އެމްޑީޕީން މިހާރު ރާއްޖޭގެ ރަށްރަށަށް ކުރަމުންދާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން، އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން އަހްމަދު އަބްދުﷲ ށ. ފޯކައިދޫގައި ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން، މި ސަރުކާރާ ދެކޮޅަށް ކުރެވެމުންދަނީ ގައުމީ ޖިހާދެއް ކަމަށް ސިފަކުރައްވައިފިއެވެ.
ފޯކައިދޫގައި ބޭއްވި މި ޖަލްސާގައި އަހްމަދު ވިދާޅުވީ، މި ސަރުކާރަކީ “އަނިޔާވެރި، މަކަރުވެރި، އަދި ދޮގުވެރި” ސަރުކާރެއް ކަމަށެވެ. އަދި ސަރުކާރުގެ ވެރިން ދައްކަވަމުންދާ އަވާމެންދުރުގައި ނުޖެހި، މި ރާއްޖެ އަނބުރާ ދިވެހި ރައްޔިތުންނަށް ހޯދައިދިނުމަކީ އެމްޑީޕީގެ މައްޗަށް އޮތް ގައުމީ ޒިންމާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިޝާރާތް ކުރައްވަމުން އަހްމަދު ވިދާޅުވީ، “އިރާދަކުރެއްވިއްޔާ އޭޕްރީލް 4 ގައި ނިކުމެ މި ރާއްޖެ މިއޮތް އަނިޔާވެރިކަމުން ސަލާމަތްކޮށް، މި ރަށުން (ފޯކައިދޫން) ދިހައެއް ސުމަކުން އަދި މުޅި ރާއްޖެއިން ބޮޑުތަނުން މި ސަރުކާރު ބަލިކޮށްލާނެ” ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީއަކީ އެއްވެސް އިރެއްގައި ހިތްވަރު އެލޭނެ ބައެއް ނޫންކަން ފާހަގަކުރައްވަމުން އަހްމަދު ވަނީ އެމްޑީޕީ ފުހެލާނެ ކަމަށް ވެރިކަން ކުރާ ޕާޓީގެ އިސްފަރާތްތަކުން ދައްކާ ވާހަކަތަކަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީ ފުހެލަން އުޅޭނެ ކަމެއް ނެތް ކަމަށާއި، އެމްޑީޕީ ނައްތާލަން އައި އެތައް ބަޔަކު މިއަދު ސިޔާސީ މައިދާނުން ގެއްލި ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީން އަންނަނީ ލޯކަލަ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ރާއްޖޭގެ އެކި އަތޮޅުތަކަށް ޒިޔާރަތްކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ރޭ ފޯކައިދޫގައި ބޭއްވި ޖަލްސާއަކީ ވެސް އެ ޕާޓީގެ ތާއީދު އިތުރުކުރުމަށް ބޭއްވި މުހިންމު ހަރަކާތެކެވެ.
ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، އެ ޕާޓީގެ ސަފުތައް އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވެއްޖެއެވެ.
ރަށްރަށަށް ކުރަމުންދާ ދަތުރުތަކުގެ ތެރެއިން ވާހަކަދައްކަވަމުން އަހުމަދު ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ފެނިގެންދާނީ މުޅި ރާއްޖެ އެއްކޮށް “ރީންދޫވެ”، އެމްޑީޕީގެ ކުލައިން ފެންވެރިގެންދާ މަންޒަރު ކަމަށެވެ. އަދި އެއަށްފަހު ރާއްޖޭގައި ފެށިގެންދާނީ އެމްޑީޕީގެ އުޖާލާ “ރަން ޒަމާން” ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިހާރު އަތޮޅުތެރެއަށް ކުރަމުންދާ ދަތުރުތަކާ ގުޅޭގޮތުން އަހުމަދު ވިދާޅުވީ، ކޮންމެ ރަށަކުންވެސް ފެންނަނީ ޕާޓީގެ ސަފުތައް ފުޅާވެ، ކުރިއަށްވުރެ ބޮޑަށް ވަރުގަދަވަމުން އަންނަ މަންޒަރު ކަމަށެވެ. މީގެ އިތުރުން، ގިނަ ރަށްތަކަކުން ފޯކައިދޫ އަކީ ސިޔާސީ މަސައްކަތުގައި ނަމޫނާ އެއްގެ ގޮތުގައި ބަލަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ޒުވާނުންނަށާއި ރައްޔިތުންނަށް ނަސޭހަތްތެރިވަމުން އަހުމަދު ވިދާޅުވީ، ހުރިހާ ބޭފުޅުންވެސް ނިކުމެ، “ހެދިހާ ގޮތެއް ހެދިގެން” ނުތިބޭނެކަން ހާމަކުރަންޖެހޭ ކަމަށެވެ. ރައްޔިތުންގެ ހައްގުތަކާއި މުސްތަގުބަލަށްޓަކައި ބަސް ބުނުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.
ވާހަކަ ނިންމާލަމުން އަހުމަދު ވިދާޅުވީ، އެމްޑީޕީ މިވަގުތު އޮތީ ވަރަށް ހިތްވަރުގަދަ، އަދި އެއަށްވުރެ މާ ވަރުގަދަ އަޒުމެއްގައި ކަމަށެވެ. އަދި ޕާޓީއަށް ލިބޭނެ ބޮޑު ކާމިޔާބީ އޮތީ ވަރަށް ގާތުގައި ކަމަށް ވިދާޅުވެ، ސަޕޯޓަރުންނަށް އުންމީދު އާކޮށްދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު