އަދިވެސް ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް އޮންލައިންކޮށް ޒަކާތްދެއްކޭނެ

މި ވަގުތު ޒަކާތް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ކަމަށާ އެހެން ކަމުން ޒަކާތް ނުދައްކާ މީހުން ވީހާވެސް އަވަހަށް ޒަކާތް ދެއްކުމަށް އިސްލާމިކް ހަނދާން ކޮށްދީފި އެވެ.

ޒަކާތު ހަައުސް އިން ބުނީ މިހާރު ޒަކާތުގެ ފައިސާ އޮންލައިންކޮށް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް ކަމަށެވެ.

އަދި އެންމެ ފަހު ރޯދަ ދުވަހުގެ 18:00 ގެ ނިޔަލަށް އެ ދެ ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށެވެ.

ބަނޑޭރިޕޭ މެދުވެރިކޮށް ޒަކާތްދެއްކުމަށް: https://bp.finance.gov.mv

ފަހިޕޭ މެދުވެރިކޮށް ޒަކާތް ދެއްކުމަށް: https://fahipay.mv/zakat/

އެހެން ކަމުން ޒަކާތް ނުދައްކާ ތިބި މީހުން އަވަހަށް ޒަކާތް ދެއްކުމަށް އިލްތިމާސް ކޮށްފައިވެ އެވެ.

ޒަކާތަކީ އިސްލާމް ކަމުގެ ރުކުނެވެ. ފިތުރު އީދު ނަމާދުގެ ކުރީން ފިތުރު ޒަކާތް ނެރެން ޖެހެ އެވެ. އެ ދުވަހު ކައިފައި ބާކީ އެއްޗެއް ހުރި ކޮންމެ މީހަކު މަތީން ޒަކާތް ދެއްކުމަކީ ވާޖިބު ކަމެކެވެ.

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ރޯވެ އަނދަނީ

މާލޭގެ ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ބުދަ ދުވަހު އެމްއެންޑީއެފުން ބުނީ، ގަލޮޅު ހުވަފެނީ ގޯޅީގައި ހުންނަ ގެއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

އާއްމުވެފައިވާ ވީޑީއޯތަކުން ފެންނަނީ ހަނި ގޯޅިއެއްގެ ތެރޭ ހުރި އެ ގުދަނުގައި ވަރަށް ބޮޑަށް ރޯވެ އަނދާ މަންޒެރެވެ. މުޅި ގޯޅިގަނޑު ކަޅު ދުމުން ވަނީ ފުރިފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އެއިމާރާތުގެ މަތީގައި ގުދަންހުރި އިރު، ތިރީގައި ހުންނަނީ ކޮފީ ޝޮޕެކެވެ.

މިފަހުން އަލިފާނުގެ ހާދިސާތައް ހިނގާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މިމަހުގެ 17 ވީ އަންގާރަ ދުވަހުގެ ހަވީރު ހުޅުމާލޭގެ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަވެ އެވެ. އަދި ޖެނުވަރީ މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، 31 ޖެނުއަރީ ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު ފޭސް-1ގެ ޗަނބޭލީ5 ގޯޅީގެ ލޮޓް ނަންބަރ 11154 ގޭގެ ތިރީގައި ހުރި ގުދަނެއްގައި ރޯވެ 25 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރު ކޮށްދީފައިވެ އެވެ.

މީގެ އިތުރުން އދ. ދިގުރަށުގައި މިމަހުގެ 12 ވީ ބުރާސްފަތި ދުވަހުގެ ދަންވަރު ބިދޭސީން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި 5 މީހަކު ވަނީ ނިޔާވެފަ އެވެ. އަދި 2 މީހަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

ގއ. ނިލަންދޫ ކަނު އަނދިރީގަ!

ގއ. ނިލަންދޫގައި ބޭނުންކުރަމުންދިޔަ ޖަނަރޭޓަރަކަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން، މުޅި ރަށް ކަރަންޓުގެ ހިދުމަތުން މެދުކެނޑި، ރަށް ކަނު އަނދިރީގައި އޮންނަން ޖެހިއްޖެއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރަށުން ކަރަންޓު ކެނޑެން މެދުވެރިވީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖަނަރޭޓަރު އޯވާހޯލް ނުކޮށް ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން ދިމާވި މައްސަލައަކާ ގުޅިގެންނެވެ. މި މައްސަލަ ދިމާވުމާއެކު ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑި، ރައްޔިތުންނަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ނިލަންދޫ ކަނު އަނދިރީގައި— ފޮޓޯ: ކިޔުންތެރިއެއް

ޚަބަރު ލިބިފައިވާ ގޮތުގައި، މައްސަލަ ދިމާވި ޖަނަރޭޓަރަކީ ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެ ރަށަށް ގެންގޮސްފައިވާ ޖަނަރޭޓަރެކެވެ. ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އޭގެ މަރާމާތު ބެލެހެއްޓިފައި ނުވުމަކީ ކަރަންޓު ކެނޑެން މެދުވެރިވި މައިގަނޑު ސަބަބު ކަމަށް މަޢުލޫމާތު ލިބެއެވެ.

ޚަރަދު ކުޑަކުރުމަށް ލަންކާގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި

މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައާއެކު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ޚަރަދު ކުޑަކުރުމަށް ސްރީ ލަންކާގައި ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ސްރީ ލަންކާގެ ސަރުކާރުން ވަނީ، ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މިކަމާއި ގުޅިގެން ލަންކާގެ ކޮމިޝަނަ ޖެނެރަލް އޮފް އެސެންޝަލް ސާވިސަސް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވީ، ބުދަ ދުވަހުން ފެށިގެން ދައުލަތުގެ މުއައްސަސާތައް ހުޅުވާނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ. އަދި މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ވަކި އުޞޫލެއް ކަނޑައަޅަން ދެން މިގޮތަށް ޢަމަލުކުރަމުން ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެ ޤައުމުގެ ސަރުކާރުގެ މި ނިންމެވުމާއި ގުޅިގެން ކޮންމެ ހަފްތާއެއްގެ ބުދަ ދުވަހު ސަރުކާރުގެ އޮފީސްތަކާއި ސްކޫލްތައް ބަންދު ކުރާނެއެވެ. ހަމަ އެއާއެކު، ޔުނިވަސިޓީތަކާއި ކޯޓުތަކާއި ޝަރުޢީ ދާއިރާގައި ހިމެނޭ އެހެނިހެން ތަންތަން ވެސް މި ދުވަހު ބަންދުވާއިރު، ސަރުކާރުގެ އިވެންޓުތައް މުއްދަތެއް ނެތް ގޮތަށް  ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި އަމިއްލަ ކުންފުނިތަކުން ވެސް މިގޮތަށް ޢަމަލުކުރުމަށް ލަންކާގެ ސަރުކާރުން ވަނީ އިރުޝާދު ދީފައެވެ.

ތެލުގެ އަގަށް އަންނަމުންދާ ބޮޑު ބަދަލާއި ގުޅިގެން، ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ގޭގައި ބައިތިއްބައިގެން މަސައްކަތް ކުރުމުގެ ވިސްނުން ވެސް އެޤައުމުގެ ސަރުކާރުން ގެންގުޅެއެވެ.

މެދުއިރުމަތީގެ ތެލުގެ ކާރިސާއާ ގުޅޭގޮތުން ސަރުކާރުގެ ހާމަކަން ކުޑަ: އެމްޑީޕީ

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ގޯސްވެ، އޭގެ ސަބަބުން ދުނިޔޭގެ މަސްރަހަށާއި ރާއްޖޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާއި ގުޅޭގޮތުން ސައްޙަ މައުލޫމާތު ސަރުކާރުން ފޯރުކޮށް ނުދޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.

މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދުނިޔޭގެ ތެލުގެ ބާޒާރަށާއި ފަތުރުވެރިކަމަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ލޮޅުންތަކެއް އަރަމުންދާ ކަމަށެވެ. ނަމަވެސް، މިފަދަ ނާޒުކު ދަނޑިވަޅެއްގައި ރައީސް ޑރ.މުހަޢްމަދު މުޢިއްޒު އިސްކަންދެއްވަނީ ގައުމުގެ އިގްތިސާދު ސަލާމަތްކުރުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ޤާނޫނުއަސާސީއަށް ބަދަލު ގެނައުމަށް ރިފަރެންޑަމެއް ބާއްވައި ބާރު ހޯދުންކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނީ ތެލާމެދު، “ކަންބޮޑުވާންޖެހޭނެ ކަމެއް ނެތް” ކަމަށް ރައީސް މުޢިއްޒު ވިދާޅުވިތާ 48 ގަޑިއިރު ނުވަނީސް ތެލުގެ އަގު 20 އިންސައްތަ ބޮޑުކޮށްފައިވާކަމަށެވެ. އަދި އޭގެ ފަހުން ތެލުގެ އެހީއަށް އެދި އިންޑިއާ ސަރުކާރުގައި ރާއްޖެއިން އާދޭސް ދަންނަވާފައިވުމަކީ ރައީސްގެ ވާހަކަފުޅުތަކުގެ އެއްވެސް ބުރަދަނެއް ނެތްކަން ހާމަވާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި ދަތި ދަނޑިވަޅުގައި އިންޑިއާ ސަރުކާރާއި ރައްޔިތުން ރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަށްޓަކާއި އެމްޑީޕީން ވަނީ އެ ގައުމަށް ޝުކުރު އަދާކޮށްފައެވެ.

އެމްޑީޕީން އިތުރަށް ބުނެފައިވަނީ، އަވަށްޓެރި ގައުމުތަކުން ތެލުގެ މައްސަލައަށް ހައްލު ހޯދަން ސިޔާސަތުތައް އެކުލަވާލަމުންދާއިރު، ދިވެހި ސަަރުކާރުން ކަމާބެހޭ ފަރާތްތަކާ މަޝްވަރާނުކޮށް، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ނުކުރާތީ ކަންބޮޑުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ކަންކަން އޮޅުވާލާ ސަރުކާރެއް ނޫން ކަމަށާއި، ބޭނުންވަނީ ކުރިމަތިވާ ގޮންޖެހުންތަކާ ސީދާ ކުރިމަތިލާނެ ސަރުކާރެއް ކަމަށް އެމްޑީޕީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

ރައީސް ޑރ. މުހަޢްމަދު މުޢިއްޒު ވަނީ މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ވަޒީރުންގެ ހާއްސް ކޮމިޓީއެއް އުފައްދާފައެވެ. އަދި މިދިޔަ ހަފްތާގައި އެ ކޮމިޓީން ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ސުވާލުތަކައް ޖަވާބު ދީފައެވެ.

ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހަދަނީ

ޣާޒީ ބިލްޑިންގ ހުރި ބިމުގައި ޕާކެއް ހެދުމުގެ މަސައްކަތް ފަށައިފައިވާކަމަށް އިމާރަތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުالله މުއްތަލިބު ވިދާޅުވެއްޖެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑެވެެލޮޕްމަންޓް ކޯޕެރޭޝަން (އާރު.ޑީ.ސީ) އާއެވެ.

ވަޒީރު އެކްސްގައި ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަލަމަތި ރީތިކޮށް ތޮއްޖެހިފައިވާ މި މާލޭގައި ހިތްފަސޭހަ މައިޒާންތައް އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފަށާފައިވާ މަސައްކަތެއް ކަމަށެވެ.

ޣާޒީ ބިލްޑިންގ ހުރި ސަރަހައްދަކީ މާލޭގެ އެންމެ ހަލަބޮލި އެއް ސަރަހައްދެކެވެ. އެ ސަރަހައްދުގައި މިފަދަ ޕާކެއް އެޅުމުން އާންމު ރައްޔިތުންނަށް ހިތްފަސޭހަކޮށްލުމަށް ލިބިގެންދާނެ ފުރުސުތަކެވެ. މީގެއިތުރުން ތިމާވެއްޓައްވެސް ރަނގަޅު އަސަރު ކުރާނެއެވެ.

މާލެ ސިޓީގެ މަލަމަތި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން ދަނީ ބޮޑުތަކުރުފާނުމަގު ފުޅާކުރުން ފަދަ އެތަކެއް މަޝްރޫއުތަކެއް ހިންގަމުންނެވެ.

ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފި

އެފްއޭއެމްގެ ފައިސާއިން އަމީންއެވެނިއު އިން ޕެންޓް ހައުސް ގަތް މައްސަލައިގައި ބައްސާމް އަދީލް ޖަލީލް 32 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނިކޮށް އޭނާ ގޭބަންދަށް ބަދަލުކުރިނަމަވެސް، މިހާރު އަނެއްކާވެސް ޖަލަށް ބަދަލުކޮށްފިއެވެ.

އޭނާ ގޭބަންދަށް ބަދަލުކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ، އޭނާ ގޭބަންދަށް ބަދަލުކުރީ ސިއްޙީ ޙާލަތަށް ރިއާޔަތްކޮށް ވަގުތީ ގޮތުންކަމަށެވެ. އަދި ވިދާޅުވީ، ސަރޖަރީއަކަށް ފަހު މިހާރު ބައްސާމް އަނެއްކާވެސް ޖަލަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެފްއޭއެމަށް ބޭރުގެ އެކި އިދާރާތަކުން ލިބިފައިވާ ފައިސާ އަށް ޚިޔާނާތްތެރިވެ، މަނީ ލޯންޑަރިން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ބައްސާމްއަށް އުފުލި ދައުވާތަކުގެ ތެރޭގައި ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގގެ ދައުވާތަކެއް ހިމެނެއެވެ.

އޭނާ ގެ މައްޗަށް މީގެ ކުރިން ވަނީ   އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަދި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ހުކުމެއް  އިއްވާފައެވެ. އެހެންވެ ފަހުން އޭނާ ގެ މައްޗަށް އިއްވި 23 އަހަރުގެ ޖަލު ޙުކުމާއެކު އޭނާ ގެ ޖަލު ޙުކުމުގެ މުއްދަތު 32 އަހަރަށް އަރައެވެ.

ބައްސާމުގެ މައްޗަށް ދައުވާކޮށްފައިވަނީ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރި ވެފައިވާތީ އެވެ.

އަދި އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން އަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑ އަށް ދައްކާފައިވާތީ އެވެ.

ކުރިއެކޭ އެއް އަގެއްގައި އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީތަކަށް ތެޔޮ ފޯރުކޮށްދޭން އެސްޓީއޯއިން ނިންމައިފި

އާންމު ދަތުރުފަތުރާއި ޕަބްލިކް ފެރީގެ ހިދުމަތް ދޭ ފަރާތްތަކަށް ކުރިން ވެސް ކަނޑައަޅާފައިވާ އަގުތަކުގައި ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އެސްޓީއޯ އިން ދެންމެ ބުނެފި އެވެ.

އެ ކުންފުނިން އެހެން ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެތައް ގުނައަކުން އުފުލުމާ ގުޅިގެން، ރާއްޖޭގައި ވެސް އަމިއްލަ ވިޔަފާރިތަކަށް އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު އިއްޔެ ބޮޑުކުރުމަށް ފަހު، އެ ނިންމުން ބަދަލުކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، ސަރުކާރުން މަސްވެރިންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ‘ފަހިހަކަތަ’ ޕްރޮގްރާމްގެ ދަށުން، ސަބްސިޑީ ދީފައިވާ އަގުތަކެއްގައި ތެޔޮ ލިބޭނެ އިންތިޒާމު ކުރިއެކޭ ވެސް އެއްގޮތަށް މިހާރު ދެމިއޮންނާނެ އެވެ.

“މާލެ ސަރަހައްދުގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑްތަކުން ތެޔޮ ވިއްކާ އަގަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި އަތޮޅުތެރޭގައި އެސްޓީއޯ އިން ތެޔޮ ގަނެގެން ޝެޑްތައް ހިންގާ ފަރާތްތަކަށް ވެސް ކުރީގެ އަގުތަކުގައި ތެޔޮ ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ،” އެސްޓީއޯގެ ބަޔާނުގައި ބުންޏެވެ.

އެ ކުންފުނިން ބުނީ، މިއީ އާންމު ރައްޔިތުންނަށް މާލީ ގޮތުން އިތުރު ތަކުލީފެއް ކުރިމަތިނުވާނެހެން ޕެޓްރޯލާއި ޑީސަލް ފޯރުކޮށްދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ޑީސަލުގެ އަގު އިންތިހާ އަށް ބޮޑުވަމުން ދާތީ އެސްޓީއޯ އިން އާންމުންނަށް ވިއްކާ ތެލުގެ އަގު މި މަހުގެ ކުރީކޮޅު ބޮޑުކުރި ފަހުން އިތުރު ބަދަލެއް އަދި ގެނެސްފައެއް ނުވެ އެވެ.

އެހެންވެ، މާލެ ސަރަހައްދުގައި ޕެޓްރޯލް ލީޓަރެއް 16.01ރ. އަށް އަދި ޑީސަލް ލީޓަރެއް 17.54ރ. އަށް ލިބެ އެވެ.

ރާއްޖެއަށް ތެޔޮ އިމްޕޯޓްކުރަން ކުރިމަތިވެދާނެ ދަތިތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެސްޓީއޯ މެދުވެރިކޮށް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރާ ފައިދާ އިން ތެލުގެ އަގު ހިފަހައްޓަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ކުރިން ވިދާޅުވެފައި ވެ އެވެ.

“އަޅުގަނޑުމެން މިހާރު މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން އެއް ބައި، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭން. އޭގެ އިތުރުން އެސްޓީއޯގެ ފައިދާ މިސާލަކަށް އަޅުގަނޑުމެން އެންޓިސިޕޭޓް ކުރަނީ 1.5 ބިލިއަން ރުފިޔާ މި އަހަރު ލިބޭނެ ކަމަށް ވެއްޖެއްޔާ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒް ކޮށްގެން އެބްޒޯބް ކުރެވޭތޯ،” މި މަހުގެ 12 ވަނަ ދުވަހު ބޭއްވި މީޑިއާ ބްރީފިންގައި މިނިސްޓަރު ޒަމީރު ވިދާޅުވި އެވެ.

“އެންމެފަހުން އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކުރި އިރު ވެސް ހަގީގަތުގައި މާކެޓަށް އައި ބަދަލެއް ނޫން ރިފްލެޓު ވާނީ. އެ އަށް ވުރެ ވަރަށް ކުޑަކޮށް، ބައެއް ބޭފުޅުންނަށް އޮޅިވަޑައިގެން އެ ވާހަކަ ދެއްކެވީ.”

ޒަމީރު ވިދާޅުވި ގޮތުގައި، އެސްޓީއޯ އިން ބާޖަށް ތެޔޮ އަޅާއިރުގައި އަގު ހަދާފައި ހުންނަނީ 3-4 ދުވަހެއްގެ އެވްރެޖް އަގަށް ބަލައިގެންނެވެ. އެހެންވެ، ތެލުގެ އަގު ކަނޑައެޅުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށާއި “ހަމަ ތިބެފައި އަގުބޮޑުކުރަނީއެއް ނޫން” ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ރާއްޖެއަކީ އެހެން ގައުމުތަކާ ތަފާތުކޮށް، އަބަދު ތެލުގެ އަގަށް ބަދަލު ގެންނަ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ދައްކާ ބިރަށް ފަސްޖެހުމެއް ނެތި އެމްޑީޕީ އޮތީ ބަދަހިކޮށް: އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ހަވީރު ގާދިއްފުއްޓަށް ވަޑައިގެންފިއެވެ.

އިއްޔެ ހަވީރު ގާދިއްފުއްޓަށް ކުރެއްވި މި ދަތުރުފުޅަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، ގާދިއްފުށިން އެމަނިކުފާނަށް ވިދާޅުވި ހޫނު މަރުޙަބާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާ ކަމަށެވެ.

https://twitter.com/abdulla_shahid/status/2033556120380510499?s=20

އިންތިޚާބުގެ ކެމްޕޭން ފޯރި ގަދަވަމުން އަންނައިރު، ސަރުކާރުން ދައްކަމުންދާ ބިރުތަކަށް ފަސްޖެހުމެއް ނެތި އެމްޑީޕީގެ ޓީމު އޮތީ ވަރަށް ބަދަހިކޮށް އަދި ޖޯޝުގައި ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ. މި ދަތުރުފުޅުގައި ޝާހިދު ވަނީ ގާދިއްފުށީގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ކެމްޕޭން ޓީމާ ބައްދަލުކުރައްވައި ކެމްޕެއިން ކުރިއަށްދާ ގޮތާމެދު މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، އިންތިޚާބު ކާމިޔާބުކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި ގާދިއްފުށީގެ ރައްޔިތުން ވޯޓު ދޭނީ އެމްޑީޕީގެ ‘ތިލަފަތަށް’ ކަމަށް ޝާހިދު ޔަގީންކަން ފާޅުކުރެއްވިއެވެ.

މި ސަރުކާރުގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކަށް ބިރުދައްކަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރަމުންދާއިރު، ޝާހިދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

ޔަހޫދީން އަތުގައި ހުރި ޑިފެންސް މިސައިލުތައް ހުސްވަނީ!

އިރާނުގެ ވަރުގަދަ ހަމަލާތައް މަތަކުރުމަށް ޓަކައި ބޭނުންކުރަމުންދާ ޑިފެންސް މިސައިލްތައް ހުސްވާން އުޅޭތީ އިތުރު މިސައިލް ހޯދައިދެން އެމެރިކާގެ ކިބައިން ސަހްޔޫނީ އިޒްރޭލުން އެދިއްޖެއެެވެ.

އިޒްރޭލުން ހާމަކުރި ގޮތުގައި އެ މީހުން އަތުގައި ހުރި ބެލިސްޓިކް މިސައިލް އިންޓަސެޕްޓަރުތަކުގެ އަދަދު ވަނީ ނުރައްކާތެރި މިންވަރަކަށް މަދުވެފައެވެ.

މި ދިޔަ އަހަރު ވެސް އިރާނާއެކީ ހަމަލާތައް ބަދަލު ކުރުމުން އިޒްރޭލުގެ ޑިފެންސް މިސައިލްތައް ފުދޭވަރަކަށް މަދުވެފައިވާތީ, ދެވަނަ ފަހަރަށް ހަނގުރާމަ ފެށިއިރު އިޒްރޭލުގެ ޑިފެންސިވް ކެޕޭސިޓީ އޮތީ އެހާ ރަނގަޅު ހާލަތެއްގައެއް ނޫނެވެ.

މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އިރާނުން ދެމުން އަންނަ ހަމަލާތަކަކީ އިޒްރޭލާއި އެމެރިކާއިން އަންދާޒާ ކުރި ވަރަށްވުރެ ވަރުގަދަ އަދި ދިގުދެމިގެންދާ ހަމަލާތަކަކަށްވާތީ, ހީކުރި ވަރަށްވުރެ ގިނައިން ޑިފެންސިވް މިސައިލް ބޭނުން ކުރަން އިޒްރޭލަށް ވަނީ ޖެހިފައެވެ.

މީގެ އިތުރުން އިރާނުން ބޭނުން ކުރަމުން އަންނަ ކްލަސްޓާ މިސައިލް (އެކި ބައި ބަޔަށް ބެހިގެންދާ މިސައިލް) ތައް މަތަކުރަން އުނދަގޫވުމުގެ ސަބަބުން އިޒްރޭލު އަތުގައި ހުރި ޑިފެންސިވް މިސައިލްތަކުގެ ބޮޑު އަދަދެއް ވަނީ ބޭކާރުވެފައެވެ.

އެމެރިކާގެ އޮފިޝަލެއް ވަނީ އިޒްރޭލުގެ ޑިފެންސް މިސައިލްތައް މަދުވަމުން އަންނަ ކަން ޔަގީން ކޮށްދީފައެވެ. ނަމަވެސް އިޒްރޭލަށް އިތުރު މިސައިލް އިންޓަސެޕްޓަރުތައް ފޮނުވާނެ ކަމަށް އެމެެރިކާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

އިބްރާހިމް އަބޫބަކުރުގެ ތާއީދު ޕީއެންސީ ކެންޑިޑޭޓް އަރީޝަށް

މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރުގެ މަގާމަށް އަމިއްލަ ގޮތުން ވާދަކުރާ އެ ދާއިރާގެ މިހާރުގެ ކައުންސިލް މެމްބަރު އިބްރާހީމް އަބޫބަކުރު ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދު ކުރައްވަން ނިންމަވައިފިއެވެ.

