ފުވައްމުލަކު ސިޓީގެ މޭޔަރުކަން ރަފީގު ދިފާއު ކޮއްފި

ފުވައްމުލައް ސިޓީގެ މޭޔަރު ކަމުގެ މަގާމަށް މިހާރުގެ މޭޔަރު، އިސްމާއީލް ރަފީގު ކާމިޔާބު ކުރައްވައިފިއެވެ.

އިތުރު ތަފްސީލް އަންނަނީ….

މިއަދު ނެގި ވޯޓުން ބޮޑު ތަނުން ސަރުކާރަށް ނޫނެކޭ ބުނެފި: ރައީސް ނަޝީދު

މިއަދު ނެގި ތިން ވޯޓުން ބޮޑު ތަނުން ސަރުކާރަށް ނޫނެކޭ ރައްޔިތުން ބުނެފިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ނެގި ވޯޓުގައި އެމްޑީޕީން ވަނީ ބޮޑު ތަނުން ސަރުކާރު ބަލިކޮށް ކާމިޔާބު ހޯދާފައިކަމަށެވެ.

” ހުރިހާ ސިޓީއެއްގިނަ ރަށްރަށެއް، އަދި ފެންނަ ނުފެންނަ ވޯޓުގައި ބޮޑުތަނުން ސަރުކާރަށް ނޫނެކޭ ބުނެފި.” ނަޝީދު އެކްސްގައި ކުރެއްްވި ޕޯސްޓުގައިވެއެވެ.

މިއަދު ކުރިޔަށް ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ހުރިހާ ސިޓީއެއްގެ މޭޔަރުކަން ކާމިޔާބުކޮށްފައިވަނީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ދެ އިންތިހާބު އެއްކޮށްލަން ފެނޭތޯ އެހި ވޯޓުގައިވެސް ސަރުކާރު ވަނީ ބަލިވެފައެވެ. އެ އިންތިހާބުގައި ގިނަ ބަޔަކު ވަނީ ދެ އިންްތިހާބު އެއްކޮށްލަން ނުފެންނަ ކަމަށް ވޯޓް ދީފައެވެ.

މާލޭގެ މޭޔަރުކަން އާޒިމް ދިފާއު ކުރައްވައިފި

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރެއްވި އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް ބޮޑު ތަފާތަކުން ކުރިހޯއްދަވައި، ގޮނޑި ދިފާއުކުރައްވައިފިއެވެ.

މިހާތަނަށް ގުނާ ނިމިފައިވާ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ 43 އިންސައްތައަށްވުރެ ގިނަ ވޯޓު އާޒިމް ވަނީ ކާމިޔާބުކުރައްވާފައެވެ.

މި އިންތިޚާބުގައި އާޒިމާ އެންމެ ގާތުން ވާދަކުރެއްވީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ އަލީ ޖަލީލެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި މޫސާ އަލީ ޖަލީލަށް ލިބިވަޑައިގެންފައިވަނީ ވޯޓުގެ 28 އިންސައްތައެވެ.

މީގެ އިތުރުން، އަމިއްލަ ގޮތުން މި އިންތިޚާބުގައި ވާދަކުރެއްވި ކެންޑިޑޭޓް އިސްމާއިލް ޒަރިޔަންދު ވަނީ ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައެވެ. ނަތީޖާތަކުން ދައްކާގޮތުގައި ޒަރިޔަންދަށް ލިބިވަޑައިގަތީ ވޯޓުގެ 23 އިންސައްތައެވެ.

މިއަދު ބޭއްވުނު މި އިންތިޚާބުގެ ވަގުތީ ނަތީޖާތައް އަދިވެސް އަންނަނީ ލިބެމުންނެވެ. ނަމަވެސް މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އާޒިމް ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާނެކަން ކަށަވަރު ކުރައްވާފައެވެ.

ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަން އެމްޑީޕީގެ ޢާޠިފް ދިފާއު ކޮށްފި

ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރުކަމުގެ މަގާމު، މިހާރުވެސް އެ މަގާމުގައި ހުންނެވި މުހައްމަދު އާތިފް ދިފާއުކުރައްވައިފިކަމަށް މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓު ގުނައި ނަތީޖާ އެއްކޮށް އަދި ސާފުވެފައި ނުވި ނަމަވެސް، މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު އާތިފް ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

އާތިފް މި މަގާމުގެ ދެވަނަ ދައުރެއް ކާމިޔާބުކުރެއްވީ އެމްޑީޕީގެ ޓިކެޓުގައެވެ.

އިންތިޚާބުގެ ކަންކަމުގައި އާންމުން ދިން އެއްބަރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފި

މިއަދު ކުރިޔަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބާއި އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުލުން ކުރިއަށްދިޔައިރު މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޝުކުރުއަދާކުރައްވައިފިއެވެ.

ފުލުހުން ވިދާޅުވީ، އިންތިޚާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، ވޯޓުލުމުގެ ސަލާމަތީ ކަންކަން އޮމާންކޮށް ދިޔައީ، ފުލުހުންގެ އިރުޝާދުތަކަށް އާންމުން އެއްބާރުލުން ދެއްވުމުންކަމަށް ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައިރު ފާހަގަކުރެވޭފަދަ ބޮޑު ކަމެއް ހިނގާފައި ނުވާކަމަށެވެ. އަދި އިންތިޚާބާ ގުޅުންހުރި އެއްވެސް މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެއްވެސް މީހަކު ބަންދުގައި ނެތްކަމަށެވެ.

ފުލުހުންގެ ޚިދުމަތުންވަނީ މުޅި ރާއްޖޭގައި ހަރަކާތްތެރިވި ފުލުހުން ކުރެއްވި ބުރަ އަދި އިޚްލާސްތެރި މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ. އަދި ވޯޓުލާ މަރުކަޒުތަކުގެ އަމަންއަމާންކަން ދެމެހެއްޓުމުގައާއި ވޯޓުލާން ދިޔަ ރައްޔިތުންނަށާއި، އޮފިޝަލުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފުލުހުންވަނީ ނަމޫނާ މަސައްކަތްތަކެއް ކޮށްދީފައިވާ ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް މުޖްތަމަޢުގެ އަމަންއަމާންކަން ދެމެހެއްޓުމުގައި ދިވެހި ފުލުހުންގެ ޚިދުމަތް އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމަށްވެސް ފުލުހުންގެ ޚިދުމަތުންވަނީ ވިދާޅުވެފައެވެ.

އައްޑޫ މޭޔަރުކަމުގެ ދެވަނަ ދައުރެއް ނިޒާރަށް

އައްޑޫ ސިޓީގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އަލީ ނިޒާރު އިންތިޚާބުވެވަޑައިގެންފިކަމަށް މިހާތަނަށް ގުނުނު ވޯޓުގެ ނަތީޖާއިން ދައްކައިފިއެވެ.

މިއަދު ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން، ނިޒާރު ވަނީ އައްޑޫ ސިޓީގެ މޭޔަރުކަން އަނެއްކާވެސް ކާމިޔާބު ކުރައްވާފައެވެ.

މޭޔަރުކަމުގެ އިތުރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާގެ މަގާމަށް އިންތިޚާބުވެވަޑައިގަތީ ފާތިމަތު ހިޖްރާ (ހިޖޫ) އެވެ.

ތަފްސީލު އަންނަނީ..

މިހާތަނަށް ނަތީޖާ، 2އިންތިހާބު އެއްކުރަން މީހުން ދެކޮޅު، މޭޔަރު ގޮނޑިތައް އެމްޑީޕީއަށް

މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.އަދި ފެންނަ ނުފެންނަ ވޯޓުން ނުފެންނަ ކަމައް ވަގުތީ ނަތީޖާ އިން ދައްކައެވެ.

މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިފައިވާއިރު، މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވޯޓުލުން ވަނީ ކުރިއަށް ގޮސްފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުނު އިރު، ބައެއް ސަރަޙައްދުތަކުގައި ކިއޫ ބޮޑުވުމުގެ ސަބަބުން ފޮށިތައް ބަންދުކުރުން ލަސްވެފައިވެއެވެ. ނަމަވެސް، މިހާރު ގިނަ ފޮށިތަކުގެ ނަތީޖާ ވަނީ ލިބެން ފަށާފައެވެ.

ސިޓީތަކުގެ މޭޔަރުންގެ ނަތީޖާ:މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ. އޭނާ ވަނީ ގުނި ގިނަ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ރޭހުގައި ކުރީގައި އުޅުއްވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި އެމްޑީޕީގެ އަލީ ނިޒާރުއެވެ. އަދި ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ގޮނޑިވެސް މިހާރުގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ ދިފާޢުކުރައްވާފައެވެ.

ފެންނަ ނުފެންނަ ވޯޓު:ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ނަތީޖާ ދައްކާގޮތުން، ގިނަ ރައްޔިތުން ވަނީ އެ ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަކަމަށް ނިންމާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން 67 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. މާލޭގެ އެކި ދާއިރާތަކުން ލިބުނު ނަތީޖާތަކުންވެސް މިކަން ވަނީ ސާފުވެފައެވެ.

އިންތިހާބާ ގުޅޭ 40 އަކަށް ޝަކުވާ ވަނީ ހުށަހެޅިފައި: އީސީ

ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ މިއަދު ނެގި ހިޔާލު ހޯދުމުގެ ވޯޓާ ބެހޭގޮތުން 40 އަކަށް ޝަކުވާ އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ ދެންމެ ވިދާޅުވީ، މި ވޯޓުތަކާ ބެހޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ގިނައީ އިދާރީގޮތުން ހުރި ކަންކަން ފާހަގަކޮށް ހުށަހަޅާފައިވާ ޝަކުވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އިންތިހާބީ ދާއިރާ ނޫން ދާއިރާގެ ކަރުދާސް ވޯޓުލާ މަރުކަޒުތަކުން ދޫކުރުމާއި ރީ ރެޖިސްޓްރީ ނުކުރުމުގެ ސަބަބުން ވޯޓާސް ލިސްޓުގައި ނަން ނެތުމާއި، ވޯޓުލުމަށްފަހު ކެނޑިޑޭޓުން ވޯޓުލާ މަރުކަޒު ކައިރީގައި މަޑުކޮށް ތިބުމުގެ މައްސަލައިގެ އިތުރުން އޮފިޝަލުންގެ މައްސަަލަތައް ކަަމަށް އޭނާ ވިދާޅުވިއެވެ.

އޮފިޝަލުންގެ މައްސަލަތަކުގެ ގޮތުގައި އިންތިޒާމުތަކާ ގުޅިގެން ބައެއް މަރުކަޒުރަކަށް ވޯޓުލާން އައި މީހުންނާއި އޮފިޝަލުންނާ ދެމެދު، ހިތްހަމަޖުނެހިގެން ހަރުކަށިކޮށް ވާހަކަދެކެވުނު މައްސަލަތައް ހުށަހަޅާފައިވާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ، އިންތިހާބީ ނަތިޖާއަށް ބަދަލެއް އަތުވެދާނެ ޝަކުވާއެއް ހުށަހެޅިފައިވާކަން އަދި ފާހަގަކުރެވިފައިނުވާ ކަމަށެވެ. އެކަން އެނގޭނީ ވޯޓު ގުނުން ކުރިއަށްގެންގޮސް ނަތީޖާއާ ހަމައަށް ދިއުމުން ކަމަށްވެސް ވިދާޅުވިއެވެ.

މިއަދު ހެނދުނު 8:00 އިން ފެށިގެން 4:00 އަށް ވޯޓުލުން ކުރިއަށް ގެންދަން އޮތް ނަމަވެސް، ހޫނު ގަދަކަމުން ވޯޓުލާން މީހުން ނުނިކުމެ، ފިނި ޖެހުމުން ހަވީރު ގަޑީގައި ގިނަ ބަޔަކު ވޯޓުލާން ނިކުމެ ވޯޓު ފޮށިތައް ކައިރީގައި ކިޔު ދިގުވުމުން ގިނަ ބަޔަކަށް ވޯޓުލާން ފުރުސަތު ދިނުމުގެ ގޮތުން ވޯޓުލުމުގެ މުއްދަތު 5:00 އަށް ވަނީ އިތުރުކޮށްފައެވެ.

މިހާރު ވޯޓު ފޮށިތައް ބަންދުކޮށް، ވޯޓު ގުނުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

މި އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ. އެއީ 150،370 ފިރިހެނުންނާއި 144،506 އަންހެނުންނެވެ.

އިންތިޚާބާއި ގުޅުވައި އާދީއްތަ ހޯމަ ބަންދުކުރަން ރައީސް ނިންމަވައިފި

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓާ ގުޅިގެން، މާދަމާ (އެޕްރީލު 5 ވާ އާދީއްތަ) އާއި އެޕްރީލު 6 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ބުނެފައިވަނީ، އެ ދެ ދުވަހަކީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފައިވާ ކަމަށެވެ.

މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިޚާބުކުރުމާއެކު، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ވެސް މިއަދު ވަނީ ނަގައިފައެވެ.

70% މީހުން ވޯޓުލާނެކަމަށް ލަފާކުރެވޭ: އީސީ

މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތައަށް އަރާނެކަމަށް ބެލެވޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް ހުރީ 63 އިންސައްތައިގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އާންމުކޮށް ވޯޓުލާން ނުކުންނަނީ 60 އާއި 65 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. ނަމަވެސް މިފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އަދަދު 70 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ، މިއަދުވެސް އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ކިއުގައި ތިބި މީހުންނަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް، އިންތިޚާބުގެ ކަންކަން ކުރިއަށްގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި، ހަވީރު 5 ޖަހާއިރު ކިއޫތައް ބަންދުކުރި ނަމަވެސް، އެ ވަގުތާ ހަމައަށް ކިއުގައި ތިބި ހުރިހާ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނުމުގެ މަސައްކަތް ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ގިނަ ވޯޓު ފޮށިތައް ހަވީރު 6 ޖަހާއިރު ގުނަން ފަށާނެ ކަމަށް ލަފާކުރެވޭއިރު، ވޯޓު ގުނުމުގައި ދެ ސެޓަޕެއް ބޭނުންކުރާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އެއީ ގިނަ މީހުން ރެޖިސްޓްރީވެފައިވާ ފޮށިތަކަށް ދެ ސެޓަޕް އަދި މަދު މީހުން ތިބި ތަންތަނުގައި އެއް ސެޓަޕެވެ. ކޮމިޝަނުގެ އަމާޒަކީ ދަންވަރުގެ ކުރިން ހުރިހާ ނަތީޖާއެއް އިއުލާންކޮށް ނިންމާލުމެވެ.

މި އިންތިޚާބާ ގުޅޭގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަން ހަސަން ޒަކަރިއްޔާ ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ގިނައީ އިދާރީ ކަންކަމާއި، ރީ-ރެޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތަކުގެ އިތުރުން ކެމްޕޭން ކުރުމުގެ މައްސަލަތަކެވެ. ނަމަވެސް މިއީ އިންތިޚާބުތަކުގައި އާންމުކޮށް ދިމާވާ ކަންތައްތައް ކަމަށާއި، މިކަންކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެ

ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގައި ކުރިން މީހުން އުޅުނު އެކޮމަޑޭޝަން ބްލޮކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަންގެ ފަޔާ ފައިޓަރުން ހަރަކާތްތެރިވި ކަމަށެވެ.

ސިފައިން ބުނީ، އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 17:12 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި، އެ އިމާރާތަކީ މިހާރު ބޭނުންކުރާ އިމާރާތެއްނޫން ކަމަށެވެ. އަދި އަލިފާންގަނޑު ކޮންޓްރޯލްކޮށްފައިވާ ކަމަށް، 17:45ހާއިރު އެ މުއައްސަސާއިން މައުލޫމާތު ދީފައިވެއެވެ.

