Advertisement

މިކަން ނިމިއްޖެ، ރައީސް މުޢިއްޒަށް ފުވައްމުލަކުން ބުނަނީ ‘ނޫނެކޭ'” – ޝާހިދު

އިދިކޮޅު އެމްޑީޕީން ފުވައްމުލައް ސިޓީގައި ރޭ ބޭއްވި “ހޭވައްލާ ތައްޔާރު” ޖަލްސާއެއްގައި ވާހަކަދައްކަވަމުން، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ފުވައްމުލަކުން ވަނީ މި ސަރުކާރަށް ނޫނެކޭ ބުނެފައިކަމަށް ދަންނަވައިފިއެވެ.

ފުވައްމުލަކު ބަނދަރު މަތިން އެމްޑީޕީގެ ލީޑަޝިޕަށް ރައްޔިތުން ކީ ހޫނު މަރުޙަބާއަށާއި، ރަށު ތެރޭގައި ބޭއްވި ސައިކަލު ބުރުން ފެނުނު ވަރުގަދަ ލަޝްކަރަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ފުވައްމުލަކުގެ ސިޔާސީ މަންޒަރު މިހާރު އޮތީ ސާފުކޮށް ފެންނަން ކަމަށެވެ.

Advertisement

“އިރާދަކުރެއްވިއްޔާ މިކަން މިވަނީ ނިމިފައި. ފުވައްމުލަކުން މި އިވެނީ އެއް އަޑެއް، އެއީ މިކަން ނިމިއްޖޭ ބުނާ އަޑު،” ޝާހިދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި ބޭއްވި ޖަލްސާގެ ތެރެއިން—- ފޮޓޯ:ހަވާސާ

ޝާހިދުގެ ވާހަކަފުޅުގައި މި ސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް ހުރަސް އަޅަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. މާލޭގައި ތިބެގެން ރީޖަނަލް އޮފީސްތައް ހަދައި، ސްޓޭޓް މިނިސްޓަރުންނާއި ޑިރެކްޓަރުން އައްޔަންކޮށްގެން ފުވައްމުލަކުގެ ތަރައްޤީގައި އަތްއަޅަން ރައީސް މުޢިއްޒު އުޅުއްވާނެ ކަމެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން 120 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ 120 ބިލިއަން ރުފިޔާއިން ފުވައްމުލަކުގައި އެންމެ ގާބުރިއެއްވެސް ބާއްވާފައި ނުވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ރައީސް މުޢިއްޒު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، އެއީ ތާރީޚުގައިވެސް އެންމެ ގިނަ “ބިންގާ އެޅުމުގެ މުބާރާތެއް” ބޭއްވި ދަތުރުފުޅުތަކެއް ކަމަށެވެ. ނަމަވެސް އެ އެޅި ބިންގާތައް މިއަދު ވަނީ ގަލަށްވެފައި ކަމަށާއި، މި ސަރުކާރުން ބިންގަލުގެ މާނަވެސް ބަދަލުކޮށްފި ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް އިންތިޚާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައި، ރައްޔިތުންގެ އަޑު ކަނޑުވާލަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް މުޢިއްޒު ކެމްޕޭނަށް ރަށްރަށަށް ވަޑައިނުގެން މާލޭގައި ތިއްބަވައިގެން ރައްޔިތުންނާ ދުރުން ކަންކަން ނިންމަވަމުންދާ ދިއުމަކީ ރައްޔިތުންނަށް ކުރާ އިހުތިރާމެއް ނެތްކަމުގެ ހެއްކެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

“ވޯޓު ކަރުދާސްކޮޅު ލިބޭއިރު، އޭގައި އޮންނާނީ މި ސަރުކާރުގެ އަނިޔާވެރިކަމާއި އޮޅުވާލުމަށް ‘އާއެކޭ’ ނުވަތަ ‘ނޫނެކޭ’ ބުނުން. ފުވައްމުލަކުގެ ރައްޔިތުންގެ ޖަވާބަކީ ‘ނޫނެކޭ’. އެހެންވީމާ ނޫނެކޭ އޮންނަ ގޮޅީގައި ފާހަގަޖައްސަވައި، މި އަނިޔާވެރިކަން ނިމުމަކަށް ގެންނަވާ،” ޝާހިދު އިލްތިމާސް ކުރެއްވިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ފަރާތުން ފުވައްމުލަކުގެ ދާއިރާތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންނާއި އެމްޑީޕީގެ ލީޑަރޝިޕް ގެ ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ޝާހިދު ވާހަކަފުޅު ނިންމަވާލެއްވީ މި ސަރުކާރަކީ ރައްޔިތުންނަށް ކުލުނެއް ނެތް ސަރުކާރެއް ކަމަށް ވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް