ލ.އިސްދޫ ކައުންސިލާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒު އަދި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒު ގުޅިގެން ކުރިއަށްގެންދިޔަ “ޖަމާޢަތްތެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް” ފުރިހަމަކުރި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތެއް އެރަށުގައި ބާއްވައިފިއެވެ.

މި ޕްރޮގްރާމަކީ އިސްދޫގެ ޖަމާޢަތްތެރިންނަށް ދީނީ އިލްމާއި، ހުނަރު އިތުރުކޮށް، މުޖުތަމަޢުއަށް އިތުރަށް ޚިދުމަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ޕްރޮގްރާމްގައި ޖުމްލަ 28 ބައިވެރިއަކު ބައިވެރިވެ، ކާމިޔާބުކަމާއެކު ފުރިހަމަކޮށް ސަނަދު ހާސިލްކުރިއެވެ.

މި ޕްރޮގްރާމްގައި ކިޔަވައި ދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ދާޢީ އައްޝައިޚް ޢާޒިމް ޚާލިދެވެ. ޝައިޚް ޢާޒިމް ޚާލިދު ވަނީ ޖަމާޢަތްތެރިންނަށް ބޭނުންވާ މުހިންމު ދީނީ މައުލޫމާތުތަކާއި، މިސްކިތްތަކާއި މުޖުތަމަޢުގައި އަދާކުރަންޖެހޭ ދައުރުތަކާއި ގުޅޭގޮތުން ހެދުންތެރި އިރުޝާދުތަކެއް ދެއްވާފައެވެ.

މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ރަށްރަށުގެ ދީނީ ހަރަކާތްތަކަށް އިތުރު ކުރިއެރުމެއް ލިބި، ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ޕްރޮގްރާމްގެ އިންތިޒާމުކުރި ފަރާތްތަކުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު