“މަޝްރޫއުތައް ހުއްޓާލި 57 ރަށުގެ މައުލޫމާތު އަދިވެސް ނުލިބޭ”

ކައުންސިލްތަކުގެ ހުރަސްއެޅުމާއެކު ރާއްޖޭގެ 57 ރަށެއްގައި މަޝްރޫތަކުގެ މަސައްކަތް ހުއްޓާލުމުން، އެ ރަށްތަކުގެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހެޅުމުން އަދިވެސް އެ މައުލޫމާތު ނުލިބޭ ކަމަށާއި އެ މައުލޫމާތު ހާމަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީއިން މިއަދު ބުނެފިއެވެ.

އެމްޑީޕީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީއިން ވަނީ ލޯކަލް ކައުންސިލްތަކަކީ އެއްވެސް ތަނެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ސަރުކާރުން ވާހަކަދައްކަމުން އަންނަކަން ފާހަގަވެފައިވާ ކަމަށް ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި އެ ޕާޓީގެ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ތަރުޖަމާނު އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވީ، ކައުންސިލުން ހުރަސްއަޅައިގެން ކަމަށް ބުނެ މަޝްރޫއުތައް ހުއްޓާލި ކަމަށް ރައީސް ވިދާޅުވި 57 ރަށުގެ މައުލޫމާތު ހޯދުމަށް އާރްޓީއައި ހުށަހެޅުމުން އެ މައުލޫމާތު އަދިވެސް ލިބިފައި ނުވާކަމަށެވެ.

އަޅުގަނޑު ރައީސަށް ޗެލެންޖުކޮށްފައި މި ދަންނަވަނީ، އެންމެ ރަށެއްގެ މައުލޫމާތު ވެސް ހާމަކުރާކަށް ނުކެރޭނެއޭ. އެއީ ސީދާ ކައުންސިލްތަކަށް ފުރައްސާރަކުރުމަށް ޓަކައި، ކައުންސިލްތަކަށް ޖެއްސުން ކުރުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ވާހަކަ.ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު

ވަހީދު ވިދާޅުވި ގޮތުގައި ރައީސް އެފަދަ ވާހަކަ ދައްކަވަނީ މި ސަރުކާރުގެ ނާގާބިލްކަން ފޮރުވަން ވެގެންނެވެ.

އެހެންކަމުން އެ ކައުންސިލްތަކުގެ މައުލޫމާތު ހާމަކުރުން ސަރުކާރުން އަވަސް ކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ މީގެ ކުރީގެ އެއްވެސް އިންތިޚާބަކުން ނުފެންނަ ވަރަށް މި އިންތިޚާބަށް ސަރުކާރުގެ ނުފޫޒު ފޯރުވަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ މުއައްޒަފުން ބޭނުންކޮށްގެން މި އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކޮށްފައިވާ ކަންކަމުގެ ހެކި ލިބަފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވަހީދު ވަނީ އެމްޑީޕީގެ ކެންޕެއިން ޕޯސްޓަރުތަކާއި ބިލްބޯޑުތައް އެކި ރައްރަށުގައި ހުންނައިރު، ޕޯސްޓަރުތަކާއި ބިލްބޯޑުތަކަށް ސަރުކާރުން ގެއްލުން ދީފައިވާކަން ފާހަގަކޮށްފައެވެ.

އެމްޕީއެލްގެ މުއައްޒަފުންނާނި ވަސީލަތް ބޭނުންކޮށްގެން ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފްގެ ކޮއްކޮ އަހުމަދު އާރިފް އާދަމް އެމްޕީއެލްގެ ފްލީޓް އޮޕަރޭޝަން މެނޭޖަރެއްގެ ގޮތުގައި. އެ ބޭފުޅާ އަންގަވައިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހުޅުމާލޭގައި ޕީއެންސީގެ ޕޯސްޓަރު ނެގުމުގެ މަސައްކަތް ކުރަމުންދޭ،ކައުންސިލް އިންތިހާބުގެ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު

ސަރުކާރުން މީގެކުރިން ވަނީ ބައެއް ރަށްރަށުގައި މަޝްރޫއުތައް ނުފެށި ލަސްވަނީ އެ ރަށްރަށުގެ ކައުންސިލްތަކުން އެއްބާރުލުން ނުލިބޭތީ ކަމަށް ބުނެފައެވެ.

ޓެކްސީ ލައިން ފަށާނެ އިތުރު ތާރީޚެއް

ނުފެށި ދިގުލައިގެންދިޔަ ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް މިމަހުގެ 18 ވަނަ ދުވަހަށް ނިންމައި، ޢީދަށް ޚިދުމަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ބުނެ މިނިސްޓަރު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ޓެކްސީ ލައިންގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދެ ބެޗަކަށް ބަހާލައިގެން ކަމަށެވެ.

