ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އެންމެ މުހިންމު ވަނީ ކޮންމެ ފަރުދަކަށްވެސް މުހިންމުވާ ކަންކަން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އިންތިހާބާ ގާތްކޮށް ޓޮބާކޯ ބޭން ނުވަތަ ދުންފަތުގެ ބާވަތްތައް މަނާކުރުމުގެ ފިޔަވަޅުތައް ގެނައުމަށް ރައީސަށް ނުކެރޭނެ ކަމަށް ބުނަމުން ދިޔަ ވަގުތެއްގައި، އެކަން މަނާކުރެއްވުމަކީ ރައީސް މުއިއްޒުގެ ހިތްޕުޅުގައި ރައްޔިތުންނާ މެދު އޮތް ގާތްކަމާއި ވިސްނުން ހާމަވާ ކަމެއް ކަމަށެވެ.
މިނިސްޓަރު ސައީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ސަރަހައްދުގައިވެސް އެފަދަ ކަމެއް ކުރެއްވި ވެރިއަކު ފެންނާކަށް ނެތެވެ. އަދި ރައީސް މުއިއްޒަކީ ފަހުގެ ސަރުކާރެއްގައި ފެނުނު އެންމެ ޒުވާން އެއް ރައީސްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒުއަކީ ”މޫނު ބަލާ ލޯގަނޑެއް“ ފަދަ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން ސައީދު ވިދާޅުވީ ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ހަގީގީ އިސްލާހީ ބަދަލުތައް ނުވަތަ ރިފޯމް ގެނެސްދެއްވި މޭސްތެރިއަކީ އެމަނިކުފާނު ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ފާޑުކިޔައި ޖޯކު ޖެހި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މުހިންމީ ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުން ކަމަށް ސައީދު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާއަށް އެންމެ މުހިންމީ ރައްޔިތުންނަށް މުހިންމުވާ ކަންކަން، އެފަދަ ވެރިޔަކު ނުފެންނާނެ“ ކަމަށް ވިދާޅުވެ ސައީދު ވަނީ ރައީސްގެ ސިޔާސަތުތަކަށް ތައުރީފު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު