ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގެންފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އުމްރާގެ އަޅުކަން އަދާކުރެއްވުމަށް މިއަދު ސައުދީ އަރަބިޔާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، މި ދަތުރުފުޅުގެ މެހެމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސައިދިނީ ސައުދީ ސަރުކާރުންނެވެ.

އެ ދަތުރުފުޅުގެ ހުރިހާ ކަމެއް މިދިޔަ ފެބްރުއަރީ މަހުގެ ކުރީކޮޅު ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު ވެސް ރައީސްގެ ދެކަނބަލުން ވަނީ އުމްރާގެ އަޅުކަމަށް ސައުދީން ދެއްވި ފުރުސަތެއްގައި އެ އަަހަރުގެ މެއި މަހު ވަޑައިގެންފައެވެ. އަދި، މިދިޔަ އަހަރު ހިލޭ ސައުދީ ރޯޔަލް ކޯޓުން ހަމަޖައްސައިދީފައިވާ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ހައްޖަށް ވެސް ވަޑައިގެންފައެވެ.

މަނަދޫގެ އިންތިހާބުގައި ވޯޓުލާން ނުޖެހޭ މީހަކު ވޯޓުލީ މައްސަލައެއް ފެންމަތިވެއްޖެ

ހޮނިހިރުދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކާއި ޑަބްލިއުޑީސީ (އަންހެނުންގެ ތަރއްގީއަށް މަސައްކަތްކުރާ ކޮމެޓީ) ތަކުގެ އިންތިހާބުގައި ނ.އަތޮޅުގެ ވެރިކަން ކުރާ ރަށް، މަނަދޫގައި ކުރިއަށް ދިޔަ ވޯޓުލުމުގައި، މަނަދޫގެ ވޯޓު ކަރުދާހުގައި ފާހަގަލާން ނުޖެހޭ މީހަކު ފާހަގަލާފައިވާ މައްސަލައެއް ފެންމަތިވެއްޖެ ކަމަށް ހަވާސާ އަށް މައުލޫމާތު ލިބިއްޖެއެވެ. މަނަދޫ ދާއިރާގެ ޕީއެންސީ ކެންޕެއިން މެނޭޖަރު އަދި އެ ދާއިރާގެ ނައިބު ރައީސް އަކީ އެހެން ދާއިރާ އަކަށް ވޯޓުލާން ރެޖިސްޓާރ ކޮއްފައިވާ މީހެކެވެ. މަނަދޫގެ އިންތިހާބުގައި ވޯޓުލާން ނުޖެހޭއިރު، އެ ކަރުދާހުގައި ފާހަގަލާފައި ވަނީ ޕީއެންސީ މަނަދޫ ދާއިރާގެ ނައިބުރައީސް އެވެ. އެބޭފުޅާ ކަން ޔަގީންވާ ވަރަށް ހެކި ފެންނަ ސަބަބެއް ކަމަށް ހަވާސާ އަށް ލިބުނު މައުލޫމާތުން ހާމަވަނީ، އެ ބޭފުޅާއަކީ މާލޭ ދާއިރާއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށް ވާއިރު، އެބޭފުޅާ ރީ ރެޖިސްޓަރ ކޮށްފައި ވަނީ، ނ. މަނަދޫ ޕްރީ ސުކޫލް ކްލާސްރޫމް 3 ގައި ބެހެއްޓިފައިވާ D10.2/83 ވޯޓު ފޮއްޓަށެވެ.

އަދި އެބޭފުޅާ މަނަދޫގެ އެ ފޮއްޓަށް ވޯޓުލާން ވެސް ވަޑައިގަންނަވާފައި ވާއިރު، އެބޭފުޅާ ނިސްބަތްވާ ދާއިރާގެ ކަރުދާސްކޮޅެއް D10.2/83 ގެ ވޯޓުފޮއްޓަކު ނެތެވެ. އެހެންކަމުން މަނަދޫގެ ކައުންސިލާ ޑަބްލިޔުޑީސީގެ އިންތިހާބު ކަރުދާސްކޮޅުތަކުގެ އަދަދަށް ބެލުމުން އެއިން އެއް ކަރުދާސްކޮޅު އެ ފޮއްޓަށް ވޯޓުލާފައިވާ މަނަދޫ އަށް ނިސްބަތްވާ މީހުންގެ އަދަދަށްވުރެ ވަނީ އިތުރުވެފައެވެ.

އެހެންކަމަށް ވާއިރު އެ ފޮށީގެ ނަތީޖާއިން ފާހަގަކުރެވޭ އެންމެބޮޑު އެއް ކަމަކީ، ވެރިކަންކުރާ ޕީއެންސީގެ ޑަބްލިޔުޑީސީ ކެންޑިޑޭޓަކު ވަނީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓަކަށް ވުރެ އެންމެ ވޯޓެއްގެ ތަފާތަކުން ކުރީގައިކަމެވެ.

އަދި އެ މައްސަލަ މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާފައި ކަމަށްވާއިރު، އެ ޝަކުވާ ހުށަހެޅި ފޯމްގެ ކޮޕީއެއް ވެސް ފިޔެސް އަށް ވަނީ ލިބިފައެވެ.

ހުށަހަޅާފައިވާ އެ ޝަކުވާގައި ބުނެފައި ވަނީ “ނ. މަނަދޫ ޕްރީ ސުކޫލް ކްލާސްރޫމް 3 ގައި ބެހެއްޓިފައިވާ މަނަދޫ ދާއިރާގެ ވޯޓް ފޮށްޓަށް، މާލެ ދާއިރާއަކަށް ނިސްބަތްވާ މީހަކު މަނަދޫ އަށް ނިސްބަތްވާ ވޯޓު ކަރުދާހެއް ލާފައިވާ މައްސަލައެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ވޯޓު ގުނާ ނިމި، ވަގުތީ ނަތީޖާ ޝީޓްތައް ހާމަކުރި ފަހުން، މި މައްސަލައަކީ ހިނގާފައިވާ ކަމެއްކަން އިލެކްޝަންސް ކޮމިޝަންގެ މަނަދޫ ފޯކަލް ޕޮއިންޓާއި، އެ ފޮށީގެ ވެރިޔާވެސް ވަނީ އަޅުގަނޑުމެންނަށް ކަށަވަރުކޮށްދީފައެވެ. ވޯޓުލާ މަރުކަޒުގައި ވޯޓުލާން އަންނަ ކޮންމެ މީހެއްގެ އައިޑީކާޑު ޗެކުކޮށް، ދާއިރާގެ ނަން ކިއުމަށްފަހު ވޯޓު ކަރުދާސް ހަވާލުކުރަން ޖެހޭއިރު، މާލެ ދާއިރާގެ މީހަކަށް މަނަދޫގެ ކައުނސިލާ ޑަބްލިޔުޑީސީގެ ވޯޓު ކަރުދާހެއް ލިބި، އެ ކަރުދާސް ފޮށްޓަށް ލެވި، އަދި ވޯޓު ގުނިއިރު އެ ކަރުދާސް ހިމަނައިގެން ގުނާފައިވުމަކީ މި ވޯޓު ފޮށީގެ ނަތީޖާގެ ސައްޙަކަމާމެދު ސުވާލު އުފެދޭ ކަމެކެވެ.”

އަދި މިކަމަށް ފޮށީގެ ވެރިޔާއާއި ފޯކަލް ޕޮއިންޓް އިއުތިރާފްވެފައިވާތީ، މި ފޮށީގެ ނަތީޖާއަކީ ސައްހަ ނަތީޖާއެއް ކަމަށް ގަބޫލު ނުކުރާކަމަށް ބުނެ ޝަކުވާގެ ފޯމުގައި ބުނެފައިވަނީ، މިކަން މިގޮތަށް ހިނގާ، ވަގުތީ ނަތީޖާ ޝީޓުގައިވެސް އެ ވޯޓު ހިމެނިފައި ވާއިރު، އެކަކަށް މިގޮތަށް ވޯޓުލެވި، އެކަން ނަތީޖާ ޝީޓުން ފާހަގަނުވީއިރު، އެކަކަށްވުރެ ގިނަ މީހުން ވެސް މިގޮތަށް ވޯޓުލާފައިވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޝަކުވާގައި ބުނެއެވެ.

