އިހުތިޖާޖުގައި ތިބި މީހުންނަށް ރޯދަ ވީއްލަން ފެން ދޭން ފުލުހުން ހުރަސް އަޅައިފި

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ނަގާ ފެންނަ ނުފެންނަ ވޯޓާއި ގުޅިގެން ސަރުކާރުން ބޭނުންވާ ގޮތަށް އެކަނި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ޕްރޮގްރާމާއި ހަބަރު ގެނެސްދޭތީ އެތަނުގެ ވެރިންނާއި ބައްދަލުކުރަން ގޮސް ތިބި އެމްޑީޕީގެ ޓީމް ރޯދަ ވީއްލަން ފެންދިނުމަށް އެތަނުގައި ތިބި ފުލުހުން ހުރަސް އަޅައިފި އެވެ.

އެމްޑީޕީގެ ޓީމުން ޕީއެސްއެމްގެ ވެރިންނާއި ބައްދަލުކުރަން ދިޔައީ ހޯމަ ދުވަހުގެ މެންދުރު 1 ޖެހި އިރު އެވެ. ނަމަވެސް ޕީއެސްއެމްގެ އިސް ވެރިން ވަނީ އެމްޑީޕީގެ ޓީމާއި ބައްދަލުކުރަން ދެކޮޅު ހަދާފަ އެވެ. ޕީއެސްއެމްގެ ރިސެޕްޝަނުގައި އެމްޑީޕީގެ ޓީމުން މަޑުކޮށްގެން ތިބީ ވެރިންނާއި ބައްދަލުކޮށް ކަންކަން ހައްލުކުރުމަށް މަޝްވަރާ ކުރުމަށެވެ. ނަމަވެސް ޕީއެސްއެމްގެ ވެރިން އަންގައިގެން އެތަނަށް ފުލުހުން ފޮނުވާ ގަދަކަމުން އެތަނުން މީހުން ބޭރު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ބަންގި ގޮވުމުން އެތާ އެތެރޭގައި ތިބި މީހުން ރޯދަ ވީއްލަން ފެން ދޭން ވެސް ފުލުހުން ވަނީ ދެކޮޅު ހަދާފަ އެވެ. ޕީއެސްއެމް ކައިރީގައި ހަރަކާތްތެރިވަމުން އަންނަ ރާއްޖެޓީވީގެ ނޫސްވެރިޔާ ބުނީ، ބަންގި ގޮވުމުން އެތެރޭގައި ތިބި މީހުންނަށް ފެން ދޭން ބޭރުން  ފެން ވައްދަން އުޅުމުން ފުލުހުން އެކަމަށް ދެކޮޅު ހެދި ކަމަށެވެ. އަދި ފެން ވައްދަަދޭން އެދުމުން ވެސް ނުވެއްދޭނެކަމަށް ބުނެ ދޮރު ބަންދުކޮށްފައިވާ ކަމަށާއި، އެންމެފަހުން ފެން ބައްދަން ޖެހުނީ ގަދަކަމުން ދޮރު ހުޅުވާލައިގެން ކަމަށް ނޫސްވެރިޔާ ބުންޏެވެ.

ޕީއެސްއެމްއަށް އެމްޑީޕީގެ މެންބަރުން ބައްދަލުކުރަން ގޮސް ތިއްބާ އެތަނުގެ ޑީއެމްޑީ މުހައްމަދު އަބްދުﷲ ޔާމީން ވަނީ އިމާރާތުން ނުކުމެގެން ގޮސްފަ އެވެ. ނަމަވެސް ރިސެޕްޝަނުގައި ވެރިންނާއި ބައްދަލުކުރުމަށް މެންދުރު އެދުމުން ރިސެޕްޝަނުގައި އިން މުވައްޒަފު ވަނީ މިއަދަކީ ބަންދު ދުވަހެއް ކަމަށާއި، އެއްވެސް ވެރިއެއް ނެތް ކަމަށް ބުނެ ދޮގު ހަދާފަ އެވެ.

ހަތް އަހަރު ނުވަނީސް ވެސް ކުއްޖަކަށް ސަނީ އުމަރު ޖިންސީ ގޯނާކުރި، ސާބިތުވެއްޖެނަމަ 44 އަހަރުގެ ހުކުމެއް އަންނާނެ!

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި ސަނީ އުމަރުގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާ އުފުލައިފި އެވެ.

ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ސަނީ އުމަރުގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފަ އެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ދައުވާތައް ސާބިތުވާ ހާލަތުގައި އެންމެ ބޮޑު އަދަބު ދިނުމަށް އެ އޮފީހުން އެދޭނެ އެވެ. އޭރުން އޭނާގެ މައްޗަށް 44 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

އެއީ ކުޑަކުއްޖެއްގެ ހަށިގަނޑުގެ ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ކުށުގެ ތިން ދައުވާ އާއި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި މި ދައުވާތައް އުފުލީ ކުޑަ ކުއްޖެއްގެ ޢުމުރުން 7 އަހަރު ވުމުގެ ކުރިން ފެށިގެން 2025 އޮގަސްޓު މަހާ ހަމައަށް، އެކި ދުވަސް މަތިން، އެކި ތަންތަނުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ސަނީ އުމަރު ގަސްތުގައި އަތްލާފައިވާތީ އެވެ.

އޭގެ އިތުރުން، ކުޑަކުއްޖެއްގެ އުމުރުން 10 ނުވަތަ 11 އަހަރުގައި އެ ކުއްޖާ ގައިގާ ޖިންސީ ނިޔަތެއް އޮވެގެން ސަނީ އުމަރު ވަނީ ގަސްތުގައި އަތްލާފަ އެވެ. އަދި ކުޑަކުއްޖެއްގެ އުމުރުން ނުވައެއް ނުވަތަ 10 އަހަރުގައި އެ ކުއްޖާ ގައިގައި ޖިންސީ ނިޔަތެއް އޮވެގެން އޭނާ އަތްލާފައިވާ ކަމަށް ދައުވާ އުފުލިކަން ހާމަކުރަމުން ޕީޖީން ބުނެފައިވެ އެވެ.

އޭނާގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކުރަނީ ފޯނެއް ގެއްލިފައިވާ ކަމަށް ބުނުމާއި ސިމާ ގުޅޭ މައުލޫމާތު ނުދިނުމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން އޭނާ ރާއްޖެ ދޫކޮށް ފިލި އެވެ. ނަމަވެސް ޑިސެމްބަރު 1، ގައި އެނބުރި ރާއްޖެ އައެ އެވެ.

ސަނީ އުމަރު އެނބުރި ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާ އެއާޕޯޓުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު، ސުވާލު ކުރުމަށް ޕޮލިސް ސްޓޭޝަނަކަށް ގެންގޮސްފަ އެވެ. އެކަމަކު އޭގެ ފަހުން އޭނާ ދޫކޮށްލީ އެވެ.

އަދި ޑިސެމްބަރު 1، ގެ ރޭ މާލެއިން އަވައްޓެރި ސްރީ ލަންކާއަށް ފުރަން އޮތް މަތިންދާބޯޓަކަށް އަރައި އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް އަނެއްކާ ވެސް ދޫކޮށްލުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ތިންވަނަ ފަހަރަށް ހައްޔަރުކުރީ ޑިސެމްބަރު 2، ގަ އެވެ.

ސަނީގެ ފަރާތުން އަނިޔާ ލިބުނު ކުދިންގެ އާއިލާގެ މީހަކު މި ނޫހާ ވާހަކަ ދައްކަމުން ބުނީ ސަނީ ވަނީ މީގެ 10 އަހަރު ކުރިން ފެށިގެން އެކި ގޮތް ގޮތުން އާއިލާގެ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރަން ފަށާފައި ކަމަށެވެ. އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ބައެއް ކުދިންނަށް ވަރަށް ބޮޑަށް ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ދަ ޓްރެވެލް ގައިސް, މޯލްޑިވްސް ހަލާލް ޓްރެވަލް، ހަލާލް ވީކްލީ، ޓެލެންޓް އެމްވީ، އައިލެންޑް ޕޯސްޓް އަދި ކަވި ޕްރައިވެޓް ލިމިޓެޑަކީ ސަނީ އުމަރު އުފެއްދި ބައެއް ކުންފުނިތަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން ވިޔަފާރިތަކުގައި އޭނާ މަސްލަހަތު އޮވެ އެވެ.

ސަނީ އުމަރުގެ މައްސަލަތައް ފެންމަތިވުމުން ޓްރެވަލް ގައިސް އިން ނެރުނު ބަޔާނެއްގައި ބުނީ، ކުންފުނީގައި އޮތް ސަނީގެ ހިއްސާތައް އަތުލުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ބުނެފައި ވަނީ ސަނީގެ މައްސަލަ ތަހުގީގު ކުރުމުގައި އެއްވެސް އެހީއަކަށް ފުލުހުން އެދެފި ނަމަ ފުރިހަމަ އެއްބާރުލުން ކުންފުނިން ދޭނެ ކަމަށެވެ.

