މިއަދު ބޭއްވުނު ލޯކަލް ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މޭޔަރުކަން އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.އަދި ފެންނަ ނުފެންނަ ވޯޓުން ނުފެންނަ ކަމައް ވަގުތީ ނަތީޖާ އިން ދައްކައެވެ.
މި އިންތިޚާބުތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 294,937 މީހުންނަށް ލިބިފައިވާއިރު، މިއަދު ހަވީރު 5:00 ޖެހުމާ ހަމައަށް ވޯޓުލުން ވަނީ ކުރިއަށް ގޮސްފައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ 588 ވޯޓު ފޮށި ބެހެއްޓުނު އިރު، ބައެއް ސަރަޙައްދުތަކުގައި ކިއޫ ބޮޑުވުމުގެ ސަބަބުން ފޮށިތައް ބަންދުކުރުން ލަސްވެފައިވެއެވެ. ނަމަވެސް، މިހާރު ގިނަ ފޮށިތަކުގެ ނަތީޖާ ވަނީ ލިބެން ފަށާފައެވެ.
ސިޓީތަކުގެ މޭޔަރުންގެ ނަތީޖާ:މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކަށް ބަލާއިރު، މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމްއެވެ. އޭނާ ވަނީ ގުނި ގިނަ ފޮށިތަކުން ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. އައްޑޫ ސިޓީގެ މޭޔަރުކަމުގެ ރޭހުގައި ކުރީގައި އުޅުއްވަނީ މިހާރުވެސް އެ މަޤާމުގައި ހުންނެވި އެމްޑީޕީގެ އަލީ ނިޒާރުއެވެ. އަދި ފުވައްމުލަކު ސިޓީގެ މޭޔަރުކަމުގެ ގޮނޑިވެސް މިހާރުގެ މޭޔަރު އިސްމާއިލް ރަފީގު ވަނީ ދިފާޢުކުރައްވާފައެވެ.
ފެންނަ ނުފެންނަ ވޯޓު:ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ނަތީޖާ ދައްކާގޮތުން، ގިނަ ރައްޔިތުން ވަނީ އެ ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަކަމަށް ނިންމާފައެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން 67 އިންސައްތަ މީހުން ވޯޓު ދީފައިވަނީ ދެ އިންތިޚާބު އެއްކޮށްލަން ނުފެންނަ ކަމަށެވެ. މާލޭގެ އެކި ދާއިރާތަކުން ލިބުނު ނަތީޖާތަކުންވެސް މިކަން ވަނީ ސާފުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު