ފުލުހުން ޖުލައި މަހު ވޭޕްގެ 15 މައްސަލަ ބަލައި، 127،000 ރުފިޔާގެ ޖޫރިމަނާކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދީފައިވާ ގޮތުގައި، މިދިޔަ ޖުލައި މަހުގެ ތެރޭގައި ވޭޕްއާ ގުޅުންހުރި 15 މައްސަލައެއް ބަލައި، އެ މައްސަލަތަކާ ގުޅިގެން ޖުމްލަ 127،000 ރުފިޔާއިން އެ މައްސަލަތަކުގައި ހިމެނޭ މީހުން ޖޫރިމަނާކޮށްފައިވެއެވެ.

ފުލުހުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި މަހުގެ ތެރޭގައި ބަލައިފައިވާ 15 ވޭޕް މައްސަލައިގެ ތެރޭގައި، ވޭޕް ވިއްކައި ވިޔަފާރި ކުރުމުގެ އެއް މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، ވޭޕް ޑިވައިސް ގެންގުޅުމުގެ 8 މައްސަލައާއި، ވޭޕް ބޭނުން ކުރުމުގެ 6 މައްސަލަ ފުލުހުން ވަނީ ތަހުގީގުކޮށްފައެވެ.

މި މައްސަލަތަކާ ގުޅިގެން ފިޔަވަޅު އަޅާފައިވާ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ދިވެހިރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. ފުލުހުން މިފަދަ މައްސަލަތައް ބަލައި ތަންފީޒު ކުރަމުންދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ވޭޕްގެ ބޭނުން ކުރުން ހުއްޓުވުމަށްޓަކައެވެ.

ޅ.ނައިފަރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ޅ. ނައިފަރުން ކުޑަ ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ނައިފަރު ސީނިޔާގެ، ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (15އ) ކަމަށެވެ.

އެގޮތުން މައިސަރާ، ނައިފަރުގައި ދިރިއުޅޭ ގެއިން ނުކުމެގެން ގޮސްފައިވަނީ މި އޮގަސްޓު މަހުގެ 2 ވަނަ ދުވަހުގެ 10:25 ހާއިރު ކަމަށާއި އޭގެ ފަހުން ހަބަރެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އަދި އޭރު މައިސަރާ ލައިގެންހުރީ، އަތްކުރު ވިލު ނޫކުލައިގެ ޓީޝާޓަކާއި ފެހިކުލައިގެ (ސައިޑްޕޮކެޓް ޓްރެކް ބޮޓަމް) ހަރުވާޅެއް ކަމަށް އާއިލާ އާއި ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން ހަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ނުވަތަ ފެނިއްޖެނަމަ ނައިފަރު ޕޮލިސް ސްޓޭޝަން ނަންބަރު 9792187 ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އިޒްރޭލުން އަލް އަގްސާ މިސްކިތުގެ ހުރުމަތް ކަނޑާލުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އަލް އަގްސާ މިސްކިތަށް އިޒްރޭލްގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ވަދެ، އެ މިސްކިތުގެ ހުރުމަތް ކަނޑާލި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މުސްލިމުންގެ ތިންވަނަ އަށް އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް އަގްސާގެ އިމުގެ ތެރެއަށް އިޒްރޭލުގެ ގައުމީ ސަލާމަތާބެހޭ ވަޒީރު އީޓަމަރް ބެން ގްވީރް، ވަދެ އެ މިސްކިތުގެ ހުރުމަތް ކަނޑާލި ކަނޑާލުން ކުށްވެރިކުރާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ، އެ އަމަލަކީ ބައިނަލްއަގްވާމީ ގާނޫނާއި އިސްލާމީ މުގައްދަސް ބިނާތަކުގެ ހުރުމަތް ކަނޑާލުމުގެ އިތުރުން އެފަދަ ތަންތަނުގެ ދީނީ އަދި ތާރީހީ ހައިސިއްޔަތު ބަދަލުކުރުމަށް ތަކުރާރުކޮށް އިޒްރޭލުން ކުރަމުންގެންދާ ނޭދެވޭ އަމަލެއް ކަމަށެވެ.

އިޒްރޭލުން ކުރަމުން ގެންދާ ގައިރު ގާނޫނީ އަމަލުތަކާއި އިސްލާމީ މުގައްދަސް ތަންތަނުގެ ހުރުމަތް ކަނޑާލުމަށް ހިންގާ އެންމެހާ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލަށް މަޖުބޫރުކުރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ސަރުކާރުން ވަނީ ގޮވާލައިފަ އެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަގިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް، ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި ވެސް ނުދާހާ ގޯސް ދަރަޖަކަށް ގޮސްފައިވާ ކަމަށް ދާދިފަހުން އދ. އިން ވެސް ބުނެފައިވެ އެވެ.

އައްޒާއަށް އިޒްރޭލުން ހަމަލާދޭތާ 21 މަސް ދުވަސްވެފައި ވާއިރު މިހާރު ވަނީ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 60،000 އަށް އަރައިފަ އެވެ. އަދި އައްޒާއިން ކާބޯތަކެތި ހުސްވެ ބަނޑަށް ޖެހިގެން މަރުވާ ކުޑަކުދިންނާއި މީހުން އެއް ދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ.

ފަލަސްތީނަށް މިނިވަންކުރުމަށް ގޮވާލައި އޮސްޓްރޭލިއާ ގެ ސިޑްނީގައި ބޮޑު މުޒާހަރާއެއްކޮށްފި

އޮސްޓްރޭލިއާގެ ސިޑްނީ ހާބަރު ބްރިޖް މައްޗަށް ގިނަ އަދަދެއްގެ މީހުން އެއްވެ، ހަނގުރާމައިން ހާލުގައި ޖެހިފައިވާ ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައިފިއެވެ. އިޒްރޭލުގެ ހިސާރުގެ ސަބަބުން ފަލަސްތީނުގައި ބަނޑުހައިހޫނުކަން ދަނީ ވޭތުވެދިޔަ ދުވަސްތަކުގައި އިތުރަށް ގޯސްވަމުންނެވެ.

 

ފަލަސްތީނަށް ތާއީދުކުރާ މުޒާހަރާގެ ބައިވެރިން އާދިއްތަ ދުވަހު ގަދަ ވަޔާއި ވާރެއަށް ނުބަލައި ބްރިޖް މަތިން ހިނގާފައި ދިޔައީ “ސީޒްފަޔަރ ނައު” (މަޑުޖައްސާލާ) އަދި “ފްރީ ފަލަސްތީން” (ފަލަސްތީން މިނިވަންކުރޭ) މިފަދަ ޝިއާރުތައް ގޮވަމުންނެވެ. މި މުޒާހަރާގެ އިންތިޒާމުކުރި ފަރާތްތަކުން މި މުޒާހަރާއަށް ދީފައިވާ ނަމަކީ “މާޗް ފޯ ހިއުމެނިޓީ” (އިންސާނިއްޔަތަށްޓަކައި ހިނގުން) އެވެ. ބައެއް މުޒާހަރާގެ ބައިވެރިން ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުގެ ރަމްޒެއްގެ ގޮތުން ތެލިތަކާއި ތަށިތައް ހިފައިގެން ދިޔައެވެ.

މި މުޒާހަރާ ކުރިއަށްދިޔައީ އޮސްޓްރޭލިއާއާއި އެނޫންވެސް އެތައް ގައުމަކުން ގުޅިގެން ނެރެފައިވާ ބަޔާނެއްގެ ހަފްތާއެއް ނުވަނީސް އެވެ. އެ ބަޔާނުގައިވަނީ “ފަލަސްތީން ދައުލަތް ބަލައިގަތުމަށް ގޮވާލައިފައެވެ.

ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ހާލަތު ގޯސްވަމުންދާތީ، ފްރާންސާއި، ބްރިޓަން އަދި ކެނެޑާ ފަދަ ގައުމުތަކުންވެސް ވަނީ ފަލަސްތީނުގެ ދައުލަތެއް ޑިޕްލޮމެޓިކް ގޮތުން ބަލައިގަތުމަށް ބޭނުންވާކަން ބުނެފައެވެ.

ޣައްޒާގެ ސިއްހަތާބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ހަމަލާތައް ދިނުމަށްފަހު އިޒްރޭލުން ޣައްޒާގައި ހަނގުރާމަ ފެށިފަހުން، ބަނޑުހައިހޫނުކަމުގެ ސަބަބުން މަދުވެގެން 93 ކުދިންނާއެކު 379 މީހުން ވަނީ މަރުވެފައެވެ.

ކޮންމެހެން ކުރަންޖެހޭ ކަނޑު ދަތުރުތައް ނޫނީ ނުކުރަން މެޓް އޮފީހުން އިލްތިމާޒްކޮއްފި

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ކަނޑުތައް ވަރަށް ގަދަވެ، ވިލާގަނޑުގައި ގަދަ ވަޔާ އެކު ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ދަތުރުފަތުރު ކުރުމުގައި އާއްމުންނާއި، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި އަތޮޅުތަކަށް ވަނީ ހުދު ވައިޓް އެލާޓެއް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ މެންދަމު 1:30އާ ހަމައަށެވެ.

މި އެލާޓްގެ ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ވައިގަދަވުމުގެ ސަބަބުން ކަނޑުތައް ވަރަށް ގަދަވެ، ދަތުރުކުރުމަށް ދަތިތަކާ ކުރިމަތިވެދާނެ ކަމަށް ލަފާކޮށް، ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ މި ވަގުތުތަކުގައި ނުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖެއަށް ހުޅަނގު މޫސުމުގެ ގަދަ ވިއްސާރަ ކުރަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން، މޫސުމަށް ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުފަތުރުގެ ކަންކަން ރޭވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ގެދޮރުވެރިޔާ ފުލެޓުތަކުގެ ޑިޕޮސިޓް، ޕެންޝަން ފަންޑުން ދެއްކޭ ގޮތް ހަދަނީ

  1. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފުލެޓުތަކަށް ދައްކަންޖެހޭ ޑިޕޮސިޓް ފައިސާ، ޕެންޝަން ފަންޑު މެދުވެރިކޮށް ދެއްކޭ ގޮތް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ. މިއީ، ފުލެޓުތަކުގެ އަގުތަކާއެކު ޑިޕޮސިޓް ފައިސާގެ ބޮޑުކަމުން ގިނަ ބަޔަކަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް ކުރާ މަސައްކަތެކެވެ.

ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ފުލެޓުތަކުގެ އަގުތައް އާންމުކުރި އިރުވެސް، އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ޑިޕޮސިޓް ފައިސާ އާއި ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދުތައް ބޮޑުވުމެވެ. އެގޮތުން، ދެ ކޮޓަރީގެ ފުލެޓުތަކަށް ޑިޕޮސިޓުގެ ގޮތުގައި 15,000 ރުފިޔާ ދައްކަން ޖެހޭއިރު، ތިން ކޮޓަރީގެ ފުލެޓުތަކަށް 25,000 ރުފިޔާގެ ޑިޕޮސިޓް ދައްކަން ޖެހެއެވެ.

އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ، ޕެންޝަން އެޑްމިނިސްޓްރޭޝަންއާ ބައްދަލުވުމެއް ވަރަށް އަވަހަށް ޝެޑިއުލްކޮށްފައިވާ ކަމަށާއި، މި ބައްދަލުވުމުގައި ޕެންޝަން ފަންޑު މެދުވެރިކޮށް ޑިޕޮސިޓް ދެއްކޭނެ ގޮތެއް މަގުފަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޑިޕޮސިޓް ފައިސާ ދައްކަން ވަކި މުއްދަތެއް ކަނޑައެޅިފައި ނުވާނެ ކަމަށާއި، ފުލެޓުގެ ތަޅުދަނޑި ހަވާލުކުރެވޭނީ ޑިޕޮސިޓް ފައިސާ ދައްކައި ނިމުމުން ކަމަށެވެ.

ހަމްދާން ޝަކީލް ފާހަގަކުރެއްވި ގޮތުގައި، ޑިޕޮސިޓް ފައިސާ މިހާރުވެސް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވީ ނަމަވެސް، ފުލެޓުތަކުގެ ފިނިޝިން މަސައްކަތްތައް ނިމި، ދިރިއުޅުމުގެ ހުއްދަ ދެވޭނީ އަންނަ ސެޕްޓެމްބަރު މަހުގައެވެ.

އިސްކަންދަރު ސްކޫލްގެ ބާ އިމާރާތް ތަޅާލުމަށްފަހު އެތަނުގައި އާ އިމާރާތެއް އަޅަން ނިންމައިފި

އިސްކަންދަރު ސްކޫލްގެ އޭ ބްލޮކްގައި ހުރި ދެ ބުރީގެ އިމާރާތް ތަޅާލުމަށްފަހު އެތަނުގައި އާ އިމާރާތެއް އަޅަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އިސްކަންދަރު ސްކޫލުގެ ބާ އިމާރަތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ކަމާބެހޭ ފަރާތްތަކާއި މާހިރުން ސާވޭ އެއް ހެދުމަށްފަހު، މިދިޔަ އަށް އަހަރުގެ ތެރޭގައި ދެ ފަހަރުގެ މަތިން އެންގި ކަމަށްވެ އެވެ. އެހެންކަމުން އެ އިމާރާތުގެ ފުރަތަމަ ބުރި ބޭނުން ކުރަމުން އައީ ގުދަނެއްގެ ގޮތުގަ އެވެ.

އެހެންކަމުން ނުވަ އަހަރަށްފަހު މީގެ 64 އަހަރު ކުރިން އިމާރަތްކުރި އިސްކަންދަރު ސްކޫލުގެ އޭ ބްލޮކްގައި ހުރި އިމާރަތް ތަޅާލާފައި ވަނީ ނިމިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އިސްކަންދަރު ސްކޫލުގެ އާ އިމާރާތުގެ ސަބަބުން ކްލާސްރޫމްތައް މަދުވެ، މެނޭޖު ކުރުމުގައި ހުރި ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ އެވެ.

އިސްކަންދަރު ސްކޫލުގައި ދެ ހާހަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުން އަންނަކަން ފާހަގަކޮށްލަންޖެހެ އެވެ. އޭ ބްލޮކްގައި ހުރި އިމާރަތް ތަޅާލުމުން މިހާރު ކިޔަވާދެމުން އަންނަނީ ބީ ބްލޮކާއި ސީ ބްލޮކްގަ އެވެ. އެހެންނަމަވެސް އެ ދެ ބްލޮކްގެ އިމާރާތްތަކުގެ ބައެއް ތަންތަނުގައި ރެނދުލާފައިވާ ކަމުގެ ކަންބޮޑުވުން ވެސް ބެލެނިވެރިން މީގެ ކުރިން ފާޅުކޮށްފައިވެ އެވެ.

އިސްކަންދަރު ސްކޫލުގެ ކުރީގެ އިމާރާތުގައި ހަތް ކްލާސް ރޫމް ހުރިނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އާ އިމާރާތުގައި ޖުމުލަ 21 ކުލާސްރޫމް ހިމެނުމަށެވެ.

ލ.އިސްދޫގައި ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކޮށްފި

ލ.އިސްދޫ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު އަދި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ “ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް” ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތެއް އެރަށުގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ އިސްދޫގެ ޖަމާޢަތްތެރިންނަށް ދީނީ އިލްމާއި، ހުނަރު އިތުރުކޮށް، މުޖުތަމަޢުއަށް އިތުރަށް ޚިދުމަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ޖުމްލަ 28 ބައިވެރިއަކު ބައިވެރިވެ، ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސަނަދު ހާސިލްކުރިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދާޢީ އައްޝައިޚް ޢާޒިމް ޚާލިދެވެ. ޝައިޚް ޢާޒިމް ޚާލިދު ވަނީ ޖަމާޢަތްތެރިންނަށް ބޭނުންވާ މުހިންމު ދީނީ މައުލޫމާތުތަކާއި، މިސްކިތްތަކާއި މުޖުތަމަޢުގައި އަދާކުރަންޖެހޭ ދައުރުތަކާއި ގުޅޭގޮތުން ހެދުންތެރި އިރުޝާދުތަކެއް ދެއްވާފައެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރަށްރަށުގެ ދީނީ ހަރަކާތްތަކަށް އިތުރު ކުރިއެރުމެއް ލިބި، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޕްރޮގްރާމްގެ އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރެއެވެ.

އަލް ހިލާލުން ލިވަޕޫލްގެ ޑާވިން ނުނެޒް ހޯދުމުގެ މަސައްކަތް ފަށައިފި

ސައުދީ ޕްރޮފެޝަނަލް ލީގުގެ ކްލަބް އަލް ހިލާލުން، ޕްރިމިއަރ ލީގުގެ މަޝްހޫރު ކްލަބް ލިވަޕޫލްގެ ސްޓްރައިކަރު ޑާވިން ނުނެޒްގެ ސޮއި ހޯދުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ. މި ވާހަކަ ހާމަކޮށްފައިވަނީ ކުޅިވަރުގެ މަޝްހޫރު ނޫސްވެރިޔާ ދި އެތްލެޓިކްގެ ޑޭވިޑް އޯންސްޓައިން އެވެ.

އޯންސްޓައިން ހާމަކުރި ގޮތުގައި، އަލް ހިލާލުން ވަނީ އެ ކްލަބްގެ އެޓޭކް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި އެންމެ އިސް ޓާގެޓެއްގެ ގޮތުގައި ޑާވިން ނުނެޒް ކަނޑައަޅާފަ އެވެ. އަލް ހިލާލުން މީގެ ކުރިންވެސް ނުނެޒް ހޯދުމުގެ ޝަރުތުތައް ބެލުމަށް ލިވަޕޫލާ މުޢާމަލާތް ކޮށްފައިވާ ކަމަށްވެ އެވެ. މީގެ އިތުރުން، މި އަހަރުގެ ޖެނުއަރީ މަހު އަލް ނަސްރުންވެސް ނުނެޒްއަށް ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ.

ވިކްޓަރ އޮސިމެން، އެލެކްސަންޑަރ އިސާކް އަދި ބެންޖަމިން ސެސްކޯ ފަދަ ކުޅުންތެރިން ސޮއި ކުރުމުގެ މަސައްކަތް ކާމިޔާބު ނުވުމާ ގުޅިގެން، އަލް ހިލާލުން މިހާރު އެންމެ އިސްކަމެއް ދެނީ ނުނެޒްއާއެކު ސޮއި ކުރުމަށެވެ. ކްލަބްގެ އައު ކޯޗު ސިމޯން އިންޒާގީގެ ކުޅުމުގެ ސްޓައިލަށް ނުނެޒް ރަނގަޅަށް ފެތޭނެ ކަމަށް ބެލެވެނީ، އިންޒާގީގެ ސްޓައިލުގައި ސްޓްރައިކަރުންނަށް ލިބޭ މިނިވަންކަމާއި ގޯލް ޖަހާ ފުރުސަތުތައް ގިނަވާނެތީ އެވެ.

މިވަގުތާ ހަމައަށް ރަސްމީ އޮފަރެއް ހުށަހަޅާފައި ނުވިނަމަވެސް، އަލް ހިލާލުން ވަނީ އެ ކްލަބްގެ ޝައުގުވެރިކަން ފާޅުކޮށް، ރަސްމީ އޮފަރެއް ހުށަހެޅުމުގެ ތައްޔާރީތައް ފަށާފައެވެ.

ނުނެޒް ލިވަޕޫލާ ގުޅުނީ 2022 ވަނަ އަހަރު ބެންފިކާއިން 85 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަގަކަށެވެ. ފާއިތުވި ސީޒަންގައި އޭނާ ވަނީ ލިވަޕޫލަށް ޖުމްލަ 47 މެޗުގައި ކުޅެ 7 ލަނޑު ޖަހާފަ އެވެ. ނަމަވެސް ޕްރިމިއަރ ލީގުގައި ފުރަތަމަ 11 އިން އޭނާއަށް ފުރުސަތު ލިބިފައިވަނީ އެންމެ 8 މެޗުގައެވެ. މިކަމުގެ ސަބަބުން ނުނެޒްއަށް ކުޅޭނެ އިތުރު ފުރުސަތުތަކަށް ބޭނުންވެފައިވާ ކަމަށްވެއެވެ.

މޫސުމަށް ސަމާލުވޭ: މެޓް އޮފިސް

ރާއްޖޭގެ މޫސުން މިއަދުވެސް ގޯސް ކަމަށާއި ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.

މެޓުން މިހެން ބުނެފައިވަނީ މިއަދުގެ މޫސުން ލަފާކުރައްވާ އެ އިދާރާއިގެ ވައިބަރ ގްރޫޕަށް ހިއްސާކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މެޓުން އިތުރަށް ބުނެފައިވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް

 

މީގެއިތުރުން ހުޅަނގާއި ހުޅަނގު އުތުރުން، އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

އަދި އުތުރާއި މެދުރާއްޖެތެރޭ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ބުންޏެވެ.

ދެކުނުގެ ކަނޑުތަކުގެ ރާޅު އުސްމިން ހުންނާނީ 3 ފޫޓާއި 6 ދެމެދުގައި ކަމަށާއި. އަދި އުތުރާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ހުންނާނީ 5 ފޫޓާއި 7 ފޫޓާ ދެމެދުގައެވެ.

ސަރުކާރުން ގެންނަން އުޅޭ އިސްލާޙާ ދެކޮޅަށް ހުރިހާ ކައުންސިލް ތަކަކުން އަޑު އުފުލުމަށް ޝާހިދު ގޮވާލައްވައިފި

ލާމަރުކަޒީ ގާނޫނަށް ސަރުކާރުން މިހާރު ގެންނަން އުޅޭ އިސްލާޙާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކަކުން އެ އިސްލާޙާ ދެކޮޅުކަން އެންގުމުގެ ގޮތުން ކައުންސިލް ތަކުން އަޑު އުފުލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ގޮވާލައްވައިފިއެވެ.

ކައުންސިލްތަކުގެ މާލީ ބާރުތަކާއި ގުޅޭގޮތުން ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި ޝާހިދު މިއަދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އެމްޑީޕީން ވުޖޫދުކުރީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނަމުގައި މައި ސަރުކާރު ތަކުން ޒަމާނުއްސުރެ, ރައްޔިތުން އަޅުވެތި ކުރަމުން އައި އައުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. އަދި ރައްޔިތުންގެ މާލީ ފުދުންތެރިކަމާއި, ޚިދުމަތްތަކާއި ވަސީލަތްތައް މަރުކަޒުކޮށް, ރައްޔިތުންގެ މައްޗަށް ނުޙައްޤު ބާރާއި ނުފޫޒު ފޯރުވުމުގެ ފުރުސަތު ޤައުމުގެ ވެރިންނަށް ލިބުނަ ނުދިނުމަށް ކަމަށެވެ.

ނަމަވެސް, ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް މި ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލް ތަކުގެ މާލީ ތަނަވަސްކަމާއި ވަސީލަތްތައް އަލުން މަރުކަޒުކޮށް, ރައްޔިތުން އަޅުވެތިކު ކުރުމަށް ފަރުމާކޮށްފައި އޮތް އިސްލާޙެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

“މި އިސްލާޙުގެ ސަބަބުން ފާއިތުވެ ދިޔަ މުއްދަތުގައި ކައުންސިލްތަކަށް ލިބިފައިވާ މާލީ މިނިވަންކަން ގެއްލި, ލާމަރުކަޒީ ނިޒާމު ބޮޑުތަނުން ފަހަތަށް ސޮއްސާލާނެ.” ޝާހިދު ވިދާޅުވިއެވެ.

އިސްލާޙުތަކާމެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ގެންނަން އުޅޭ އިސްލާޙުތަކާމެދު މުޅިރާއްޖެ ދެކޮޅުކަން މިވަގުތު ދައްކައިދޭން ޖެހޭ ކަމަށެވެ.

“ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި އިސްލާޙާއި ދެކޮޅުކަން ސަރުކާރަށް އެންގުމަށް، ކައުންސިލްތަކުން އަޑު އުފުލުމަށް ގޮވާލަން.” ކައުންސިލްތަކަށް ޝާހިދު ގޮވާލެއްވިއެވެ.

ސަރުކާރުން މިހާރު ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ކައުންސިލް ތަކުން ދޫކޮށްފައިވާ ތަންތަނުން، ކައުންސިލް ތަކަށް ކުލި ނުނެގޭ ގޮތް ހަދަން ގާނޫނު ހުށަހަޅާފައި އޮތް އިސްލާހެކެވެ.

ލާމަރުކަސީ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބަޔާން ކޮށްފައިވީ ނަމަވެސް، ކައުންސިލް ތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ކަނޑައަޅައި، އެ ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލް ތަކަށް ލިބިގެންވާ ކަމަށެވެ. އެގޮތުން ނަގާ ފީ ނުވަތަ ކުލި ކަނޑައަޅަން ވާނީ އެ ކައުންސިލް ނިސްބަތްވާ ރަށް ނުވަތަ ސިޓީގެ ރައްޔިތުންނާ މަޝްވަރާ ކުރުމަށްފަހު ދިވެހިރާއްޖޭގެ ޤާނޫނުތަކާ ހިލާފުނުވާ ގޮތުގެމަތިން ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތަށް ކައުންސިލް ތަކަށް ފީއާއި ކުލި ނެގޭނެ ދާއިރާތައް ވެސް ގާނޫނުގައި ވަނީ ކަނޑަައަޅައިފައެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކަރަންޓުގެ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ، ނަގަންޖެހޭ މަހު ފީ
  • ފެނާއި ނަރުދަމާގެ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
  • މުވާޞަލާތީ ޚިދުމަތަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
  • ކުނި ޖަމާކޮށް ރައްކާތެރި ގޮތުގައި ނައްތާލުމަކީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތެއްނަމަ ނަގަންޖެހޭ މަހު ފީ
  • ރަށުގައި ރަޖިސްޓަރީކޮށްފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ އަހަރީ ފީ
  • އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ފީ
  • ކައުންސިލްގެ ސަރަޙައްދުގައި އެއްޗެހި އުފައްދައި ވިއްކުމާއި ވިޔަފާރިއާއި ފިހާރައާއި މާރުކޭޓް ގޮޅީގެ އަހަރީ ފީ
  • ޑައިވް ކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ތަކުގައި ޑައިވް ކުރުމުގެ ފީ
  • ކުއްޔަށް ދޫކުރެވިފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދު ތަކުގެ ކުލި
  • ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށްރަށާއި ފިނޮޅާއި ހާހަލާއި ގިރީގެ ކުލި
  • ގޮއިފާލައްބަ އާއި ހިންނަ ފަދަ ތަން ތަނުގެ ކުލި
  • ކައުންސިލްގެ ޢިމާރާތްތަކާއި މުދަލުގެ ކުލި
  • ކަނޑަށް ޖައްސާ ބޯޓު ފަހަރަށް ކަނޑައެޅިފައިވާ ޕްލެޓްފޯމަށާއި ސަރަޙައްދަށް ނެގޭ ކުލި
  • ބަނދަރު ބޭނުން ކުރުމަށް (ފައްތިއާ، މުދާ އަރުވައި ބޭލުން) ނަގާ ކުލި
  • ނޭޗަރ ޕާކުން ލިބޭ ކުލި

މި މާއްދާގައި ބަޔާން ކޮށްފައިވާ ފީގެ އިތުރުންވެސް ކައުންސިލުން ދޭ ޚިދުމަތަކާ ގުޅިގެން އެ ކައުންސިލުން ކަނޑައަޅާ ފީ މަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ފޮނުވާފައިވާ ބިލުގައި ވަނީ މި މާއްދާއަށް އަށް އަކުރެއް އިތުރު ކުރަން ހުށަހަޅައިފައެވެ.

އެ އަކުރުގައި ބުނެފައި ވަނީ ރަށު ކައުންސިލް ތަކުން ކުއްޔަށް ދޫކޮށްފައިވާ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކާއި، ކައުންސިލް އިމާރާތްތަކާއި މުދަލުގެ ކުލީގެ ވާހަކަ ގާނޫނުގައި އޮތް ނަމަވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތައް ފޯރުކޮށް ދިނުމުގެ ބޭނުމަށް އެކި ފަރާތްތަކަށް ދޫކޮށްފައިވާ ބިން ނުވަތަ އިމާރާތް ތަކުން ކުއްޔެއް ނުނެގޭނެކަމަށެވެ.

މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައި އެހެން ބަޔާންކޮށްފައި ވީނަމަވެސް، އެ މާއްދާގައި ބަޔާންކުރާ އާމްދަނީ ކައުންސިލް ތަކަށް ދޫކުރަން ވާނީ އެއްވެސް ޤާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ޓެކުހަކަށްވާ ފައިސާ އުނި ކުރުމަށްފަހު ބާކީވާ ޢަދަދެކެވެ.

މީގެ އިތުރުން ސަރުކާރުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގުއި ދޭންޖެހޭނެ ކަމަށް ގާނޫނުގެ 79 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ފައިސާ ދޭ އުސޫލަށް ބަދަލު ގެނައުމަށްވެސް ބިލްގައި ހިމަނާފައި ވެއެވެ. ގާނޫނުގެ 79 ވަނަ މާއްދާގައި ބުނަނީ، ސަރުކާރުން ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގައި ފައިސާ ހިމަނައި، ބަޖެޓު ފާސްވުމުން، ފާސްވި ބަޖެޓާ އެއްގޮތަށް ދައުލަތުގެ އެ އަހަރެއްގެ އާމްދަނީގެ ގޮތުގައި އަންދާޒާކުރާ މިންވަރުގެ މަދުވެގެން %5 އާ އެއްވަރުގެ އަދަދެއްގެ ފައިސާ ކައުންސިލް ތަކަށް ދޭންޖެހޭނެ ކަމަށެވެ. އަދި ކައުންސިލްތަކުގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ %40 އަށްވާ ފައިސާ ދޭންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މާއްދާއަށް ގެންނަ އިސްލާހުގެ ގޮތުގައި ބިލްގައި ހިމަނާފައިވަނީ، އެ އާމްދަނީ ކައުންސިލްތަކަށް ދޫކުރަންވާނީ އެއްވެސް ގާނޫނެއްގެ ދަށުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއް ވާނަމަ، އެ ޓެކުހަށްވާ ފައިސާ އާއި ކަރަންޓްގެ ހިދުމަތާއި ފެނުގެ ހިދުމަތާއި ފާހާނާއާއ ނަރުދަމާގެ ހިދުމަތަކަށް ކައުންސިލްތަކުން ދައްކަންޖެހޭ ފައިސާއެއް ނުދައްކާތާ ހަ މަސް ދުވަހަށްވުރެ ގިނަދުވަސް ވެފައިވާނަމަ، އެ ފައިސާއެއް އުނި ކުރުމަށްފަހު ބާކީވާ ފައިސާ ކަމަށެވެ.

ވޯކް އެންޑް ޓޯކް ހަރަކާތެއް ފ.އަތޮޅުގައި ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން ވެއްޓެއް ގާއިމުކޮށް ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެތްދޫ އަދި ފީއަލީ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކުރުމުގެ އިތުރުން ހޭލުންތެރިކުރުވުމަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޖުލައި 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށްރަށުގެ އެކި ސަރަހައްދުތަކުން ކުދިބޮޑު ރައްޔިތުންނާ ބައްދަލުކޮށް ފުލުހުންނާ މެދު ރައްޔިތުން ދެކޭގޮތާއި، މުސްތަގުބަލުގައި ފުލުހުންގެ ފަރާތުން ދެކެން ބޭނުންވާ ނުވަތަ ފެންނަން ބޭނުންވާ މަންޒަރު އެނގޭނޭހެން މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުން، ތަފާތު ކުށްތަކުން ރައްކާތެރިވުމަށް އަބަދުވެސް ހޭލުންތެރިވެ ތިބުމަށާއި އާންމުކޮށް ރަށްރަށުގައި ހިނގާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީ އޮޅުންފިލުވައިދީފައިވެއެވެ.

އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަފާތު ސްކޭމްތަކުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ރައްޔިތުންގެ ގެދޮރާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގައި ސަމާލުކަންދިނުމާ ގުޅޭގޮތުން މަޢުލޫމާތު ދީވިފައިވެއެވެ.

މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށާއި ރައްޔިތުންނާއި އެންމެ ގާތުގައި ފުލުހުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.