ސޯޅަ އަހަރުން ދަށުންގެ ކުދީންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ބަންދު ކުރުމަށް އަަޅާން ޖެހޭ ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ސަރުކާރުން ކުރަމުން އަންނަ މުހިއްމު ބައެއް ކަންތައްތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ، ދިވެހި މުޖުތަމައަކީ އިސްލާމީ ރިވެތި އުސޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި، ކުޑަ މުޖުތަމައެއް ކަމަށެވެ. އެހެންކަމުން، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރަން އިސްކަންދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ މައްސަލަތައް ހައްލުކުރުމަށް ގެންގުޅޭ އުސޫލުތަކަށް ރިއާޔަތް ކުރަން ޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ބައެއް އެޕްތައް ރާއްޖޭގައި ބޭނުންކުރުން މަނާކުރުމަށް ފިޔަވަޅު އަޅަން ނިންމެވީ ޒުވާނުންގެ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
އެކަމަކީ އަބަދުވެސް ބެލެނިވެރިންގެ އޮތް ބޮޑު ކަންބޮޑުވުމެއް ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގައިވެސް އޮތް ބޮޑު ގޮންޖެހުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ސޯޝަލް މީޑިއާގެ ނުރައްކާތަކަށް ކުޑަކުދިން ވަރަށްބޮޑަށް ހުށަހެޅިފައިވާ ކަމަށެވެ.
ހާއްސަކޮށް ސައިބާ ބުލީން އަކީ، ކުދިންގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކުރައްވައި، އެފަދަ ކަންކަމުން ކުދިން ރައްކާތެރި ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އޮންލައިންކޮށް ކުޑަކުދިންނަށް ކުރިމަތިވާ ގްރޫމިންގެ ނުރައްކަލަކީ މުޖުތަމައަށް އޮތް ބޮޑު ގޮންޖެހުމެއްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ނުރައްކާތަކުން ކުދިން ސަލާމަތްކުރުމަކީ ދައުލަތުގެ އިދާރާތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އާންމު ރައްޔިތުން ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މި ނުރައްކަލުން ޒުވާނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާގެ ވަކި އެޕްލިކޭޝަންތަކެއް ބޭނުންނުކުރެވޭ ގޮތަށް ހެދުމަށް ނިންމައި، މި ސިޔާސަތު އެކުލަވާލުމުގައި އޮސްޓްރޭލިއާއިން މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކަށް ރިއާޔަތްކޮށް، ރާއްޖޭގެ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ކަމާގުޅޭ ބައިނަލްއަގުވާމީ ކުންފުނިތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
“ކުރިއަށް އޮތްތަނުގައި މިކަމާ ގުޅޭ މަސައްކަތްތައް ނިންމައި، އުންމީދުކުރަނީ ގިނަވެގެން އެއް އަހަރު ނުވަތަ އެއައްވުރެއްވެސް އަވަހަށް މިއަހަރު ތެރޭގައި އަމަލީ ގޮތުން އެންފޯސް ކުރެވޭނެ ކަމަށް، 16 އަހަރުން ދަށުގެ ކުދިންނަށް އޮސްޓޭލިއާގައި އޮތް ނިޒާމެއްގެ ތެރެއިން ސޯޝަލް މީޑިއާގެ އެޕްތައް ބޭނުންކުރުމުގައި ބޭން ކުރުމުގެ ކަންކަން ކުރުން، އޭގެ މާނައެއް ނޫން ޑިޖިޓަލައިޒޭޝަނާ ދުރަށް ދިއުމަކީ، އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ މޯލްޑިވަސް 2.0”
މި އާ ނިޒާމުގެ ސަބަބުން ކުދިންގެ ތައުލީމީ ކުރިއެރުމަށާއި، އިންޓަނެޓުގެ ޒަރިއްޔާއިން އާ ހުނަރުތައް ދަސްކުރުމަށް އެއްވެސް ހުރަހެއް އެޅިގެން ނުދާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު