ސައުދީގެ “ސްލީޕިންގ ޕްރިންސް” 20 އަހަރުގެ ކޯމާއަކަށްފަހު އަވަހާރަވެއްޖެ

ސައުދީ އަރަބިއްޔާގެ “ސްލީޕިންގ ޕްރިންސް” ގެ ނަމުން މަޝްހޫރުވެފައިވާ ޕްރިންސް އަލް ވަލީދު ބިން ޚާލިދު ބިން ޠަލާލް، 20 އަހަރު ވަންދެން ކޯމާއެއްގައި އޮންނެވުމަށްފަހު އަވަހާރަވެއްޖެއެވެ. މި ހިތާމަވެރި ޚަބަރު އިޢުލާނު ކުރެއްވީ އޭނާގެ ބައްޕާފުޅު، ޕްރިންސް ޚާލިދު ބިން ޠަލާލްއެވެ.

ވަނަ އަހަރު ލަންޑަނުގައި ހިނގި ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓެއްގައި ޕްރިންސް އަލް ވަލީދު ކޯމާއަކަށް ވެއްޓިވަޑައިގެންނެވި އިރު، އޭނާ ގެންދެވީ އިނގިރޭސިވިލާތުގައި ކިޔަވާ ވިދާޅުވަމުންނެވެ. އެ ހިސާބުން ފެށިގެން ފާއިތުވި ގާތްގަނޑަކަށް 20 އަހަރު ވަންދެން އޭނާ އޮންނެވީ މެޑިކަލް ސަޕޯޓުގައި ސިއްހީ އެހީތެރިންގެ ބެލުމުގެ ދަށުގައެވެ.

މި ދިގު މުއްދަތުގައި ކުޑަ އުއްމީދެއް ލިބުނު މަދު ހަރަކާތްތަކެއް ޕްރިންސްގެ ކިބައިން ފެނުނު ނަމަވެސް، އޭނާ ހޭ އަރާފައެއް ނުވެއެވެ.

ޕްރިންސް އަލް ވަލީދުގެ ހާލަތާ މެދު ސައުދީ އަރަބިއްޔާގެ އިތުރުން ބޭރު ދުނިޔޭގައި ވެސް ވަރަށް ބޮޑު ހަމްދަރުދީއެއް ލިބުނެވެ. އަދި މިލިއަނުން ގުނާލެވޭ މީހުން ޕްރިންސްގެ ހާލަތު ވަރަށް ގާތުން ބަލަމުން ދިޔައެވެ.

ޕްރިންސް ޚާލިދު ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ދަރިކަލުންގެ ކަށު ނަމާދު އާދީއްތަ ދުވަހު ރިޔާޟްގެ އިމާމް ތުރުކީ ބިން ޢަބްދުﷲ މިސްކިތުގައި ޢަޞުރު ނަމާދަށްފަހު ކުރެވޭނެއެވެ.

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއް ގޮތަށް ކަނޑައަޅަން މަޖިލީހަށް ބިލެއް ހުށަހަޅައިފި

ނުރައްކާތެރިކޮށް އެއްގަމު އުޅަނދު ދުއްވުމަކީ ކުށެއް ގޮތަށް ކަނޑައަޅަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއިލް ނަސީމް ރައްޔިތުންގެ މަޖިލީހަށް މިއަދު ބިލެއް ހުށަހަޅުއްވައިފި އެވެ.

މީކާއިލް ވިދާޅުވީ އެ ބިލު ހުށަހެޅުއްވީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ އާންމު މިންގަނޑުތަކާއި ހިލާފަށް އަދި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ މެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭނެ މަގުފަހިކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ.

އެ ބިލުގައި ވަނީ، ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގައިވާ “ފަރުވާލެއްނެތި ކުރާ އަމަލަކުން އަނިޔާއެއް ލިބިދާނެކަމުގެ ބިރުދެއްކުން” އަށް ނަންބަރެއް އިތުރު ކުރުމަށެވެ.

އިތުރު ކުރަން ހުށަހަޅާފައިވާ މާއްދާގައި ބުނަނީ، “ބިރުވެރިކަން އުފެދޭފަދަ ގޮތަކަށް ނުވަތަ މީހެއްގެ ފުރާނައަށް ގެއްލުމެއް ކުރިމަތިވެދާނެ ކަމާމެދު ފަރުވާލެއް ނެތް ގޮތަކަށް އިންޖީނުލީ އެއްގަމު އުޅަނދު ފަހަރު ދުއްވުން” އެއީ ކުށެއް ކަމަށެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ފަހަތަށް 121.1 މާއްދާ އިތުރުކޮށް ހިމަނާފައި ވަނީ ކުށް ކަނޑައެޅުމާއި ދަރަޖަކުރުމެވެ.

މީކާއިލް ވިދާޅުވީ އެ ބިލު ހުށަހަޅަނީ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 121 ވަނަ މާއްދާގެ ށ. ގައި މިހާރު އޮތް ގޮތުން، މީހަކު މަރުވެދާނެ ކަމުގެ ނުވަތަ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއްލިބިދާނެކަމާމެދު ފަރުވާލެއްނެތި ކުރާ އަމަލެއްގެ ގޮތުގައި ބެލެވޭނެ ހާލަތްތަކުގެ ތެރޭގައި، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި މަގުމަތި ބޭނުންކުރާ ފަރާތްތަކުގެ ފުރާނައަށް ފަރުވާލެއް ނެތް ގޮތަށް އިންޖީނުލީ އުޅަނދު ފަހަރު ދުއްވުމާބެހޭ ހާލަތް ހިމަނާފައިނުވާތީ ކަމަށެވެ.

މިގޮތުން އެ ބިލުގެ ސަބަބުން ބިރުވެރިކަން އުފެދޭ ގޮތަށް ނުވަތަ ނުރައްކާތެރިކޮށް އިންޖީނުލީ އުޅަނދު ދުއްވުމުން ކުރިމަތިވާ އެކްސިޑެންޓުތަކުގައި ޝާމިލުވާ ފަރާތްތަކާމެދު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފިޔަވަޅު އެޅެން ނެތުމުން ދިމާވާ ގޮންޖެހުންތައް ހައްލުވެ، މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް އަދި ފަރުވާލެއް ނެތް ގޮތަށް އުޅަނދުފަހަރު ދުއްވުމުން ކުރިމަތިވަ އެކްސިޑެންޓުތަކުގައި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އިންސާފުލިބޭނެ މަގު ފަހިވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފުލެޓުތައް ލިބޭ ފަރާތްތަކާއެކު އަންނަ ހޯމަ ދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް ނިންމައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފުލެޓުތައް ހަވާލުކުރުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހައުސިން މިނިސްޓްރީން މިއަދު ވަނީ ހަވާލުކޮށްފައެވެ.

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ “ފަހި ޕޯޓަލް” މެދުވެރިކޮށް ޝެޑިއުލްކޮށް، އެ ފަރާތްތަކަށް އެންގޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާ އިރު، ލިޔެކިޔުންތައް ގެންދިއުމަށް ވެސް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ސޮއިކުރުމަށް ގެންދަން ޖެހޭ ލިޔެކިޔުންތަކަކީ؛

 

ކުއްޔަށް ހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް

ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު

އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

ފުލެޓު ކުއްޔަށް ހިފާ ފަރާތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުނުވެވޭ ނަމަ، ޕަވާ އޮފް އެޓާނީ ހުށަހަޅަންޖެހެއެވެ.

އެފްޑީސީން ބުނީ ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ކަމަށާއި އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.

ދެމެހެއްޓެނިވި އިޖުތިމާއީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ރ.މާމުނަގާ ރިސޯޓްގެ ސީޕްލޭން ޕްލެޓްފޯމް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ރ.އަތޮޅު ރިސޯޓެއްކަމަށްވާ މާމުނަގާ ފަޅުތެރޭގައި އަޅާފައިއޮތް ސީޕްލޭން ޕްލެޓްފޯމް ކަނޑައިގެންގޮސް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މި ޕްލެޓްފޯމް އޮޔާދާނެކަމަށް ލަފާކުރެވެނީ ކާށިދޫ ކަނޑުތެރެއަށްކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުކަންދީގެން ދަތުރުކުރުމަށް އެމްއެންޑީއެފުން ވަނީ އެދިފައެވެ. އަދި ޚާއްޞަކޮށް ރޭގަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

މިދުވަސްވަރަކީ ރާއްޖެ ސަރަހައްދަށް މޫސުން ވަރަށްގޯސް ދުވަސްވަރެކެވެ. އެގޮތުން މޫސުން ގޯސްވުމުގެ ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި ވަނީ ކަނޑުމަތީގެ އެކި ހާދިސާތައް ހިނގާފައެވެ.

މޫސުން އަދިވެސް ގޯސް، އުދައެރުންވެސް އެކަށީގެންވޭ!

ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭ ވެހުމާއި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވެ އަދި އުދަ އަރާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:45 އިން ފެށިގެން މެންދުރުފަހު 15:30 ހާހަމައަށްށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އެގޮތުން މެޓް އޮފީހުގެ ރިކޯޑުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ޏ. ފުވައްމުލަކަށެވެ. ފުވައްމުލަކަށް 51.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 އާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް ވިދާޅުވިއެވެ.

މެޓުން ވިދާޅުވީ ކަނޑުތައް ގަދަވާނެކަމަށާއި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަތަކައް އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ކަނޑުމަގުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ނޫނީ ނުކުރަން އިލްތިމާސްކޮށްފި

ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިދިޔަ ބުދަ ދުވަހު ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ މާދަމާއަށް ހަމައަށް މޫސުން ވަރަށް ގޯސްވެ ބޯކޮށް ވާރޭވެހި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މޫސުމާބެހޭ އިދާރާއިން މިއަދު ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ ސަމާލު ވެސް ނެރެފައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ރާއްޖެ ސަރަޙައްދަށް ކުރިއަށް އޮތް ދުވަސްތަކުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެ ކަމަށާއި މުޅިރާއްޖެއަށް ވިއްސާރަވެ އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެެހެންވެ ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާ އިރު މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ރޭގަނޑު ދަތުރު ނުކުރުމަށާއި މޫސުން ތަންނުދޭ ނަމަ، މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލުމަށާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރުމަށް ވެސް އިލްތިމާސްކުރާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

70 މިލިއަން ޑޮލަރަށް މަޑުއޭކޭ އާސެނަލްއަށް

ޗެލްސީ އަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް، ނޯނީ މަޑުއޭކޭ، 70 މިލިއަން ޑޮލަރުގެ ފީ އަކަށް އާސެނަލުން ގަނެފިއެވެ.

އުމުރުން 23 އަހަރުގެ މަޑުއޭކޭ، އާސެނަލަށް ބަދަލުވީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައެވެ.

ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އިން 2023 ވަނަ އަހަރު ޖެނުއަރީ މަހު، މަޑުއޭކޭ، ޗެލްސީ އަށް ސޮއިކުރީ، 40 މިލިއަން ޑޮލަރުގެ ފީ އަަކަށެވެ. މަޑުއޭކޭ، ޗެލްސީއާ އެކު، ހަދާފައި އޮތް ކޮންޓްރެކްޓްގައި ބާކީ ފަސް އަހަރު އެބައޮތެވެ. އެކަމަކު، ޗެލްސީން މި ވަނީ، އެ ކްލަބްގެ ޓެކްނިކަލް ޓީމާ މަޝްވަރާކޮށް، އާސެނަަލުން ބޮޑު އަގެއް ދިނުމުން މަޑުއެކޭ ވިއްކާލައިފަ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނީ، މަޑުއޭކޭ އަކީ އެ ކްލަބުން ކުރިއަށްގެންދާ ޕްރޮޖެކްޓަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން ޔުއެފާ ކޮންފަރެންސް ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، މުޅި ސީޒަނުގައި މަޑުއޭކޭ ވަނީ ޗެލްސީގެ 45 މެޗުގައި ކުޅެ، 11 ގޯލު ޖަހައި، ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އަދި، ޗެލްސީ އަށް ބަދަލުވި ފަހުން މިހާތަނަށް އެ ޓީމަށް، 91 މެޗު ވަނީ ކުޅެދީފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ލަންޑަނުން ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޗާލްސް ރަސްގެފާނު 3ވަނައާ ބައްދަލު ކުރެއްވުމެވެ. ވިންޑްސަރ ކާސަލްގައި އޮތް މިބައްދަލު ކުރެއްވުމުގައި ރާއްޖޭގެ މިނިވަން 60 ފާހަގަ ކުރާ މުނާސަބާއާ ގުޅުވައިގެން ރާއްޖެއާއި އިނގިރޭސވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

 

 

ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ދަތުރުފުޅު ނިންމަވާލައްވައިފި

 

އަބްދުﷲ އަހްމަދު

18 July 2025, 22:54

 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރެއްވި ކާމިޔާބު ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި، މިއަދު ލަންޑަނުން ފުރައިވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެޤައުމުގެ ގުޅުން ބަދަހިކުރުމަށް ގިނަ މުހިންމު މަސައްކަތްތަކެއް ކުރެއްވިއެވެ.

 

މި ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޗާލްސް ރަސްގެފާނު 3ވަނައާ ބައްދަލު ކުރެއްވުމެވެ. ވިންޑްސަރ ކާސަލްގައި އޮތް މިބައްދަލު ކުރެއްވުމުގައި ރާއްޖޭގެ މިނިވަން 60 ފާހަގަ ކުރާ މުނާސަބާއާ ގުޅުވައިގެން ރާއްޖެއާއި އިނގިރޭސވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

 

Ads by Hali Pvt

 

ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫކޭ ޕާލަމެންޓްގެ ސްޕީކަރާއި ޚާރިޖީ ވަޒީރާއެކުވެސް ބިނާ ކުރަނިވި މަޝްވަރާތަކެއް ބާއްވަވާފައެވެ.

މީގެ އިތުރުން، ދިވެހި މަސްވެރިކަމުގެ ސިނާޢަތް ދުނިޔޭގެ ބާޒާރުގައި ކުރިއެރުވުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ، “ފްރޮމް މޯލްޑިވްސް” ބްރޭންޑް ތަޢާރަފް ކުރުމުންވެސް މިދަތުރުފުޅުގައި އޮތެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖެ-އިނގިރޭސިވިލާތް ވިޔަފާރި ފޯރަމްގައި، ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ. އަދި ހައުސް އޮފް ލޯޑްސްގައި އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕާއެކުވެސް މަޝްވަރާތައް ބޭއްވެވިއެވެ.

12 އަހަރުގެ އަންހެން ކުއްޖަކަށް ބޮޑުބޭބެއެއް ޖިންސީ ގޯނާކުރި މައްސަލައެއް

ބާރަ އަހަރުގެ އަންހެން ކުއްޖަކަށް ބޮޑުބޭބެއެއް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

މި ހާދިސާ ހިނގީ ސައުތު ޕޮލިސް (ގއ,ގދ,އައްޑޫ ސިޓީ) ހިމެނޭ ރަށެއްގަ އެވެ. ދިވެހި ފުލުހުން ބުނީ އިތުބާރު ހުރި މަގާމެއްގައި ހުރި މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަމުންދާ ކަމަށެވެ.

އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. މި މައްސަލަ އެ ރަށުގެ ޕޮލިހާއި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އޮނަރަބަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މިއަދުގެ މި ބައްދަލުވުމުގައި، މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއަށް ކޮމަންވެލްތުން ދެއްވާ އެހީތެރިކަން ވެދެއްވަމުން ގެންދަވާނެ ކަމުގެ ޔަގީންކަން ސެކްރެޓަރީ ޖެނެރަލް ވަނީ ދެއްވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މި ބައްދަލު ކުރެއްވުމުގައި، ބައިނަލްއަގްވާމީ މަސްރަހުގައި، ތަރައްގީ ވަމުންއަންނަ ކުދި ޖަޒީރާ ގައުމުތަކުގެ މެދުގައި އިސްކަންދޭ ކަންކަމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދާ ލީޑާޝިޕްގެ ދައުރު ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އަދި 2040 ވަނަ އަހަރާ ހަމައަށް ތަރައްގީ ވެފައިވާ ގައުމެއްގެ ދަރަޖައަށް ދިވެހިރާއްޖެ ގެންދިއުމުގެ ގައުމީ ތަޞައްވުރު ކުރިއަށް ގެންދިއުމުގައި، ކޮމަންވެލްތުން ދެއްވާ އެއްބާރުލުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާއާއި ސެކްރެޓަރީ ޖެނެރަލް ވަނީ ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ގިނަ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފަ އެވެ. މީގެތެރޭގައި ޑިމޮކްރަސީއާއި ހެޔޮ ވެރިކަން، ވިޔަފާރިއާއި ވުނަކުރުން، އަދި މަސްވެރިކަމާއި ފަތުރުވެރިކަމުގެ ދެމެހެއްޓެނިވި ތަރައްގީ އާއި ގުޅުންހުރި ދާއިރާތައް ހިމެނެ އެވެ.