މިނިސްޓަރު ވަނީ ޓެކްސީ ލައިންގެ ދެ ބެޗުގެ ޓެކްސީތައް ވެސް ނިމި، މިހާރު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން އެއް ބެޗު މިއަދު ސްރީ ލަންކާގެ ޕޯޓަށް ވަންނާނެ ކަމަށާއި މިމަހުގެ 11 ވަނަ ދުވަހު އެއް ބެޗް ރާއްޖެ އަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓެކްސީ ލައިންގެ ދެވަނަ ބެޗު ގެންނަނީ ޗައިނާއިން ކަމަށެވެ. އަދި ޓެކްސީތަކުގައި ތިން މޮޑެލްއެއް ހިމެނޭކަން ފާހަގަކުރައްވައި އަމީން ވިދާޅުވީ، އެއް މޮޑެލްއެއް ގެންނަނީ ތައިލެންޑުން ކަމަށާއި އަނެއް ދެ މޮޑެލް ގެންނަނީ ޗައިނާއިން ކަމަށެވެ.

ޗައިނާއިން އަންނަ ދެ މޮޑެލްވެސް މިހާރު އުޅެނީ ރާއްޖެ ގެނައުމުގެ މަގުމަތީގައި ކަމަށާއި އަންނަ ހުކުރު ދުވަހު، ދެވަނަ ބެޗު ރާއްޖެއަށް ލިބޭނެ ތާރީޚު އެނގޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އަދި ޕްލޭންކޮށްފައި ވަނީ ފުރަތަމަ ދެ ބެޗުގައި 150 ކާރު ގެނައުމަށް ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

ފުރަތަމަ ބެޗުގެ އެރައިވަލް ޑޭޓަކީ މިމަހުގެ 11. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ. ޓެކްސީ ލައިން އަކީ “ޑަންލާފައި” އެދުވަހުން އެދުވަހަށް އޮޕަރޭޝަނަކަށް ނެރެވޭނެ ކަންކަމެއް ނޫން،ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން

މިނިސްޓަރު އަމީން ވިދާޅުވީ، އެމްޓީސީސީއިން މަސައްކަތްކުރަނީ މިމަހުގެ 18ގައި ޓެކްސީ ލައިންގެ މަސައްކަތް ނިންމައި އީދަށް، ޓެކްސީ ލައިންގެ ޚިދުމަތް ރައްޔިތުންނަށް ދިނުމަށް ކަމަށެވެ.

ޓެކްސީ ލައިންގެ ޚިދުމަތް ފަށާއިރު އެކި ސައިޒުތަކުގެ ކާރު ހިމެނޭނެ ކަމަށާއި އޭގެ ތެރޭގައި މާލޭގެ ކުދިކުދި މަގުތަކަށް ވަދެވޭ ސައިޒުގެ ކާރުތައް ވެސް ހިމެނޭނެ ކަމަށް ވިދާޅުވެފައެވެ. ޓެކްސީ ޑްރައިވަރުން ބޭނުންވާ ވަގުތުތަކުގެ ބަދަލުގައި އާންމުން އެންމެ ބޭނުންވާ ވަގުތުތަކުގައި އެ ޚިދުމަތް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުން ޓެކްސީ ޚިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ މިދިޔަ ފެބްރުއަރީ މަހުގެ 15ގައެވެ.

ޓެކްސީ ލައިންގެ ޚިދުމަތަށް 407 ޑްރައިވަރުން ހޯދުމަށް ހޯދުމަށް އެމްޓީސީސީއިން ވަނީ ނިމިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގައެވެ. އޭގެތެރޭގައި ފުލް ޓައިމް ޑްރައިވަރުންގެ ގޮތުގައި 285 މީހުން ހޯދުމަށް އޭރު އެމްޓީސީސީއިން އިއުލާނުކުރިއެވެ. އެއީ، ހަފުތާއަކު ހަ ދުވަހު، ދުވާލަކު އަށް ގަޑިއިރަށް މަސައްކަތް ކުރާ ގޮތަށެވެ.

އޭގެފަހުން އެމްޓީސީސީއިން ވަނީ ނިމިދިޔަ ޖެނުވަރީ މަހުގެ 17 ވަނަ ދުވަހު ޕާޓްޓައިމް ޑްރައިވަރުން ހޯދަން ވޯކްއިން އިންޓަވިއުއެއްވެސް ބާއްވާފައެވެ.

