ރާއްޖެ އައި ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައަކަށް އަރަނީ

މި އަހަރުގެ މިހާތަަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައާ ކައިރިކޮށްފިއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާއްމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 93،172 އަށް އަރައިފައެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ލިސްޓްގެ ދެވަނައިގައި އޮތީ ރަޝިޔާއެވެ. އެ ގައުމުން 77،275 ފަތުރުވެރިން އައިސްފައިވެއެވެ. އިނގިރޭސިވިލާތް ލިސްޓުގެ ތިން ވަނައިގައި 59،354 ފަތުރުވެރިނާއެކު އޮތްއިރު، ހަތަރުވަނައިގައި އޮތް އިޓަލީއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 56،151 ފަތުރުވެރިންނެވެ.

މިހާތަނަށް މި އަހަރު ރާއްޖެއަށް ވަނީ މުޅި ޖުމްލަ 627،496 ފަތުރުވެރިން އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 610،805 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 2.7 އިންސައްތަ އިތުރުވުމެކެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ މި މުއްދަތުގައި ރާއްޖެއަށް 145،728 ފަތުރުވެރިން އައިސްފައި ވެއެވެ.

ރާއްޖޭގައި މިހާރު 180 ރިސޯޓު ހިންގަމުންދާއިރު، 16 ހޮޓެލަކާއި، 928 ފަތުރުވެހިގެ އިތުރުން، 172 ސަފާރީ އުޅަނދު ވެސް ދަނީ އޮޕަރޭޓު ކުރަމުންނެވެ.

ހުޅުޖެހި ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް އިތުރު މަހެއް

ފަޅަށް އޮތް ގ. ހިޔާ ރޯދީގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދަށް، އިތުރު 30 ދުވަސް މިއަދު ޖަހައިފިއެވެ.

ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ހަފުތާގައި އަލިފާން ރޯކޮށްލުމުގެ ތުހުމަތު ކުރެވެނީ، ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން، 29އ، އެވެ. އެގޭގައި ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން, އެ ގެއަށް ވަތް ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެއެވެ.

ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އައި މީހަކު ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ.

އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން، ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ އެގެއިން އެ މީހާ ނުކުމެގެންދާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެ މީހަކީ ހުސައިން ޝަހްބާން ކަމަށް ތުހުމަތު އޮތީ ކުރެވިފައެވެ.

އެ މީހާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަ ވެގެން، މިއަދު އަލުން ކޯޓަށް ހާޒިރު ކުރުމުން ބަންދު މުއްދަތު 30 ދުވަހަށްވަނީ އިތުރުކޮށްފައެވެ. އޭނާގެ ބަންދުގެ ރިޕޯޓުގައި ވަނީ، އެ މީހާ އެ ގެއަށް ވަދެ ނުކުމެގެންދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖާއި އޭގެ ޓައިމްލައިން ލިބިފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ބުނެފައެވެ.

ތަންތަނުގައި ނުވަތަ މުދަލުގައި ގަސްތުގައި އަލިފާން ރޯކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ކުށެކެވެ. މިއީ މުދަލަށް ގެއްލުންދިނުމުގެ ސީރިއަސް ކުށެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ.

ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 220 ވަނަ މާއްދާގައި ބަޔާންކުރަނީ މުދަލުގައި އަލިފާން ރޯކުރުމުގެ ކުށެއް ކަމަށެވެ. މީހަކު ގަސްތުގައި އެހެން މީހެއްގެ މުދަލެއްގައި، ނުވަތަ އުޅަނދެއްގައި، ނުވަތަ އިމާރާތެއްގައި އަލިފާން ރޯކޮށްފިނަމަ އެއީ ކުށެކެވެ.

މި ކުށުގެ އަދަބު ކަނޑައެޅޭނީ އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ކުޑަބޮޑުމިނަށާއި، މީހެއްގެ ފުރާނައަށް ނުރައްކާވި މިންވަރަށް ބަލާފައެވެ.

އަލިފާން ރޯކުރި ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނަމަ، ނުވަތަ އެކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވެދާނެ ފަދަ ހާލަތެއް އޮތް ނަމަ، މިއީ ޖިނާޔަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެން ހާލަތްތަކުގައި، ލިބޭ ގެއްލުމުގެ ކުޑަބޮޑުމިނަށް ބަލައި ޖިނާޔަތުގެ ތިންވަނަ ދަރަޖަ ނުވަތަ ހަތަރު ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ބެލެވިދާނެއެވެ.

އަލިފާން ރޯކުރި ތަނަކީ މީހުން ދިރިއުޅޭ ތަނެއް ނަމަ، ނުވަތަ އެކަމުގެ ސަބަބުން މީހެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ކުށުގެ ދަރަޖަ މަތިވެ، އަދަބު ވެސް ބޮޑުވެއެވެ. މި ކުށް ސާބިތުވުމަށްޓަކައި، އެ މީހަކު އެކަން ކުރީ ގަސްތުގައިކަން ނުވަތަ އެހެން މީހެއްގެ މުދަލަށް ގެއްލުން ދިނުމުގެ ނިޔަތް އޮތްކަން ސާބިތުވާންޖެހެއެވެ.

ތިނަދޫއިން ވަނީ ބޮޑުތަނުން ސަރުކާރަށް “ނޫނެކޭ” ބުނެފައި: އަބްދުﷲ ޝާހިދު

ގދ. ތިނަދޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާއެއްގައި، އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ތިނަދޫ ސިޓީގެ މެނިފެސްޓޯ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ.ކ) ގެ މެނިފެސްޓޯ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.

ތިނަދޫގައި ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މި ދެ މެނިފެސްޓޯ އިފްތިތާޙުކުރުމުގެ ޝަރަފު ލިބިވަޑައިގަތުމުން އެކަމަށްޓަކައި ޝާހިދު ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި، ދެންމެ ނެރުނު މެނިފެސްޓޯ އަކީ އަސްލު މީހުން ކަންތައް ކުރާ ގޮތެވެ. އަދި މި މެނިފެސްޓޯއަށް ބަލައިގެން، ސަރުކާރުން ކުރަމުންދާ ކަންކަން މި ބައްޓަމަށް ފައްތަން ދަސްކުރުމަށް ވެސް އެމަނިކުފާނު ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ތިނަދޫ ސިޓީގެ ޖަލްސާގެ ތެރެއިން—

ޝާހިދުގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަންކަން ހިންގުމާއި، ކަންކަމަށް ފާޑުކިޔުމަކީ އިލްމީ ގާބިލް މީހުން ކަންކުރާ ގޮތެވެ. ތިނަދޫ ސިޓީގެ އެމްޑީޕީ ލީޑަޝިޕަށް ނުކުމެ ތިއްބެވި ކެނޑިޑޭޓުންނަށް ޝުކުރު އަދާކުރައްވައި، އެ ބޭފުޅުންނަށް އައްސަރިބަހާއި ސާބަސް ވަނީ ރައްދުކުރައްވާފައެވެ.

ތިނަދޫ ސިޓީގެ ޖަލްސާގެ ތެރެއިން—

މިހާރުގެ ސަރުކާރަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، މެނިފެސްޓޯއެއް ލިޔެގެން އެ މެނިފެސްޓޯގައިވާ ކަންކަން ކުރާނެ ގޮތުގެ ހިސާބު ކިތާބު ޖަހައިގެން ގައުމު ހިންގަން މި ސަރުކާރަށް ނޭނގޭ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް އެތައް ހާސް ބިންގަލެއް އަޅަމުންދާ ކަމަށާއި، ނަމަވެސް އެ ބިންގާތައް ހުރީ ގަލަށް ވެފައި ކަމަށް ޝާހިދު ވިދާޅުވިއެވެ.

ތިނަދޫގައި އަޅާނެ ކަމަށް ބުނި ފްލޯޓިންގ އެއަރޕޯޓަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، އެ މަޝްރޫޢު ވެސް އޮތީ “ގަލު އަޅާފައި” ނޫން ކަމެއް ވެސް ނޭނގޭ ކަމަށެވެ. އަދި ދައުރުގެ މެދާ ގާތްވާއިރު ވެސް އެ މަޝްރޫޢު ފްލޯޓްވާން (އޮޔާދާން) ވެސް ފަށާފައި ނުވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ބްރިޖްގެ މަސައްކަތާއި ހައުސިންގް މަޝްރޫޢުތަކާ ގުޅޭގޮތުން ވެސް ޝާހިދު ވަނީ ފާޑުވިދާޅުވެފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޝާހިދު ވިދާޅުވީ، މި ނަގާ ރެފަރެންޑަމް ވޯޓުގައި ތިނަދޫއިން ވަނީ ސަރުކާރަށް “ނޫނެކޭ” ބޮޑުތަނުން ބުނެފައި ކަމަށެވެ.

ކަސްޓަމްސްއަށް 48 މުވައްޒަފުން ހޯދަނީ، ކުރިމަތިލާން ދިނީ 4 ދުވަސް

ކައުންސިލު އިންތިޚާބަށް ހަފުތާއެއް ވެފައި ވަނިކޮށް، ކަސްޓަމްސްއިން ވަޒީފާގެ 48 ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

ކަސްޓަމްސްއިން ވަޒީފާއަށް ހުޅުވާލައި ކުރި އިއުލާނުގައިވާ ގޮތުން، އެ ޚިދުމަތުން ހުޅުވައިލައިފައިވަނީ އެސިސްޓެންޓް 48 ކަސްޓަމްސް އޮފިސަރު ޓްރެއިނީގެ މަގާމަށެވެ.

އަސާސީ މުސާރައިގެ ގޮތުގައި 5،000 ރުފިޔާދޭއިރު، މަގާމުގެ އިނާޔަތުގެ ގޮތުގައި 4،660 ރުފިޔާ ދެއެވެ. އަދި ހާޒިރުވާ ކޮންމެ ދުވަހަކަށް 75 ރުފިޔާ އިނާޔަތުގެ ގޮތުގައި ދެއެވެ. އޭގެ އިތުރުން ދައުލަތުގެ ޕޭ ފްރޭމްވޯކުގައިވާ ގޮތަށް، ކޮއްތު ފައިސާއާއި އިތުރުގަޑީގެ ފައިސާއާއި އެހެން އިނާޔަތްތައްވެސް ދޭނެއެވެ.

އެއިރަށް 12،000 ރުފިޔާއަށް ވުރެ ގިނައިން ކޮންމެ މުވައްޒަފަކަށް މުސާރައިގެ ގޮތުގައި ލިބޭނެއެވެ.

މި މަގާމުގެ ޝަރުތުތަކުގެ ތެރޭ ހިމެނެނީ އޯލެވެލް ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ‘ޑީ’ ފާހެއް ލިބުމާއެކު، ދިވެހިން ‘ސީ’އެއް ލިބިފައިވުން، ނުވަތަ ކަސްޓަމްސްގެ މަަސައްކަތާ ގުޅުންހުރި ދާއިރާއަކުން ސެޓްފިކެޓު ތިނެއް، ނުވަތަ އެއަށްވުރެ މަތިން މަތީ ސަނަދެއް ހާސިލުކޮށް އޯލެވެލް ދިވެހިން ދަށްވެގެން ‘ސީ’ ފާހެއް ލިބިފައިވުން، ނުވަތަ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓެއް ހާސިލްކޮށްފައިވުމެވެ.

ކަސްޓަމްސްއިން ވަނީ، މި މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން ކަސްޓަމްސްގެ ވަޒީފާގެ ފޯމާއި ވަނަވަރާއި އެކްރެޑިޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ހިމެނޭހެން މުހިންމު ލިޔެކިއުންތައް، މި ފެށޭ އޭޕްރިލް މަހުގެ ފުރަތަމަ ދުވަހުގެރޭ 11 ޖެހުމުގެ ކުރިން އީމެއިލްކުރުމަށް އެދިފައެވެ.

މި މަގާމަށް ކުރިމަތިލެވޭނީ މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނަށް ކަމަށް، އިއުލާނުގައިވެއެވެ.

ފާހަގަކުރެވޭ ގޮތުގައި އިންތިޚާބު ގާތްވެފައި އޮއްވައި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުން ވަނީ މުވައްޒަފުން ހޯދަން އިއުލާނުކޮށްފައެވެ. އެގޮތުން ގެއްލުމުގައި ހިންގަމުން އަންނަ، މަގުތައް ހަދާ ސަރުކާރު ކުންފުނި އާރުޑީސީން 150 މުވައްޒަފުން ހޯދަން ވަނީ، މީގެ ދެ ހަފުތާ ކުރިން އިއުލާނުކޮށްފައެވެ.

އާރުޑީސީން މުވައްޒަފުން ހޯދަން އިއުލާނުކޮށްފައިވަނިކޮށް، އެ ކުންފުނިން ހަމައެއް ލަމައެއް ނެތި މުވައްޒަފުންނަށް ޕްރޮމޯޝަން ދޭ ކަމަށް ބުނެ، އެކަން ބެލުމަށްވެސް ވަނީ މަޖިލީހަށް ހުށަހަޅައިފައެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް “ބެހުން” ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.

މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.

ތިނަދޫ ސިޓީން އެމްޑީޕީގެ ލީޑަރޝިޕަށް ހޫނު މަރުހަބާއެއް ކިޔައިފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި އެ ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ގދ. ތިނަދޫ ސިޓީއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިއަދު ތިނަދޫ ސިޓީއަށް އެމްޑީޕީގެ ޓީމު ކުރި ޒިޔާރަތުގައި، އެ ސިޓީގެ ބަނދަރު ސަރަހައްދަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެ ބޭފުޅުންނަށް މަރުހަބާ ދެންނެވުމަށް އެއްވެފައެވެ. އޭގެ ތެރޭގައި ކައުންސިލް އިންތިޚާބުގައި އެ ސިޓީއަށް ވާދަކުރާ ކެނޑިޑޭޓުންނާއި، ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ހިމެނެއެވެ.

ތިނަދޫ ސިޓީ އިން ދެންނެވި ހޫނު މަރުހަބާގެ ތެރެއިން—- ފޮޓޯ: ހަވާސާ

މި ދަތުރުފުޅުގެ ތެރެއިން އެމްޑީޕީގެ ރައީސް އަދި ލީޑަރޝިޕްގެ ބޭފުޅުން ވަނީ ކައުންސިލް އިންތިޚާބަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާ ބައްދަލުކުރައްވައި، އިންތިޚާބުގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ތިނަދޫ ސިޓީ އިން ކީދެންނެވި ހޫނު މަރުހަބާގެ ތެރެއިން—- ފޮޓޯ: ހަވާސާ

މީގެ އިތުރުން، މި ކެމްޕެއިން ދަތުރުގެ ތެރެއިން މިރޭ ތިނަދޫ ސިޓީގައި ޚާއްޞަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ޕާޓީގެ ސިޔާސަތުތަކާއި އިންތިޚާބާ ގުޅޭ މުހިންމު މަޢުލޫމާތުތައް ރައްޔިތުންނާ ހިއްސާކުރައްވާނެއެވެ.

ތިނަދޫ ސިޓީ އިން ކީދެންނެވި ހޫނު މަރުހަބާގެ ތެރެއިން—- ފޮޓޯ: ހަވާސާ

މި ދަތުރުފުޅަކީ ކުރިއަށް އޮތް އިންތިޚާބުތަކަށް ޕާޓީގެ ސަޕޯޓަރުން ހޭލުންތެރިކުރުވައި، ކެމްޕެއިން ވަރުގަދަކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ސިލްސިލާ ދަތުރުތަކުގެ ތެރެއިން ދަތުރެކެވެ.

އީރާނުން ތެލް އަވީވަށް ދިން ކްލަސްޓަރ މިއުނިޝަން ހަމަލާއެއްގެ ވީޑިއޯ އާންމުވެއްޖެ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި އަލްޖަޒީރާއިން ސައްހަކަން ކަށަވަރުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ރޭގަނޑުގެ ވަގުތެއްގައި އީރާނުން ތެލް އަވީވުގެ އިމާރާތަކަށް ދިން ހަމަލާއެއްގައި ކްލަސްޓަރ މިއުނިޝަން (ބައިބަޔަށް ބެހިގެންދާ ގޮވާތަކެތި) ބޭނުންކޮށްފައިވާކަމުގެ ނިޝާންތައް ފެންނަން އެބަހުއްޓެވެ.

މި ވީޑިއޯއިން ފެންނަނީ އެ ސިޓީގެ އިމާރާތަކަށް ސީދާ އަމާޒުވި ހަމަލާއަކަށްފަހު ލިބިފައިވާ ގެއްލުންތަކެވެ. އެ އިމާރާތަށް ލިބިފައިވާ ގެއްލުންތައް ހުރި ގޮތުން އެއީ ކްލަސްޓަރ ބޮމުގެ ކުދި ބައިތައް ވަކިވަކިވެގެން ގޮސްފައިވާ ގޮތާ އެއްގޮތްކަން ފާހަގަކުރެވެއެވެ. ލިބެމުންދާ ރިޕޯޓްތައް ބުނާގޮތުން، މިއީ އިސްރާއީލުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލް ހަމަލާތަކުގެ ތެރެއިން ދީފައިވާ ހަމަލާއެކެވެ.

ބޮޑު ސަރަހައްދަކަށް ކުދި ގޮވާތަކެތި ފަތުރާލާ ކްލަސްޓަރ މިއުނިޝަންގެ ބޭނުން، އީރާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި މިހާރު ދަނީ އިތުރުވަމުންނެވެ. ދިފާއީ މާހިރުން ފާހަގަކުރާ ގޮތުގައި، މިފަދަ ހަތިޔާރުތަކަކީ ވައިގެ ތެރޭގައި އެކި ބައިތަކަށް ވަކިވެގެންދާ އެއްޗަކަށް ވުމުން، އެ ހަމަލާތައް ހުއްޓުވުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުން، ތެލް އަވީވް ހިމެނޭހެން އިސްރާއީލުގެ އާބާދީ ބޮޑު ސިޓީތަކަށް އީރާނުން ދީފައިވާ ބައެއް ހަމަލާތަކުގައި ކްލަސްޓަރ ވޯހެޑްތައް ބޭނުންކޮށްފައިވެއެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެ، މުދަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ވީޑިއޯތަކުން ހަމަލާ ދިން ތަނާއި އޭގެ އަސަރުތައް ކަށަވަރުވި ނަމަވެސް، މި ހަމަލާގައި ބޭނުންކުރީ ސީދާ ކޮން ބާވަތެއްގެ ހަތިޔާރެއްތޯ ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. އެހެންނަމަވެސް، މީގެ ކުރިން ކުރެވިފައިވާ ދިރާސާތަކާއި ހަނގުރާމައިގެ މައިދާނުން ފެންނަން ހުރި ހެކިތަކަށް ބަލާއިރު، މިހާރު އިތުރުވަމުންދާ ހަމަނުޖެހުންތަކުގައި އީރާނުން ކްލަސްޓަރ މިއުނިޝަން ބޭނުންކޮށްފައިވާކަން އެނގެއެވެ.

މިފަދަ ހަތިޔާރުތަކަކީ ވަކި އަމާޒެއް ނެތް ގޮތަށް އާބާދީ ބޮޑު ސަރަހައްދުތަކަށް ގެއްލުންދޭ އެއްޗަކަށް ވާތީ، މިއީ ބައިނަލްއަގުވާމީ ދުނިޔޭގައި ނުހަނު ބޮޑު ބަހުސެއް އުފެދިފައިވާ މައުޟޫއެކެވެ. ބައިނަލްއަގުވާމީ މުއާހަދާއެއްގެ ދަށުން މިފަދަ ހަތިޔާރު ބޭނުންކުރުން މަނާކޮށްފައިވީ ނަމަވެސް، އީރާނާއި އިސްރާއީލަކީ ވެސް އެ މުއާހަދާގައި ސޮއިކޮށްފައިވާ ގައުމުތަކެއް ނޫނެވެ. އެހެންކަމުން، ގާނޫނީ ގޮތުން މިކަމުގައި ޚިލާފުތަކެއް ހުރި ނަމަވެސް، ބައިނަލްއަގުވާމީ ގޮތުން އެއީ މުޅިން މަނާކަމެއްގެ ގޮތުގައި އެ ދެ ގައުމަށް ނުބެލެވެއެވެ.

މި ހާދިސާތަކުން ދޭހަވަނީ ދެފަރާތުގެ ދެމެދުގައި އޮތް ހަމަނުޖެހުން އިތުރަށް ވަރުގަދަވަމުންދާ ކަމެވެ. އަދި އާންމުންގެ ރައްކާތެރިކަމާ މެދު އޮތް ކަންބޮޑުވުންތައް އިތުރުވަމުންދާއިރު، ދެ ގައުމުން ވެސް ދަނީ މެދުކެނޑުމެއްނެތި އެކަކު އަނެކަކަށް ހަމަލާތައް ބަދަލުކުރަމުންނެވެ.

އެޕްރިލް އަކީ އެންމެ ހޫނު ގަދަ މަސް، ސަމާލުވުމަށް އިލްތިމާސްކޮށްފި!

ކުރިއަށް އޮތް އެޕްރީލް މަހަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނުގަދަވާނެ މަސްކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓްރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އެޕްރީލް މަހަކީ ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރު ކަމަށެވެ. މި ދުވަސްވަރު އުޑުމަތި ސާފުވެ ވިލާ މަދުވުމާއި، ވައިމަޑުވުމުގެ އިތުރުން ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓާތީ، އާންމު ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ހުސައިން ވަހީދު އިތުރަށް ވިދާޅުވި ގޮތުގައި ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް، ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވަރަށް ބޮޑަށް އަވިގަދަވާނެއެވެ. “ކުރިއަށްއޮތް ހަފްތާއެއްހާ ދުވަހުވެސް ޚާއްސަކޮށް އުތުރުގެ ހިސާބުތަކަށް ވިއްސަރައިގެ އަސަރު ވަރަށް ކުޑަ. ހަމަ ވަރަށް އަވިގަދަކޮށް އޮންނާނީ، އެހެންނަމަވެސް ދެކުނުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ،” އޭނާ ވިދާޅުވިއެވެ.

މެޓް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ފެބްރުވަރީ މަހުގެ މެދަކާ ހިސާބުން ފެށިގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކަށް ބޯކޮށް ވާރޭވެހިފައެއް ނުވެއެވެ. އަދި ރާއްޖޭގެ އެހެން ހުރިހާ ސަރަހައްދަކަށްވުރެ މާލެ ސަރަހައްދުގައި އިހުސާސްކުރެވޭ ހޫނުމިން ގަދަކަންވެސް އެ އިދާރާއިން ފާހަގަކުރެއެވެ. މި ހޫނުގަދަވުން އެޕްރީލް މަހުގެ މެދުތެރެއާ ހަމައަށް ދެމިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފާތުމަތު ޝަބާނާ ވިދާޅުވީ ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމުގެ އިތުރުން ހަންގަނޑު އެދުން ފަދަ މައްސަލަތައް ދިމާވެދާނެ ކަމަށެވެ.

މިކަންކަމުން ރައްކާތެރިވުމުގެ ގޮތުން، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށާއި، ގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޭރަށްދާން ޖެހިއްޖެ ހާލަތެއްގައި ކުޑަ ނުވަތަ އަވިން ރައްކާތެރިވުމަށް ބޭނުންކުރާ ސާމާނު ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.

ށ. މިލަންދޫގައި އެފްއެސްއެމުން ތަރައްޤީކުރި ފިއުލް ސްޓޭޝަން ހުޅުވައިފި

ފިއުލް ސަޕްލައި މޯލްޑިވްސް (އެފް.އެސް.އެމް) އިން ށ. މިލަންދޫގައި އިމާރާތްކުރި ފިއުލް ސްޓޭޝަން ހުޅުވައިފިއެވެ.

މިއީ އެފްއެސްއެމުން ފަށާފައިވާ މަޝްރޫޢުގެ ދަށުން ރާއްޖޭގައި ހުޅުވުނު 5 ވަނަ ފިއުލް ސްޓޭޝަނެވެ.

މިލަންދޫގައި މި ޚިދުމަތް ފެށުމަކީ އަތޮޅުތަކަށް ތެޔޮ ފޯރުކޮށްދިނުމުގެ ވިއުގަ ފުޅާކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލްވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެފްއެސްއެމުން ބުންޏެވެ. މި ސްޓޭޝަނަކީ ށ. އަތޮޅުގެ ރައްޔިތުންނަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ޤާއިމުކުރެވުނު މަރުކަޒެކެވެ.

ސަރުކާރުން މުޅި ރާއްޖޭގައި ތެޔޮ ލިބޭނެ އިންތިޒާމު ފަސޭހަކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ 18 ފިއުލް ސްޓޭޝަން ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢުގެ މައިގަނޑު ސިޔާސަތަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ފިއުލް ސްޓޭޝަން ޤާއިމުކުރުމެވެ.

މި މަޝްރޫޢުގެ ދަށުން މިހާތަނަށް 5 ސަރަޙައްދެއްގައި ސްޓޭޝަންތައް ހުޅުވައި ޚިދުމަތް ދޭން ފަށާފައިވާއިރު، ބާކީ ހުރި ސްޓޭޝަންތަކުގެ މަސައްކަތްތައް ވެސް ރާއްޖޭގެ އެކި އަތޮޅުތަކުގައި މިހާރު ދަނީ ކުރިއަށެވެ.

މި މަސައްކަތްތައް ކުރިއަށްދަނީ ރާއްޖޭގެ ހުރިހާ އަތޮޅަކަށް ތެޔޮ ލިބުމުގެ ދަތިކަން ޙައްލުކޮށް، އެކަށީގެންވާ އިންތިޒާމެއްގެ ދަށުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ ތަޞައްވުރާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ވޯޓުފޮށިތައް އަތޮޅުގެ ރަށްތަކަށް ގެންދަން ފަށައިފި

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުނެގުމަށް ތައްޔާރުވުމުގެ ގޮތުން އިންތިހާބަށް ބޭނުންވާ ވޯޓުފޮށިތައް އަތޮޅުގެ ރަށްތަކަށް ފޮނުވުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަނުން ފަށައިފިއެވެ.

އިލެކްޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ފޮށިތައް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ. އެގޮތުން ބައެއް ރަށްރަށަށް ފޮށިތައް މިހާތަނަށް އާއިރު ފޮނުވާފައިވާކަމަށް އިލެކްޝަނުން ވަނީ ބުނެފައެވެ. ފޮށިތައް ފޮނުވަނީ އިލެކްޝަން ކޮމިޝަނުގެ މުއައްޒަފުންނާއި ފުލުހުން ގުޅިގެންނެވެ.

އިލެކްޝަނުން ބުނީ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ތަކެތި، ކަނޑުމަގުންނާއި ވައިގެ މަގުން ފޮނުވުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ތާވަލްކޮށްފައިވަނީ، އަންނަ އޭޕްރިލްމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު ލޯކަލް ކައުންސިލް އިންތިހާބުގެ އިތުރުން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ނެގުމަށް ފެނޭތޯ ބެލުމަށް ނަގާ ވޯޓުލުންވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އިންތިހާބުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 588 ވޯޓުފޮށި ބެހެއްޓުމަށް ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި 190 އަށްވުރެ ގިނަ ވޯޓުފޮށި އަދި އަތޮޅުތަކުގައި 322 ފޮށި ބަހައްޓާނެއެވެ.

އީރާނަށްފަހު އެމެރިކާގެ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ދެއްވައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން މިހާރު ކުރިއަށްގެންދާ ހަނގުރާމައަށްފަހު، އެމެރިކާގެ އަމާޒަކަށް ކިއުބާ ވެދާނެ ކަމުގެ އިޝަރާތެއް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ވެނެޒުއެލާ އާއި އީރާނުގައި އެމެރިކާއިން ފެށި އަސްކަރީ އޮޕަރޭޝަންތަކަކީ ކާމިޔާބު އޮޕަރޭޝަންތަކެއް ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

ސައުދީގެ ވިޔަފާރި ކޮންފަރެންސް ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވްގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަމިއްލައަށް އެމެރިކާގެ އަސްކަރިއްޔާ ބިނާކޮށް، އަސްކަރިއްޔާ ބޭނުންކޮށްފައިވާ ކަމަށާއި، “ދެން އޮތީ ކިއުބާ” ކަމަށެވެ.

ނަމަވެސް އެގޮތަށް ވިދާޅުވުމަށްފަހު އެއީ އެ މަނިކުފާނު ވިދާޅުވި އެއްޗެއް ކަމަށް ނަހަދަން ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕް އެގޮތަށް އިޝާރާތް ކުރައްވާފައިވާއިރު، އެެމެރިކާއިން ދީފާނެ އަސްކަރީ ހަމަލާއަކަށް ތައްޔާރުުވަމުންދާ ކަމަށް ކިއުބާގެ ޚާރިޖީ ވަޒީރުގެ ނައިބު ކާލޯސް ފަރްނާންޑޭޒް ޑި ކޮސިއޯ މިދިޔަ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެންގެ އަސްކަރިއްޔާ އަބަދުވެސް ތިބީ ތައްޔާރަށް، އަދި ހަގީގަތުގައި މި ދުވަސްވަރު ތައްޔާރުވަމުންދަނީ (އެމެރިކާ) އަސްކަރީ އަނިޔާވެރިކަމުގެ ނުރައްކަލަށް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާ ކަންތައްތަކަށް ބެލުމަކީ ބުއްދިވެރި ކަމެއް.” އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯވެސް ވަނީ، މުޅި ކިއުބާއިން ކަރަންޓުގެ ޚިދުމަތް ކެނޑިފައިވާއިރު، އެކަން ރަނގަޅު ކުރެވޭނެ ގާބިލުކަން ކިއުބާގައި މިހާރު އޮތް ސަރުކާރުގައި ނެތް ކަމަށާއި، އެކަން ކުުރުމަށް އާ ލީޑަޝިޕެއް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އެމެރިކާއިން ކިއުބާއާ މަޝްވަރާ ކުރަމުންދާ ކަމަށާއި ”އެކުވެރިކަމާއެކު ކިއުބާ ހިފާފާނެ” ކަމަށް މި މަހުގެ ކުރީކޮޅުވެސް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.