ކޮންމެ ސަރުކާރަކުން ކުރިޔަސް އެއާޕޯޓް އިން ފައިދާ ކުރާނީ ހަމަ ދިވެހި ރައްޔިތުންނަށް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިރާއްޖޭގެ ތަރައްގީއާއި އިގްތިސާދީ ކުރިއެރުމުގެ މުހިންމު ތަނބެކެވެ. މިއީ ހަމައެކަނި ވައިގެ ބަނދަރެއް ނޫނެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ފުރަތަމަ މަންޒިލާއި، ދިވެހިރައްޔިތުންނާއި ދުނިޔެ ގުޅުވާލަދޭ މައި ދޮރޯއްޓެވެ. ނަމަވެސް މިހާރަކަށް އައިސް މި އެއާޕޯޓާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކުގެ ތެރޭގައި އެންމެ ބޮޑަށް އިސްކަންދެވިފައިވަނީ ސިޔާސީ މަންފާއަށެވެ.

މިހާރު އެންމެ ބާރަށް ހުރިހާ ޕާޓީ ތަކަކުން ވެސް ދައްކާވާހަކަ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަކީ އެ ޕާޓީގެ ސަރުކާރެއްގައި ކުރި ކަމެއްގެ ވާހަކައެވެ. ކޮންމެ ސަރުކާރެއް ވެސް އެއާޕޯޓަށް ގެނެސްފައިވާ ތަރައްގީއާއި ކުރިއެރުންތަކުގެ ކްރެޑިޓް ނަގަން ބޭނުންވެއެވެ. ނަމަވެސް، މި އެއާޕޯޓް ބިނާކުރުމާއި، ބޮޑުކުރުމާއި، އަދި އާބާދުކުރުމަށްޓަކައި ހުރިހާ ސަރުކާރެއްގެ މަސައްކަތް ހިއްސާވެފައިވާކަން އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. މި ވާހަކަތައް ދައްކާއިރު، އެއްވެސް ފަރާތަކުން މި އެއާޕޯޓުން ރައްޔިތުންނަށް ލިބޭނެ ފައިދާއާއި، ގައުމަށް ކުރާނެ މަންފާއާ ބެހޭގޮތުން މާ ބޮޑު ސަމާލުކަމެއް ދީފައެއްނުވެއެވެ. ވާހަކަ ދައްކާނީ ކްރެޑިޓް ނެގުމާއި، ސިޔާސީ މަންފާއާ ބެހޭގޮތުންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މިހާހިސާބަށް އައުމަކީ އެއް ސަރުކާރެއްގެ ނުވަތަ އެއް ލީޑަރެއްގެ މަސައްކަތެއްގެ ނަތީޖާއެއް ނޫނެވެ. މިއީ ތާރީހީ ގޮތުން އެތައް ލީޑަރުންގެ ހިކުމަތާއި، ދުރުވިސްނުމާއި، ގައުމީ ލޯބީގެ ސަބަބުން ހާސިލްވެފައިވާ ކާމިޔާބީއެކެވެ. އެގޮތުން، ރައްޔިތުންގެ ހިތްތަކުގައި އަބަދަށްޓަކައި ޝުކުރުވެރިވާނެ ލީޑަރުންގެ ތެރޭގައި ރައީސް ނާސިރުއާއި، ރައީސް މައުމޫންއާއި، ރައީސް ނަޝީދުއާއި، ރައީސް ވަހީދުއާއި، ރައީސް ޔާމިންއާއި، ރައީސް ސޯލިހްއާއި، އަދި މިހާރުގެ ރައީސް މުއިޒް ވެސް ހިމެނެއެވެ. އެބޭފުޅުން ކޮންމެ ބޭފުޅަކު ވެސް ވަނީ މި އެއާޕޯޓުގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެހެންކަމުން، މި އެއާޕޯޓުގެ ކްރެޑިޓް އެންމެ ފަރާތަކަށް ނުވަތަ އެންމެ ސަރުކާރަކަށް ދިނުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މި މަސައްކަތުގައި ހިއްސާވެފައިވާ ހުރިހާ ލީޑަރުންނަށް ރައްޔިތުން ޝުކުރު ދަންނަވައެވެ.

މިފަހަކަށް އައިސް މިފެންނަނީ، ގައުމީ އަސާސެއް ކަމަށްވާ އެއާޕޯޓް ސިޔާސީ ކުރާތަނެވެ. އޭގެ ބަދަލުގައި މި އެއާޕޯޓުން ރައްޔިތުންނަށް ފައިދާ ވަނީ ކިހާވަރަކަށް ތޯ ބަލައި، އިތުރަށް މި ފައިދާތައް ގިނަ ކުރެވޭނެ ގޮތްތައް ހޯދާނަމަ، ރާއްޖެ އަށް ބޮޑު ތަރައްގީއެއް އަންނާނެ ކަމީ ޝައްކެއްނެތް ކަމެކެވެ. މި އެއާޕޯޓަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ހަށިގަނޑު ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިފައިވާ އެންމެ ބޮޑު ތަރައްގީއެވެ. މި އެއާޕޯޓު މެދުވެރިކޮށް އެތައް ހާސް ވަޒީފާތަކެއް އުފެދި، ވިޔަފާރިތައް ފުޅާވެ، ގައުމީ އާމްދަނީ އިތުރުވެއެވެ. އެހެންކަމުން، މި އެއާޕޯޓަކީ ސިޔާސީ ބަހުސްތަކަށް ވުރެ ބޮޑަށް، ގައުމީ ކުރިއެރުމަށް މަގުފަހިކުރާނެ މުހިންމު ވަސީލަތެއްގެ ގޮތުގައި ބެލެވެން ޖެހެއެވެ.

އެއާޕޯޓަކީ ކޮންމެ ސަރުކާރަކުން ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ހަގީގީ ފައިދާ ލިބޭނީ ދިވެހިރާއްޖޭގެ ރައްޔިތުންނަށެވެ. އެހެންކަމުން، ސިޔާސީ ފަރާތްތަކުން އެއްބަޔަކު އަނެއްބަޔަކަށް ކްރެޑިޓް ދިނުމުގެ ބަދަލުގައި، މި އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ލިބޭ ފައިދާ އިތުރުކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ. މި ދުރުވިސްނުމާއެކު މަސައްކަތް ކުރާނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވާނީ ދިވެހިރާއްޖޭގެ ތަރައްގީގެ އަލިގަދަ މިސާލަކަށެވެ.

ގަދަ ވިއްސާރައިގައި މާލެ އާއި ހުޅުމާލެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ އާއި ހުޅުމާލޭގެ ބައެއް ގަސްތައް ވެއްޓި ގެއްލުންތަކެއް ލިބިއްޖެއެވެ.

ގަދަ ވަޔާއެކު ރޭ ފަތިހުން ފެށިގެން މާލެ ސަރަހައްދަށް އަންނަނީ ވިއްސާރަކުރަމުންނެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މިހާރު ކުރަމުންދާ ވިއްސާރާގައި ވައިގަދަވެ މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވާ ކަމުގެ ރިޕޯޓް ތަކެއް ލިބިފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުތަކުގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި ވިއްސާރައިގައި ހުޅުމާލެ އަށް ވަނީ ބައެއް ގެއްލުންތައް ލިބިފައެވެ. މެޓް އޮފީހުން މައުލޫމާތު ދީފައިވާގޮތުގައި ފަތިހުން ފެށިގެން ހެދުނާއެކު ވިލާގަނޑުގައި ހުޅުމާލެއަށް 52 މޭލު ބާރުމިނުގައި ވައި ޖެހުނު ކަމަށެވެ. އެ ވަގުތު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަސްތަށް ވެއްޓި އެކި ހާދިސާތައް ހިނގާފައިވެއެވެ.

އެގޮތުން ހުޅުމާލެ ފިތުރޯނު މަގުގައި، ވަން އެވެނިއު ކުރިމައްޗަށް އަދި އޯޝަން ފްރޮންޓް ކުރިމަތީގައި ހުރި ބޮޑު ފިތުރޯނު ގަހެއް އެ ކޮޅިގަނޑުގެ ތެރޭގައި މުލުން ލުހިގެން ވަނީ ސައިކަލުތަކުގެ މައްޗަށް ވެއްޓިފަ އެވެ. މީގެސަބަބުން އެތަނުގައި ހުރި ސައިކަލުތަކަށް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި އެ މަގުގެ، މޭރީ ބްރައުން ކައިރީގައި ހުރި އިތުރު ގަހެއްގެ ބޮޑު އޮފިގަނޑެއް ވެސް މަގުމައްޗަށް ވެއްޓިފައިވާއިރު ގަދަ ވައިގައި ހުޅުމާލެ ފޭސް 2ގެ ބަސް ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް އެނގިފައިވެއެވެ.

ފުލުހުން ވަނީ މޫސުން ގޯސްވެ، ވައިގަދަވާ ވަގުތުތަކުގައި ބޭރުގައި އުޅޭއިރު ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.