އެމްޓީސީސީއިން ބުނީ ސަރުކާރުން ތައާރަފްކުރާ މި ޚިދުމަތުގައި ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި، ސައްތައިން ސައްތަ އިލެކްޓްރިކް ވެހިކަލް ހިމެނޭ ޓެކްސީތައް ކަމަށެވެ. އެގޮތުން ސައުވީސްގަޑިއިރު ޚިދުމަތް ދޭ ގޮތަށް ތާރަފްކުރެވޭ މި ޓެކްސީ ޚިދުމަތް ދިނުމަށް އެކަމަށް ޚާއްސަ އެޕްލިކޭޝަނެއް އޮންނާނެ ކަމަށާއި އެ އެޕް މެދުވެރިކޮށް ޓެކްސީގެ ޚިދުމަތް ހޯދާ ފަރާތުގެ ލޮކޭޝަނާއި އެންމެ ގާތުގައިވާ ޓެކްސީ އެނގޭނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

އީރާނުގެ އައު އެންމެ މަތީ ލީޑަރު ހޮވާ ކައުންސިލަށް އިސްރާއީލުން ބޮން އަޅައިފި

އީރާނުގެ އައު އެންމެ މަތީ ލީޑަރު އައްޔަން ކުރުމުގެ މަރުހަލާއަށް ހުރަސް އެޅުމުގެ ގޮތުން ޤުމްގައި ހުންނަ އީރާނުގެ ތަޖުރިބާކާރުންގެ މަޖިލިސް ހިމެނޭ އިމާރާތަށް މިއަދު އިސްރާއީލުން ބޮމުގެ ހަމަލާދީފައެވެ.

މި މަޖިލީހަކީ އީރާނުގެ ވެރިކަމުގެ އައު އެންމެ މަތީ ލީޑަރަކު އައްޔަން ކުރުމުގެ ބާރު ލިބިގެންވާ ފަރާތެވެ. އައު ލީޑަރަކު ހޮވުމަށް ކައުންސިލްގައި ހިމެނޭ ދީނީ އިލްމުވެރިން ވޯޓުލަނީ މަދު މީހުން އެކުލެވޭ ސިއްރު ކޮމިޓީއަކުން އެކުލަވާލައި، ޝޯޓްލިސްޓްވެފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެކަކަށެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ފުރަތަމަ ރާޅުގައި މިދިޔަ ހޮނިހިރު ދުވަހު އިސްރާއީލުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި އީރާނުގެ އިސް އޮފިޝަލުން ވަނީ އަވަހާރަކޮށްލަައިފައެވެ.

އިސްރާއީލުގެ ދިފާއީ އޮފިޝަލް ބުނީ މި ހަމަލާތައް ދީފައި ވަނީ ވޯޓު ގުނަމުން ދަނިކޮށް ކަމަށެވެ. ކައުންސިލްގެ 88 މެންބަރުންގެ ތެރެއިން އެވަގުތު އެ އިމާރާތުގައި ތިބީ ކިތައް މެންބަރުން ކަމެއް އަދި އެނގިފައެއް ނުވެއެވެ.

“އަޅުގަނޑުމެން ބޭނުންވީ އެމީހުން އައު އެންމެ މަތީ ލީޑަރަކު ހޮވުން ހުއްޓުވަން،” އޮފިޝަލް ބުނެފަައި ވެެެއެވެ.

ކައުންސިލް އިންތިޚާބުގެ މޮނިޓަރުންނާއި އޮބްޒާވަރުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި

އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބާއި، މައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު އާންމުންގެ ޚިޔާލު ހޯދަން ނަގާ ވޯޓުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ދީފިއެވެ.

މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުވަރީ މަހުގެ ނުވަވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، އިންތިޚާބުގެ ކަންކަން ހިނގާ ގޮތް ބެލުމަށްޓަކައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުން ފެށިގެން މާދަމާ މެންދުރުފަހު ތިނެއް ޖަހަންދެން ފޯމު ހުށަހެޅޭނެ ކަމަށެވެ.

އެގޮތުން، މޮނިޓަރަކަށް ވުމަށް އެދޭ ފަރާތްތަކުން އީސީން މީޑިއާތަކަށް ކަނޑައަޅާ “ޑޭޓާ ލިއޭޒަނެއް” މެދުވެރިކޮށް އެ ކޮމިޝަނުގެ މައި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށާއި، ޑޭޓާ ލިއޭޒަނަކަށް ވާން އެދޭ ފަރާތްތަކުން “މޮނިޓަރުންގެ މަޢުލޫމާތު ހުށަހެޅުމަށްޓަކައި ޑޭޓާ ލިއޭޒަންއަކަށްވުމަށް އެދޭ ފޯމު” ފުރިހަމަކޮށް އީމެއިލްކުރުމަށް އީސީން އެދެއެވެ.

ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދު 50 އިންސައްތަ ދަށަށް

މެދު އިރުމަތީގައި މިވަގުތު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ދުވާލެއްގެ މައްޗަށް ފަތުރުވެރިން އަންނަ އަދަދު 50 އިންސައްތަ ދަށަށް ގޮސްފިއެވެ.

އިސްރާއީލުން އިރާނަށް ހަމަލާ ދިނުމާއި ގުޅިގެން މެދުއިރުމަތީގެ މަޝްރަހު މިދިޔަ ހޮނިހިރު ދުވަހު ހޫނުވަމާއި ގުޅިގެން އެ ސަރަހައްދުގެ ބައެއް ވައިގެ ބަނދަރުތައް ވަގުތީ ގޮތުން ވަނީ ބަންދުވެފައެވެ. އޭގެ ސަބަބުން ރާއްޖެ އަންނަން ޝެޑިއުލްކޮށްފައިވާ ގިނަ ފްލައިޓްތަކެއް ވަނީ ކެންސަލްވެފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ފެށުނު ފެބްރުއަރީ 28 ވީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 8,929 އެކެވެ. އެއާ ޖެހިގެން އާދިއްތަ ދުވަހު 6،440 ފަތުރުވެރިން އައިއިރު އިއްޔެ ރާއްޖެ އައިސްފައި ވަނީ 4,107 ފަތުރުވެރިންނެވެ. މިއީ 50 އިންސައްތަ ދަށް އަދަދެކެވެ.

ނިމިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން، ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ ނިސްބަތް ރެކޯޑު އަދަދަކަށް އިތުރުވެ، އެއްދުވަހުން އަނެއްދުވަހަަށް އައީ ރޭކޯޑު ބުރޭކް ކުރަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 15ގައި އެކަނި ވެސް 11،136 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.

ނަމަވެސް ހަނގުރާމައިގެ ސަބަބުން މިވަނީ ދުވާލެއްގެ މައްޗަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައެވެ.

ދިވެހިރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ފަތުރުވެރިން ކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ދެން އެ އަދަދު ވެސް ދަށްވާނެ ކަމަށާއި އޭގެ އަސަރު ވަރަށް ބޮޑަށް އާމްދަނީއަށް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވެސް ވަނީ ވިދާޅުވެފައެވެ.

މެދުއިރުމަތީގެ ވައިގެ ބަނދަރުތައް ބަންދު ކުރުމާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެ އަންނަން އޮތް ފުލައިޓް ތަކުގެ ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން އެދުވަހު އެކަނިވެސް 14 ފުލައިޓެއް ކެންސަލްވިއެވެ.

ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު ސިނާއަތަކީ ފަތުރުވެރިކަމަށް ވާއިރު، މިކަމުގެ ސަބަބުން ސީދާ ގޮތެއްގައި ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކުރާނެކަން، ކަމާއި ބެހޭ ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ވެސް ވަނީ، މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސަރުކާރުގެ އިދާރާތަކާއި ފަތުރުވެރިކަމާއި ޓްރެވަލް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސްޓޭކްހޯލްޑަރުންނާއި އާންމުންގެ އެއްބާރުލުން މުހިންމުކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ޖަނަވަރީގައި ހުށަހެޅި މިންވަރު މަދުވެއްޖެ

މިދިޔަ އަހަރުގެ ޑިސެމްބަރާ އަޅާބަލާއިރު، ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މިދިޔަ ޖަނަވަރީގައި ހުށަހެޅި މިންވަރު މަދުވެއްޖެއެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީއަށް މިދިޔަ ޑިސެމްބަރުގައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާގެ 85 މައްސަލަ ހުށަހަޅާފައެވެ. އެ އަދަދު މިދިޔަ ޖަނަވަރީގައި ހުރީ، 64އަށް ދަށްވެފައެވެ. އެއީ، ޑިސެމްބަރު މަހަށްވުރެ، 21 މައްސަލަ ދަށް އަދަދެކެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. މިގޮތުން، އެފަދަ 30 މައްސަލައެއް ހުށަހަޅާފައިވާއިރު، ޖިންސީ ހާނިއްކައިގެ 13 މައްސަލައެއް މިދިޔަ ޖަނަވަރީގައި އެ މިނިސްޓްރީއަށް ހުށަހެޅިއެވެ.

އޭގެއިތުރަށް، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ އަށް މައްސަލައާއި ނަފްސާނީ ހާނިއްކައިގެ ހަތް މައްސަލައާއި ޖިސްމާނީ ހާނިއްކައިގެ 04 މައްސަލަ މިދިޔަ ޖަނަވަރީގައި ހުށަހަޅާފައިވެއެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ ޖަނަވަރީގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 151 ކުދިންނެވެ. އެއީ، 83 ފިރިހެން ކުދިންނާއި 68 އަންހެން ކުދިންނެވެ.

އެއާއެކު، މިދިޔަ ޖަނަވަރީގައި މިނިސްޓްރީއަށް ވަނީ، 2،200އަށްވުރެ ކޯލުތައް ލިބިފައެވެ. މިގޮތުން، އެ މިނިސްޓްރީގެ ޗައިލް ހެލްޕްލައިން 1412 އަށް ޖުމްލަ 1964 ކޯލު ވަނީ ލިބިފައެވެ. އޭގެ ތެރެއިން، 97 ކޯލަކީ ކުޑަކުދިންގެ ފަރާތުން ލިބިފައިވާ ކޯލުތައް ކަމަށް މިނިސްޓްރީން ވަނީ ބުނެގައެވެ.

އެއްހާސް ހަ ސަތޭކައަށް ވުރެ ގިނަ ކޯލު ބޮޑެތިމީހުންގެ ފަރާތުން ލިބިފައިވާއިރު، ކާކުކަން ނޭނގޭ ގޮތަށް 216 ކޯލު މިދިޔަ ޖަނަވަރީގެ ނިޔަލަށް މިނިސްޓްރީއަށް ލިބުނެވެ.

” ބައެއް ކައުންސިލްތަކަށް މުވައްޒަފުން ހޯދަން ދަތި”

ވ. ރަކީދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން ޚިދުމަތް ނުދެވޭ މައްސަލައަށް އިޝާރާތް ކުރައްވައި، އިގުތިސާދީ ފުރުސަތު އިތުރުވާ ކުދި އާބާދީތަކުގައި ކައުންސިލަށް އިދާރީ މުވައްޒަފުން ހޯދަން ދަތިވާ ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އާބާދީގެ ގޮތުން އެންމެ ކުޑަ އެއް ރަށް ކަމަށްވާ ރަކީދޫގައި ކައުންސިލުގެ އިދާރީ މުވައްޒަފުންނާއި ދެ ކައުންސިލް މެންބަރަކު އިސްތިއުފާ ދިނުމުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ނުލިބޭތީ، ރައްޔިތުން ނިކުމެ މިއަދު ވަނީ އެ ރަށުގެ ކައުންސިލް އިދާރާ ބަންދުކޮށްފައެވެ.

އެ މައްސަލައަށް އިޝާރާތް ކުރައްވައި އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފަތުރުވެރިކަމާއި އެނޫންވެސް އިގުތިޞާދީ ފުރުޞަތުތައް ފަހިވެފައިވާ ކުދިކުދި އާބާދީތަކުގެ ކައުންސިލް އިދާރާތަކުގައި މަސައްކަތް ކުރާނެ އިދާރީ މުވައްޒަފުން ނުލިބުމުގެ މައްސަލަ އިތުރުވަމުން އަންނަ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށް، ގުޅުންހުރި މުއައްސަސާތަކާއެކު މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ ހަފުތާގައި 41 އެކްސިޑެންޓެއް ހިނގައި، 16 މީހުންނަށް އަނިޔާވި

މާލެއާއި ސިނަމާލެ ބުރިޖުގައި މިދިޔަ ހަފުތާގައި 41 އެކްސިޑެންޓު ހިނގައި، 16 މީހުންނަށް އަނިޔާވި ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމަކީ، ވަރަށް އާންމު ކަމެކެވެ. އޭގެތެރޭގައި، ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު ވެސް މަދެއް ނޫނެވެ.

ފުލުހުން މިއަދު އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ހަފުތާގައި އެކަނި 41 އެކްސިޑެންޓު ވަނީ ހިނގާފައެވެ. މި އެކްސިޑެންޓުތަކުގައި 16 މީހުންނަށް އަނިޔާވެފައިވާއިރު، 51 ވެހިކަލަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.

ހިސާބުތަކުން އެނގޭ ގޮތުގައި، ކުދި 38 އެކްސިޑެންޓެއް މިދިޔަ ހަފުތާގައި ހިނގާފައިވާއިރު، މީހަކު މަރުވި އެކްސިޑެންޓެއް ވެސް ހިނގާފައިވެއެވެ. އެއީ، މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ދަނިކޮށް، ކޮންޓްރޯލްނުވެ, ހިނގި އެކްސިޑެންޓްގައި އެ ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ކުޑަކުއްޖާ މަރުވި މައްސަލައެކެވެ.