ސަރުކާރުގެ ސިޔާސަތެއް ނެތް! ބަދަލަކަށް ވޯޓު ދޭންވީ އެމްޑީޕީއަށް : އަބްދުﷲ ސާހިދު

އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ސާހިދު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ހޮނިހިރު ދުވަހު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށާއި، ރައްޔިތުންގެ ހާލަތު ބެއްލެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ލ.މާބައިދޫ ކެނޑިޑޭޓުންނާއި އެކު— ފޮޓޯ:ހަވާސާ

 

މި ދަތުރުފުޅާ ގުޅޭގޮތުން ސާހިދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލ. އަތޮޅަށް ކުރެއްވި ދަތުރު ނިންމަވާލެއްވީ ކައުންސިލް އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު ލ. ގަމުގެ ބައެއް ގޭގެއަށް ޒިޔާރަތްކުރުމަށްފަހު ކަމަށެވެ.

ސާހިދު ފާހަގަކުރެއްވި ގޮތުގައި، ހައްދުންމަތީގެ އެހެން ރަށްރަށެކޭ އެއްފަދައިން ގަމުގެ ގޭގެއިންވެސް އިވެނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކެއް ނެތުމުގެ ޝަކުވާއެވެ. “ހައްދުންމަތީގެ އެހެން ރަށްރަށެކޭ އެއްފަދައިން ގަމުގެ ގޭގެއިންވެސް އިވުނީ ސަރުކާރުގެ ސިޔާސަތުތަކެއް ނެތަތީ މިފަހަރު ވޯޓު ދޭން ޖެހެނީ އެމްޑީޕީ އަށް ކަމަށް ބުނާ އަޑު،” ސާހިދު ލިޔުއްވާފައިވެއެވެ.

މި ދަތުރުފުޅުގައި ސާހިދު ވަނީ އެ އަތޮޅުގެ އެކި ރަށްރަށަށް ޒިޔާރަތްކޮށް، ރައްޔިތުންނާ ބައްދަލުކޮށްފައެވެ. ސާހިދު ވިދާޅުވީ ރައްޔިތުންގެ މިފަދަ ޝުޢޫރުތަކުން ހާމަވަނީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ނުފުއްދޭކަމާއި، ސާފު މަގުޗާޓެއް ނެތްކަން ކަމަށެވެ.

 

ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު، އެ ޕާޓީގެ އިސްވެރިން އަންނަނީ އަތޮޅުތެރޭގެ ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕޭން ހަރަކާތްތައް ވަރުގަދަކުރަމުންނެވެ. އެމްޑީޕީން ދެކޭގޮތުގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކައުންސިލްތަކުގެ އަޣުލަބިއްޔަތު އެ ޕާޓީއަށް ލިބުން މުހިންމެވެ

ބާޒާރުމަތީގައި މާރުކޭޓު ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ޙަވާލުކޮށްފި، އަގަކީ 27 މިލިއަން ރުފިޔާ

ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރަން ކޮންޓްރެކްޓަރާ ޙަވާލުކޮށްފިއެވެ.

މި މަސައްކަތް ޙަވާލުކޮށްފަވަނީ ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ. މި މާރުކޭޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

އިމާރާތް ކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލްއެވެ. އަދި ޓްރަސްޓެންގ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީއެވެ. މި މާރުކޭޓު ތަރައްޤީ ކުރަނީ، މާލެ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައެވެ. މާރުކޭޓު ކޮމްޕްލެކްސް ތަރައްޤީކުރަނީ 6 ފަންގިފިލާއަށެވެ.

މާރުކޭޓު ކޮމްޕްލެކްސް:

– ބޭސްމަންޓް – ޕާރކިންގ
– ގްރައުންޑް ފްލޯ – ފިޝް މާރކެޓް
– 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ – ވެޖިޓަބަލް މާރކެޓް
– 4 ވަނަ ފްލޯ – ފުޑް ކޯޓު

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފަވަނީ 1 އަހަރާ 8 މަސް ދުވަހުން މަސައްކަތް ނިންމާ ގޮތަށް، 126,359,594.94 ( ސަތޭކަ ސައްބީސް މިލިއަން، ތިން ލައްކަ ފަންސާސް ނުވަ ހާސް، ފައްސަތޭކަ ނުވަދިހަ ހަތަރު ތުފިޔާ، ނުވަދިހަ ހަތަރު ލާރި) އަށެވެ.

މި ޕްރޮޖެކްޓާއެކު، މާލެ ބާޒާރުމަތީ ސަރަޙައްދުގައި ހިންގަމުންދާ ހުރިހާ މާރުކޭޓުތަކެއް މި އިމާރާތައް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިހާރު ބާޒާރުމަތީގައި މި ޚިދުމަތްތައް ދެނީ، ވަކި ބިންތަކުގައި ވަކިން ހިންގާ މާރުކޭޓުތަކެއްގެ ގޮތުގައެވެ. އެގޮތުން ދަތުރުވެރިންގެ މާރުކޭޓު، މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓާއި، މަސް މާރުކޭޓުވެސް ހިންގަމުން ދަނީ ވަކިންނެވެ.

މާލޭގެ ބާޒާރުމަތީ ސަރަޙައްދު ތަރުތީބުކޮށް، އެތަނަކީ ޚިދުމަތް ހޯދާ ފަރާތްތަކާއި ޚިދުމަތް ދޭ ފަރާތްތަކަށް ލުއިފަސޭހަ ސަރަޙައްދަކަށް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުން އެ ސަރަޙައްދުގެ މަގު ފުޅާކޮށް، ތާރު އަޅުމަށްފަހު އެ ސަރަހައްދު ވަނީ ތަރައްޤީކޮށްފައެވެ. އަދި ބޯޓުތަކާއި، މަސް ދޯނިތައް ކައިރި ކުރާ ބަނދަރު ސަރަޙައްދަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. މާރުކޭޓު ކޮމްޕްލެކްސްގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިމިގެންދާއިރު، އެ ސަރަޙައްދުގެ މަލަމަތި ބަދަލުވެ، މުޅި އެ ސަރަޙައްދަށް ބޮޑު ލުޔެއް އަންނާނެއެވެ.

ހަނގުރާމައާ ގުޅިގެން ޓާސްކްފޯހެއް އުފައްދައި، ވަގުތު ފާއިތުނުވަނީސް ހަރުދަނާ ފިޔަވަޅުތަށް އެޅުމަށް ފައިސަލް ގޮވާލައްވައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޚާއްޞަ ޓާސްކްފޯހެއް އުފެއްދުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ނާއިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، ދުނިޔެ މިއަދު އޮތީ ގޮތް ނޭނގޭ ބޮޑު ހަނގުރާމައެއްގެ ތެރޭގައި ކަމަށާއި، މި ހަނގުރާމަ ނުހުއްޓި ކުރިއަށްދާނަމަ އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެ އެއް ޤައުމަކީ ރާއްޖެ ކަމަށެވެ. ރާއްޖޭގެ އިމްޕޯޓް ވިޔަފާރީގެ ބޮޑު ބައެއް، ޚާއްޞަކޮށް ކޯވިޑް-19 އަށް ފަހު، މެދުއިރުމައްޗާ ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުރީގެ ނާއިބް ރައީސް ފައިސަލް ވިދާޅުވީ، ތެލާއި، ގޭސް އަދި އަސާސީ ކާބޯތަކެތި ލިބުމުގައި ދަތިކަމެއް ނުވާނެ ކަމަށް މިދިޔަ ހަފުތާގައި ސަރުކާރުން ޔަޤީންކަން ދީފައިވީ ނަމަވެސް، މިއަދު ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ތެޔޮ ގަތުމަށް ސަރުކާރުން މަހަކު ކުރާ 50 މިލިއަން ޑޮލަރުގެ ހޭދަ 75 މިލިއަން ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، މީގެ ސަބަބުން ތަކެތީގެ އަގު އުފުލި، ރިސޯޓުތަކާއި ކުދި ވިޔަފާރިތަކަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ފައިސަލް އިންޒާރު ދެއްވިއެވެ.

އިޤްތިޞާދީ ހާލަތަށް އަލިއަޅުއްވާލައްވަމުން ކުރީގެ ނައިބު ރައީސް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު އިޤްތިޞާދު އެންމެ ރަނގަޅަށް މެނޭޖު ކުރެވިފައި ނުވާ ކަމަށެވެ. އަދި މިހާރުވެސް ދަރަނި ދެއްކުމަށާއި ޚަރަދުތައް ފޫބެއްދުމަށް އިތުރު ދަރަނި ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މިއީ ދަރަނި ހޯދުމަށްވެސް އުނދަގޫ ވަގުތެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ހަނގުރާމަ އާއި ގުޅިގެން ފައިސަލް ނަސީމް ވަނީ ސަރުކާރަށް މުހިންމު އިރުޝާދުތަކެއް ދެއްވާފައެވެ.

ޓާސްކްފޯހެއް އުފެއްދުން: ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން، ކަމާގުޅޭ ފަރާތްތަކާއެކު ޤައުމުގެ ކަންކަން މެނޭޖުކުރުމަށް ޓާސްކްފޯހެއް އުފެއްދުން.

އިސްރާފު ހުއްޓާލުން: ސަރުކާރަށް ތާއީދު އިތުރުކުރުމަށް އުފައްދާ ބޭކާރު ވަޒީފާތަކަށް މީހުން ނެގުމާއި، ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކުރާ އިސްރާފު ހުއްޓާލުން.

ޚަރަދު ކުޑަކުރުން: ސަރުކާރު އޮފީސްތަކުގެ ހިންގުމުގެ ޚަރަދު ކުޑަކޮށް، ހަރުދަނާ ފިޔަވަޅުތަކެއް އެޅުން.

ވިޔަފާރި ބަނދަރު ބޭނުންކުރާ އޮޑި ދޯނި ފަހަރުން ނަގާ ފީ ބޮޑުކުރާކަށް ނޫޅޭ!

މާލޭގެ އުތުރު ފަރާތުގައި އޮންނަ ވިޔަފާރި ބަނދަރު ބޭނުން ކުރާ އޮޑި ދޯނިފަހަރުން ނަގާ ފީތައް ބޮޑު ކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ބުނެ ފަތުރަމުން އަންނަ ވާހަކަތައް އެމްޕީއެލްއިން މިއަދު ދޮގުކޮށްފިއެވެ.

އެމްޕީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ މާލޭ ނޯތު ހާބަރުގައި މިހާރު ނަގަމުންދާ ފީތައް ބޮޑު ކުރުމާ ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރިއަށް ނުދާ ކަމަށެވެ. އެހެންވެ، މިކަމާ ގުޅޭ ގޮތުން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ބަޔާނުގައިވެއެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަޝްރޫއުއާއެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ނޯތު ހާބަރުގެ ހިދުމަތްތައް ފުޅާކޮށް އޭ ޒޯން ބޭނުން ކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އަންގަވައިފައެވެ. އެމްޕީއެލްގެ ބަޔާނުގައި ވަނީ އެ ހިދުމަތް ފެށުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

“މި ކުންފުނީގެ އަމާޒަކީ މާލޭ ނޯތު ހާބަރު ބޭނުން ކުރާ އޮޑި ދޯނި ފަހަރަށް ވީހާ ވެސް ލުއި ފަސޭހަ ގޮތަކަށް ހިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން މާލޭ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލަށް މި މަހުގެ 14 އިން ފެށިގެން ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. މި ބަދަލުގެ ސަބަބުން މުދާ އުފުލާ ބޯޓުފަހަރުތަކުން ކިއޫގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވެ، ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ،” އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

އެމްޕީއެލްގެ ބަޔާނުގައި ބުނީ މަސްވެރިކަން ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަކޮށްފައިވާ މާލޭ ނޯތު ހާބަރުގެ “ޑީ ޒޯން”، “އީ ޒޯން”، އަދި “އެފް ޒޯން”، ބޭނުން ކުރާ އެއްވެސް އުޅަނދަކުން މިހާރު ވެސް ފީ ނުނަގާ ކަމަށެވެ. މާލެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމަށް ފަހު ހުޅުވާލުމާއެކު، މި ޒޯންތައް އަލުން ހުޅުވާލުމާއެކު، އެމްޕީއެލުން އުސޫލަށް ގެނައި ބަދަލަކީ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ރަޖީސްޓްރީކޮށްފައި ނުވާ އެއްވެސް އުޅަނދަކަށް އެ ސަރަހައްދު ބޭނުން ނުކުރެވޭ ގޮތް ހެދުމެވެ.

މާލޭ ނޯތު ހާބަރަކީ ގިނަ ރައްޔިތުންގެ މަސްލަހަތާ ގުޅިފައިވާ ތަނަކަށްވާއިރު، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ފަދަ ދޮގު މައުލޫމާތު ފެތުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް އެމްޕީއެލްގެ ބަޔާނުގައިވެއެވެ.