މާފަންނު ހުޅަނގު ދާއިރާގެ މެންބަރުކަމަށް އިބްރާހިމް އަބޫބަކުރު އިންތިހާބުވީ ޕީޕީއެމް ޓިކެޓުގައެވެ. އޭނާ ވަނީ 2024 ވަނަ އަހަރު ޕީއެންއެފްއާ ގުޅިވަޑައިގެންފައެވެ. މިފަހަރު ކައުންސިލަށް އިބްރާހިމް އަބޫބަކުރު ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

ނަމަވެސް އިބްރާހިމް އަބޫބަކުރު މިހާރު ވަނީ އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާ އަދި މާލޭ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު އަރީޝްއަށް ތާއީދުކުރަން ނިންމަވައި އެކަން ހާމަކުރައްވައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އަރީޝްގެ ކެމްޕެއިންގެ ދޮރުން ދޮރަށް ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމުން އެތަނަށް ވަޑައިގެން، އިބްރާހީމް ވިދާޅުވީ އަމިއްލަގޮތުން ކުރިމަތިލީ ފޯމު ހުށަހެޅުމުގައި ދިމާވި ކޮމިއުނިކޭޝަން އެރޯއެއްގެ ސަބަބުން ކަމަށެވެ.

“އެހެން ނޫންނަމަ ޕާޓީއަށް މިވަރުގެ ޑެމޭޖެއް އަސްލު ލިބޭކަށް އަޅުގަނޑެއް ނޭދެން. އަޅުގަނޑަކަށް ވެސް ނޭނގޭ އޭތީގައި ކަންތައްތައް ވެގެން ދިޔަ ގޮތެއް. ރައީސަށް ވެސް އެނގިވަޑައިގެން އެކަން އޮތީ،” އިބްރާހިމް ވިދާޅުވިއެވެ.

އެހެންވެ އަރީޝްއަށް ތާއީދުކުރަން ނިންމަވާފައިވާކަމަށް އިބްރާހިމް އަބޫބަކުރު ވިދާޅުވިއެވެ. ދާއިރާގެ ރައްޔިތުން އަރީޝްއަށް ވޯޓު ދިނުމަށް އެދިވަޑައިގަންނަވާކަމަށް އިބްރާހިމް އަބޫބަކުރު ވިދާޅުވިއެވެ.

މިފްކޯއިން ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް، މިފްކޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކޮށްފިއެވެ.

މިފްކޯއިން މިއަދު ކުރި އާއްމު އިއުލާނެއްގައި ބުނެފައިވަނީ، އެކުންފުނިން މިއަދުން ފެށިގެން އެކުންފުނީގެ ކޮމްޕްލެކްސްތަކުންނާއި ބޯޓުފަހަރުތަކުން ޑީސަލް ވިއްކާ އަގުތަކަށް ބަދަލު ގެނެސްފައިވާކަމަށެވެ.

އެގޮތުން މިފްކޯއަށް މިސްކުރާ ހުރިހާ ފަރާތްތަކަށް ޑީސަލް ލީޓަރެއް 27.24 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު، އާއްމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 28.54 ރުފިޔާއަށް ކަމަށް މިފްކޯއިން ބުންޏެވެ.

މިފްކޯއިން ވިއްކާ ޑީސަލްގެ އަގަށް ބަދަލުގެނެސްފައިމިވަނީ މެދުއިރުމަތީގެ މަސްރަހުގައި މިހާރު ފަށާފައިވާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގައިވެސް ތެލުގެ އަގުތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައިކަން ފާަހަގަކޮށްލެވެއެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ރެކޯޑް އަދަދަކަށް މައްޗަށް ގޮސްފައިވާއިރު، ރާއްޖޭގައިވެސް ތެލުގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ. އަދި ދަތުރުފަތުރުގެ އަގުތައްވެސް ވަނީ އުފުލެން ފަށާފައެވެ.