އެހެންކަމުން، މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށްދެއްވައި، މި ފޮށީގެ ސައްހަކަން ގެއްލިފައިވާތީ، މި ފޮށީގައި އަލުން ވޯޓުލުން ބޭއްވޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށް އެދި އިހުލާސްތެރިކަމާއެކު އިލެކްޝަންސް ކޮމިޝަނުގައި ދަންނަވާ ކަމަށް ވެސް އެ ޝަކުވާގައި ބުނެއެވެ.

އަދި މި ނޫންވެސް އެހެން ބައެއް ދާއިރާތަކުގައި ވޯޓުލީ ދުވަހު ވެސް، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވާ އެ ޕާޓީގެ އިސް ބޭބޭފުޅުން މިފަދަ މަކަރާއި ހީލަތް ހައްދަވާފައިވާ ކަމުގެ ޝަކުވާތަކާއި، ރިޝްވަތުގެ ފައިސާ ވެސް އެ ދުވަހު ފާޅުގައި ޕީއެންސީގެ ބޭފުޅުން ބައްސަވަމުން ގެންދިޔަ ކަމުގެ ޝަކުވާތަކެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

މިކަމާއި ގުޅިގެން މަނަދޫގެ ރައްޔިތުން އަންނަނީ އިއުތިޖާޖު ކުރަމުން ނެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ރަސްމީ ވަގުތު ކުރުކޮށްފި

ހަރަދު ކުޑަކުރުމުގެ ގޮތުން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތު ކުރުކޮށްފިއެވެ.

މިފްކޯގެ ސީނިއާ މެނޭޖާ، ޕަބްލިކް ރިލޭޝަންސް ޝިފްޒާ މުސްތަފާ “ވަން” އަށް މިރޭ ވިދާޅުވީ މިފްކޯގެ ހެޑް އޮފީހާއި، އިދާރީ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތު ގަޑި މެންދުރު 2:00 ޖެހުމާ ހަމައަށް ކުރުކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން މިފްކޯގެ ރަސްމީ މަސައްކަތު ވަގުތަކީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށެވެ.

ޝިފްޒާ ވިދާޅުވީ މަސައްކަތު ގަޑި މަދުކުރި ނަމަވެސް މުވައްޒަފުންގެ އިތުރު ވަގުތުގެ މުސާރައަށް ބަދަލެއް ގެނެސްފައިނުވާ ކަމަށެވެ. ނަމަވެސް އިތުރު ގަޑީގެ މަސައްކަތް ކުރެވޭނީ، ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތެއް ކުރަންޖެހިގެން ހާއްސަ ހުއްދައެއްގެ ދަށުން ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ކުރިއަށް އޮތްތަނުގައިވެސް ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި ނަމަވެސް އެ ފިޔަވަޅުތަކުގެ ސަބަބުން މިފްކޯގެ އޮޕަރޭޝަންސް ކެޕޭސިޓީއަށް ބުރުލެއް ނާރާނެކަމަށް ޝިފްޒާ ވިދާޅުވިއެވެ.

ބޮޑުތަކުރުފާނު މަގު ސެގްމެންޓް ފަހެއްގެ 143 މީޓަރުގެ ސަރަހައްދެއްގެ ޝީޓްޕައިލްކޮށް ނިމިއްޖެ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ހިމެނޭ ސަރަހައްދުގެ ސެގްމެންޓް ފަހެއްގެ، 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިިރޭ ވިދާޅުވެއްޖެއެވެ.

އެމްޓީސީސީން މިރޭ ވިދާޅުވީ އެ މަސައްކަތުގެ ދަށުން ކީވޯލް ޖެހުމުގެ އަމަލީ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާއިރު، އެންކަރު ބްލޮކްތައް ހަރުކުރުމާއި، ކޭބަލް ޓްރެންޗް ހެދުމުގެ އިތުރުން، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައްވެސް ހަލުވި ކަމާއިއެކު ކުރިއަށްދާ ކަމަށެވެ.ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ.

މިގޮތުން ބޮޑުތަކުރުފާނު މަގު ތާރު އަޅައިގެން އަލުން ހެދުމަށް ކުރިއަށްގެންދާ މި މަޝްރޫއުގައި އެންމެ ފުރަތަމަ ނިންމީ ޖުމްހޫރީ މައިދާން ކައިރިން މާރުކޭޓާއި ރަސްމީ ފާލަމާ ދެމެދު، ފަޅުތެރެއިން ބައެއް ހިއްކައިގެން، ހަތަރު ލޭނަށްވާ ގޮތަށް މަގު ފުޅާކޮށް ތާރު އަޅައިގެންނެވެ. އެ ސަރަހައްދު ނިންމައި ހުޅުވީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

ދެ ވަނަ ސެގްމެންޓުގައި، ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، ރަސްމީ ފާލަމުން ފެށިގެން މަސްމާރުކޭޓާ ހަމައަށް މަގު ފުޅާކޮށް، ތާރުއަޅާ މަގު ހެދުމުގެ މަސައްކަތް ނިންމައި އެ ސަރަހައްދު ހުޅުވީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ، ބޮޑުތަކުރުފާނު މަގު، ތަރައްގީކުރުމުގެ މަސައްކަތް ނިމުމުން ބޮޑުތަކުރުފާނު މަގު ވެގެންދާނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފައިވާ، ފެން ހިންދާ ނިޒާމު ފަދަ އެންމެހާ ނިޒާމުތައް ގާއިމުކުރެވި، މަގު ފުޅާކުރެވި، ޓްރެފިކަށް ލުއިފަސޭހަކަން ލިބި، ދުއްވާ ތަކެއްޗަށާއި ހިނގާބިނގާވާ އެންމެހާ ރައްޔިތުންނަށް ހިތްފަސޭހަ މަގަކަށެވެ.

ވަތަނީ ހިދުމަތުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް ނޭޝަނަލް ސާވިސް (ދިވެހި ވަތަނީ ހިދުމަތް)ގެ ތަމްރީނުގެ ތިންވަނަ ބުރަށް ކުރިމަތިލުމުގެ މުއްދަތު ޑިފެންސް މިނިސްޓްރީން އިތުރުކޮށްފިއެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ މާޗު މަހުގެ 10 ވަނަ ދުވަހުކުރި އިއުލާނެއްގައި ބުނެފައިވަނީ ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް ކުރިމަތިލުމަށް އެ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށާއި، ޕްރޮގްރާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ މިއަދަށް ކަމަށެވެ.

ނަމަވެސް ޑިފެންސް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ މުއްދަތު މިމަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.

މުއްދަތު އިތުރުކުރި ސަބަބެއް ޑިފެންސުން ހާމަނުކުރި ނަމަވެސް މިއަދާއި މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާތީ މުއްދަތު އިތުރުކުރީކަމަށް ބެެލެވެއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އުމުރުން 16 އަހަރު ފުރި 28 އަހަރު ނުފުރޭ ހުރިހާ ޒުވާނުންނަށް ކުރިމަތިލެވޭނެއެވެ. އުމުރުން 18 އަހަރު ނުވާ ކުއްޖަކު ވަތަނީ ހިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިވާން ބޭނުންވާ ނަމަ، އެ ކުއްޖެއްގެ ޝަރުއީ ނުވަތަ ގާނޫނީ ބަލަދުވެރިޔާގެ އިއުތިރާޒެއް ނެތް ނަމަ، އަދި ކުއްޖާއަކީ ފުރިހަމަ ސިއްހަތެއްގައި ހުރި ކުއްޖެއް ނަމަ، ބައިވެރިވެވޭނެއެވެ.