ކިއުބާގެ އެކުވެރި ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މިދިޔަ ފެބްރުއަރީ މަހު ހައްޔަރު ކުރުމަށްފަހު، ކިއުބާ ހިފުމަކީ ޓްރަމްޕް ބޭނުންފުޅުވެފައިވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އިގްތިސާދު ބަލިކަށިވެފައި އޮތުމުން ކިއުބާއަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް، މަދޫރޯ ހައްޔަރު ކުރުމަށްފަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ވަނީ ކިއުބާއަށް ވިޔަފާރީގެ ގޮތުން ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް 1962 ވަނަ އަހަރުން ފެށިގެން އަޅާފައެވެ.

ކިއުބާއަށް ތެޔޮ ވިއްކައި ނުވަތަ އެ ނޫން ވެސް ގޮތަކުން ތެޔޮ ފޯރުކޮށްދޭ ގައުމުތަކުގެ މުދަލުން ޓެރިފް ނެގުމުގެ އުސޫލެއް ކަނޑައެޅުމަށްވެސް ރަސްމީ އަމުރެއްގައި ޖެނުއަރީ މަހުގެ ފަހުކޮޅު ޓްރަމްޕް ވަނީ ސޮއިކުރައްވާފައެވެ. އެ އަމުރުގައި ކިއުބާ ސަރުކާރަކީ އެމެރިކާގެ ގައުމީ ސަލާމަތަށް އާދަޔާ ޚިލާފަށް އޮތް ނުރައްކަލެއް ކަމަށް ސިފަކޮށްފައިވެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތީ ކަންކަމާ ގުޅިގެން ގްރީންލޭންޑް ހިފަން ބޭނުންވާ ކަމަށްވެސް ޓްރަމްޕް ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

މިކަން ނިމިއްޖެ، ރައީސް މުޢިއްޒަށް ފުވައްމުލަކުން ބުނަނީ ‘ނޫނެކޭ'” – ޝާހިދު

އިދިކޮޅު އެމްޑީޕީން ފުވައްމުލައް ސިޓީގައި ރޭ ބޭއްވި “ހޭވައްލާ ތައްޔާރު” ޖަލްސާއެއްގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފުވައްމުލަކުން ވަނީ މި ސަރުކާރަށް ނޫނެކޭ ބުނެފައިކަމަށް ދަންނަވައިފިއެވެ.

ފުވައްމުލަކު ބަނދަރު މަތިން އެމްޑީޕީގެ ލީޑަޝިޕަށް ރައްޔިތުން ކީ ހޫނު މަރުޙަބާއަށާއި، ރަށު ތެރޭގައި ބޭއްވި ސައިކަލު ބުރުން ފެނުނު ވަރުގަދަ ލަޝްކަރަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ފުވައްމުލަކުގެ ސިޔާސީ މަންޒަރު މިހާރު އޮތީ ސާފުކޮށް ފެންނަން ކަމަށެވެ.

“އިރާދަކުރެއްވިއްޔާ މިކަން މިވަނީ ނިމިފައި. ފުވައްމުލަކުން މި އިވެނީ އެއް އަޑެއް، އެއީ މިކަން ނިމިއްޖޭ ބުނާ އަޑު،” ޝާހިދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން—- ފޮޓޯ:ހަވާސާ

ޝާހިދުގެ ވާހަކަފުޅުގައި މި ސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މާލޭގައި ތިބެގެން ރީޖަނަލް އޮފީސްތައް ހަދައި، ސްޓޭޓް މިނިސްޓަރުންނާއި ޑިރެކްޓަރުން އައްޔަންކޮށްގެން ފުވައްމުލަކުގެ ތަރައްޤީގައި އަތްއަޅަން ރައީސް މުޢިއްޒު އުޅުއްވާނެ ކަމެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 120 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ 120 ބިލިއަން ރުފިޔާއިން ފުވައްމުލަކުގައި އެންމެ ގާބުރިއެއްވެސް ބާއްވާފައި ނުވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އެއީ ތާރީޚުގައިވެސް އެންމެ ގިނަ “ބިންގާ އެޅުމުގެ މުބާރާތެއް” ބޭއްވި ދަތުރުފުޅުތަކެއް ކަމަށެވެ. ނަމަވެސް އެ އެޅި ބިންގާތައް މިއަދު ވަނީ ގަލަށްވެފައި ކަމަށާއި، މި ސަރުކާރުން ބިންގަލުގެ މާނަވެސް ބަދަލުކޮށްފި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި، ރައްޔިތުންގެ އަޑު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ކެމްޕޭނަށް ރަށްރަށަށް ވަޑައިނުގެން މާލޭގައި ތިއްބަވައިގެން ރައްޔިތުންނާ ދުރުން ކަންކަން ނިންމަވަމުންދާ ދިއުމަކީ ރައްޔިތުންނަށް ކުރާ އިހުތިރާމެއް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

“ވޯޓު ކަރުދާސްކޮޅު ލިބޭއިރު، އޭގައި އޮންނާނީ މި ސަރުކާރުގެ އަނިޔާވެރިކަމާއި އޮޅުވާލުމަށް ‘އާއެކޭ’ ނުވަތަ ‘ނޫނެކޭ’ ބުނުން. ފުވައްމުލަކުގެ ރައްޔިތުންގެ ޖަވާބަކީ ‘ނޫނެކޭ’. އެހެންވީމާ ނޫނެކޭ އޮންނަ ގޮޅީގައި ފާހަގަޖައްސަވައި، މި އަނިޔާވެރިކަން ނިމުމަކަށް ގެންނަވާ،” ޝާހިދު އިލްތިމާސް ކުރެއްވިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ލީޑަރޝިޕް ގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޝާހިދު ވާހަކަފުޅު ނިންމަވާލެއްވީ މި ސަރުކާރަކީ ރައްޔިތުންނަށް ކުލުނެއް ނެތް ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ.

ޕާކިސްތާނުން އިސްރާއީލަށް ވަރުގަދަ އިންޒާރެއް ދީފި

އީރާނުގެ ވެރިރަށް ތެހެރާންގައި ހުންނަ ޕާކިސްތާނުގެ އެމްބަސީ ކައިރިއަށް، އިޒްރޭލާއި އެމެރިކާ ގުޅިގެން ބުރާސްފަތި ދުވަހު ދިން ކަމަށް ބުނާ ހަމަލާތަކާ ގުޅިގެން ޕާކިސްތާނުން ވަރުގަދަ އިންޒާރެއް ދީފިއެވެ. ޕާކިސްތާނުން ބުނި ގޮތުގައި އީރާނުގައި ނުވަތަ ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި އެ ގައުމުގެ ޑިޕްލޮމޭޓުންނަށް އެއްވެސް ގެއްލުމެއް ލިބިއްޖެ ނަމަ، އޭގެ ރައްދު ވަރަށް ވަރުގަދައަށް ދޭނެކަމަށެވެ.

ޕާކިސްތާނުގެ ސަރުކާރާ ގުޅުން އޮންނަ ‘ޕާކިސްތާން ސްޓްރެޓީޖިކް ފޯރަމް’ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “އިޒްރޭލުން ހަނދާން ކުރަންޖެހޭ ކަމަކީ ޕާކިސްތާނަކީ ގަތަރެއް ނޫން ކަމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި އަޅުގަނޑުމެންގެ ޑިޕްލޮމޭޓަކަށް ގެއްލުމެއް ދީފި ނަމަ، އެކަމުގެ ބަދަލު ވަރަށް ހިތިކޮށް ހިފާނަމެވެ.”

މި އިންޒާރު ދީފައިވަނީ ބުރާސްފަތި ދުވަހު ތެހެރާންގެ މެދުތެރޭގެ ސަރަހައްދުތަކަށް އިޒްރޭލާއި އެމެރިކާއިން ވައިގެ ހަމަލާތަކެއް ދިން ކަމުގެ ރިޕޯޓުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މި ހަމަލާތައް އަމާޒުވި ސަރަހައްދުތަކުގެ ތެރޭގައި ޕާކިސްތާނުން އީރާނަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ ރަސްމީ ގެކޮޅާއި އެމްބަސީ ހުންނަ ސަރަހައްދު ހިމެނެއެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެމްބަސީގެ އިމާރާތަށާއި ޑިޕްލޮމެޓިކް މުވައްޒަފުންނަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، އެ ސަރަހައްދުގައި ގޮވި ބާރުގަދަ ގޮވުންތަކުގެ ސަބަބުން ކައިރީގައި ހުރި ބައެއް އިމާރާތްތަކަށް ލޮޅުން އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާ ދީފައިވަނީ ޕާކިސްތާނަށް ވަރަށް ނާޒުކު ވަގުތެއްގައެވެ. އެއީ އެމެރިކާއާއި، އިޒްރޭލާއި އީރާނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅަކަށް ވާތީއެވެ. ޕާކިސްތާނުގެ އޮފިޝަލުން މީގެ ކުރިން ވިދާޅުވެފައިވަނީ، ދެ ފަރާތުން ވެސް އެދޭ ނަމަ އެމެރިކާއާއި އީރާނާ ދެމެދު ބާއްވާ މަޝްވަރާތަކަށް އިސްލާމްއާބާދުން މަރުހަބާ ކިޔާނެ ކަމަށެވެ.