Advertisement

ގެދޮރުވެރިޔާ ފުލެޓު އެއްބަސްވުންތަކުގައި އަންނަ ހޯމަ ދުވަހު ސޮއިކުރަން ފަށަނީ

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ 4000 ފުލެޓުތައް ލިބޭ ފަރާތްތަކާއެކު އަންނަ ހޯމަ ދުވަހު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުމަށް ނިންމައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ ފުލެޓުތައް ހަވާލުކުރުމާއި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނާ ހައުސިން މިނިސްޓްރީން މިއަދު ވަނީ ހަވާލުކޮށްފައެވެ.

Advertisement

އެފްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ ހޯމަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އާ ދެމެދުގެ ވަގުތުތަކުގައި، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އެ ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އާންމުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޔުނިޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކުރެވިފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށާއި ޔުނިޓު ލިބޭ ފަރާތްތަކަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ “ފަހި ޕޯޓަލް” މެދުވެރިކޮށް ޝެޑިއުލްކޮށް، އެ ފަރާތްތަކަށް އެންގޭނެ ކަމަށް އެފްޑީސީން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާ އިރު، ލިޔެކިޔުންތައް ގެންދިއުމަށް ވެސް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ސޮއިކުރުމަށް ގެންދަން ޖެހޭ ލިޔެކިޔުންތަކަކީ؛

 

ކުއްޔަށް ހިފާ ފަރާތުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

ކޯ-އެޕްލިކަންޓުގެ އައިޑީކާޑުގެ ދެފުށް ފެންނަ ސާފު ކޮޕީއެއް

ހެކިވެރިޔާގެ އައިޑީކާޑުގެ އަސްލު އަދި ކޮޕީއެއް

ޒިންމާ އަދާކުރާ ފަރާތުން ސޮއިކޮށްފައިވާ ފޯމުގެ އަސްލު

އެހެނިހެން ގުޅުންހުރި ލިޔެކިޔުންތައް

ފުލެޓު ކުއްޔަށް ހިފާ ފަރާތަށް އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުނުވެވޭ ނަމަ، ޕަވާ އޮފް އެޓާނީ ހުށަހަޅަންޖެހެއެވެ.

އެފްޑީސީން ބުނީ ފުލެޓުތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިން މަސައްކަތްތައް ނިންމުމަށްފަހު ކަމަށާއި އެގޮތުން، ފުލެޓުތައް ހަވާލުކުރާ އިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސް ޖަހައި، ކުލަލައި، ފާހަނާތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށެވެ.

ދެމެހެއްޓެނިވި އިޖުތިމާއީ ބޯހިޔާވަހިކަން ހެޔޮ އަގެއްގައި ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަންގެ އެންމެ ބޮޑު އަމާޒު ކަމަށް ވެސް އެފްޑީސީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވާޑު ފަހަތަށް ޖެހި މީކާއީލަށް ތާއީދު ކުރަން ނިންމައިފި

ޓަވަރު އެހެން ތަނަކަށް ބަދަލުކުރީ ވިލިމާލެ ފެހިކޮށް ބާއްވަން ބޭނުންވާތީ: ރައީސް

އަނބިމީހާ ބަންދުކޮށްގެން ހަށިވިއްކުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

އައްޑޫގައި ހުޅުޖެހި މައްސަލައިގައި ސޯބެގެ ބައިވެރިވުމެއް ނޯންނާނެ، ދައުވާ ލިސްޓުގައި އޮންނާނީ ސައީދުގެ ނަން: އަސްލަމް