ރައީސް މުއިއްޒަށް މުހިންމުވަނީ ފަރުދަކަށް މުހިންމުވާ ކަންކަން: މިނިސްޓާރ ސައީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެންމެ މުހިންމު ވަނީ ކޮންމެ ފަރުދަކަށްވެސް މުހިންމުވާ ކަންކަން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިހާބާ ގާތްކޮށް ޓޮބާކޯ ބޭން ނުވަތަ ދުންފަތުގެ ބާވަތްތައް މަނާކުރުމުގެ ފިޔަވަޅުތައް ގެނައުމަށް ރައީސަށް ނުކެރޭނެ ކަމަށް ބުނަމުން ދިޔަ ވަގުތެއްގައި، އެކަން މަނާކުރެއްވުމަކީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައްޔިތުންނާ މެދު އޮތް ގާތްކަމާއި ވިސްނުން ހާމަވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރަހައްދުގައިވެސް އެފަދަ ކަމެއް ކުރެއްވި ވެރިއަކު ފެންނާކަށް ނެތެވެ. އަދި ރައީސް މުއިއްޒަކީ ފަހުގެ ސަރުކާރެއްގައި ފެނުނު އެންމެ ޒުވާން އެއް ރައީސްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުއަކީ ”މޫނު ބަލާ ލޯގަނޑެއް“ ފަދަ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ހަގީގީ އިސްލާހީ ބަދަލުތައް ނުވަތަ ރިފޯމް ގެނެސްދެއްވި މޭސްތެރިއަކީ އެމަނިކުފާނު ކަމަށެވެ.

މީގެ އިތުރުން، ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި ޖޯކު ޖެހި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މުހިންމީ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.

”ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މުހިންމީ ރައްޔިތުންނަށް މުހިންމުވާ ކަންކަން، އެފަދަ ވެރިޔަކު ނުފެންނާނެ“ ކަމަށް ވިދާޅުވެ ސައީދު ވަނީ ރައީސްގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ.

ވިހައިގެން އުޅޭ މުވައްޒަފުންނަށް، ދަރިފުޅަށްދޭ ވަގުތު އިތުރުކުރުމާ ގުޅޭ ބިލު ތަސްދީގުކުރައްވައިފި

ވިހައިގެން އުޅޭ މުވައްޒަފުންނަށް، ދަރިފުޅަށްދޭ ވަގުތު އިތުރުކުރުމާ ގުޅޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މިއީ ވަޒީފާއާބެހޭ ޤާނޫނަށް 9 ވަނަ އިޞްލާޙު ގެނައުމުގެ ބިލެވެ. މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 5 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މި އިޞްލާޙުގެ ދަށުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ، ވިހެއުމާގުޅިގެން ލިބޭ ޗުއްޓީ ހަމަކޮށް ވަޒީފާއަށް ނުކުންނަ ދުވަހުން ފެށިގެން ދަރިފުޅުގެ ޢުމުރުން 2 (ދޭއް) އަހަރު ފުރުމާ ހަމައަށް ކުއްޖާ ބެލުމަށް ވަގުތު ދިނުމަށް ކަނޑައެޅުމެވެ. މީގެ ބޭނުމަކީ ވިހައިގެން އުޅޭ މުވައްޒަފުންނަށް ދަރިފުޅަށް ބޭނުންވާ އަޅާލުމާއި ވަގުތު ދިނުމަށް މަގުފަހިކޮށްދިނުމެވެ.

މި ބިލުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމަށްވެސް ވަނީ ހިމަނާފައެވެ. އަދި ބިދޭސީ މުވައްޒަފުން ގެނައުމަށްޓަކައި ޤާނޫނުގެ ދަށުން ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ބައެއް ފަރާތްތައް އެ ފީ ދެއްކުމުން އިސްތިސްނާކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ.

އެގޮތުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަށް ނިސްބަތްވާ ވަޒީފާދޭ ފަރާތްތަކުގެ ތެރެއިން ވަކި ވިޔަފާރިތަކެއް ކޯޓާފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިއީ ޤާނޫނު ތަންފީޛުކުރުމުގައި ދިމާވާ ދަތިތައް ޙައްލުކޮށް، ދެފަރާތުގެ ޙައްޤުތައް ކަށަވަރުކުރުމަށް ގެނެވުނު ބަދަލުތަކެކެވެ.

މީގެއިތުރުން، މި އިޞްލާޙާއެކު ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ޤާނޫނުގެ ދަށުން ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅުއްވާފައެވެ. މި ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.

ޒިކުރާ މިސްކިތް ހުރިތަނުގައި ޒަމާނީ މިސްކިތެއް ބިނާކުރުމުގެ އަމަލީ މަސައްކަތް ފަށަނީ!

ޒިކުރާ މިސްކިތް ހުރިތަނުގައި ޒަމާނީ މިސްކިތެއް އެޅުމަށްޓަކައި ބިންގާ އަޅާނެކަމަށް އިސްލާމީ ކަންތައްތަކާއިބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިގޮތުން ބިންގާ އެޅުމަށް ހަމަޖެހިފައިވަނީ މިރޭ 9.30 ގައިކަމަށް ޝަހީމް ވިދާޅުވިއެވެ.

މާލޭ ގެ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތް ހުރި ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް ނިންމާފައިވާކަމަށް ޝަހީމް ވިދާޅުވީ މި މަހުގެ ކުރީކޮޅު އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ މަޖީދީ މަގުގައި ގިނަ ދުވަސްތަކެއްވަންދެން ވަގުތީ މިސްކިތެއްގެ ގޮތުގައި ހުރި ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށްޓަކައި ބޭނުންވާ އެހީ ހަމަޖެހިފައިވާކަމަށެވެ.

ޒިކުރާ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމަށް މި ރަމަޟާން މަހުގެ 27 ވިލޭރޭ ބިންގާ އަޅާނެކަމަށްވެސް އޭރު ޝަހީމް ވިދާޅުވިއެވެ. އެހެންނަމަވެސް މިސްކިތް ތަޅާލައި އަމަލީ މަސައްކަތް ފަށާނީ ރަމަޟާން މަސް ނިމުމުންކަމަށް ޝަހީމް ވިދާޅުވިއެވެ. މިއާއެކު މާލެ ގެ ބޮޑެތި ހުރިހައި މިސްކިތެއް އާވެގެން ދިޔައީ ކަމަށް ޝަހީމް ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ރަމަޟާން މަހުގެ މިހާތަނަށް 15 މިސްކިތް ހުޅުވާފައިވެއެވެ. ރޯދަމަސް ނިމޭއިރު ހުޅުވޭ މިސްކިތްތަކުގެ އަދަދު 20އަށް އަރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެފަވެއެވެ.

ޚަރަދުކުޑަކުރަން ރަށްރަށުގައި އީދުލައިޓު ނުދިއްލައި، ސިޓީތަކުގައި ދިއްލަން ނިންމައިފި

މެދިއިރުމަތީގައި މިހާރު އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިފަހަރުގެ ފިތުރު އީދުގެ ދިއްލުންތައް ރަށްރަށުގައި ނުދިއްލަން ސަރުކާރުން ނިންމައިފިއެވެ.

ހަނގުރާމައާ ގުޅިގެން އެކުލަވައިިލައިފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރެއްވީ ކޮމިޓީ ޗެއާކުރައްވާ، ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.

އެގޮތުން ޚަލީލް ވިދާޅުވީ، އީދަށް ބޮކިފަތި ދިއްލުމާ ބެހޭ ގޮތުން ކެބިނެޓުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ކެބިނެޓުން ނިންމީ ރަށްރަށުގައި އީދަށް ބޮކި ނުދިއްލައި، މާލޭ ހިމެނޭހެން ހުރިހާ ސިޓީތަކެއްގައި ދިއްލުން ދިއްލަން ކަމަށް ވިދާޅުވިއެވެ.

“އެވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި،” ޚަލީލް ވިދާޅުވިއެވެ.

އަދި ސިޓީތަކުގައި ވެސް ދިއްލުންތައް ހުރިހާ ސަރަހައްދެއްގައި ނުދިއްލާނެކަމަށާއި، ދިއްލުން ދިއްލާނީ ވަކި ސަރަހައްދުތަކެއްގައިކަމަށް ޚަލީލް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، ޚަރަދުކުޑަކުރުމަށް ސަރުކާރުގެ ތެރެއިން މިހާރު ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އަދި އެ ފިޔަވަޅުތައް އަޅައި، ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ލިބެންޖެހޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުން އަންނަކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

އީދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ދިއްލުންތައް ދިއްލައި ޒީނަތްތެރި ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި ކަމެކެވެ. އެ މަނިކުފާނު ކުރިން ވިދާޅުވި ގޮތުގައި މީގެ ބޭނުމަކީ އީދުގެ އުފާ ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ.

ރޯދަމަސް ނިމުނަސް ހެޔޮ އަމަލުކުރުން މަތީގައި ދެމިތިބޭ: ހުކުރު ހުތުބާ

ފަހު ދިހައެއްގެ ރޯދަތައް ގުނާއިރު، ރޯދައަށް ފަހުގައި ވެސް ހެޔޮ އަމަލުތައް ކުރުން މަތީގައި ދެމިތިބުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާ ދީފައިވަނީ، ރަމަޟާން މަހަށް ފަހު ހެޔޮ އަމަލުކުރުން މަތީ ދެމިތިބުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، ރަމަޟާން މަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް، ހެޔޮ އަމަލުކުރުމަށް ނިމުމެއް ނާންނާނެ ކަމަށެވެ. މިގޮތުން، ހެޔޮ އަމަލުކުރުމަށް ނިމުމެއް އަންނާނީ މަރުވުމަށް ފަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ބުނީ، އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނަން ވާނެ ކަމެއް ނޫން ކަމަށާއި އެއީ މުސްލިމުންގެ މުޅި ހަޔާތުގައި ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

“ބައެއް މޫސުންތަކުގައި އަޅުކަންކުރުން ގިނަވެއެވެ. ރަމަޟާންމަހަކީ އެ ފަދަ މޫސުމެކެވެ. އެއީ އެ މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށެވެ. އަދި، އެ މަސް ނިމުނީމާ ވެސް މުސްލިމުން އަޅުކަމުގައި ދެމިތިބޭނެއެވެ. ހެޔޮ ޢަމަލެއްކުރުމަށް ފަހު، އެންމެ މުހިންމުކަމަކީ، އެ ޢަމަލު ޤަބޫލުކުރައްވައިތޯ ދެންނެވުމާއި، އެ ކުރެވުނު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމުގެ ތައުފީޤަށް އެދި ދުޢާކުރުމެވެ،” ޚުތުބާގައިވެއެވެ.

އެއާއެކު، މިހާރު ފަހު ދިހައެއްގެ ދުވަސްތައް ގުނާއިރު، މި ރޯދަ މަހުގައި އަމަލުތައް ހުރި ގޮތާ މެދު ވިސްނުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ. މި މަހުގައި ފަރުޟު ފަސް ނަމާދަށް ރައްކާތެރިވީ ގޮތަށް ރޯދައަށް ފަހުގައި ވެސް އެ ގޮތުގައި ދެމިހުރުމަށް ޚުތުބާގައި ގޮވާލިއެވެ.

ކޮންމެ ދުވަހަކު ގުރުއާން ކިޔަވައި، ހެޔޮ އަމަލުކުރުން މަތީގައި ދެމިހުރުމަށް ނަސޭހަތްތެރިވިއެވެ. ކިތަންމެ މަދުން އެ ކަންކަން ކުރެވުނު ނަމަވެސް، ހުއްޓައި ނުލުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ. އަދި، ގިނަގިނައިން ތައުބާވެ، މާތްﷲއަށް އިސްތިޣުފާރު ކުރުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

މީގެ އިތުރުން، ޚުތުބާގައި ވަނީ، ހެެޔޮ ކަމެއް ކުރެވިއްޖެނަމަ، އެ ޢަމަލުތައް ކުރުން މަތީގައި ދެމިތިބޭން ޖެހޭކަން ފާހަގަކޮށްފައެވެ. ނަމަވެސް، ކުރެވުނު ޢަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަޤީންވީކަމަށް ދެކިގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މިއަދުގެ ޚުތުބާ ނިންމާލީ، މި ރޯދައަށް ފަހުގައި ހެޔޮ އަމަލުތައް ކުރުން މަތީގައި މުސްލިމުން ދެމިތިބުމުގެ ތައުފީގު ދެއްވުމަށާއި ސުވަރުގެ ވަންތަވެރީން ކަމުގައި ލެއްވުން އެދި ދުއާ ކުރަމުންނެވެ.

 

 

ކުޑަ ޑިންގީއެއްގައި އެކަނި މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަނީ

ރ. ވާދޫން މިއަދު ފަތިހު އެކަނި ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 20:48 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.
އެއީ، ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލްއެވެ.

އޭނާ ކަނޑުމައްޗަށް ނުކުތީ މިއަދު ފަތިހެވެ. ފުލުހުން ބުނި ގޮތުގައި އެ މީހާ ކަނޑުމައްޗަށް ނުކުތީ ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އަދި، އެ މީހާ ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ވެސް ނެތް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކަމާ ބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ.

އެހެންވެ، މުޙައްމަދު އިޤްބާލާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރަން ވަނީ އެދިފައެވެ.

އެކަނި މަހަށް ނުފުރާން ފުލުހުންނާއި ސިފައިން އިލްތިމާސްކުރި ނަމަވެސް ރަށްރަށުގައި އެއީ އާންމު ކަމެކެވެ. މީގެ ކުރިން ވެސް އެކަނި މަހަށް ނުކުންނަ މީހުން ގެއްލިގެން ހޯދަން ޖެހެއެވެ. ބައެއް ފަހަރު އެ ފަދަ ވަރަށް ހިތާމަވެރި ހާދިސާތަކުގައި މީހުން ނިޔާވެފައި ވެސް އެބަހުއްޓެވެ.