ތިން ދައުވާވެސް ސާބިތު، ޝަމްއާން ކުށްވެރިވާ ކަމަށް ކަނޑައަޅައިފި

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުޙައްމަދު ޝަމްޢާން ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.

ޝަމްއާންގެ މައްޗަށް ތިން ދައުވާއެއް އުފުލާ ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތް ހިންގާފަ އެވެ. އޭނާގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އާއި ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

މިއަދު އޮތް އަދަބު ކަނޑައެޅުމުގެ އަޑުއެހުމުގައި އެ ތިން ދައުވާ ވެސް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. (ތަފްސީލް އަންނަނީ)

މީކާއީލްގެ ކަންބޮޑުވުމާ އެކު ވޯޓުފޮށި ބަހައްޓާ ތަންތަން ބަދަލުކޮށްފި

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގެ އިންސާފުވެރިކަން ގެއްލޭ ގޮތަށް އިންތިޚާބާ ބެހޭ ކޮމިޓީން އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، އެ މަގާމަށް ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ބައެއް ދާއިރާތަކުގައި ވޯޓުފޮށި ބަހައްޓާ ތަންތަން މިއަދު ބަދަލުކޮށްފިއެވެ.

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާއަށް މީކާއީލް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވަނީ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓު ފޮށިތައް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ސްކޫލުތަކުގައި ބަހައްޓަން އިންތިޚާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ނަމަވެސް، ހަތަރު ރަށެއްގައި ހުންނަ އެމްޑީޕީގެ ހަރުގޭގައި ފޮށިތައް ބަހައްޓަން، އިންތިޚާބާ ބެހޭ ކޮމިޓީގެ މުގައްރިރު ނިންމަވާފައިވާ ކަމަށް ވިދާޅުވެ، ޝަކުވާއެއްގެ ގޮތުގައި މީކާއީލް ވަނީ އެކަން ހުށަހަޅުއްވާފައެވެ. އެ ސިޓީގައިވާ ގޮތުން ހަރުގޭގައި ފޮށިތައް ބަހައްޓަން ނިންމާފައިވަނީ:

  • ފ. ފީއަލި
  • ލ. އިސްދޫ-ކަލައިދޫ
  • ލ. މަތިމަރަދޫ
  • ގއ. ވިލިނގިލި

ޗެއާޕާސަން އިންތިޚާބުގައި ވޯޓުލުމުގެ ކަންކަން ވީހާ ވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ސްކޫލުތަކުގައި ވޯޓުލުން ކުރިއަށް ގެންދަން ނިންމާފައިވަނިކޮށް، ފީއައްޔާއި އިސްދޫ-ކަލައިދުއާއި މަތިމަރަދުއާއި ވިލިނގިލީގައި އެއްވެސް މަގުބޫލު ސަބަބެއް ނެތި ހަރުގެތަކުގައި ވޯޓު ފޮށިތައް ބަހައްޓަން ނިންމުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ލިޔުއްވައިފައިވެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ވަނީ ވޯޓުފޮށި ބަހައްޓާ ތަންތަނަށް ގެނައި ބަދަލުތައް އިއުލާނުކޮށްފައެވެ. މިހާރު ގެނައި ބަދަލުގައިވާ ގޮތުން:

  • ފ. ފީއަލި: ވޯޓުފޮށި ހުންނާނީ ފ. އަތޮޅު ސްކޫލުގައި
  • ލ. އިސްދޫ-ކަލައިދޫ: ވޯޓުފޮށިތައް ހުންނާނީ އިސްދޫ ސްކޫލާއި އިސްދޫކަލައިދޫ ސްކޫލުގައި
  • ލ. މަތިމަރަދޫ: ވޯޓު ފޮށި ހުންނާނީ ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އައްޘާނީ ސްކޫލުގައި
  • ގއ. ވިލިނގިލި: ވޯޓުފޮށި ހުންނާނީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި

އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބުގައި މީކާއީލްގެ އިތުރުން އެ މަގާމަށް ދެން ވާދަކުރައްވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. އެ ދެ ބޭފުޅުންގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ދެން ވާދަކުރެއްވީ އިބްރާހީމް މުޙައްމަދު (ވާޑު)އެވެ. ނަމަވެސް، އޭނާ ވަނީ މީކާއީލަށް ތާއީދުކުރައްވާކަން ހާމަކުރައްވައި، ނަން އަނބުރާ ގެންދަވަން ނިންމަވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ނަޝީދު މަސައްކަތްކުރައްވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލާ އެކުގައެވެ. އަދި، މީކާއީލް މަސައްކަތްކުރައްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ އަރިސް ގިނަ ބޭފުޅުންނާ އެކުގައެވެ.

ވައްކަން އެބަކުރޭ, މިއީ ބާއްވަން ހެޔޮ ވާވަރުގެ ވެރިކަމެއް ނޫން: ޝައްމާން

މި ސަރުކާރުގައި ވައްކަން ކުރަމުން އަންނަ ކަމަށާއި، މިއީ ބާއްވަން ހެޔޮވާ ވަރުގެ ވެރިކަމެއް ނޫން ކަމަށް އިމިގްރޭޝަންސްގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލްގެ މުހައްމަދު ޝައްމާން ވަހީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝައްމާންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ހުކުމް ކުރުން ތާވަލުކޮށްފައި އޮތީ މިއަދު ހަވީރު 4:00 ޖަހާއިރަށެވެ. އޭނާއަށް ކުރަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ. އެކަމަކު، އޭނާ ވަނީ އެ ހުރިހާ ދައުވާއަކަށް ވެސް އިންކާރުކޮށްފައެވެ.

ޝައްމާން ވަނީ އަޑުއެހުމަށް ވަދެވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި، އޭނާއަށް ކޮށްފައިވާ ދައުވާތަކާ ގުޅޭ ގޮތުން މައުލޫމާތު ދެއްވައިފައެވެ.

ޝައްމާން ވިދާޅުވީ އެ މައްސަލައަކީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ އަމުރަށް، ވަކި ބަޔަކު ބޭނުންކޮށްގެން އޭނާ ފްރޭމްކޮށްގެން ކުރިއަށްގެންދާ މައްސަލައެއް ކަމަށެވެ. އެ މައްސަލައިގައި އޭނާއަށް ޖަލު ހުކުމެއް ކުރާނެކަން ކަށަވަރުވާ ކަމަށާއި އެހެންވެ، މައްސަލައާ ގުޅޭ މައުލޫމާތު ހިއްސާކުރަން ނިންމީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމުގެ ކުޑައިރުކޮޅެއް ކުރިން މައްސަލައާ ގުޅޭ ޓްވީޓްތަކެއް ކުރެއްވިކަން ޝައްމާން ފާހަގަކުރެއްވިއެވެ. އެ ޓުވީޓުތަކުގައި ވަނީ ރާއްޖޭގެ މައި ދޮރު، ބޯޑަ ކޮންޓްރޯލް ސިސްޓަމް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވަކި ބަޔަކަށް ވަނީ ވިއްކާލާފައި ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ޝައްމާން މަސައްކަތް ކުރުމުންނާއި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އޭނާއަށް ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅުއްވި ކަމަށް ލިޔުއްވާފައިވެއެވެ.

އެ މައްސަލައިގައި އެންމެ ފަހުން ރައީސް ގުޅުއްވި ދުވަހު “މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ” ކަމަށް ވިދާޅުވެ ކޯފާ އިސްކުރައްވައި އިންޒާރު ދެއްވި ކަމަށް ޝައްމާން ވިދާޅުވިއެވެ. އަދި ބޯޑަ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ އިހުސާނާއި އެޓާނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމާށް ތުހުމަތު ކުރައްވައި، އެކަމާ ގުޅޭ ހެކި، އޭނާގެ ފޯނުގައި ހުންނާނެ ކަމަށް ޝައްމާން ލިޔުއްވިއެވެ. ނަމަވެސް އޭނާގެ ފޯނު އޮތީ ފުލުހުންގެ އަތުގައިކަން ފާހަގަކުރެއްވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޝައްމާން ނޫސްވެރިންނާ ދެއްކެވި ވާހަކަތަކުގައި ވިދާޅުވީ އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް އޭނާއާއެކު ބަޔަކު ހައްޔަރުކޮށް، އެ މީހުންނާ އެއްބަސްވުން ހަދައި، ޝައްމާނަށް ދައުވާ ސާބިތުކުރަން މަސައްކަތްތައް ކުރި ކަމަށެވެ.

އެކަމުގައި އިސްކޮށް ހަރަކާތްތެރިވީ އިހުސާނާއި އުޝާމް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި އެ ހުރިހާ ކަމެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެނގިވަޑައިގަންނަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝައްމާން ވަނީ، އެ މައްސަލައާ ގުޅިގެން ރައީސް ފިޔަވަޅެއް ނޭޅުއްވުމަކީ ވެސް ކޮރަޕްޝަނުގެ އަމަލެއް ކަމަށް ސިފަކުރައްވައިފައެވެ. އެހެންކަމުން ރައީސް ވެސް އެ މައްސަލައިގައި ބައިވެރިވާ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އަޅުގަނޑުމެން ވަރަށް ބުރަ މަސައްކަތުން، ހެޔޮ އެދިގެން ގެނައި ސަރުކާރެއް، މި ސަރުކާރަކީ މި ވަގުތު ރާއްޖޭގައި އޮންނަން ހެޔޮވާނެވަރުގެ ސަރުކާރެއް ނޫން. ވީހާވެސް އަވަހަކަށް، އަޅުގަނޑު އެދެނީ އަޅުގަނޑުގެ އެކުވެރިންނާއި އާއިލާއާއި އަޅުގަނޑަށް ހެޔޮ އެދޭ ކޮންމެ މީހެއް ވެސް މި ސަރުކާރާ ދެކޮޅަށް މަސައްކަތްކޮށް، މި ސަރުކާރު 2028 އައުމުގެ ކުރިން ނިންމަ ދިނުމަށް

ޝައްމާންގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިދޭސީއެއް އަތުން ބައި މިލިއަން ރުފިޔާ ފޭރިގަނެ، އޭގެތެރެއިން ބައެއް ޝައްމާން އަތުގައި ބަހައްޓައި އަދި އަނެއްބައިން، ޝައްމާންގެ ސްޓޫޑަންޓް ލޯނަށް ފައިސާ ދެއްކުން ހިމެނެއެވެ. އެ ވާހަކަތައް ދައުވާގައި ހިމަނާފައިވެއެވެ.

މި މައްސަލައިގައި ޝައްމާންގެ އާއިލާއިން ކުރިން ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުން ކަމަށެވެ. އަދި ޝައްމާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ “ވީޑިއޯ”އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށް އެ އާއިލާއިން ތުހުމަތު ކުރެއެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން “ވީޑިއޯ”އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.

އައްޑޫސިޓީގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ

އައްްޑޫސިޓީގައި މިދިޔަ އާދިއްތަދުވަހު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މިއަދު ނިޔާވެއްޖެއެވެ.

އައްޑޫސިޓީ ބޮޑުމަގުގައި ހިނގި މި އެކްސިޑެންޓްގައި ހާލު ސީރިއަސްވެގެން އައިސީޔޫގައި ފަރުވާދެމުން ދިޔައީ ހިތަދޫއަށް ނިސްބަތްވާ ރަމީޒް އަބްދުﷲ އެވެ. އޭނާގެ ހާލު ސީރިއަސްވުމުގެ ސަބަބުން އެންމެ ފުރަތަމަ ފަރުވާދިނީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

އެއަށްފަހު ރަމީޒް ވަނީ އޭޑީކޭއަށް ގެނެސް އައިސީޔޫގައި ބާއްވައިގެން ފަރުވާދީފައެވެ. އޭނާގެ އާއިލާގެ ފަރާތުން ކުރިންވެސް ބުނެފައިވަނީ، އެކްސިޑެންޓްގައި ރަމީޒުގެ ފުރާނައަށް ގެއްލުން ވާވަރުގެ އަނިޔާތައް ލިބިފައިވާކަމަށެވެ.

ވިޑިއޯތަކުން ފެންނަ ގޮތުގައި ރަމީޒު ދުއްވި ސައިކަލްގައި ޖެހިފައިވަނީ މަގުގެ ނުގަވައިދުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެކެވެ.

260 އަށްވުރެ ގިނަ ބައިވެރިންނާއެކު “ވިލުންވެރި ކަނބަލުން” ޕްރޮގްރާމު ފަށައިފި

މުޖުތަމައުގައި އަންހެނުން ބާރުވެރިކުރުވައި، ފަންނީ ހުރަރުތައް ދަސްކޮށްދިނުމަށް، އެޗްޑީސީ އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށްގެންދާ “ވިލުންވެރި ކަނބަލުން” ޕްރޮގްރާމު ފަށައިފިއެވެ.

މި ޕްރޮގުރާމުގައި ބައިވެރިވުމަށް މިއަހަރު ހުޅުވާލި ފުރުސަތުގައި 264 ބައިވެރިން ފޯމު ހުށަހަޅާފައިވާއިރު، އެ ހުރިހާ ފަރާތްތަކަށް ވަނީ ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. އެކި ބެޗުތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމު މި މަހުގެ ފަސްވަނަ ދުވަހު ވަނީ ފަށާފައެވެ.

މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ކޮންމެ ކަމެއްގައި އެހެން މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމެވެ.

2023 ވަނަ އަހަރު މި ޕްރޮގްރާމަށް ލިބުނު ބޮޑު ތަރުހީބަށް ރިއާޔަތްކޮށް، މިއަހަރުގެ ތަމްރީނުތަކުގެ ދާއިރާ ވަނީ އިތުރަށް ފުޅާކޮށްފައެވެ. އެގޮތުން، ޑޮމެސްޓިކް އެޕްލައެންސަސް މަރާމާތުކުރުމުގެ ތަމްރީނުތަކުގެ އިތުރުން، ސައިކަލަށް ދިމާވާ އާންމު މައްސަލަތައް ހައްލުކުރަން ދަސްކޮށްދިނުމަށް މިއަހަރުގެ ތަމްރީނު ޕްރޮގްރާމުގައި ވަނީ ހިމަނާފައެވެ. އަދި މި ޕްރޮގުރާމު ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށްވެސް ސެޓްފިކެޓު ދިނުމަށް ވަނީ ނިންމާފައެވެ.

އެޗްޑީސީން ބުނީ އެމްއައިޓީއާއި އެޗްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މިފަދަ ތަމްރީނުތަކުގެ ސަބަބުން އަންހެނުންނަކީ ގޭތެރޭގެ ކަންކަމުގައި ވިލުންވެރި އަދި އަހުލުވެރި ބަޔަކަށް ވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން ކުރިއަށްއޮތްތަނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ޒުވާނުންނަށް އަމާޒުކޮށްގެން ހުނަރުވެރި ކުރުވުމުގެ އިތުރު ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވެސް ރާވާފައިވާ ކަމަށް ބުނެފައިވެއެވެ.

އާ ފިނޭންސް މިނިސްޓަރަކަށް ހަސަން ޒަރީރު

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަގާމަށް ހަސަން ޒަރީރު އައްޔަންކުރައްވައިފި އެވެ.

މިނިސްޓަރު ޒަރީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި، ހަސަން ޒަރީރަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމް އެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގްރާރުގައި އާ މިނިސްޓަރު ވަނީ ރަސްމީކޮށް ސޮއިކުރައްވާފަ އެވެ. ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަންކުރުމުގެ އެންމެ އިސް ޒިންމާ ދެން އުފުއްދަވާނީ ހަސަން ޒަރީރެވެ.

ބޮޑު ސަރަހައްދަކަށް ކަނޑުތައް ގަދަވާނެ: މެޓް

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބޮޑު ސަރަހައްދެއްގެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފިއެވެ.

އެ އިދާރާއިން ބުނީ، މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މިގޮތުން، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހޭނީ ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގައި ކަމަށް މެޓުން ބުނެއެވެ. އަދި، އެހެނިހެން ހިސާބުތަކަށް ވައި ޖެހޭނެ ކަމަށް މެޓުން ބުނަނީ، ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން އަންދާާޒާކުރެއެވެ.

ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، ތިން ފޫޓާ, ހަ ފޫޓާ ދެމެދަށް ރާޅުގެ އުސްމިން ހުންނާނެ ކަމަށް މެޓުން ބުނެއެވެ. އަދި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެ އިދާރާއިން ވަނީ، ވިއްސާރަކޮށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް، ޅ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެއީ، 18:00ގެ ނިޔަލަށެވެ.

ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނިއިރު، ކަނޑު ދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އަބަދުވެސް އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި، މޫސުމަށް ސަމާލުވެ، ރައްކާތެރިވާން ހަނދާންކޮށްދެއެވެ.

ފިނޭންސް މިނިސްޓަރު އިސްތިއުފާދެއްވައިފި

މި ސަރުކާރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން “ހަވާސާ”އަށް ކަށަވަރުކުރެވިފައިވާ ގޮތުގައި އިސްތިއުފާދޭން ނިންމެވިތާ ދުވަސްކޮޅެއް ފަހުން މިއަދު ޒަމީރު ވަނީ ރަސްމީކޮށް އިސްތިއުފާ ހުށަހަޅުއްވާފައެވެ. އޭނާ މިހާރު އިސްތިއުފާދެއްވުމަށް ފަހު އޮފީހުން ވެސް ގެއަށް ވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓްރީން ވެސް ވަނީ ޒަމީރު އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދީފައެވެ.

އެކަމަކު، ޒަމީރު އިސްތިއުފާދެއްވީ ކީއްވެކަމެއް މިހާތަނަށް ރަސްމީކޮށް އެނގިފައެއް ނުވެއެވެ.

މި ސަރުކާރުން ފުރަތަމަ ވެރިކަމާ ހަވާލުވީއިރު ޒަމީރު އައްޔަންކުރީ ފޮރިން މިނިސްޓަރުގެ މަގާމަށެވެ. އެކަމަކު، އޭރު ފިނޭންސް މިނިސްޓަރުކަމުގެ ހުންނެވި ޑރ. މުހައްމަދު ޝަފީގު އިސްތިއުފާދެއްވުމުން ދެން އެ މަގާމަށް އައްޔަންކުރެއްވީ ޒަމީރެވެ. އޭނާއަކީ މި ސަރުކާރުގައި އެންމެ ހިންގުންތެރި އެއް ބޭފުޅާއެވެ.

އޭގެ ފަހުން ޒަމީރަށް ގިނަ ބާރުތަކެއް ވެސް ސަރުކާރުން ދީފައިވެއެވެ. އެ ގޮތުން، މިނިސްޓްރީތަކުގެ މެންޑޭޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ޕްލޭނިންއާއި ލޯކަލް ގަވާމަންޓް މިނިސްޓްރީގެ ގިނަ މަސައްކަތްތައް ވެސް ބަދަލުކުރީ ފިނޭންސް މިނިސްޓްރީގެ ދަށަށެވެ. އިސްތިއުފާދެއްވިއިރު، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސްކަމުގައި ވެސް ހުންނެވީ ޒަމީރެވެ.

ޒަމީރަކީ މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ސިޔާސީ ގޮތުން ތަޖުރިބާކާރު ޒަމީރަކީ ވަރަށް ސީނިއާ ޕޮލިޓީޝަނެކެވެ.

އޭނާއަށް ފަހު ދެން ފިނޭންސް މިނިސްޓަރުކަމަށް ވަޑައިގަންނަވާނެ ބޭފުޅެއް ސަރުކާރުން މިހާތަނަށް ރަސްމީކޮށް އާންމެއް ނުކުރެއެވެ.

މީގެ ކުރިން ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވި ރިފަރެންޑަމް ވޯޓުން ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއާ އެކު ވެސް ސަރުކާރަށް ބޮޑު ބަދަލެއް ގެނައެވެ. އެ ގޮތުން، އެ ފަހަރު އެއް ފަހަރާ 10 މިނިސްޓަރުން އިސްތިއުފާދެއްވަން ޖެހިވަޑައިގަތެވެ. އޭގެ ފަހުން އެކުލަވާލި އާ ކެބިނެޓުގައި ވެސް އެންމެ ބޮޑު ބާރެއް އޮތް ބޭފުޅެއް ގޮތުގައި ފެނިވަޑައިގަތް އެއް ބޭފުޅަކީ ޒަމީރެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލީ ގޮތުން ވަރަށް ގިނަ ދަތިތަކާ ކުރިމަތިވެފައި އޮތް ރާއްޖޭގެ އިގުތިސާދު ނާޒުކެވެ. އެ ގޮތުން، މި އަހަރު މިހާތަނަށް ވެސް އެއް ބިލިއަން ޑޮލަރެއްހާ ދަރަނި ދައްކާފައިވާއިރު، މާލީ ގޮތުން ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

އެ ގޮންޖެހުންތަކުން ދަރަނިތައް އަދާކުރުމުން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މި މަހު ވަނީ ރާއްޖެއަށް ދީފައި އޮތް ރޭޓިން ސީސީސީ މައިނަސްއަށް މަތިކޮށްފައެވެ.

އެއީ ވެސް “ޖަންކް” ރޭޓިންއެއް ނަމަވެސް އެއް ދަރަޖަ ރޭޓިން މަތިވުމުން ސަރުކާރުން ވަނީ އެއީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ގޮތުން، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރަށް ތައުރީފުކުރައްވާފައެވެ.

މީގެ އިތުރުން، މީގެ ކުރިން އެކިއެކި މަސައްކަތްކުރުވާފައިވާ ދިވެހި ކުންފުނިތަކަށް އެތައް ބިލިއަން ރުފިޔާ ނުދީ އޮތުމުން ވެސް ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. އެތައް ވިޔަފާރިވެރިންނެއް ވަނީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފައިސާ ދައްކާ ނިންމަން ސީދާ ރައީސް މުއިއްޒު ވެސް އެތައް ތާރީޚެއް ދެއްވިއެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެ ފައިސާ އެއްކޮށް ދައްކާ ނިންމިފައެއް ނުވެއެވެ.

އެހެންވެ، ގިނަ އަދަދެއްގެ ވިޔަފާރިވެރިން ސަރުކާރަށް ފާޑުކިޔައެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެލާނާ އެއާޕޯޓުގައި ”ކާމް ރޫމް”އެއް ހުޅުވައިފި

ޖިސްމާނީ ގޮތުން ނުފެންނަ ބަލިތައް ތަހައްމަލުކުރާ މީހުންނާއި އެކި ސަބަބުތަކާ ހެދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ”ކާމް ރޫމް”އެއް ހުޅުވައިފިއެވެ.

ވެލާނާ އެއާޕޯޓުގެ އެއްވަނަ ޓާމިނަލްގައި ކާމް ރޫމް ހުޅުވައިދެއްވީ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.

އެމްއޭސީއެލްއިން ބުނީ އެ ކާމް ރޫމަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އިތުރު އެހީތެރިކަމަށް ބޭނުންވާ ދަތުރުވެރިންނަށް ޚާއްސަ އިންތިޒާމުތަކެއް ފޯރުކޮށްދޭނެ ކޮޓަރިއެއް ކަމަށެވެ. އެއީ، އެއާޕޯޓުގެ މާހައުލަކީ އެކަށީގެންވާ ޚިދުމަތްތަކެއް ލިބޭ މާހައުލަކަށް ހެދުމަށް، އެމްއޭސީއެލްއިން ފަށާފައިވާ މަސައްކަތުގެ ތެރެއިން ހާސިލްކުރި މުހިންމު ލަނޑުދަނޑިއެއް ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން ބުނީ މި ކާމް ރޫމުގައި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަ ސެންސަރީ ތަކެއްޗާއި ކުރެވޭނެ ކަންތައްތައް ހުންނާނެ ކަމަށެވެ. އަދި ފަސިންޖަރާއެކު އަންނަ އެހީތެރިޔާއަށް މަޑުކޮށްލައިގެން އިނދެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްއޭސީއެލްއިން ބުނީ ކާމް ރޫމުގެ ޚިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަ ލެންޔާޑަކާއި ކާޑެއް ދޭނެ ކަމަށެވެ. އެ ލެންޔާޑުގެ ސަބަބުން އެ މީހަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހެއްކަން ފަސޭހައިން ދެނެގަނެ އަވަހަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހުރިހާ މިނިސްޓްރީއަކުން ހާމަކޮށްފި

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަމިއްލަ އިސްނެގުމަށް ސަރުކާރުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ހާމަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު، ތާރީޚުން ޖާގަ ހޯދައިފި އެވެ.

2014 ވަނަ އަހަރު އަމަލުކުރަން ފެށި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 37 ވަނަ މާއްދާގައި މަދުވެގެން އަހަރަކު އެއްފަހަރު ދައުލަތުގެ އިދާރާތަކުން ހާމަކުރަންޖެހޭ މައުލޫމާތުތަކެއް ބަޔާންކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ އިދާރާގެ ދައުރާއި މަސްއޫލިއްޔަތުތަކާއި އޮނިގަނޑާއި ވާޖިބުތަކުގެ ތަފުސީލާއި، ރައްޔިތުންނަށް ސީދާ ގިތުގައި ދީފައިވާ ނުވަތަ ދެމުންދާ ހިދުމަތްތަކާއި، ދައުލަތުގެ އެ އިދާރާއިން ހިންގާކަމަކާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅޭނެ އުސޫލުގެ ތަފުސީލާއި އެހައިތަނަށް ލިބިފައިވާ ޝަކުވާތަކުގެ ތަފުސީލު ފަދަ ގިނަ މުހިއްމު މައުލޫމާތުތަކެއް ހިމެނެ އެވެ.

މި ގާނޫނަށް އަމަލުކުރާތާ 12 ވަރަކަށް އަހަރުވެފައިވާއިރު، ދައުލަތުގެ އިދާރާތަކުން އަމިއްލަ އިސްނެގުމުގައި އާއްމުކުރަންޖެހޭ މައުލޫމާތުތައް އެގޮތުގައި އާއްމުކުރަމުންނުދާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ފާހަގަކުރެއެވެ. އަދި އެ ޒިންމާ އަދާނުކުރެވޭކަން އެކި ސަރުކާރުތަކުގެ ސަމާލުކަމަށް ގެނެވުނަސް، އެކަށީގެންވާ ގޮތެއްގައި އެ މައުލޫމާތު ހާމަކުރުމުގެ މަސައްކަތް އޮތީ ނުކުރެވިއެވެ.

ނަމަވެސް ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އިދާރާތަކުން އަމިއްލަ އިސްނެގުމަށް ހާމަކުރަންޖެހޭ މައުލޫމާތުތައް ހާމަކުރަމުން ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންގަވާފަ އެވެ. އެ އެންގެވުމާއި އެއްގޮތަށް މިއަދުގެ ނިޔަލަށް ރައީސުލްޖުމްްހޫރިއްޔާގެ އޮފީސް ހިމެނޭހެން ދައުލަތުގެ 16 އިދާރާއަކުން ވަނީ އެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ޢާންމުކޮށްފަ އެވެ.

އެކަން އިންފޮމޭޝަން ކޮމިޝަނަރު އާޙިލް ރަޝީދުވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ރައީސުލްޖުމްްހޫރިއްޔާގެ އޮފީސް ހިމެނޭހެން ދައުލަތުގެ 16 އިދާރާއަކުން ވަނީ އެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް ޢާންމުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވަނީ އެ މައުލޫމާތު ހާމަކުރުމުގައި މިނިސްޓްރީތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވާފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު އިކޮނޮމިކް މިނިސްޓްރީ އާއި ކްލައިމެޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ހެލްތް އެންްޑް ވެލްފެއާ މިނިސްޓްރީން ވަނީ މައުލޫމާތު ހާމަކޮށްފަ އެވެ. ކޮންސްޓަރްކްޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު މައުލޫމާތުތައް އާންމުކޮށްފަ އެވެ.

އަދި ހޯމް މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ ފުރަތަމަ ދުވަހު އެ މައުލޫމާތުތައް އާންމުކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި އިސްލާމިކް މިނިސްޓްރީއާ އެޓާނީ ޖެނެރަލްގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީން ވަނީ މި މަހުގެ ދެވަނަ ދުވަހު މައުލޫމާތު އާންމުކޮށްފަ އެވެ.

ފޮރިން މިނިސްޓްރީން މި މަހުގެ ތިންވަނަ ދުވަހު މައުލޫމާތުތައް އާންމުކޮށްފައިވާއިރު ކަލްޗަރ މިނިސްޓްރީ އާއި ޓްއަރިޒަމް މިނިސްޓްރީ އާއި ޑިފެންސް އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީން ވަނީ މި މަހުގެ ހަތަރުވަނަ ދުވަހު މައުލޫމާތު އާންމުކޮށްފަ އެވެ.

ފަހު މިނިސްޓްރީއަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަނުން ވަނީ މިއަދު އެ މައުލޫމާތުތައް އާންމުކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާހަގަކުރެވިފައި ވަނީ މަޢުލޫމާތު ހާމަކުރުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަސައްކަތްކުރާ ސަރުކާރެއްގެ ގޮތުގަ އެވެ. އެގޮތުން ރައީސް އޮފީހަށް ހުށައަޅާ ހުރިހާ އާރުޓީއައިތަކަށް ޖަވާބު ދެމުންނެވެ. އަދި ރައީސް ބައިވެރިވެވަޑައިގަންނަވާ ނޫސްވެރީންގެ ބައްދަލްވުމެއް ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ބާއްވަވަމުންނެވެ. މީގެ އިތުރުން ރައީސް އޮފީހުގެ ތަރުޖަމާން ވެސް ގެންދަވަނީ ހަފްތާއަކު އެއް ފަހަރު ނޫސްވެރީންނާއި ބައްދަލު ކުރައްވަމުންނެވެ. ރައީސް ބައިވެރިވެވަޑައިގަންނަވާ، މައުލޫމާތު ފޯރުކޮށްދިނުމުގެ އެކި ޕްރަގްރާމްތައް ވެސް ކުރިއަށް ގެންދަވަ އެވެ.

ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެ

ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕް ރާއްޖެ އަތުވެއްޖެއެވެ.

ހައްޖުގެ މަތިވެރި އަޅުކަމަށް ފަހު ދިވެހި ޙައްޖުވެރިންގެ ދެވަނަ ގްރޫޕްގައި 262 ޙައްޖާޖީން ރާއްޖެ އައިސްފައިވެއެވެ. ދެވަނަ ފްލައިޓްގެ ޙައްޖުވެރިން މަދީނާއިން ރާއްޖެއަށް ދަތުރުކުރީ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ. މި ފްލައިޓު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިއަދު ހަވީރު 16:40 ހާއިރުއެވެ.

ޙައްޖުވެރިންގެ ފްލައިޓް ދަތުރުތައް ބާއްވަމުންދަނީ ސައުދިއާ އެއަރލައިން އަދި މޯލްޑިވިއަން އެއަރލައިންގެ ފްލައިޓްތަކުގައެވެ. ދަތުރުގެ ފަސޭހަ އިންތިޒާމްތަކެއް މޯލްޑިވިއަންގެ ފްލައިޓްގައި އައި ޙާޖީންނަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ޙާޖީން އެއަރޕޯޓަށް ދިޔައިރު، ލަގެޖްތައް ވަނީ ޕްރީ ޗެކިން ކޮށްފައެވެ. އަދި ބޯޑިން ޕާސްވެސް ކުރިއާލާ ހަވާލުކޮށްފައިވެއެވެ.

ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖެއައީ ހުކުރު ދުވަހުގެރޭގައެވެ. އެފްލައިޓުގައި 240އަށްވުރެ ގިނަ ޙާޖީން ރާއްޖެ ދަތުރުކުރިއެވެ. ހޯމަ އަދި އަންގާރަ ދުވަހު ފަހު ފްލައިޓު އޮންނާނެއެވެ.

ޙަައްޖުވެރިން މިއަހަރުވެސް މައްކާއަށް ދަތުރުކޮށްފައިވަނީ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދަށުންނެވެ. މިއާއެކު، މައްކާއަށް ޙައްޖުވެރިން ދަތުރުކުރީ ރާއްޖެއިން އިމިގްރޭޝަންގެ އެންމެހާ ކަންކަން ނިންމައިގެންނެވެ. އަދި ސައުދީއަށް އައިސް، ޖިއްދާ އެއަރޕޯޓްގައި މަޑުކުރަން ނުޖެހި، ފަސޭހަކަމާއެކު ވަނީ ހޮޓަލަށް ގޮސްފައެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފި

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ ފުލުހެއްގެ މައްސަލަ ފުލުހުންގެ އިދާރާއިން ބަލަން ފަށައިފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިފަދަ މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވަނީ 2026 ޖޫން 1 ވަނަ ދުވަހު ކަމަށެވެ.

ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލައިގައި ޖިންސީ ގޯނާގެ ތުހުމަތު ކުރެވެނީ ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހެއްގެ މައްޗަށެވެ. މިއީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ހިންގާފައިވާ އަމަލެއްގެ ގޮތުގައި ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ޖިނާއީ ތަހުގީގު މިހާރު ކުރިއަށްގެންދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުންނެވެ. ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ބަލަމުންދާ މައްސަލަތަކެއް ކަމަށް އެ އިދާރާއިން ބުނެއެވެ.

ޖިނާއީ ތަހުގީގުގެ އިތުރުން، އެ ފުލުސް އޮފިސަރާ ގުޅޭ އިދާރީ މައްސަލަ ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ވެސް ދަނީ ބަލަމުންނެވެ. މިއީ ފުލުހުންގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވާ އޮފިސަރުންގެ މައްސަލަތައް ބަލާ ވަކި ހާއްސަ ކޮމާންޑެކެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތާ މެދު އަޅާފައިވާ ފިޔަވަޅެއް ނުވަތަ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގުތައް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ އިދާރާއިން ވަނީ މައުލޫމާތު ދީފައެވެ.