ލ. އަތޮޅުގައި މާދަމާ އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ

ލ. އަތޮޅުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް މާދަމާ ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށްޓަކައި މާދަމާ ލ. އަތޮޅުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްޓީސީސީން މިހާރު ވަނީ އެ އަތޮޅުގެ ބައެއް ރަށްރަށުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ކުރިންވެސް ވަނީ އަމާޒު ހިފާފައެވެ. އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން، ލ. އަތޮޅުގައިވެސް ޚިދުމަތް ފަށާއިރު ފުރަތަމަ އެއް ހަފުތާގައި ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި އޭގެ ފަހުން ކަނޑައެޅިފައިވާ ރޫޓުތަކުން ފީއެއް ނަގައިގެން ދަތުރުތައް ކުރިއަށްދާނެއެވެ.

މުޅި ރާއްޖެ ގުޅާލުމަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި ވަނީ ޚިދުމަތް ފަށާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމެވެ.

ލ. އަތޮޅުގައި އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް މާދަމާ ފެށުމަށް އެމްޓީސީސީން ވަނީ ތައްޔާރުވެފައެވެ. މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރުމަށްޓަކައި މާދަމާ ލ. އަތޮޅުގައި ޚާއްޞަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން އެމްޓީސީސީން މިހާރު ވަނީ އެ އަތޮޅުގެ ބައެއް ރަށްރަށުގައި މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

މި މަސް ނިމުމުގެ ކުރިން ލ. އަތޮޅާއި މ. އަތޮޅުގައި މި ޚިދުމަތް ފެށުމަށް ސަރުކާރުން ކުރިންވެސް ވަނީ އަމާޒު ހިފާފައެވެ. އެހެން އަތޮޅުތަކެކޭވެސް އެއްފަދައިން، ލ. އަތޮޅުގައިވެސް ޚިދުމަތް ފަށާއިރު ފުރަތަމަ އެއް ހަފުތާގައި ރައްޔިތުން އަހުލުވެރިކުރުވުމުގެ ގޮތުން ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި އޭގެ ފަހުން ކަނޑައެޅިފައިވާ ރޫޓުތަކުން ފީއެއް ނަގައިގެން ދަތުރުތައް ކުރިއަށްދާނެއެވެ.

މުޅި ރާއްޖެ ގުޅާލުމަށް ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 14 އަތޮޅެއްގެ 133 ރަށެއްގައި ވަނީ ޚިދުމަތް ފަށާފައެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު، ހެޔޮ އަގެއްގައި ރާއްޖޭގެ ރަށްތައް ކަނޑުމަގުން ގުޅާލުމެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދިޔަ 3 މީހަކު ހައްޔަރުކޮށްފި

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ / ފެހިވިނަމާގެ، އުމުރުން 36 އަހަރުގެ އަޒުހީމް ސަޢީދު އާއި ޏ. ފުވައްމުލައް / ދޫޑިގަން. ގޯލްޑަންގޭޓް، އުމުރުން 31 އަހަރުގެ ޢަލީ ޝަފާޒު އާއި ސ. ހިތަދޫ / ކުޅިބަލާގެ، އުމުރުން 47 އަހަރުގެ މުޙައްމަދު ޖުނައިދުއެވެ.

މި ތިންމީހުންގެ ތެރެއިން އަޒުހީމް ސަޢީދު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 3500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 27 ވަނަ ދުވަހަށެވެ.

ޢަލީ ޝަފާޒު ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް ހަދައި މީހެއްގެ އަތުން މަކަރާއި ހީލަތުން 4500 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދު މުއްދަތު ހަމަވާނީ 2026 އެޕްރީލް 12 ވަނަ ދުވަހަށެވެ.

މުޙައްމަދު ޖުނައިދު ހައްޔަރުކޮށްފައި ވަނީ ޑޮލަރު ވިއްކާނެކަމަށް ބުނެ މަކަރާއި ހީލަތުން މީހެއްގެ އަތުން 29987 ރުފިޔާ ހޯދާފައިވާ މައްސަލައާ ގުޅިގެންނެވެ. މިމަހުގެ 20 ވަނަ ދުވަހު އޭނާ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. ބަންދުގެ މުއްދަތު ހަމަވާނީ 2026 އެޕްރީލް 5 ވަނަ ދުވަހަށެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އަންނަ މަހުން ފެށިގެން 10 ރުފިޔާގެ އައު ނޫޓުތަކެއް ދައުރުކުރަނީ

10 ރުފިޔާގެ ސްޓޮކް މަދުވުމާއި ބައުވެ ހަލާކުވާ ނޫޓުތައް އައުކުރުމަށް ރަންދިހަ ފަހެއް ސީރީޒްގެ 10 ރުފިޔާގެ އައު ޗާޕެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ގެނެސްފިއެވެ. އެމްއެމްއޭއިން ވިދާޅުވީ، މިއަދު ގެނައި އައު ނޫޓުތައް އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން މިހާރު ދައުރުވާ ފައިސާގެ ތެރެއަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މިހާރު ބޭނުން ކުރަމުންދާ ނޫޓު ސީރީޒް ބޭނުންކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ ބާ ނޫޓުގެ ގޮތުގައި 10 ރުފިޔާ ލިބޭ މިންވަރުވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

އެމްއެމްއޭއިން ވިދާޅުވީ، 10 ރުފިޔާގެ ނޫޓަކީ ދަށް ޑިނޯމިނޭޝަންގެ ނޫޓަކަށްވާތީ ވިޔަފާރީގެ މުއާމަލާތްތަކުގައި މާރުކުރުމަށް އާންމުކޮށް 10 ރުފިޔާގެ ނޫޓު ބޭނުންކުރާ މިންވަރު ގިނަ ކަމަށެވެ. މީގެ ސަބަބުން ނޫޓު ހަލާކުވާ މިންވަރު އިތުރު ކަމަށާއި، ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ކުރުމަށް އާންމުކޮށް އެ ނޫޓު ބޭނުންނުކުރާތީ، 10 ރުފިޔާގެ ނޫޓަކީ ބޭންކުތަކުންވެސް ފައިސާ ޖަމާކުރުމުގެ ތެރެއިން ވަރަށް މަދުން ނޫނީ ނުލިބޭ ނޫޓެއް ކަމަށް ވިދާޅުވިއެވެ.

އަލަށް ނެރޭ 10 ރުފިޔާގެ ނޫޓުގައި ސޮއިކޮށްފައި ވަނީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ނޫޓުގައި ވަނީ، 2025 ވަނަ އަހަރުގެ ޖުލައި 31 ގެ ތާރީޚެވެ. 10 ރުފިޔާގެ މި އައު ޗާޕުގެ ދެފުށުގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވެއެވެ. މިގޮތުން ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާނީ، ނޫޓުގެ މޫނުމަތީގެ ވައަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު އަދި ނޫޓުގެ ފަހަތުގެ ކަނާއަތް ފަރާތުން މަތީގައިވާ، މޫނުމަތީ އަގާއެކު ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.

ނަގުދު ފައިސާގެ ގޮތުގައި އަލަށް ޗާޕު ކޮށްގެން ނެރޭ 10 ރުފިޔާގެ ނޫޓާއެކު މިހާރު ބޭނުންކުރާ 10 ރުފިޔާގެ ނޫޓުވެސް ދައުރުވަމުން ދާނެ ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވިއެވެ.

“ރަންދިހަ ފަހެއް” ސީރީޒް ތައާރަފްވި ފަހުން 10 ރުފިޔާ ނޫޓް ޗާޕްކުރި މިއީ ތިންވަނަ ފަހަރެވެ. ފުރަތަމަ ޗާޕްކުރީ، 2015 ވަނަ އަހަރުގެ އޮކްޓޯބަރު 05 ގެ ތާރީޚުގައި، އޭރު ހުންނެވި ގަވަރުނަރ އަޒީމާ އާދަމްގެ ސޮއާއެކުއެވެ. ދެވަނަ ފަހަރަށް ޗާޕްކޮށްފައިވަނީ، 2018 ވަނަ އަހަރުގެ މާރިޗު 10 ވަނަ ދުވަހު، ކުރީގެ ގަވަރުނަރ އަޙްމަދު ނަސީރުގެ ސޮއާއެކުގައެވެ.

ޑިމާންޑް އިތުރުވުމާ ގުޅިގެންނާއި ބާނޫޓު ބަދަލު ކުރުމަށް ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ އާ ނޫޓު ބާޒާރުގެ ތެރޭގައި ދައުރު ކުރުމަށް ނެރެއެވެ. މިއީ، އިޤްތިޞާދުގައި ނޫޓަށް އޮންނަ ޑިމާންޑަށް ނޫޓު ފޯރުކޮށްދިނުމަށާއި، ދައުރުވާ ނޫޓަކީ އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ހުރި ނޫޓުތަކަށް ހެދުމަށް އަބަދުވެސް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކުރަމުންދާ ކަމެއް ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގެ މައްސަލައިގެ ހުކުމް އިއްވުން މާދަމާ!

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދަން ނަގާ ރެފެރެންޑަމް ވޯޓު ނެގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ހުށަހަޅާފައިވަނީ ގާނޫނުއަސާސީއާ ޚިލާފު ސުވާލެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މާދަމާ މެންދުރު ކުރުމަށް ތާވަލުކޮށްފިއެވެ.

މި މައްސަލައަކީ ގާނޫނީ ވަކީލު އިބްރާހީމް ޝިޔާމާއި އައިކު އަހުމަދު އީސާ ހުށަހެޅުއްވި މައްސަލައެކެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓު ހުއްޓުވުމަށް އެދި، އެޓާނީ ޖެނެރަލްގެ އޮފީހާއި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި އިލެކްޝަންސް ކޮމިޝަނަށް ރައްދުވާ ގޮތަށް ހުށަހަޅާފައިވާ މި މައްސަލައިގެ ހުކުމް ކުރާނީ މާދަމާ މެންދުރު އެކެއް ޖަހާއިރުއެވެ.

މިދިޔަ ހަފްތާގައި މި މައްސަލައިގެ އެއް އަޑުއެހުން ބޭއްވުމަށް ފަހުގައި, އަޑު އެހުން ސުޕްރީމް ކޯޓުގައި ނިންމާފައިވާއިރު، އެ އަޑު އެހުމުގައި މައްސަލަ ހުށަހެޅުއްވި ފަރާތުން ވިދާޅުވެފައި ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހެނީ މަޖިލީހުގެ އުމުރު ބަދަލުކުރަން ނިންމާނަމަ ވޯޓަކަށް ދާން ގާނޫނުއަސާސީ ލާޒިމުކުރާތީ ކަމަށެވެ. އެހެންކަމުން އެ ވޯޓުގައި މި މަޖިލީހުގެ ދައުރު ކުރުކުރަން ފެނޭތޯ ސުވާލުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ރައީސްގެ އިހުތިޔާރުގައި އޮތް ކަމެއް ކުރަން ޖެހޭނީ ގާނޫނުއަސާސީގެ މަގުސަދު ހާސިލްކުރެވޭ ގޮތަށް ކަމަށް ވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ވަނީ ވިދާޅުވެފައެވެ.

އެ ކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލުން ޝަރީއަތުގައި ވިދާޅުވެފައި ވަނީ ސުވާލު އިބާރާތްކުރަން ޖެހޭނެ ގޮތެއް ނުވަތަ ފަރުމާކުރަން ޖެހޭ ވަކި ގޮތެއް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ނެތް ކަމަށެވެ. އެކަން ދޫކޮށްލާފައި އޮތީ ރައީސަށް ކަމަށާއި އެކަން ކުރެވޭނެ ގޮތްތަކުގެ އިޖުރާއަތްތައް ބަޔާންކުރަނީ ހިޔާލު ހޯދުމުގެ ވޯޓު ނަގާ ގާނޫނުގައި ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ. ގާނޫނުގައި އޮތީ ރައީސް ނެރުއްވާ ގަރާރަކުން ސުވާލު ފަރުމާކުރަން ކަމަށް ވެސް ވަކީލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދެވެ. މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ، އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް، ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ.

ޝާހިދު މާފަށް އެދިވަޑައިގެންފި، ގޮވާލެއްވީ ބަސްފޮތުން އެފަދަ ބަސްތައް އުނިކުރަން

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ފާޑު ވިދާޅުވެ ޖަލްސާއެއްގައި ދެއްކެވި ވާހަކާގައި ސަރުކާރު ސިފަކޮށްދިނުމުގެ ބޭނުންކުރެއްވި ދިވެހި ބަހުގެ މަޖާޒީ މިސާލަކުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފުރައްސާރަވާ ކަމަށް ބުނެ ފާޑުކިޔުން އަމާޒުވުމުން، އެކަމާ ގުޅިގެން ޝާހިދު މާފަށް އެދިވަޑައިގެންފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރަން އުފައްދާފައިވާ ޑިސްއޭބިލިޓީ ކައުންސިލުން ވަނީ “ކަނަކު އިޝާ ނަމާދަށް ދާހެން” ސަރުކާރުން ލާހޫރެނީ ކަމަށް ޝާހިދު ވިދާޅުވުމުން އެ ވާހަކަ ކުށްވެރިކޮށްފަ އެވެ.

ޝާހިދު ވިދާޅުވީ ކެންޕެއިން ޖަލްސާއެއްގައި ސަރުކާރުން ކަންކުރާގޮތް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރި ދިވެހި ބަހުގެ މަޖާޒީ މިސާލު ބަހަކީ ލޮލުގެ ފެނުމުން މަހުރޫމުވެފައިވާ މީހުންގެ ކަރާމާތަށް އުނިކަމެއް ރައްދުކުރުމުގެ ނިޔަތުގައި ބޭނުންކުރެއްވި ބަހެއް ނޫން ކަމަށެވެ. އެކަމަކު އޭނާ ވަނީ އެކަމާ ގުޅިގެން މާފަށް އެދިވަޑައިގެންފަ އެވެ.

“އެހެންނަމަވެސް ދިވެހިބަހުގެ ޒަމާންވީ މިބަސް އަޅުގަނޑަށް ބޭނުންކުރެވިފައިވާތީ ލޮލުގެ ފެނުމުން މަހްރޫމްވެފައިވާ އެންމެ ބޭފުޅުންގެ އަރިހުން މައާފަށް އެދެމެވެ،”

ޝާހިދު ވަނީ ދިވެހި ބަސްފޮތުގައި ހުރެދާނެ އެފަދަ ހުރިހާ ބަސްތަކެއް އުނިކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފަ އެވެ.

ޝާހިދު ބޭނުންކުރެއްވި މިސާލު ބަހަކީ، ސީދަލަށް ޔަގީންކަމާ އެކު ކުރިއަށް ނުދެވި ހޫރެމުން ހިނގަމުން ދިއުމާ ގުޅުވައި ބޭނުންކޮށް އުޅޭ މިސާލު ބަހެކެވެ. ބައެއް މީހުން ދަނީ ޝާހިދުގެ އެ މިސާލު ދިފާއު ވެސް ކުރަމުންނެވެ. އެގޮތަށް ދެކޭ މީހުން ބުނާ ގޮތުގައި ޝާހިދު ޖެއްސެވި މިސާލު މައްސަލައަކަށްވާ ނަމަ، “ފެތުނު އޮޑީ ރިޔާ ދަށުވިޔަސް ކަނަކު އަތްދަށުނުވާށެވެ.” ފަދަ މިސާލުތަކެއް ވެސް ބޭނުމެއް ނުކުރެވޭނެ އެވެ.

ޑިސްއެބިލިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނުގައި ބުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، ފަހިފެހި ތިނަދޫ ސިޓީ މެނިފެސްޓޯ އިފްތިތާހުކުރަން ބޭއްވި ޖަލްސާގައި ޝާހިދު ވާހަކަ ދެއްކެވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަދި މަލާމާތް ރައްދުވާ ބަހުރުވައިން ކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ ރާއްޖެ ބައިވެރިވެފައިވާ ހުރިހާ ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ގާނޫނުއަސާސީން ރައްކާތެރިކަން ލިބިގެންވާ ބައެއް ކަމަށެވެ. އަދި ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް އިހްތިރާމުކުރުމާއި އަމިއްލަވަންތަކަމާއި މިނިވަންކަމާ އެކު ދިރިއުޅުމުގެ ފުރުސަތަކީ އެ މީހުންނަށް ލިބިގެންވާ ހައްގެއް ކަމަށް ބަޔާނުގައި ބުންޏެެވެ.

މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ ޢަލީ ޖަލީލް ހޮވުމަށް އުއްޗު ތާއީދުކުރައްވައި އެންޑޯޒްކުރައްވައިފި

މާލެ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައި ރަސްމީކޮށް އެންޑޯޒްކުރައްވައިފިއެވެ.

މޫސާ ޢަލީ ޖަލީލް މިއަދު ވަނީ ޗަމްޕާގިރިއަށް ޒިޔާރަތްކުރައްވައި، އުއްޗުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވާފައިވާކަން ހާމަކުރައްވައި، މާލެ ސިޓީގެ މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށް ފުރިހަމައަށް ތާއީދުކުރައްވާކަމުގެ ޔަގީންކަން ދެއްވާފައެވެ. މީގެ އިތުރުން، މި އިންތިޚާބުގައި މޫސާ ޖަލީލަށް ވޯޓު ހޯދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވެސް އުއްޗު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އުއްޗު ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޤައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލް ކަމަށެވެ. ވަކިން ޚާއްޞަކޮށް، ސިފައިންގެ ޚިދުމަތުގައި މޫސާ ޖަލީލް ދައްކަވާފައިވާ ކެރުމާއި، ހިތްވަރާއި، ރީތި ނަމޫނާއަށް އުއްޗު ތަޢުރީފު ކުރެއްވިއެވެ.

އުއްޗު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޫސާ ޢަލީ ޖަލީލް ފަދަ ޤައުމީ ޚިދުމަތުގައި އިތުބާރު ހިފެހެއްޓެވުމާއެކު މަސައްކަތް ކުރައްވާފައިވާ ބޭފުޅުންގެ ޚިދުމަތް މިވަގުތު ޤައުމަށް ނުހަނު ބޭނުންވެއެވެ. އަދި ޤައުމުގެ ޒިންމާދާރު މަޤާމުތަކުގައި އެފަދަ ބޭފުޅުން ތިއްބެވުމަށް އަބަދުވެސް އިސްކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މޫސާ ޢަލީ ޖަލީލް ވަނީ އޭނާއަށް ބައްދަލުކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި އަދި މޭޔަރުކަމުގެ އިންތިޚާބުގައި އޭނާއަށް ތާއީދުކުރައްވައި އެންޑޯޒްކުރެއްވިކަމަށްޓަކައި ޗަމްޕާ މުޙައްމަދު މޫސާއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

ފަޅުގައި އޮތް ދޯންޏެއްގެ ކެޕްޓަނަށް ހަމަލާދިން މީހަކު ޖަލަށް

ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި، އެ ދޯނީގެ ކެޕްޓަނަށް ހަމަލާދިން މީހަކު ޖަލަށްލާން ހުކުމްކޮށްފިއެވެ.

މިއީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އެއް ދުވަހު މެންދުރު ފަހު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏަކަށް އަރައި، އެ ދޯނީގެ ކެޕްޓަންކަން ކުރާ، ގދ. ގައްދޫ މީހަކަށް ހަމަލާ ދިން މައްސަލައެވެ.

މި މައްސަލައިގައި، އަނިޔާއެއް ދިނުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މއ. ޖަންބުގަސްދޮށުގެ އިބްރާހީމް ފާރިސްގެ މައްޗަށެވެ.

ދައުލަތުން ފާރިސްގެ މައްޗަށް ކުރި މި ދައުވާއަށް އޭނާވަނީ ޝަރިއަތުގައި އިއުތިރާފުވެފައެވެ. ދައުވާއަށް އިއުތިރާފުވުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ.

މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ނިންމި މި މައްސަލައިން އެނގޭ ގޮތުގައި މި މާރާމާރީގައި، ދޯނީގެ ކެޕްޓަންގެ މޫނުމަތިން ދެތަނެއް ފަޅައިގެންވެސް ގޮސްފައިވެއެވެ. އެއީ، ފާރިސް އެތައް ފަހަރަކު ކެޕްޓަނަށް ހަމަލާ ދިނުމުން ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލައިގައި، ފާރިސްގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިނަމަވެސް، އެ ހުކުމުން އެއް ދުވަސް ފިޔަވައި ބާކީ މުއްދަތުވަނީ 7000 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްދީފައެވެ. ބާކީ އެއް ދުވަސް، މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފާރިސް ބަންދުކޮށްފައި ހުރި ދުވަސްތަކުން އުނި ކުރުމުން އޭނާދެން މި މައްސަލައިގައި ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބެއް ނެތެވެ. ޖޫރިމަނާ ދައްކަން ޖެހެނީ ދެ މަސް ދުވަހުންނެވެ.

މި މައްސަލަ ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއެވެ.

މޭރީގެ މަރު: އަންނަ މަހު ހުކުމް އިއްވަން ތާވަލުކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހަށް ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އަދި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ 12އަށް ވަނީ ތާވަލުކޮށްފަ އެވެ.

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށެވެ. މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކުރިމިނަލް ކޯޓުގައި މާވިންއާއި ލަމްހާގެ ޝަރީއަތް މީގެކުރިން ގެންގޮސްފައިވަނީ ވަކިވަކިންނެވެ. ނަމަވެސް މިހާރު އެ ދެ މީހުންގެ ޝަރީއަތް ކުރިއަށްގެންދަނީ އެއްކޮށެވެ. މިއަދުގެ އަޑުއެހުމަށް ވެސް ދެ މީހުން ހާޒިރުކުރީ އެއްކޮށެވެ.

މި މައްސަލައިގައި މީގެ ކުރީން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިން އެވެ. އެއިއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.

މި މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މޭރީގެ ޕޯސްޓްމޯޓަމް ހެދި އިންޑިއާގެ ޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ސާލިނީ ބުނެފައިވަނީ އޭނާއަކީ 1،000 އަށްވުރެ ގިނަ ޕޯސްޓްމޯޓަމް ހަދާފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ދުވަސްވީ ހަށިގަނޑުތަކާއި ވަޅުލައިފައިވާ ހަށިގަނޑުތަކުގެ ޕޯސްޓްމޯޓަމް ވެސް ހަދާ މީހެއް ކަމަށެވެ. މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ މަރުވިތާ ދެ ހަފުތާ ފަހުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ދެ ހަފުތާ ފަހުން މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ނަމަވެސް ހަށިގަނޑު ކުނިވާން ފަށާފައިނުވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ސަބަބަކީ ރާއްޖޭގައި މޭރީގެ ހަށިގަނޑު ބާއްވާފައިވަނީ މޯޗަރީއެއްގައި ކަމަށްވުން ކަމަށެވެ. ހަށިގަނޑު ކުނިވާން ފަށާފައިނުވާތީ އަދި ރައްކާތެރިކޮށް މޯޗާރީގައި ބާއްވާފައި އޮތުމުގެ ސަބަބުން ހަށިގަނޑުގެ ބޭރުގައި ހުރި ނިޝާންތައް ރަނގަޅަށް ދެނެގަނެވެން ހުރި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

މޭރީގެ ޕޯސްޓްމޯޓަމް ހެދިއިރު ކަރުގެ ކަށިތަކާއި ނާރުތަކަށް ގެއްލުން ވެފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޕުއްޕާމެއަށް ލޭއެޅިފައިވާކަމުގެ އިތުރުން ބޮލަށް އަނިޔާތަކެއްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހަށިގަނޑުގެ ބޭރުގައި ހުރި އަނިޔާތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މޭރީގެ ކަރުގެ ތައިރޮއިޑް ކާޓްރިޖަށް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ.

