އެމެރިކާ އާއި އިިސްރާއީލުގެ ހަމަލާތަކާއި ގުޅިގެން އީރާނުން މެދުއިރުމަތީ ސަރަހައްދުތަކުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދެމުން އަންނަ މިސައިލް އަދި ޑްރޯން ހަމަލާތަކުގެ ސަބަބުން ބަންދު ކުރި ގަތަރުގެ ވައިގެ ސަރަހައްދު އަލުން ހުޅުވާލައިފިއެވެ.
ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިއްޔެ ބުނީ ގަތަރުގެ އަސްކަރިއްޔާއާ ގުޅިގެން އެ ސަރަހައްދުން ދަތުރުތައް ކުރާނީ “ލިމިޓެޑް އޮޕަރޭޝަނަލް ކެޕޭސިޓީ ހުންނަ ނެވިގޭޝަނަލް ކޮންޓިންޖެންސީ ރޫޓުތަކުން” ނުވަތަ ހުޅުވާލާފައިވާ ހާއްސަ ކޮރިޑޯއެއްގެ ތެރެއިން ކަމަށެވެ.
މިއީ ގަލްފުގެ އެންމެ މުހިންމު އެއް އޭވިއޭޝަން ހަބަށް ވައިގެ ދަތުރުތައް އަލުން ފަށަން އެޅި ފިޔަވަޅެކެވެ. ނަމަވެސް ދޯހާއަށް ކުރާ ދަތުރުތައް އިއުލާން ކުރެވެންދެން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ގަތަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ އަލުން ހުޅުވާފައި ވަނީ އެންމެންނަށް ނޫން ކަމުގައިވިޔަސް، ފަސިންޖަރުން އިވެކުއޭޓް ކުރުމަށް ހާއްސަކޮށްފައިވާ ފްލައިޓްތަކާއި އެއާ ކާގޯ ސާވިސްތަކަށް ހާއްސަކޮށްފައިވާ މަދު ކެޓަގަރީއެއްގެ ފްލައިޓްތަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަަމަށެވެ.
އަދި ބުކިން ކަށަވަރުވެފައިވާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން ސީދާ އެއާލައިންތަކުން ދޭ އަޕްޑޭޓްތަކަށް ބެލުމަށް ވަނީ އެދިފައެވެ.
ގަތަރު އެއާވޭސް އިން ބުނީ މިއަދު ހަމަދު އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލަންޑަން (އެލްއެޗްއާރް)، ޕެރިސް (ސީޑީޖީ) އާއި މެޑްރިޑް (އެމްއޭޑީ) އާއި ރޯމް (އެފްސީއޯ) އަދި ފްރޭންކްފާޓް (އެފްއާރްއޭ) އަށް ރިޕެޓްރިއޭޝަން ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަދި އާއިލާ އާއި އުމުރުން ދުވަސްވީ ފަސިންޖަރުން އަދި ސިއްހީ އެހިތެރިކަން ބޭނުންވާ މީހުންނާއި، މުހިންމު ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު