ކުށްމަދު އަމާން ވެއްޓެއް ގާއިމުކޮށް ރައްޔިތުންނަކީ ހޭލުންތެރި ބަޔަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފ. ނިލަންދޫ، ދަރަނބޫދޫ، މަގޫދޫ، ބިލެތްދޫ އަދި ފީއަލީ ރައްޔިތުންނާ ބައްދަލުކޮށް ހިޔާލު ބަދަލުކުރުމުގެ އިތުރުން ހޭލުންތެރިކުރުވުމަށް ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޖުލައި 31 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ރަށްރަށުގެ އެކި ސަރަހައްދުތަކުން ކުދިބޮޑު ރައްޔިތުންނާ ބައްދަލުކޮށް ފުލުހުންނާ މެދު ރައްޔިތުން ދެކޭގޮތާއި، މުސްތަގުބަލުގައި ފުލުހުންގެ ފަރާތުން ދެކެން ބޭނުންވާ ނުވަތަ ފެންނަން ބޭނުންވާ މަންޒަރު އެނގޭނޭހެން މުހިންމު ކަންކަމާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ.
މީގެ އިތުރުން، ތަފާތު ކުށްތަކުން ރައްކާތެރިވުމަށް އަބަދުވެސް ހޭލުންތެރިވެ ތިބުމަށާއި އާންމުކޮށް ރަށްރަށުގައި ހިނގާ ކުށްތަކުގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ކިޔައިދީ އޮޅުންފިލުވައިދީފައިވެއެވެ.
އެގޮތުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި، ތަފާތު ސްކޭމްތަކުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތްތަކާއި، ރައްޔިތުންގެ ގެދޮރާއި މުދާ ރައްކާތެރިކޮށް ބެލެހެއްޓުމުގައި ސަމާލުކަންދިނުމާ ގުޅޭގޮތުން މަޢުލޫމާތު ދީވިފައިވެއެވެ.
މި ހަރަކާތަކީ ފުލުހުންނާއި ރައްޔިތުންނާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް މުޖުތަމައުގެ ރައްކާތެރިކަން އިތުރުކުރުމަށާއި ރައްޔިތުންނާއި އެންމެ ގާތުގައި ފުލުހުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.


ކިޔުންތެރިންގެ ހިޔާލު