ފުލުހުންގެ ހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ، މިދިޔަ ހަފުތާގެ ހޯމަ ދުވަހެވެ. އެ ދުވަހު އެކަނި ވެސް ނުވަ އެކްސިޑެންޓު ހިނގާފައިވެއެވެ. އަދި އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައި ވަނީ، ދެ ސައިކަލު ޖެހިގެންނެވެ. އެ ބާވަތުގެ 15 އެކްސިޑެންޓެއް ހިނގާފައިވާއިރު، ސައިކަލަކާއި ކާރެއް ޖެހިގެން އަށް އެކްސިޑެންޓު ހިނގާފައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި، ބާރު ސުޕީޑުގައި ވެހިކަލް ދުއްވުމަކީ ރާއްޖޭގައި އާއްމުވެފައިވާ މައްސަލައެކެވެ. މިފަދަ އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޒުވާނުން ގިނައެވެ.

31 ހާފިޒުންގެ ދަސްވެނިވެއްޖެ

ކީރިތި ޤުރުއާން ހިތުދަސްކުރި 31 ހާފިޒުންގެ ދަސްވެނިވުން ބާއްވައިފިއެވެ.

ހާފިޒުން ދަސްވެނިވުން ފާހަގަކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި އިސްލާމިކް މިނިސްޓްރީން ވަނީ، މިއީ އެއް ފަހަރާ އެހާ ގިނަ ހާފިޒުން ދަސްވެނިވި އަހަރު ކަމަށެވެ.

މި އަހަރު ދަސްވެނިވެފައިވަނީ، އަންހެން 19 ހާފިޒުންނާއި، ފިރިހެން 12 ހާފިޒުންނެވެ. އެއީ 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ހާފިޒުންނާއި، 21 އަހަރުން މަތީގެ އަށް ހާފިޒުންނެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުޢިއްޒެވެ. އެ މަނިކުފާނު ވަނީ ހާފިޒުންނަށް ހާފިޒު ކަމުގެ ސަނަދާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

ހާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ/ ރައީސް އޮފީސް

 

މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ރާއްޖޭގައި ހާފިޒުންގެ އަދަދު މިހާރު 301އަށް އަރައިފައިވާ ކަމަށެވެ. އެއީ 139 އަންހެން ހާފިޒުންނާއި، 162 ފިރިހެން ހާފިޒުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އަމާޒަކީ މި ފަސް އަހަރުގެ ތެރޭގައި މި އަދަދު 500އަށް އެރުވުން ކަމަށެވެ. މީގެ އިތުރުން އިސްލާމީ ދުނިޔޭގައި އެ ގައުމެއްގެ ރައްޔިތުންގެ ނިސްބަތުން އެންމެ ގިނަ ހާފިޒުން ތިބި ގައުމަކަށް ރާއްޖެ ހެދުމަކީ އަމާޒެއްކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ރަށެއްގައި ޤުރުއާނާ ބެހޭ ގޮތްޕެއް ގާއިމްކުރުމެވެ. އެގޮތުން ކުރެވޭ މަސައްކަތުގެ ތެރެއިން މި އަހަރު 50 ގޮފި ހަދާނެ ކަމަށާއި މިހާތަނަށް ހަ ގޮފި ރަޖިސްޓަކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި މިވަގުތުވެސް ގުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު 1800އަށް އަރާފައިވާކަން ޝަހީމް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އަންނަން އޮތް އިތުރު 17 ފްލައިޓެއް ކެންސަލްކޮށްފި

މެދުއިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ތަވާލުކޮށްފައި އޮތް 17 ފްލައިޓެއް ކެންސަލްކޮށްފިއެވެ.

އެމެރިކާއާއި އިސްރާއީލުން އިއްޔެއިން ފެށިގެން އީރާނަށް ހަމަލާ ދެމުން އަންނައިރު، އީރާނުން ދަނީ މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ސަބަބުން އެ ސަރަހައްދުގެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވާއިރު، ރާއްޖެއަށް އަންނަ އެންމެ ގިނަ ފަތުރުވެރިން ދަތުރުކުރާ އެއާލައިންތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.

ވެލާނާ އެއާޕޯޓުގެ ފްލައިޓު ޝެޑިއުލްތަކުން އެނގޭ ގޮތުގައި، މާދަމާއަށް ތާވަލުކޮށްފައިވާ 17 ފްލައިޓެއް މިހާރު ވަނީ ކެންސަލްކޮށްފައެވެ. މިގޮތުން، ކެންސަލްކުރި ފްލައިޓުތައް ނިސްބަތްވާ އެއާލައިންތަކުގެ ތެރޭގައި، ގަލްފް އެއާ، އެއާ އަރަބިއާ، ފްލައިދުބާއީ އެއާވޭސް، ގަތަރު އެއާވޭސް އަދި އެމިރޭޓްސް ހިމެނެއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބުނި ގޮތުގައި، މިއަދު ވެސް 19 ފްލައިޓެއް ކެންސަލްވެ، 3،530 ފަސިންޖަރުންނަށް ދަތިތަކާ ކުރިމަތިވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، ހަނގުރާމައާ ގުޅިގެން އިއްޔެ ފްލައިޓުތައް ކެންސަލްވެ، އެއާޕޯޓު އޮތީ ތޮއްޖެހިފައެވެ. މިގޮތުން، ނުފުރި އެއާޕޯޓުގައި ތާށިވި ފަސިންޖަރުންނަށް އެމްއޭސީއެލްއިން ވަނީ، ކުރީގެ ޑޮމެސްޓިކް ޓާމިނަލުގެ ތެރޭ ތިބެވޭނެ އިންޒިތާމު ހަމަޖައްސަދީފައެވެ.

އެމްއޭސީއެލްއިން ބުނި ގޮތުގައި، ރޭގެ ނިޔަލަށް ނުފުރި ތިބި 130 ފަސިންޖަރުންނަށް ވަނީ ޒަރޫރީ ތަކެތި ފޯރުކޮށްދީފައެވެ.

ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމް ވަނީ، ރާއްޖެއަށް ދުވާލަކު އަންނަ ފަތުރުވެރިންގެ ތެރެއިން 35 އިންސައްތަ ފަތުރުވެރިންނަކީ މެދުއިރުމަތީގެ ފަތުރުވެރިން ކަމަށް ވާއިރު، ހަނގުރާމައިގެ ސަބަބުން ދެން އެ އަދަދު ވެސް ދަށްވާނެ ކަމަށާއި އޭގެ އަސަރު ވަރަށް ބޮޑަށް އާމްދަނީއަށް ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، އިސްރާއީލާއި އެމެރިކާއިން އަދިވެސް އީރާނަށް ހަމަލާ ދެމުން އަންނައިރު، އީރާނުން ވެސް އަންނަނީ ރައްދު ހަމަލާތައް ދެމުންނެވެ.

ހަނގުރާމަ ދެމިގެންދާނަމަ، ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވުން އެކަށީގެންވޭ

އިސްރާއީލާއީ އެމެރިކާއިން ދޭ ހަމަލާތަކަށް އީރާނުން ދެމުން އަންނަ ރައްދުތަކާއެކު ފެށިފައިވާ ހަނގުރާމަ ދިގުލައިގެންދާނަމަ، ރާއްޖެއަށް އިިގުތިސާދީ ގޮތުން ލިބޭ ގެއްލުން ކޮވިޑް-19ގެ ބަލިމަޑިކަމުގެ ތެރޭގައި ލިބުނު ގެއްލުމަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށް ތަޖުރިބާކާރުން މިރޭ ބުނެފައި ވެއެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭ ހަމަލާތަކާ ގުޅިގެން، އީރާނުން އަންނަނީ، މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ ދެމުންނެވެ. އޭގެ ތެރޭގައި ޔޫއޭއީ، ކުވޭތު، ބަހްރެއިން، ސައުދީ އަރަބިއާ އަދި ގަތަރު ހިމެނެއެވެ.

އޭގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބަންދުކުރުމުން، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މަގަށް ވަނީ ހުރަސްއެޅިފައެވެ.

މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ މައި މަގު ކަމުގައިވާ ހޮރްމޫޒް ކަނޑުއޮޅި ހުރަސްކޮށް ކުރާ ދަތުރުތައް ބޮޑެތި ޝިޕިން ކުންފުނިތަކުން ވަނީ މެދުކަނޑާލައިފައެވެ.

ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ގާތްގަނޑަކަށް 20 އިންސައްތަ ދަތުރުކުރަނީ، އީރާނާ ކައިރީ އޮންނަ މި ކަނޑުއޮޅި ހުރަސްކޮށެވެ. މި މަގު ބަންދުވެއްޖެނަމަ، ތެލުގެ އަގު އިންތިހާއަށް އުފުލިގެންދާނެއެވެ.

