އއ. އުކުޅަހުން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދަށް ހޫނު މަރުޙަބާއެއް

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މިއަދު އއ. އުކުޅަހަށް ވަޑައިގަތުމުން، އެ ރަށުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މި ދަތުރުފުޅާ ގުޅޭގޮތުން ސޯޝަލް މީޑިއާ ޕްލެޓްފޯމް ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ، އއ. އުކުޅަހަކީ އެމްޑީޕީގެ ސިޔާސީ އެތަކެއް ޙަރަކާތެއް ފެށިގެން އަންނަ، އަދި ޕާޓީގެ ސަޕޯޓާއި ފޯރި އަބަދުވެސް ވަރަށް ގަދަ ރަށެއް ކަމަށެވެ. މިއަދު އެ ރަށަށް ވަޑައިގަތުމުން އުކުޅަހު ރައްޔިތުންގެ ފަރާތުން ފެނިގެންދިޔަ ޖޯޝާއި ފޯރި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އުކުޅަހުން ލިބުނު ހޫނު މަރުޙަބާއަށްޓަކައި އެ ރަށުގެ އެމްޑީޕީ މެމްބަރުންނަށާއި ސަޕޯޓަރުންނަށް ޝާހިދު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މި ދަތުރުފުޅަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، ރަށްރަށުގެ ހާލަތު ބައްލަވައި ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އުކުޅަހަކީ ތާރީޚީ ގޮތުންވެސް އެމްޑީޕީގެ މުހިންމު ނިންމުންތަކާއި ބޮޑެތި ޖަލްސާތައް ބާއްވާފައިވާ، އެ ޕާޓީގެ ވަރުގަދަ ކިއްލާއެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ.

ކޮންޑޯ އެއާލައިނުން އަލުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ޖަރުމަނުގެ މަޝްހޫރު އެއާލައިން، ކޮންޑޯއިން ކުރިއަށް އޮތް ޔޫރަޕުގެ ހޫނު މޫސުމާ ދިމާކޮށް ރާއްޖެއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

މިދަތުރުތަކަކީ ކޮންޑޯގެ މިއަހަރުގެ ލޯންގް-ހޯލް ޝެޑިއުލްގެ ދަށުން ކުރާ ދަތުރުތަކެކެވެ. މި ދަތުރުތައް ކުރަނީ ޖަރުމަނުގެ ފްރެކްފާޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އަންނަ މޭމަހުން ފެށިގެން މި އެއާލައިނުން ރާއްޖެއަށް ހަފުތާއަކު 4 ދުވަހު ދަތުރު ކުރާނެއެވެ.

ކޮންޑޯ އެއާލައިނުން ބުނީ މި ދަތުރުތައް ރާއްޖެއަށް ފަށަނީ ޖަރުމަނުގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނާވެސް އެކުގައި ކަމަށެވެ.

ކޮންޑޯއަކީ ރާއްޖެއަށް ސީދާ ދަތުރުތައް ފެށި އެންމެ ދުވަސްވީ އެއާލައިނެވެ. މި އެއާލައިނުން 1980ގެ އަހަރުތަކުން ފެށިގެން މެދުކެނޑުމެއް ނެތް ކަހަލަ ގޮތަށް ދަނީ ރާއްޖެއަށް ދަތުރުތައް ކުރަމުންނެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޖަރުމަނުގެ މާކެޓް ފުޅާވެފައި އޮތް އެންމެ ބޮޑު ސަބަބެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގެ ގަދަ 5ގައި ޖަރުމަނުވިލާތް ހިމެނެއެވެ.

ހަ ކިލޯގެ ޑްރަގު އެތެރެކުރި އިންޑިއާ ދެ މީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް ހަ ކިލޯގެ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ލަގެޖް ތެރެއަށް ލައިގެން ވައިގެ މަގުން ޑްރަގް އެތެރެކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، އީޝްވަރުމުރިތީ ޝަންމުގަމް (24އ) އާއި، ޔުތިޝް ރާޖް ރާޖަން (27އ) އެވެ.

އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދު ކުރަން ކުރި ކޯޓު އަމުރުގައި ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ތަހުގީގުކުރުމަށްޓަކައި މީހުންނާއި ތަކެތި ހަވާލުކުރާ ފޯމާއި ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެ މީހުންވެސް ވަނީ ލަގެޖުގައި ހުރީ ކޯއްޗެއްކަން ނޭނގޭ ކަމަށް ބުނެފައެވެ. އަދި ވަކީލެއްގެ ފުރުސަތަށް އެދިފައިވެއެވެ.

އެ ދެ މީހުންގެ ރާއްޖެ އައިއިރު ގެނައި ދެ ލަގެޖުން ހަ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް އައިއޯ ފާހަގަކުރާ ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދަން “ވޯކް އިން” އިންޓަވިއުތައް މާދަމާ

ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދުމަށް “ވޯކް އިން” އިންޓަވިއު މާދަމާ ކުރިއަށްގެންދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

މާލޭ ސަރަހައްދުގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން އެމްޓީސީސީއާއި ޓްރާންސްޕޯޓު މިނިސްޓްރީއާއެކު އެމްޔޫއޯއެއްގައި ސޮއިކުރީ ފެބްރުއަރީ 15، 2025 ގައެވެ.

ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުން ހޯދުމަށް ވޯކް އިން އިންޓަވިއު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 އިން ހަވީރު 4:00 އަށް މާލޭގައި ހުންނަ މާފަންނު ބަސް ޓާމިނަލްގައެވެ.

އެމްޓީސީސީން ވަނީ މީގެ ކުރިންވެސް ސަރުކާރުގެ ޓެކްސީ ހިދުމަތް ފަށަން 400 އަށްވުރެ ގިނަ ޑްރައިވަރުން ހޯދަން އިއުލާނުކޮށްފައެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި މާލެ ސަރަަހައްދަށް ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ 122 ޑްރައިވަރުން އަދި ފުލްޓައިމްއަށް 285 ޑްރައިވަރުން ހޯދާ ކަމަށެވެ.

އެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ވަޒީފާ އަދާކުރަން ޖެހެނީ މާލެ ސަރަހައްދުގައެވެ. އެ ވަޒީފާތައް ދިނުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް އިސްކަން ދޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރައީސް އޮފީހުގައި މިމަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވަނީ، ޓެކްސީ ލައިންގެ ހިދުމަތް ރޯދަމަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޓެކްސީ ހިދުމަތް ފެށުމަށް ތައްޔާރުކުރާ ކާރުތަކަށް ރާއްޖޭގެ މާހައުލާ ގުޅޭނެ ފަދަ ބަދަލުތަކެއް ގެނެސް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ، މޫދާ ކައިރި ސަރަހައްދުތަކެއްގައި ޓެކްސީ ދުއްވަންޖެހޭ ގައުމަކަށްވާތީ، ކާރުތަކުގެ އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާ ގުޅޭ ބަދަލުތައް ގެންނަން ޖެހުނުކަން އަމީން ވިދާޅުވެފައިވެއެވެ.

އަމީން ވިދާޅުވެފައިވަނީ ޓެކްސީ ލައިން ހިދުމަތުގައި ތިން މޮޑެލްއެއްގެ ކާރު ބޭނުންކުރުމަށް ހަމެޖެހިފައިވާ ކަމަށާއި ކާރުތައް ރާއްޖެ ގެނައުމުގެ މަސައްކަތް، ދެ ބެޗަކަށް ބަހާލައިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން އެއް ބެޗުގައި ތައިލެންޑުން 60 ކާރު ގެނައުމަށް ހަމަޖެހިފައިވާ އިރު، ބާކީ ކާރުތައް ގެންނާނީ ޗައިނާއިންނެވެ. ޗައިނާއިން ދެ މޮޑެލްއެއްގެ ކާރު ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުމުލަ 150 ކާރާއެކުއެވެ.

އިއްޒުއްދީން ފާލަމުން ހެންވޭރު ފެރީ ޓާމިނަލާ ދެމެދު މަގު މިރެއިން ފެށިގެން ބަންދުވާނެ

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަޙައްދު މިއަދުން ފެށިގެން އާންމު ދަތުރުފަތުރަށް ބަންދުކޮށް، މަގު ހެދުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މި މަސައްކަތަށް މަގުފަހިކުރުމުގެ ގޮތުން ރޭ މެންދަމު 12:00 އިން ފެށިގެން އެ ސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި މަސައްކަތް ކުރިއަށްދާ ސަރަޙައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން މީގެ ކުރިން ވަނީ އަންގާފައެވެ.

ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ ފޭސް 1 ގެ ދަށުން ކުރިއަށްދާ މި މަޝްރޫޢާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ، މި ސެގްމަންޓްގެ ތެރޭގައި ހިމެނޭ ގާތްގަނޑަކަށް 700 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެ ކަމަށެވެ. މީގެ އިތުރުން 610 މީޓަރުގެ އެއްގަމު ތޮށި ތަރައްޤީކުރުމާއި، މަގު ފުޅާކުރުމާއި، ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން، ޕޭމަންޓު ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ކުރިއަށްދާނެއެވެ.

މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާ މުއްދަތުގައި، ހެންވޭރު ފެރީ ޓާމިނަލުން ދެމުންދިޔަ އަތޮޅު ފެރީގެ ޚިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މިއަދުން ފެށިގެން އެ ފެރީތައް ބޭނުންކުރާނީ މާފަންނު ފެރީ ޓާމިނަލާއި ހުޅުމާލެ ފެރީ ޓާމިނަލް ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ. ނަމަވެސް، މި މަސައްކަތުގެ ސަބަބުން މަސްވެރިންގެ ޕާކު ހިމެނޭ ސަރަޙައްދުގެ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަޤީންކަން އެ ކުންފުނިން ވަނީ ދީފައެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ހޮނިހިރު ދުވަހު

އަންނަ ހޮނިހިރު ދުވަހު ގައުމީ ބޭންކު ބީއެމްއެލްގެ 43ވަނަ އަހަރީ އާންމު ޖަލްސާ އޮންނާނެކަން އެ ބޭންކުން މިއަދު ހާމަކޮށްފިއެވެ.