ވަތަނީ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ފޯމު ފުރުމަށްފަހު [email protected] އަށް އީމެއިލުން ނުވަތަ ބަންދުނޫން ދުވަސްތަކުގައި ރަސްމީ ގަޑީގައި ޑިފެންސް މިނިސްޓްރީގެ ރިސެޕްޝަނަށް ފޯމު ހުށަހެޅެން ހުންނާނެއެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން، ދިވެހި ގައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ދެ ދުވަހައް ވިއްސާރަ ކުރިޔަސް، ކުރިއައް އޮތީ ގަދަ ހޫނު

އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު ރާއްޖޭގެ ބައެއް ހިސާބުތަކަށް ވިއްސާރަ ކުރިނަމަވެސް، ކުރިއަށް އޮތީ ހޫނު ގަދަ ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.

މެޓު އޮފީހުން މިއަދު ‘ހަވާސާ’އަށް ބުނީ، މާދަމާ ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް މޫސުން ރަނގަޅުވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނި ގޮތުގައި، އަންނަ އަންގާރައާއި ބުދަ ދުވަހު މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެއެވެ. އެ ދުވަސްތަކުގައި ވައިޖެހޭނީ 10 މޭލާ 20 މޭލާ ދެނެދު ބާރުމިނުގައި ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި، އަންގާރައާއި ބުދަ ދުވަހުގައި ކަނޑުތައް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އޭގެފަހުން މޫސުން ރަނގަޅުވެ، ކުރިއަށް އޮތް ދުވަސްތަކުގައި ހޫނު ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

އާންމުކޮށް ކޮންމެ އަހަރެއްގެ އޭޕްރީލް މަހާއި މާރިޗު މަހަކީ، ހޫނު ގަދަ ދުވަސްވަރެކެވެ. އެގޮތުން، މިއަދު ވެސް އިހުސާސްކުރެވޭ ހޫނުމިން ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ހުރީ 36 ޑިގްރީ ސެލްސިއަސްއިން މަތީގައެވެ.

ކައުންސިލުތަކާއި ޑަބްލިއުޑީސީގެ ގިނަ ގޮނޑި ޕީއެންސީން ހޯދައިފި

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ އިންތިހާބުގެ ގިނަ ގޮނޑިތައް ވެރިކަން ކުރާ ޕީއެންސީން ހޯދާފައިވާ ކަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާ އިން މިއަދު ދައްކައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ތެރެއިން ޕީއެންސީން ވަނީ 450 އަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފައެވެ. ޕީއެންސީއަށް އެންމެ ގިނަ ގޮނޑިތައް ލިބުނީ ރަށު ކައުންސިލްތަކުންނެވެ. ރަށު ކައުންސިލްތަކުން ޕީއެންސީއަށް 262 ގޮނޑި ލިބުނު ކަމަށް ދައްކައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިތަކުގެ ތެރެއިން 190 ގޮނޑިއާއެކު އެންމެ ގިނަ ގޮނޑި ހޯދާފައި ވަނީ ވެސް ޕީއެންސީންނެވެ.

ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ގޮނޑިތަކާ ހިލާފަށް ސިޓީ ކައުންސިލްތަކުން ޕީއެންސީއަށް ލިބުނު ގޮނޑި މަދެވެ. ފަސް ސިޓީ ކައުންސިލްގެ މޭޔަރުން ހިމެނޭ ހެން، ގިނަ ގޮނޑިތަކާއެކުގައި އެ ކައުންސިލްތަކުގެ މެޖޯރިޓީ ނެގީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންނެވެ.

ރަށު ކައުންސިލްތަކުގެ ގޮނޑިތަކަށް ބަލާއިރު، އެމްޑީޕީން ވަނީ 238 ގޮނޑި ހޯދައިފައެވެ. އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 177 ގޮނޑިއާއެކު، އެމްޑީޕީން މިހާތަނަށް އައިއިރު، 400 އަށް ވުރެ ގިނަ ގޮނޑި ހޯދާފައިވާ ކަން ވަގުތީ ނަތީޖާ އިން ދައްކައެވެ.

ރަށު ކައުންސިލްތަކުގެ ގޮނޑިތަކުގެ ތެރެއިން 80 ގޮނޑި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން ކާމިޔާބު ކުރެއްވި އިރު، 14 ގޮނޑި ވަނީ އެހެނިހެން ޕާޓީތަކުގެ ކެންޑިޑޭޓުން ކާމިޔާބުކޮށްފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 56 ގޮނޑި ކާމިޔާބު ކުރެއްވި ކަމަށް ވަގުތީ ނަތީޖާ އިން ދައްކާއިރު، އެހެނިހެން ޕާޓީތަކުން ހަތް ގޮނޑިއެއް ކާމިޔާބު ކުރި ކަމަށް ވެސް ވަގުތީ ނަތީޖާ އިން ދައްކައެވެ.

އަންނަ ހޯމަ ދުވަހު ރައީސްގެ ދެކަނބަލުން އުމްރާއަށް ފުރާވަޑައިގަންނަވަނީ

ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން 6 އޭޕްރީލްވާ ހޯމަދުވަހު ސަޢޫދީޢަރަބިއްޔާއަށް ފުރާވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގެ މެހުމާންދާރީއާއި ހުރިހާ ޚަރަދެއް ހަމަޖައްސަވައިދެއްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.

ދަތުރުފުޅާ ގުޅޭ މި ހުރިހާ ކަމެއްވަނީ މިދިޔަ ފެބުރުވަރީމަހުގެ ކުރީކޮޅު ހަމަޖައްސަވައިފައެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ސައުދީ ރަސްގެފާނުގެ ހާއްސަ މެހްމާންދާރީގެ ދަށުން މިދިޔަ އަަހަރުވެސް އުމްރާ އަޅުކަން އަދާކުރައްވާފައެވެ

އާ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު

މި ސަރުކާރުގެ ތިން ވަނަ ޕޮލިސް ކޮމިޝަނަރަކަށް އަހުމަދު މުހައްމަދު (ޓޫފޯ) ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ، އެސިސްޓެންޓު ކޮމިޝަނަރު އަހުމަދު މުހައްމަދަށް މަގާމުގެ ފަތްކޮޅު އަރުވައިފަ އެވެ.

ޕޮލިސް ކޮމިޝަނަރުކަން ހުސްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި އިސްމާއިލް ނަވީން ކުއްލި ގޮތަކަށް މިދިޔަ މަހު ރިޓަޔަކުރެއްވުމުންނެވެ. އެހެންވެ، މިހާރު އެ މަގާމުގެ މަސްއޫލިއްޔަތުތަކާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދެވެ.

ފުލުހުންގެ އިސްވެރިޔާގެ މަގާމަށް ކުރިމަތިލާން މިދިޔަ މަހު އެންމެ ފުރަތަމަ އިއުލާންކުރިއިރު އެއްވެސް ބޭފުޅަކު ކުރިމައްޗެއް ނުލަ އެވެ. ނަމަވެސް، ދެ ވަނަ ފަހަރަށް އިއުލާންކުރުމުން ފަރުހާދާއި އަހުމަދު މުހައްމަދުގެ އިތުރުން ދެން ކުރިމަތިލެއްވީ އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.

އޭގެ ތެރެއިން، ޕޮލިސް ބޯޑުން އިންޓަވިއުތައް ކުރުމަށްފަހު، އެ މަގާމަށް އަހުމަދު މުހައްމަދު އައްޔަންކުރުމަށް ހޯމް މިނިސްޓަރު އަލީ އިހުސާނަށް ލަފާއެރުވި އެވެ.

އަހުމަދު މުހައްމަދު ވަނީ އޮޕަރޭޝަނަލް އަދި އިންވެސްޓިގޭޓިވް ދާއިރާތަކުގެ އިސް މަގާމުތައް ފުރުއްވައިފަ އެވެ. އޭގެ އިތުރުން، އިންޑިއާގެ ޕޮލިސް އެކަޑަމީން އައިޕީއެސް ޕްރޮބޭޝަނާސް ބޭސިކް ޓްރެއިނިން ކޯހާއި ސީނިއާ އޮފިސަރުންނަށް ބޭނުންވާ މުހިންމު ތަމްރީނުތައް އޭނާ ފުރިހަމަކުރެއްވި އެވެ.

ހިދުމަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އަހުމަދު މުހައްމަދު ވަނީ ޝަރީއާ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

މި ސަރުކާރުގައި ސީޕީއަކަށް ފުރަތަމަ އައްޔަންކުރެއްވީ އަލީ ޝުޖާއު އެވެ. ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި އޭނާ ރިޓަޔާކުރެއްވުމުން، އެ މަގާމަށް ނަވީން އައްޔަންކުރެއްވީ އެވެ.

އިންތިޚާބުގައި ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު: ޝާހިދު

ފެނިގެންދިޔައީ މުޅި ރާއްޖެ އަލުން ރަން ރީނދޫވި މަންޒަރު ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު އެފަދައިން ވިދާޅުވީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގައި އެމްޑީޕީ އިން ކާމިޔާބު ކުރުމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ޝާހިދު ވަނީ މި އިންތިޚާބުގައި ރައްޔިތުން ސަރުކާރަށް ދީފައި ވަނީ ވަރަށް ސާފު މެސެޖެއް ކަމަށް ބުނެފަ އެވެ. އެމްޑީޕީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި، ރަންރީނދޫ ލަޝްކަރާއި، މި މަސައްކަތުގައި ބައިވެރިވެވަޑައިގެންދެއްވި އެންމެހައި ބޭފުޅުންނަށް ވެސް ޝާހިދުގެ ޕޯސްޓްގައި ހިތްވަރު ދެއްވާފައިވެ އެވެ.

ހޮނިހިރު ދުވަހު ނަގާފައިވާ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގައި، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާއި ގިނަ ރައްޔިތުން ވަނީ ދެކޮޅު ހަދާފަ އެވެ. ވަގުތީ ނަތީޖާ އަށް ބަލާ ނަމަ ވޯޓުލީ މީހުންގެ 70% އަށް ވުރެ ބޮޑުބައި ބޭނުން ވަނީ  ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ވަކިން ބޭއްވުމެވެ.

މީގެ އިތުރުން މާލެ ހިމެނޭހެން ފަސް ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ވެސް ކާމިޔާބުކޮށްފައި ވަނީ އިދިކޮޅު އެމްޑީޕީ އިންނެވެ. މީގެ އިތުރުން އެމްޑީޕީ އިން ވަކީ ކައުންސިލްތަކުގެ ތެރެއިން ގިނަ ކައުންސިލްތަކުގެ ގޮނޑިތައް ކާމިޔާބުކޮށްފަ އެވެ.

ވޯޓުލާން 73 ޕަސެންޓު މީހުން، ކައުންސިލް އިންތިހާބެެއްގައި އެންމެ ގިނައިން ވޯޓުލީ ފަހަރު

އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބަލަން ނެގި ފެންނަ/ނުފެންނަ ވޯޓުގައި، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 73 ޕަސެންޓް ވޯޓުލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދެންމެ ބުނެފި އެވެ.

މިއީ ކައުންސިލް އިންތިހާބެއްގައި އެންމެ ގިނަ ބަޔަކު ވޯޓުލީ ފަހަރެވެ.

އީސީން ބުނީ އިއްޔެ ބޭއްވި ތިން އިންތިހާބުގައި ޖުމްލަ 214،898 މީހަކު ވޯޓުލާފައިވާ ކަމަށެވެ.

މި އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 253،714 އެވެ.

މިއީ، 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލީ މީހުންނާ އަޅާބަލާއިރު ހަ ޕަސެންޓު އިތުރު އަދަދެކެވެ. އެ ފަހަރު ވޯޓުލީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 183,000 އެއްހާ މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 67 ޕަސެންޓެވެ.

ކުރީގެ ކައުންސިލް އިންތިހާބުތަކުގައި ވޯޓުލީ މީހުންގެ އަދަދުތައް

  • 2011: 70 ޕަސެންޓް
  • 2014: 65 ޕަސެންޓް
  • 2017: 66 ޕަސެންޓް
  • 2021: 68 ޕަސެންޓް

އެންމެފަހުން 2024 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ވޯޓުލާފައި ވަނީ 73 ޕަސެންޓު މީހުންނެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާފައި ވަނީ 87.3 ޕަސެންޓް މީހުންނެވެ.

މި ފަހަރުގެ ކައުންސިލް އިންތިހާބުގައި މޭޔަރު ހިމެނޭހެން ހުރިހާ ސިޓީތައެއްގެ މެޖޯރިޓީ ގޮނޑިތައް ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީންނެވެ. އަދި ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ މެޖޯރިޓީ ވެސް ލިބިފައި ވަނީ އެމްޑީޕީއަށެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި، ގިނަ ބަޔަކު ވަނީ އެކަން ނުކުރަން ފެންނަ ކަމަށް ވޯޓުދީފަ އެވެ.

އެމްޑީޕީގެ ހުރިހާ މޭޔަރުން ދެވަނަ ދައުރަކަށް އިންތިހާބުވެއްޖެ

ފަސް ސިޓީގެ މޭޔަރުކަމުގެ ގޮނޑި މިދިޔަ ދައުރުގައި ވެސް ފުރުއްވި އިދިކޮޅު އެމްޑީޕީގެ ބޭފުޅުން ދެވަނަ ދައުރަކަށް މިއަދު އިންތިހާބުވެއްޖެ އެވެ.

މިއަދު މުޅި ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މޭޔަރުކަމުގެ ވޯޓުގައި މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތައް ދައްކާގޮތުން، މާލެ، ހދ. ކުޅުދުއްފުށީ، ގދ. ތިނަދޫ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ވަނީ ދެ ވަނަ ދައުރަކަށް ލިބިފަ އެވެ.

ތިނަދޫ ފިޔަވައި އެހެން ހުރިހާ ގޮނޑިއެއް ވެސް އެމްޑީޕީން ކާމިޔާބުކުރީ ތަފާތު ބޮޑުކޮށެވެ.

އެ ސިޓީގެ މޭޔަރުކަމުގައި މިހާރު ހުންނެވި ސައުދު އަލީ އަދި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިމަތިލެއްވި މުހައްމަދު އަޖީބުގެ ނަތީޖާގައި މާ ބޮޑު ފަރަގެއް ނެތެވެ. ދެ ބޭފުޅުން މެދުގައި އޮތީ ފަންސާހަކަށް ވޯޓުގެ ފަރެގެކެވެ.

މޭޔަރުންގެ ގޮނޑިތަކުގެ އިތުރުން ސިޓީތަކުގެ މެޖޯރިޓީ ވެސް އެމްޑީޕީއަށް ވަނީ ލިބިފަ އެވެ.

މިހާތަނަށް ލިބިފައިވާ ވަގުޔީ ނަތީޖާތައް ދައްކާ ގޮތުން ފަސް ސިޓީގެ މޭޔަރުގެ ގޮނޑި ވަނީ އެމްޑީޕީ އަށް ވަނީ ކަށަވަރުވެފަ އެވެ.