މިއަދު ކުރިއަށްދާ އިންތިޚާބުގައި ވޯޓުލީ މީހުންގެ ނިސްބަތް 70 އިންސައްތައަށް އަރާނެކަމަށް ބެލެވޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ހަސަން ޒަކަރިއްޔާ ވިދާޅުވީ، މިއަދު ހަވީރު 4 ޖެހުމާ ހަމައަށް ވޯޓުލީ މީހުންގެ ނިސްބަތް ހުރީ 63 އިންސައްތައިގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މީގެ ކުރިން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުތަކުގައި އާންމުކޮށް ވޯޓުލާން ނުކުންނަނީ 60 އާއި 65 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނެވެ. ނަމަވެސް މިފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އަދަދު 70 އިންސައްތައަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަކަރިއްޔާ ވިދާޅުވީ، މިއަދުވެސް އިހުސާސްކުރެވޭ ހޫނުމިން ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ކިއުގައި ތިބި މީހުންނަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެހެންނަމަވެސް، އިންތިޚާބުގެ ކަންކަން ކުރިއަށްގޮސްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި، ހަވީރު 5 ޖަހާއިރު ކިއޫތައް ބަންދުކުރި ނަމަވެސް، އެ ވަގުތާ ހަމައަށް ކިއުގައި ތިބި ހުރިހާ އެންމެންނަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓުގެ ތެރޭގައި ވޯޓު ގުނުމުގެ މަސައްކަތް ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ގިނަ ވޯޓު ފޮށިތައް ހަވީރު 6 ޖަހާއިރު ގުނަން ފަށާނެ ކަމަށް ލަފާކުރެވޭއިރު، ވޯޓު ގުނުމުގައި ދެ ސެޓަޕެއް ބޭނުންކުރާނެ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އެއީ ގިނަ މީހުން ރެޖިސްޓްރީވެފައިވާ ފޮށިތަކަށް ދެ ސެޓަޕް އަދި މަދު މީހުން ތިބި ތަންތަނުގައި އެއް ސެޓަޕެވެ. ކޮމިޝަނުގެ އަމާޒަކީ ދަންވަރުގެ ކުރިން ހުރިހާ ނަތީޖާއެއް އިއުލާންކޮށް ނިންމާލުމެވެ.
މި އިންތިޚާބާ ގުޅޭގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަން ހަސަން ޒަކަރިއްޔާ ހާމަކުރެއްވިއެވެ. އޭގެ ތެރޭގައި ގިނައީ އިދާރީ ކަންކަމާއި، ރީ-ރެޖިސްޓްރޭޝަނާ ގުޅޭ ޝަކުވާތަކުގެ އިތުރުން ކެމްޕޭން ކުރުމުގެ މައްސަލަތަކެވެ. ނަމަވެސް މިއީ އިންތިޚާބުތަކުގައި އާންމުކޮށް ދިމާވާ ކަންތައްތައް ކަމަށާއި، މިކަންކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު