ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ “އެމްއެންޔޫ ޖޮބް ފެސްޓިވަލް 2026” ކުޅުދުއްފުށީ ކެމްޕަހުގައި ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
އެމްއެންޔޫއިން ބުނީ މި ފެސްޓިވަލަކީ ދަރިވަރުންނާއި، ވަޒީފާ ހޯދާ ފަރާތްތަކުގެ އިތުރުން ރާއްޖޭގެ ކުރިއަރާފައިވާ ކުންފުނިތަކާއި ޖަމިއްޔާތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުކުރުވުމަށް ބާއްވާ ހަރަކާތެއްކަމަށެވެ.
މި ފެސްޓިވަލް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު އަބްދުﷲ (ރޯޒޭ)އެވެ. މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސްވެރިންނާއި، ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޔޫއިން ބުނިގޮތުގައި މި ފެސްޓިވަލަކީ މުސްތަގުބަލުގައި ކިޔަވާނެ ދާއިރާތައް އިޚްތިޔާރު ކުރުމަށާއި، ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
މީގެ އިތުރުން، އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު މި ފެސްޓިވަލްގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެކަމަށް އެ ޔުނިވަރސިޓީން ބުންޏެވެ.
އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްދާ މި ފެސްޓިވަލް އޮންނާނީ 2026 ޖޫން 3 އިން 4 އަށް، ކޮންމެ ދުވަހަކު ހަވީރު 16:00 އިން ރޭގަނޑު 22:00 އާ ހަމައަށެވެ.
މި ފެސްޓިވަލްގައި ބައިވެރިވާ ކުންފުނިތަކުން ވަޒީފާގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ހިއްސާކުރަމުންދާއިރު، އެމްއެންޔޫގެ ފަރާތުން ކުރިއަށް އޮތް ސެމެސްޓާތަކުގައި ހުޅުވާލެވޭ ކޯސްތަކާ ބެހޭ މައުލޫމާތުވެސް ލިބެން ހުންނާނެއެވެ. އެހެންކަމުން، ހުރިހާ ދަރިވަރުންނާއި ޒުވާނުން މި ފުރުސަތުގެ ބޭނުން ހިފުމަކީ އެމްއެންޔޫގެ ވަރަށް ބޮޑު އެދުމެކެވެ.