ބީއެމްއެލުން ބުނީ، މި ޖަލްސާ އޮންނާނީ ހޮނިހިރު ދުވަހުގެރޭ ނުވައެއް ޖަހާއިރު، ބާސެލޯ ނަސަންދުރާ ހޮޓެލްގެ މާލޭގެ ބޯލްރޫމްގައި ކަމަށެވެ.

މި ޖަލްސާ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހިއްސާދާރުންނާއި ޕްރޮކްސީ ހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި، އޮންލައިންކޮށް މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮޒިޓަރީ (އެމްއެސްޑީ) ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް “ފަހިވޯޓު” މެދުވެރިކޮށް ކަމަށް، ބީއެމްއެލުން ބުންޏެވެ.

މި ޖަލްސާގައި ބައިވެރިވުމަށް އޮންލައިންކޮށް ބީއެމްއެލުން ވަނީ ހުޅުވައިލައިފައެވެ. އެ ފުރުސަތު ހުޅުވައިލައިފައިވަނީ ބުރާސްފަތި ދުވަހުގެރޭ ނުވައެއް ޖެހުމާ ހަމައަށެވެ.

އެމްއެސްޑީގެ އޮންލައިން ސިސްޓަމް “އިންފިނިޓީ” މެދުވެރިކޮށްވެސް ރަޖިސްޓްރީކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބީއެމްއެލުން ބުނީ، ބޭންކާއި ހިއްސާދާރުންގެ މެދުގައިވާ ގުޅުން ބަދަހިކޮށް، އިތުބާރު ދެމެހެއްޓުމަށްޓަކައި އަހަރީ އާންމު ޖަލްސާ މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ބޯނަސް ހިއްސާ ދޫކުރުމަށާއި ހިއްސާ ބައި ކުރުމަށާއި، ބީއެމްއެލްގެ އަސާސީ ގަވާއިދު އިސްލާހުކުރުމަށް ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން މި އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ނިންމައިފައިވާ ކަމަށާއި، އެ ހުށަހެޅުންތައް ފާސްކުރެވެނީ ހިއްސާދާރުންގެ ޚާއްސަ ގަރާރަކުން ކަމަށް، ބީއެމްއެލުން ބުންޏެވެ.

އެހެންވެ، ވީހާވެސް ގިނަ ހިއްސާދާރުން މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭންކުން އެދެއެވެ.

މިދިޔަ އަހަރު ބީއެމްއެލުން ވަނީ 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައިފައެވެ.

އެއީ ރެކޯޑު ނަތީޖާއެއްގެ ގޮތުގައި ސިފަކޮށް ބީއެމްއެލުން އޭރު ބުނީ، އެ އަހަރު ބޭންކުން ހޯދި ނަތީޖާއަކީ މާލީ ގޮތުން ހޯދި ހަރުދަނާ ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްޞަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއް ކަމަށެވެ.

މިދިޔަ އަހަރުގެ ސާފު ފައިދާއަކީ 2024ވަނަ އަހަރާ އަޅާ ބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެއް ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

ހަނގުރާމައަށް ތިން ހަފްތާވާއިރު މަސްރަހު ދަނީ އިތުރަށް ގޯސްވަމުން

އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ވަރުގަދަ ހަނގުރާމަ ތިންވަނަ ހަފުތާއަކަށް އަޅާލާފައިވާއިރު، މަސްރަހު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

މި ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޭޓޯ ގެ ގައުމުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ސްޓްރެއިޓް އޮފް ހޯރްމޫޒް ހުޅުވުމަށް އެހީތެރިވުމަށް ނޭޓޯގެ ބައެއް ގައުމުތަކުން ފަސްޖެހޭތީ، ޓްރަމްޕް އެ ގައުމުތަކަށް “ފިނޑިން” ގެ ނަމުން މުހާތަބު ކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަސްރަހު އިތުރަށް ގޯސްވުން
މި ހަނގުރާމަ މިހާރު ދަނީ އީރާނުގެ އެތެރެއަށާއި ކައިރި ސަރަހައްދުތަކަށް ފެތުރެމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ ބައެއް ކަންކަމަކީ:

އިތުރު ސިފައިން ފޮނުވުން:

އެމެރިކާއިން ދަނީ އިތުރު އެތައް ހާސް މެރިން ސިފައިންނާއި، ހަނގުރާމަމަތީ މަނަވަރުތައް މެދުއިރުމައްޗަށް ފޮނުވަމުންނެވެ. މީގެ ތެރޭގައި USS Boxer ފަދަ ވަރުގަދަ މަނަވަރުތައް ހިމެނެއެވެ.

ސްޓްރެއިޓް އޮފް ހޯރްމޫޒް:

އީރާނުން މި ސަރަހައްދު ބަންދުކުރުމާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެމެރިކާއިން ބޭނުންވަނީ ބާރުގެ ބޭނުންކޮށްގެންވެސް މި މަގު ހުޅުވާށެވެ.

ނޭޓޯއަށް ފާޑުކިޔުން:

ޓްރަމްޕް ވިދާޅުވާ ގޮތުގައި އެމެރިކާއިން އިސްވެ ކުރާ މި ހަނގުރާމައިގައި އެހެން ގައުމުތަކުން އެހީތެރިނުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުން ތެޔޮ ބޭނުންވާއިރު، އެ ތެޔޮ ލިބޭނެ މަގު ކޮށައިދޭން އެހީނުވުމުން އޭނާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

އީރާނުން ބުނަމުންދަނީ އެ ގައުމުގެ ސިޔާދަތަށް އަރައިގަންނަ ކޮންމެ ފަރާތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށެވެ. މިހާތަނަށް ދެ ފަރާތުން ބަދަލުކުރި ހަމަލާތަކުގައި ދެ ފަރާތުގެ އަސްކަރިއްޔާއަށާއި އާންމުންނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

މި ހަނގުރާމަ އިތުރަށް ދިގުލައިގެން ހިނގައްޖެނަމަ، މުޅި ދުނިޔޭގެ އިގްތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް މާހިރުން ލަފާކުރެއެވެ.

ސަރަނގު އާދަމް މަނިކުގެ ތާއީދު މޫސާ އަލީ ޖަލީލަށް!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރަކަށް ޕީއެންސީގެ ޓިކެޓުގައި ކުރިމަތިލެއްވި މޫސާ އަލީ ޖަލީލަށް ތާއީދު ކުރައްވާ ކަމަށް މާލޭގެ ފުރަތަމަ މޭޔަރު ކަން ކުރެއްވެވި ސަރަނގު އާދަމް މަނިކު މިއަދު ހާމަކުރައްވައިފިއެވެ.

މޫސާ އަލީ ޖަލީލަށް ތާއިދުކުރާކަން ހާމަކޮށް ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ އޭނާއަކީ މާލެ މީހެއް ކަމަށާއި އެހެންކަމުން ލޯބި އޮންނަނީ މާލެއަށް ކަމަށެވެ. މި ފަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުގެ ޕާޓީގެ ކެނޑިޑޭޓަށް ތާއީދުކުރަން ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

މާލޭގައި އޭރުގައި ހުރި ކަންތައްތަކާއި މިހާރު ހުރި ކަންތަކާއި މާބޮޑު ތަފާތެއް ނެތް ކަމަށާއި މިތަނަށް އޮތޯ އަޅާނުލެވިފައި ކަމަށް ވެސް ވިދާޅުވިއެވެ. އިންތިހާބުތަކުގައި ފެންނަނީ އޭރުގައި އޮންނަ ސަރުކާރަކާއި ދެކޮޅު ޕާޓީއަކުން ކައުންސިލާއި މޭޔަރު ހޮވާ މަންޒަރު ކަމަށާއި އޭގެ ނަތީޖާއަކަށްވަނީ މާލެ ތަރައްގީކުރުމުގެ ބަދަލުގައި އެ ދެބައި މީހުން ތެޅުން ކަމަށެވެ. “މުސްކުޅިން ބުނާހެން ބޮޑު ދެ ގެރި ތަޅަންޏާ ކައްގަލަށް ބާރުކުރާނެ. ކައްގަލަކީ މާލެ.” ސަރަނގު އާދަމް ވިދާޅުވިއެވެ. އެހެންކަމުން މާލެއަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށެވެ.

“މާލެއަށް ހުރި އެންމެ ބޮޑު މައްސަލަައަކީ ބޯހިޔާވެހިކަމުގެ މައްސަލަ. އޭރުންސުރެ މި މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދަނީ. އަޅުގަނޑުމެން ބޭނުންވަނީ ރޭގަނޑު އަމާންކަމާއެކު ނިދުން. މަގުމަތީގައި އަމާންކަމާއެކު ހިނގޭނެ ގޮތް. އެކަމަކު މުޅި މާލެ މިއި ކޮންސްޓްރެކްޝަން ސައިޓެއް. ދުއްވާއެއްޗިހީގެ މައްސަލަ ވެސް އެހާ ބޮޑު.” ސަރަނގު އާދަމް ވިދާޅުވިއެވެ

ސަރަނގު އާދަމް ވިދާޅުވީ ރައީސް މުއިއްޒު މޭޔަރުކަން ކުރެއްވިއިރުގައި އެކަން ކުރެއްވީ ބޮޑު އެޖެންޑާއަކާއިއެކުގައި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެން ފަހުން އެ ޕްރޮގްރާމް ހުއްޓިފައިވާ ކަމަށެވެ. ދެން އެހެން މީހަކު މޭޔަރުކަމަށް ވަޑައިގެން އެހެން ކަންތައްތަކެއް ކުރުއްވަން އުޅެމުންދާ ކަމަށް ވިދާޅުވިއެވެ.

މޫސާ ޖަލީލަށް އެންމެ ބޮޑަށް ތާއީދުކުރަނީ އެ ޕްރޮގްރާމްތައް ކުރިއަށް ގެންދަވާނެތީ ކަމަށް ވިދާޅުވިއެވެ. ސަރުކާރާއި ގުޅިފައިވާ މޭޔަރަކަށް ނޫނީ މާލެއަށް ތަރައްގީ ނުގެނެސްދެވޭނެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ ފުރުސަތު އޮތީ މޫސާ ޖަލީލަށް ކަމަށާއި މޫސާ ޖަލީލަށް ދޭ ވޯޓަކީ މާލެއަށް ދެވޭ ވޯޓެއް ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާއަށް އަމާޒުކޮށް އީރާނުގެ ހަމަލާ

އިސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި, ރާއްޖޭގެ ދެކުނަށް އޮންނަ ޗާގޯސްގެ ޑިއޭގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް އަމާޒުކޮށް އީރާނުން ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނާ ގާތްގަނޑަކަށް 2،500 މޭލު (4،000 ކިލޯމީޓަރު) ދުރުގައި އޮންނަ ޑިއޭގޯ ގާސީއާއަށް އީރާނުން ދެ މިސައިލެއް އަމާޒުކުރި ނަމަވެސް ހަމަލާއެއް ކާމިޔާބެއްނުވެއެވެ.

އޭގެ ތެރެއިން އެއް މިސައިލް ވައިގެ ތެރޭ މައްސަލައެއް ދިމާވެ ވެއްޓުނުއިރު، އެމެރިކާގެ މަނަވަރަކުން ވަނީ އަނެއް މިސައިލް ހުއްޓުވައިފައި ކަމަށް އެ ނޫހުން ބުނެއެވެ.

އެ ހަމަލާ ދިން ވަގުތެއް ހާމަކޮށްފައިނުވާއިރު، އެކަމާ ގުޅިގެން އެމެރިކާ އަދި އީރާނުންވެސް މިހާތަނަށް އެއްޗެއް ބުނެފައެއްނުވެއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣުޗީ މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި، އެ ގައުމުގެ މިސައިލްތަކަށް 2000 ކިލޯމީީޓަރުގެ ރާސްތާއަކަށް ދަތުރުކުރެވޭނެއެވެ. ނަމަވެސް އެއަށް ވުރެ ދުރުގައި އޮންނަ ޑިއޭގޯ ގާސިއާއަށް ހަމަލާ ދޭން މަސައްކަތްކުރުމަކީ، އީރާނުން ހަނގުރާމަ ފުޅާ ކުރަމުންދާ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޗާގޯސް އޮންނަނީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި ކަމަށްވާއިރު، ޑިއޭގޯ ގާސިއާ އޮންނަނީ އެމެރިކާގެ އަސްކަރީ ބޭނުމަށް ކުއްޔަށް ދީފައެވެ. އަދި އީރާން ހަނގުރާމައަށް ޑިއޭގޯ ގާސީއާ ބޭނުންކުރަން ހުއްދަ ދޭން އިނގިރޭސިވިލާތުން ފުރަތަމަ ދެކޮޅު ހެދި ނަމަވެސް ފަހުން އެ ގައުމުން ވަނީ ‘ދިފާއީ އޮޕަރޭޝަންތަކަށް’ ބޭނުންކުރަން ދީފައެވެ.

އެމެރިކާ ސިފައިން ވަނީ، އަފްޣާނިސްތާނާއި އިރާގުގައި އެމެރިކާއިން ހިންގި ހަނގުރާމަ ހިމެނޭ ގޮތަށް އޭޝިއާގެ އޮޕަރޭޝަންތަކަށް މުހިންމު އެ މަރުކަޒުގައި، ބޮން އަޅާ ބޯޓުތަކާއި އެހެނިހެން ސާމާނު ބަހައްޓާފައެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން ޚިޔާލު ތަފާތުވުން ވަނީ އުފެދިފައެވެ. އެގޮތުން ޗާގޯސްއަށް އިނގިރޭސިވިލާތުން ވެރިވީ 1800ގެ އަހަރުތަކުގައި ކަމަށްވާއިރު، މޮރިޝަސްއިން އެ ރަށްތައް ހޯދަން މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ.

އިނގިރޭސިވިލާތުން މިދިޔަ އަހަރު މެއި މަހު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދޭން ނިންމައިފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު، ޑިއޭގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ ގޮތަށް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް އޮންނާނެއެވެ.

ރާއްޖޭން ވެސް އަންނަނީ، ޗާގޯސްގެ މިލްކުވެރިކަމަށް ދައުވާކުރަމުންނެވެ. އެގޮތުން ޗާގޯސް އެންމެ ހައްގުވަނީ ރާއްޖެއަށް ކަމަށް މި ސަރުކާރުން ވަކާލާތުކުރެއެވެ.

ބޮޑުކަންނެލި މަސްވެރިކަން ހުއްޓުމަކަށް އަތުވެއްޖެ

މެދުއިރުމަތީގައި މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ރިކޯޑު މިންވަރަކަށް ތެޔޮ އަގުބޮޑުވެ، މަހަށް ނުކުންނަން ދެކޮޅު ނުޖެހޭތީ ބޮޑުކަންނެލި މަސްވެރިކަން ހުއްޓިއްޖެ އެވެ.

ކަންނެލި މަސްވެރިކަން ކުރާ 100 އެއްހާ ދޯނި ދިވެހިރާއްޖޭގައި ހަރަކާތްތެރިވެ އެވެ. އެއީ މަސްވެރިކަމުގެ މުޅި ސިނާއަތަށް ބެލި ނަމަވެސް ގާތްގަނޑަސް 50 ޕަސެންޓާ ގާތް ކުރާ އަދަދެކެވެ. ނަމަވެސް އެ ހުރިހާ ދޯންޏެއްގެ މަސައްކަތް ވެސް މިވަގުތު ވަނީ ހުއްޓިފަ އެވެ.

“ބައިވަރު ދޯނިފަހަރު އެބަ ހުރި މިހާރު ވެސް ފުރަން ތައްޔާރުވެގެން. އެކަމަކު ތެލަށްވާ ގޮތެއް ނޭނގިގެން މަޑުކޮށްގެން ތިބީ. ގައިމު ވެސް މި އަގަކު ތެޔޮ ގަނެގެން އެއްވެސް ދޯންޏެއް ނުނިކުންނާނެ މަހަކަށް. މަސްވެރިކަން މި އޮތީ ހުއްޓިފަ،” މި ނޫހާ ވާހަކަ ދެއްކި މަސްވެރިއަކު ބުންޏެވެ. “އީދު ފަހުން މަސްވެރިކަމަށް ތެޔޮ އަޅައިގެން ފުރާނެ ދޯންޏެއް ނުއުޅޭނެ.”

ބޮޑުކަންނެލި މަސްވެރިން މަހަށް ނުކުތުން ހުއްޓާލީ، މަސްވެރިކަން ހުއްޓިދާނެކަމުގެ ބިރު ކުރިމަތިވެފައިވާ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ބުރާސްފަތި ދުވަހު ބުނެފައި އޮއްވަ އެވެ.

“ފަތުރުވެރިކަން ފިޔަވައި ދިވެހިރާއްޖޭގައި ދެ ވަނައަށް އެންމެ ބޮޑު އިގްތިސާދީ ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތަށްވާ ހިނދު، ތެލުގެ އަގަށް އައި ބަދަލަކީ އަޅުގަނޑުމެންގެ ނުހަނު ކަންބޮޑުވުމެއް. އަދި ހަމަ އެހެންމެ، މަސްވެރިކަމުގެ ސިނާއަތް ހުއްޓުމަކަށް އަތުވެދާނެކަމުގެ ބިރު އެބަ އޮތް،” އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި އޮތެވެ.

މިދިޔަ ހޯމަ ދުވަހު ތެޔޮ ވިއްކާ އަގު ރާއްޖެއިން ބޮޑު ކުރީ ކުއްލިއަކަށެވެ. ދައުލަތުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން ވަނީ އެއްގަމުގައި ވިއްކާ ތެޔޮ ފިޔަވައި އެހެން ހުރިހާ ތެލެއްގެ އަގު ބޮޑުކޮށްފަ އެވެ.

މިހާރު ޕެޓްރޯލް ލީޓަރެއް ލިބެނީ 27.13 ރުފިޔާއަށެވެ. ޕެޓްރޯލް ލީޓަރެއް ކުރިން ވިއްކީ 13.50 ރުފިޔާއަށެވެ. އެހެންކަމުން އެއީ 100.96 ޕަސެންޓުގެ ކުރިއެރުމެކެވެ. ޑީސަލް ލީޓަރެއް މިހާރު ލިބެނީ 28.32 ރުފިޔާއަށެވެ. ކުރިން ވިއްކީ 13.92 ރުފިޔާއަށެވެ. އެއީ 103 ޕަސެންޓުގެ އަގުބޮޑުވުމެކެވެ.

ތެޔޮ އަގުބޮޑުވުމުން، މިފްކޯއަށް މަސް ކިރާ މަސްވެރިންނަށް އަގުހެޔޮކޮށް ތެޔޮ ވިއްކާނެކަމުގެ ޔަގީންކަން ދައުލަތުގެ މަސް ކުންފުނި މިފްކޯއިން ބުންޏެވެ. އަދި ކަންނެލި މަސްވެރިންނަށް ވެސް އަގުހެޔޮކޮށް ތެޔޮ ވިއްކާނެކަމުގެ ޔަގީންކަަން ސަރުކާރުން ދިނެވެ. އެކަމަކު، ކަންނެލި މަސްވެރިންނަށް އަދިވެސް ތެޔޮ ލިބެނީ އަގުބޮޑުކޮށެވެ.

ތެލުގެ އަގު ހޯމަ ދުވަހު އިންތިހާއަށް ބޮޑުވީ ތެލުގެ ތާށިކަމެއް ރާއްޖެއަސް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން އިގްތިސާދީ މިނިސްޓަރު މުހައްމަދު ސައީދު ދެއްވާފައި އޮއްވަ އެވެ.

“ފުރަތަމަ ކަމަކަށް ހަނޑޫ، ހަކުރު، ފުށް އަގުބޮޑެއް ނުވާނެ. އެއީ ކަށަވަރު ކަމެއް. މެދުކެނޑުމެއް ނެތި ކާޑު ލިބޭނެކަމަށް އަޅުގަނޑު ޔަގީންކަން ދެން،” މިނިސްޓަރު ސައީދު ވިދާޅުވެފައިވެ އެވެ. “ފުޑް، ފިއުލް އަދި އެއްވެސް ކޮމޯޑިޓީއެއްގެ ޗެލެންޖެއް އިރާދަކުރެއްވިއްޔާ ކުރިމަތިވިޔަ ނުދޭނެ ވާހަކަ.”

އޭގެ އިތުރުން، ތެލުގެ އަގު ބޮޑުވުމުން ބޮޑުކަންނެލި މަސްވެރިންނަށް ހިލޭ އައިސް ދޫކުރުން މެދުކަނޑާލަން އެންސިސް ފިޝަރީޒް އިން ވަނީ މިދިޔަ ހަފުތާގައި ވަނީ ނިންމައިފަ އެވެ.

“ތެލުގެ އަގު އިންތިހާއަށް ބޮޑުވަމުންދިއުމުގެ ސަބަބުން، އައިސް އުފެއްދުމަށާއި ފޯރުކޮށްދިނުމަށް ހިނގާ ހަރަދު މިހާރު ވަނީ ފޫނުބެއްދޭވަރުގެ ބޮޑު ބުރައަކަށް ވެފަ،” އެންސިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ރިޒާވުގައި ބަހައްޓާފައި ހުރި ތެޔޮ ގައުމުތަކުން ވަނީ ދޫކުރަން ފަށައިފަ އެވެ. އެކަމަކު، ރިޒާވުން ދޫކުރެވެން އޮތީ ވެސް ދުނިޔެއަށް ބޭނުންވާ ތެލުގެ މަދު މިންވަރެކެވެ.

ގަލްފުގެ ގައުމުތަކުން ދުނިޔެއަށް ތެޔޮ ފޯރުކޮށްދެނީ ހޮރުމޫޒު ކަނޑުއޮޅިންނެވެ. އެކަމަކު، އެތަނުން ދަތުރު ކުރާ ހުރިހާ އުޅަނދަކަށް ހަމަލާދޭން އިރާނުން ވަނީ ފަށައިފަ އެވެ. ހަނގުރާމައިގެ ކުރިން އެ ކަނޑުއޮޅިން 100 އަށް ވުރެ ގިނަ ބޯޓު ކޮންމެ ދުވަހަކު ވެސް ދަތުރު ކުރެ އެވެ. މިހާރު އެ ސަރަހައްދުން ދަތުރު ކުރަނީ އިރާނުގެ ހައެއްކަ ބޯޓު އެކަންޏެވެ.

ހޮރުމޫޒު ކަނޑުއޮޅި ބޭނުން ކުރަން ނުޖެހޭ ގޮތަށް ސައުދީ އަރަބިއްޔާއިން ވަނީ ރެޑް ސީއަށް ހޮޅިއެއް ގުޅައިފަ އެވެ. އެކަމަކު، އެ ހޮޅިން ގެންދެވެނީ ނިސްބަތުން ނިކަން މަދު މިންވަރެއްގެ ތެލެވެ. އަދި ކުރިއަށް އޮތް ތަނުގައި އެ ހޮޅިއަށް ހަމަލާއެއް އަމާޒު ނުވާނެކަމުގެ ޔަގީންކަމެއް ވެސް ނެތެވެ.

ބޮޑު ބަންދަކަށް ފަހު، ސަރުކާރު އޮފީސްތައް ހޯމަ ދުވަހު ހުޅުވަނީ

ފަހު ދިހައަކާއި ފިޠުރު ޢީދުގެ މުނާސަބަތުގައި ގިނަ ދުވަސްތަކަކަށް ސަރުކާރު ބަންދުކުރުމަށްފަހު، އަންނަ ހޯމަ ދުވަހު ސަރުކާރުގެ އޮފީސްތައް އަލުން ހުޅުވުމަށް ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، އޮފީސްތައް ހުޅުވި ނަމަވެސް ކުރިއަށް އޮތް ހަފުތާގެ ވެސް ރަސްމީ ގަޑިއަކީ ރޯދަ މަހުގެ މަސައްކަތު ވަގުތެވެ. އެއީ ހަ ރޯދަ ހިފުމަށް ލުއި ދިނުމުގެ ގޮތުންނެވެ.