ފާއިތުވި ދެ ދުވަހު ވެސް އަލިފާން ރޯވުމުގެ ދެ ހާދިސާއެއް ހިނގާފައިވެއެވެ. އެގޮތުން، ބުރާސްފަތި ދުވަހުގެ ރޭ ވިލިނގިލީގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ސްޓާފްރޫމުތަކުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. އަދި އިއްޔެ، ރ. އަލިފުށީ “އައިރިސް” ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، އެ ގެ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.

މީގެ އިތުރުން، މިދިޔަ މަހުގެ 12ވަނަ ދުވަހު އދ. ދިގުރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ފަސް ބިދޭސިއަކު ވަނީ މަރުވެފައެވެ. އިތުރު ދެ މީހުން ފިހި، ދުމުގެ އަސަރު ކުރުމުން، އިތުރު ފަރުވާއަށް މާލެއަށް ގެނައެވެ.

ރާއްޖޭގައި ބިދޭސީންގެ ބޮޑު އާބާދީއެއް އޮންނައިރު، ދިރިއުޅެން ރައްކާތެރި ނޫން ތަންތަނުގައި ގިނަ އަދަދެއްގެ މީހުން ތޮއްޖައްސާފައި ބޭތިއްބުމުގެ ކަންބޮޑުވުން އޮވެއެވެ.

ވަގުތު ހަމަވެ، ގިނަ ތަންތަނުގެ ވޯޓުލުން ބަންދުކޮށްފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުލުމަށް ކަނޑައެޅި ވަގުތު ހަމަވެ، ގިނަ މަރުކަޒުތަކެއްގައި ވޯޓުލުން ބަންދުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ މިއަދު ހަވީރު 4:00 އަށް ވޯޓުލުން ނިންމާލުމަށެވެ.އެހެން ނަމަވެސް، މިއަދު ހެނދުނުން ފެށިގެން ވޯޓުލާ މަރުކަޒުތަކުގައި ކިއުތައް ވަރަށް ބޮޑަށް ދިގުވެ، ގިނަ ބަޔަކަށް ވޯޓުލުމުގައި ދަތިތަކަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ވޯޓުލުމުގެ ވަގުތު މިއަދު ހަވީރު 5:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުން އިތުރުކުރިއެވެ.

މިގޮތަށް ވަގުތު އިތުރުކުރަން ނިންމީ ކިއޫތައް ދިގުވުމުގެ އިތުރުން، ހޫނުގަދަވުމުގެ ސަބަބުން ބައެއް މީހުން ހޭނެތިގެން ވެއްޓުމުގެ ހާދިސާތަކެއް ވެސް ހިނގާފައިވާތީ ކަމަށް އިލެކްޝަނުން މައުލޫމާތުދެއެވެ.

މި އިންތިޚާބުގައި ޖުމްލަ 294,876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި، މިހާރު ގިނަ މަރުކަޒުތަކެއްގައި ވޯޓުލުން ވަނީ ބަންދުކުރެވިފައެވެ. ވޯޓުލުން ބަންދުކުރި ނަމަވެސް، ވަގުތު ހަމަވިއިރު ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދޭނެއެވެ.

ވޯޓު ގުނުމުގެ މަސައްކަތާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބުނީ، ހަވީރު 5:00 ޖެހިއިރު ކިއޫގައި މީހުން ނެތް މަރުކަޒުތަކުގައި 30 މިނެޓުގެ ހުސް ވަގުތެއް ދިނުމަށްފަހު ވޯޓު ގުނަން ފަށާނެ ކަމަށެވެ. އަދި ކިއޫގައި މީހުން ތިބި ނަމަ، ވޯޓު ގުނަން ފަށާނީ ކިއޫގައި ތިބި އެންމެން ވޯޓުލައި ނިމުމުން ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.