ހެކިވެރިޔާ ބުނީ ދަންޖެހިގެން މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ކަރުގެ ކަށިތަކަށާއި، ނާރުތަކަށް ގެއްލުންވާނެ ކަމަށެވެ. މޭރީގެ ފުއްޕާމެއަށް ލޭ އެޅިފައިވަނީ ނޭވާ ހޮޅި ނުވަތަ ވައި ހޮޅި ބެއްދުމުގެ ސަބަބުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ބޮލަށް އަނިޔާވެފައިވަނީ މޭރީގެ ބޯ ހަރުތަނެއްގައި ވަރަށް ބާރަށް ޖައްސައިފައިވުމުގެ ސަބަބުން ކަމަށެވެ. މޭރީގެ ތައިރޮއިޑުގެ ކާޓްރިޖަށް އަނިޔާވެފައިވަނީ އެހެން މީހަކު މޭރީގެ ކަރަށް ބާރަށް ފިތާލުމުގެ ސަބަބުން ކަަމަށް ލަފާކުރެވޭ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

“އަޅުގަނޑު ޕޯސްޓްމޯޓަމް ހެދީ ދަންޖެހިގެން މަރުވި ހަށިގަނޑެއްގައެއް ނޫން. ހަށިގަނޑުން ދަންޖެހިގެން މަރުވިކަމުގެ ނިޝާނެއް ނެތް ނެތް. މަރުވީ ބޮލަށާއި، ކަރަށް އަދި ފުއްޕާމެއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން،” ހެކިވެރިޔާ ބުނެފައިވެއެވެ.

މޭރީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސޮލޮޖީ އެނަލިލިސް ހެދި އިންޑިއާގެ ފޮރެންސިކް ތަޖުރިބާކާރަކު ހެކިބަސް ދެމުން ބުނެފައިވަނީ މޭރީ ގްރޭސްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލުން ނުރައްކާތެރި “ސަކްސިނައިލްކޮލިން”ގެ އަސަރު ފެނުނު ކަމަށެވެ.

މެރީޭގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވަނީ އާންމުކޮށް ކޭސްތަކުގައި ގެންނަ ބްލަޑް ސާމްޕަލްތަކުގައި ހުންނަ މިންވަރަށްވުރެ މަދުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު އާންމުންނަށް ދޭން ހުށަހަޅާނަން: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދޭން ހުށަހަޅުއްވާނަން ކަމަށާއި، އޭރުން ސަރުކާރުވެސް ހަރުދަނާކޮށް ހިނގައި، އިންތިޚާބުތަކުގައި ވޯޓުލާން ނިކުންނަ މީހުން ގިނަވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.

‘ސަންގު ޓީވީ’ން ގެނެސްދިން “އެސްޕްރެސޯ ވިތު ރައީސް” ޕްރޮގްރާމުގައި ރައީސް ވިދާޅުވީ، މެންބަރުންނާއި ކައުންސިލަރުން ވަކިކުރުމުގެ ބާރު ގާނޫނެއްގައި ކަނޑައަޅައި ރައްޔިތުންނަށް ދިނުން، ނުވަތަ ރިކޯލް ވޯޓުގެ ނިޒާމު ހުށަހެޅުމަކީ މި ސަރުކާރުގެ އިސްލާހީ އެޖެންޑާގެ ތެރޭ ހިމެނޭ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، ރިކޯލް ވޯޓުގެ ނިޒާމު ތައާރަފްކުރުމުން، މަޖިލީހުގެ މެންބަރުންނާއި ކައުންސިލަރުންގެ ނަތީޖާ ދަށްވެއްޖެނަމަ، ނުވަތަ ގާނޫނީގޮތުން އެ ބަޔަކަށް މަސައްކަތް ނުކުރެވޭކަން ރައްޔިތުންނަށް ފެންނަނަމަ ކަނޑައެޅިފައި އޮންނަ ގޮތަކަށް ޕެޓިޝަން ހުށަހަޅައި، މަޖިލީހުގެ ތެރޭ ވޯޓު ހަމަކޮށް، އެ މެންބަރަކު ނުވަތަ ކައުންސިލަރަކު މަގާމުން ދުރުކުރެވޭނެ ކަމަށެވެ.

އޭރުން ދައުރުގެ މެދުތެރޭ މަޖިލީހުގެ އިންތިޚާބު ބާއްވަން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ހަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގަ ބާއްވައިފަ، މަޖިލިސް މެންބަރުން ހޮވަންވީ، ހޮވައިފަ ދައުރުތެރޭގަ އެ ގާނޫނުގަ ކަނޑައަޅާ ޝަރުތުތައް ނުވަތަ އޭގެ ތެރެއިން ކަމެއް އޭނަ ކިބައިން އުނިވީ، އެ ހިސާބުން ރައްޔިތުންނަށް ފުރުސަތު އެބަލިބޭ އޭނަ ބޭރުކުރަން،” ރައީސް ވިދާޅުވިއެވެ.

އެއާއެކު އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވެ، ރައީސް ވިދާޅުވީ، އެމްޑީޕީން ދައްކާ އެއްވެސް ވާހަކައެއްގައި ބާރެއް ނެތް ކަމަށެވެ.

ރިކޯލް ވޯޓު ނިޒާމު ހުށަހަޅުއްވާނެކަމަށް ވިދާޅުވި ނަމަވެސް، ސީދާ ހުށަހަޅުއްވާނީ ކޮން އިރަކުކަން އެމަނިކުފާނު ވިދާޅެއް ނުވެއެވެ.

“އޭރުން މަޖިލިސް ކައުންސިލުވެސް ސަރުކާރުވެސް ހިނގާނެ ވަރަށް ހަރުދަނާކަމާ އެކީގަ، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާ އެކީގަ އިންތިޚާބުތައްވެސް ބޭއްވޭނީ، ހަގީގީ މާނައިގަ ފްރީ އެންޑް ފެއާކޮށް ވަރަށް ހައި ޓާންއައުޓެއްގަ،” ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭގައި، 13 ބުރީގެ ޕާކިން ބިލްޑިންއެއްގެ ބިންގާއަޅައިފި

ހުޅުމާލޭގައި ޖުމްލަ 1،300 ވެހިކަލްގެ ޖާގައިގެ 13 ބުރީގެ ޕާކިން އިމާރާތެއްގެ ބިންގާ މިއަދު އަޅައިފިއެވެ.

އެކަމަށް ޚާއްސަކޮށްގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕާކިން އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީނެވެ. މި ޕްރޮޖެކްޓުގެ މަސައްކަތް 24 މަސްތެރޭ ނިންމުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ބިންގާއެޅި ޕާކިން ބިލްޑިންއަކީ، ދެފުރޮޅުލީ 500 އުޅަނދާއި ހަތަރު ފުރޮޅުލީ 800 އުޅަނދުގެ ޖާގައިގެ، ވެހިކަލް އެލެވޭޓަރާއި ރޭމްޕްގެ އިތުރުން ހާއްސަ ވިޔަފާރި ޖާގަތަކާ އެކު ތަރައްގީކުރާ އިމާރާތެކެވެ.

އިމާރާތުގެ ބިންގާއެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ޓަރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ މާލެ ސަރަހައްދުގެ މަގުތަކުގައި ވެހިކަލްތައް ގިނަވެ، ޕާކުކުރެވޭނޭ ސަރަހައްދެއް ނެތި ވެހިކަލް ރަޖިސްޓްރީ ކުރުމަށް ގަރާޖުނުލިބޭ ހާލަތު ބަދަލުކުރުމަށް، މިއަދު ބިންގާ އެޅި ޕާކިން ބިލްޑިންގެ ދަށުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއަކީ ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޖެކްޓު (ޕީއެސްއައިޕީ)ގެ އުސޫލުން ބެޗް ކޮންސްޓްރަކްޝަނުން ގާއިމްކުރުމަށް ހަމަޖެހިފައިވާ ވަރަށް ޒަމާނީ އަދި ޕާކިން އިމާރާތަކުން ލިބެންޖެހޭ ހުރިހާ ވަސީލަތްތަކެއް ހިމެނޭ ޕްރޮޖެކްޓެއް ކަމަށެވެ.

ހުޅުމާލޭގައި، 1،300 ވެހިކަލްގެ ޖާގައިގެ 13 ބުރީގެ ޕާކިން ބިލްޑިންއެއްގެ ބިންގާއަޅެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން — ފޮޓޯ: ރައީސް އޮފީސް

ސަރުކާތުގެ މި މަޝްރޫގެ ތެރޭގައި ހިމެނޭ އިތުރު ހަ ޕާކިން ބިލްޑިންގެ މަސައްކަތްވެސް ދިވެހި ހަ ކުންފުންޏެއްގެ ދަށުން ވަރަށް އަވަހަށް ފެށިގެންދާނެ. ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގައި ގާއިމްކުރާ ހަތް ޕާކިން ބިލްޑިންއިން، ކަނޑައެޅިފައިވާ އުސޫލުގެތެރެއިން ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން އާންމު ޚިދުމަތް ރާވާފައިވާ ފަރާތްތަކަށާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަަަކަށް ވަކި އިންސައްކަތައެއް ވާނީ ކަނޑައެޅިފައި.ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން

އަމީން ވިދާޅުވީ ސަރުކާރުން ޕްލޭންކޮށްފައިވާ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ނިމުމުން މާލޭގެ މަގުތައް އަމާންވެ ވެހިކަލް ރަޖިސްޓްރީކުރުމަށް ދިމާވެފައިވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ ކަމަށެވެ.

އެގޮތުން ހުޅުމާލޭގެ މާސްޓާ ޕްލޭނާ އެއްގޮތަށް ޕީއެސްއައިޕީ އުސޫލުން ފޭސް އެކެއްގައި ތިން ޕާކިން ބިލްޑިންއާއި ފޭސް ދޭއްގައި ހަތަރު ޕާކިން ބިލްޑިން އެޅުމަށް ނިންމައި، މަސައްކަތް ފެށުމުގެ މަރުހަލާ މިހާރު ކުރިއަށް ދާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެ ޕާކިން ބިލްޑިންތަކުގައި ޕްރައިވެޓް އަދި ޕަބްލިކް ޕާކިންއަށް ޖާގަ ހިމެނިފައިވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މާލެ އާއި ހުޅުމާލޭގައި ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކުކުރާނެ ޖާގަ ނެތުމުގެ މައްސަލައެވެ. ހާއްސަކޮށް ގިނަ ބަޔަކު ހުޅުމާލެއަށް ހިޖުރަކުރަމުންދާތީ އެ ސަރަހައްދުގައި އުޅަނދުތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މައި މަގުތަކުގެ ދެ ފަރާތުގައި ކާރާއި ސައިކަލުތައް ޕާކުކޮށްފައި އޮތުމުގެ ސަބަބުން ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

ގަދަ ހޫނުގެ ސަބަބުން ސްކޫލުތަކުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފި

ހޫނުގަދަވުމުގެ ސަބަބުން ސްކޫލުތަކަށް ކުދީން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފިއެވެ.

‘ހަވާސާ’އަށް މައުލޫމާތުދިން ބައެއް ބެލެނެވެރީން ބުނި ގޮތުގައި، މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން، ބައެއް ސްކޫލުތަކުން ވަނީ، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި އައުމުގެ ފުރުސަތު އޮންނާނެކަމަށް އަންގައިފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ލުޔެއް ލިބިފައިވާކަން ބައެއް ބެލެނެވެރީން ވަނީ ފާހަގަކޮށްފައެވެ.

ބެލެނެވެރީންގެ ފަރާތުން މިގޮތަށް މައުލޫމާތު ލިބުނު ނަމަވެސް މިކަން އިތުރަށް ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން، ފޯނު ނުނަގާތީ، މިނިސްޓްރީގެ ބަސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މެޓް އޮފީހުން ވަނީ، ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި، ވަކިން ޚާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަވާ ދެ މަސްކަން ފާހަގަކޮށްފައެެވެ.

އަދި މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން މެޓް އޮފީހުން ފާހަގަކުރެއެވެ.

އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން އެޗްޕީއެއިން ވަނީ ފާހަގަކޮށްފައެވެ.

ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އެޅުމަށާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޓްރަމްޕް “ރަސްކަލަކަށް” ވާން އުޅޭ ކަމަށް ބުނެ އެމެރިކާގައި މުޒާހަރާ ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވަނީ ރަސްކަލަކަށް ވެގެން އެ ގައުމުގައި ވެރިކަން ކުރަން ކަަަމަށް ބުނެ، އޭނާ ވެރިކަމުން ފޭބުމަށް ގޮވާލައި އެ ގައުމުގެ ގިނަ ރައްޔިތުން މުޒާހަރާއަށް ނިކުމެއްޖެއެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ޓްރަމްޕާއި ދެކޮޅަށް އެމެރިކާގައި ގިނަ ސިޓީތަކެއްގައި ރައްޔިތުން ދަނީ މުޒާހަރާ ކުރަމުންނެވެ. މިއީ “ނޯ ކިންގްސް ރެލީ”ގެ ތިންވަނަ މުޒާހަރާއެވެ.

އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މުޒާހަރާގެ ބައިވެރިން ގެންދަނީ ޓްރަމްގެ ބައެއް ފޮލިސީތަކާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. އެގޮތުން އީރާނާއެކު ހަނގުރާމަކުރުމަށް ފެޑްރަލް އިމިގްރޭޝަން އިންފޯސް މެންޓާއި ދިރިއުޅުގެ ހަރަދުތައް މައްޗަށް ދާތީ ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ޓްރަމްޕް ބޭނުންވަނީ ހަރުކަށި އަދި ނުފޫޒުގަދަ ވެރިއަކަށް ވެގެން އެމެރިކާގައި ބާރު ހިންގަން ކަމަށާއި ރަސްކަލަކަށްވުމަށް ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް އެމެރިކާގައި ބާރު އޮންނާނީ ރައްޔިތުންގެ އަތުގައި ކަމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

އެމެރިކާގެ ވެރިކަން ދެވަނަ ފަހަރަށް ޓްރަމްޕަށް ލިބުމާއެކު ގެންދަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އެ ގައުމުން އިމިގްރެންޓުން ބޭރުކުރުމަށް ލާ އިންސާނީ އަމަލުތައް ޓްރަޕް ގެންދަނީ ހިންގަމުންނެވެ. އަދި ބައެއް ގައުމުތަކާއި އެކު ހަނގުރާމައަށްދާނެ ކަމުގެ އިންޒާރުތައް ދިނުމާއި އިސްރާއީލާއި ގުޅިގެން އީރާނަށް މިހާރު ގެންދަނީ ހަމަލާތައް ދެމުންނެވެ.