އެ ހަނގުރާމައަށް އިޝާރާތްކުރައްވައި، ތަޖުރިބާކާރެއް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަނގުރާމަ ދެމިގެންދާނަމަ، ކޮވިޑް-19ގެ ތެރޭގައި ރާއްޖެއަށް އިގުތިސާދީ ގޮތުން ލިބުނު ގެއްލުމަށް ވުރެ ބޮޑު ގެއްލުމެއް ލިބުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ސިނާއަތެއް ވެސް، ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައި އޮތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން، ސަޕްލައި ޗެއިންނާއި ލޮޖިސްޓިކްސްގެ އިތުރުން، ކަމާ ގުޅުންހުރި މުހިންމު އިންފްރާސްޓްރަކްޗާ ނުވަތަ ބިނާރަށް ގެއްލުންވުމުގެ ނުރައްކާ އޮތް ކަމަށެވެ.

އިތުރު ޕޯސްޓެއްގައި ވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލު ވަރަށް ގާތުން ބަލަން ޖެހޭކަން ފާހަގަކުރައްވައިފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖެ ފުރަބަންދުކުރަން ޖެހި، ފަތުރުވެރިކަން ހުއްޓުމަކަށް އައިސް، ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތައްވިއެވެ. އެގޮތުން ބަލި ފެތުރުނު ފުރަތަމަ އަހަރު ކަމަށްވާ 2020ގައި ގައުމަށް އާމްދަނީ އާއި ހިލޭ އެހީ ލިބުނު މިންވަރު ގާތްގަނޑަކަށް 50 ޕަސެންޓް ދަށްވިއެވެ.

މުސްލިމުން ރޯދަމަހުގެ ދުވަސްތައް ގުނަމުންދާއިރު، މި ދުވަސްވަރަކީ އާންމުކޮށް ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލޭ ދުވަސްވަރެކެވެ.

މީގެ އިތުރުން، މިދިޔަ އަހަރަކީ ރާއްޖޭގައި ފާއިތުވި 13 އަހަރުތެރޭ ތަކެތީގެ އަގު އެންމެ ބޮޑަށް އުފުލުނު އަހަރުކަން ވެސް ފާހަގަކުރެވެއެވެ. އެއީ، ކޮވިޑްގެ އަހަރުތަކުގައި ވެސް ނުއުފުލޭ މިންވަރަކަށެވެ.

ތަކެތީގެ އަގުތައް އުފުލުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޑޮލަރުގެ އަގު ނުހިފެހެއްޓުން ހިމެނުނުއިރު، މި އަހަރު ވެސް ރާއްޖޭން ބޭރަށް ބޮޑު ދަރަނިތައް ދައްކަން ޖެހުމުން، ޑޮލަރުގެ އަގު އުފުލުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތެވެ.

އީރާނުން ދޯހާގެ އުސް އިމާރާތަކަށް ހަމަލާދީފި

އީރާނުން ދޯހާގެ އުސް އިމާރާތަކަށް ހަމަލާދީފިއެވެ.

އީރާނުން ދޯހާއަށް ހަމަލާތަކެއް ދެމުން އަންނަނީ އެމެރިކާ އާއި އިސްރާއީލުން އެގައުމުން މިއަދު ހެނދުނު ދޭން ފެށި ހަމަލާތަކާއި ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނެވެ. އެގޮތުން ދޯހާއަށް ދޭ ހަމަލާތަކަކީ އެގައުމުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުން އަންނަ ހަމަލާތައް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ރިޕޯޓްތަކުން އެފަދައިން ބުނެފައިވާއިރު، އީރާނުގެ ހަމަލާއެއް ދޯހާގެ އުސް އިމާރާތަކަށް އަމާޒުވާ މަންޒަރު ފެންނަ ވިޑީއޯތަކެއް މިހާރު މީސްމީޑިއާގައި ދަނީ ދައުރުވަމުންނެވެ. ރިޕޯޓްތަކުން ބުނާ ގޮތުގައި ހަމަލާ އަމާޒުވެފައިވާ އުސް އިމާރާތަކީ ދޯހާގައި ހުންނަ ގްރޭންޑް އެއާ ހޮޓަލެވެ.

އެ ހޮޓަލަކީ އެއީ އެމެރިކާގެ ފަސް ވަނަ ފްލީޓް މަރުކަޒުގެ ހެޑްކުއާޓާސް ކައިރީގައި ހުންނަ، އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލުން ދިރިއުޅޭ އިމާރާތެއް ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ދޯހާގެ އިތުރުން ވެސް އީރާނުން ދަނީ މެދުއިރުމަތީގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައިވާ ގައުމުތަކަށް ހަމަލާތައް ދެމުންނެވެ. އޭގެ ތެރޭގައި ކުވެއިތް، އަބޫދާބީ ފަދަ ގައުމުތައް ވެސް ހިމެނެއެވެ.