އެގޮތުން، ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމުގައި ވަނީ ކަނޑައަޅާފައެވެ.

އެހެންކަމުން، މި ފެށޭ ހަފުތާގައި ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މި ހަތަރު ގަޑިއިރުގެ ތެރޭގައެވެ.

މި ހަތް ދުވަހުގެ މުއްދަތު ހަމަވުމަށްފަހު، ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިތައް އާންމު އުސޫލުން ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށް ބަދަލުވެގެންދާނެއެވެ.

ހަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރޭ: ޚުތުބާ

ވަގުތަކީ އެހާ އަވަހަށް ފާއިތުވާ އަގުބޮޑު އެއްޗެއް ކަމަށްވާއިރު، ހަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާގައި އަލިއަޅުވާލީ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މައްޗަށެވެ.

މިގޮތުން، ކޮންމެ ދުވަހަކީ އަހަރެމެނަށް ދެއްވާފައިވާ ގިނަ ނިއުމަތްތައް ހަނދާންކޮށް އެކަމަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ޚުތުބާގައި ފާހަގަކުރި ގޮތުގައި، އެ ނިޢުމަތްތަކުގެ ތެރެއިން އަހަރެމެން އެންމެ އަވަހަށް ހަނދާން ނެތޭ އެއް ނިޢުމަތަކީ، ވަގުތުވެ. އެކަން ބަޔާންކޮށް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ގިނަ ބަޔަކު އޭގެ އަގު ވަޒަން ނުކުރާ އަދި އެއަށް ފަރުވާ ކުޑަކުރާ، ދެ ނިޢުމަތެއް ވެއެވެ. އެއީ ޞިއްޙަތާއި ހުސް ވަގުތެވެ.”

އޭގެއިތުރުން، މި ދުނިޔޭގައި އިންސާނާ ވޭތުކުރާ ކޮންމެ ވަގުތުކޮޅެއް އޭނާގެ ޙަޔާތުން މަދުވެ އަޖަލާ ގާތްކުރުވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ. ހަޔާތުގެ ހުޅުކޮޅު ނިވުމުގެ ކުރިން އަމިއްލަ ނަފުސު މުރާޖާ ކުރަން ޖެހޭކަން ފާހަގަކުރިއެވެ.

މާތްﷲއަށް ނިޔަތް ޚާލިސްކޮށް، ކިޔަމަންތެރިވުމުގައި ހޭދަކުރެވެނީ ކިހާ ވަގުތެއްތޯ ބަލައި، އިސްލާމީ ޝަރީޢަތުގެ މަޤުޞަދުތައް ފުރިހަމަކުރުމަށް ޙަޔާތުން ހުސްކުރެވެނީ ކިހައި ވަގުތެއްތޯ ދެނެގަންނާން ޖެހޭކަން މުސްލިމުންނަށް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އެހެންވެ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހޭދަކުރުމަށް ޚުތުބާގައި ގޮވާލިއެވެ. މިގޮތުން، މަސައްކަތްތެރީން އެމީހުންގެ ވަޒީފާގެ ޒިންމާ އަދާކުރުމަށް ކަނޑައެޅިފައިވާ ވަގުތަށް އަމާނާތްތެރިވުމަށް ގޮވާލިއެވެ.

ދަރިވަރުންވެސް ތަޢުލީމު ޙާޞިލުކުރުމަށް ލިބިފައިވާ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި ދުވަހުން ދުވަހަށް ފިޔާވަޅުތައް ދަސްކޮށް މުޠާލިޢާކުރަން ވަސިއްޔަތްކުރިއެވެ.

“މުސްލިމް އަޚުންނޭވެ! ވަގުތަކީ ނުހަނު އަގުބޮޑު އަދި އެހައިމެ ހަލުއިކަމާއެކު ފާއިތުވެދާ އެއްޗެކެވެ! ގެއްލިއްޖެ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫނެވެ. އެހެންކަމުން ތިބާއަށް الله ދެއްވި ޢުމުރުގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރާށެވެ! ދުނިޔޭގައި ތިބާ ވަގުތު ހޭދަކުރި ގޮތުގެ ހިސާބު ޤިޔާމަތްދުވަހުން ބެއްލެވި، އެ ކަމުގެ ޖަޒާ ތިބާއަށް ފުރިހަމައަށް ދެއްވޭނޭކަން ހަނދާންކުރާށެވެ” ޚުތުބުގާއި ބުންޏެވެ.

މިއަދުގެ ޚުތުބާ ނިންމާލީ، ޙަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއްނެތް ގޮތުގައި ހޭދަނުކުރުމަށާއި ސުވަރުގޭގެ އެންމެ މަތިވެރި ދަރަޖަ ލިބުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ގޮވާލަމުންނެވެ.