަން ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އަދި އާއިލާ އާއި އުމުރުން ދުވަސްވީ ފަސިންޖަރުން އަދި ސިއްހީ އެހިތެރިކަން ބޭނުންވާ މީހުންނާއި، މުހިންމު ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.