ހިޔާރޯދިގޭގެ އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ގ. ހިޔާރޯދިގޭގެއި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި މިމަހުގެ 18 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން (29އ) ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ފަސް ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާރޯދިގޭގެއަކީ މީހުން ނޫޅޭ ގެއެކެވެ. އެ ގޭގައި ކަރަންޓެއްވެސް ނުހުރެއެވެ. އެ ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ގެ ސާފުކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ސޯޝަލް މީޑިއާގައިވަނީ ވަނީ އެ ގޭގައި އަލިފާން ރޯވުމުގެ ކުރިން މީހަކު އެ ގެއަށް ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާންމުވެފައެވެ. އެ މީހާ އެ ގެއަށް ވެދައިވަނީ އަލިފާން ރޯވުމުގެ ހަތް ވަރަކަށް މިނެޓް ކުރިންނެވެ. އެ ގޭ މީހުން ތުހުމަތުކުރާ ގޮތުގައި އަލިފާން ރޯކޮށްފައިވަނީ އެ މީހާއެވެ.

ލަންކާއިން އެދިއްޖެނަމަ ތެޔޮ ފޯރުކޮށްދޭން ތައްޔާރު: އީރާން

ސްރީލަންކާއިން އެދިއްޖެނަމަ ތެޔޮ ފޯރުކޮށްދޭން ތައްޔާރަށް އޮތް ކަމަށް އީރާނުން ބުނެފިއެވެ.

ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީރާނުން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލީ ރޭޒާ ޑެލްޚޮޝް ވިދާޅުވީ ކޮންމެ ވަގުތަކުވެސް ލަންކާއަށް އެހީތެރިކަން ފޯރުކޮށްދޭން އީރާން އޮތީ ތައްޔާރަށް ކަމަށެވެ.

ސަފީރު ވިދާޅުވީ، ލަންކާއިން ތެޔޮ ނުވަތަ އެނޫންވެސް ޒަރޫރީ ބޭނުންތަކަށް އެ ގައުމުގައި އެދިއްޖެނަމަ އެ ތަކެތި ފޯރުކޮށްދޭން އީރާނުން އޮތީ ތައްޔާރަށް ކަމަށެވެ.

ސަފީރު އަލީރޭޒާ ޑެލްޚޮޝް ވިދާޅުވީ އީރާނާއި އެކުވެރި ގައުމުތަކަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި ނުވާނެ ކަމަށެވެ.

އަދި ލަންކާ ދަތިކަމުގެ ހާލަތުގައި އޮންނަން އީރާނުން ނޭދޭ ކަމަށާއި، ލަންކާއަކީ އީރާނަށް ވަރަށް އިހްތިރާމް ކުރާ ގައުމެއް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވަނީ އެމެރިކާގެ ޓޯޕީޑޯ ހަމަލާއެއްގައި ގެއްލުން ލިބުނު އީރާނުގެ ހަނގުރާމަމަތީ މަނަވަރު އައިރިސް ޑެނާގައި ތިބި މީހުން ސަލާމަތް ކުރުމުގައި ލަންކާއިން ކުރި މަސައްކަތްތައްވެސް ފާހަގަކުރައްވާފައެވެ.

އަދި އީރާނުގައި ދިރިއުޅޭ ސްރީލަންކާގެ ރައްޔިތުން އެނބުރި ގައުމަށް ދާން ބޭނުންވެއްޖެ ނަމަ އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭން އީރާން ސަރުކާރުން އޮތީ ތައްޔާރަށް ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ލަންކާއަކީ ބޭރުން ތެޔޮ އެތެރެ ކުރާ ގައުމެކެވެ.

އެ ގައުމަށް އާއްމުކޮށް ތެޔޮ ގަންނަނީ ސިންގަޕޫރު، މެލޭޝިއާ އަދި ދެކުނު ކޮރެއާ އިންނެވެ.

މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައަޅަނީ!

ރައްޔިތުންގެ މަޖިލީހުގެ ވަކި އިންސައްތައެއް 30 އަހަރުން ދަށުގެ ޒުވާނުންނަށް ކަނޑައަޅަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަށް އިސްލާހު ގެންނައިރު، ދިރާސާ ކުރާ ދެ ކަމެއް އެބައޮތް ކަމަށެވެ. އެއްކަމަކީ މަޖިލިސް މެމްބަރުންގެ ތެރެއިން ވަކި އިންސައްތައެއް އެއީ 30 އަހަރުން ދަށުގެ ޒުވާނުންކަމުގައި ކަނޑައެޅުން ކަމަށް ރައީސް ވިދާޅުވިއެވެ.

“މިހާރު ނޯންނާނެ ވަކި އިންސައްތައެއް ޒުވާނުންނަށް ހަދާކަށް. މަޖިލިސް މެމްބަރުންގެ ތެރެއިން ވަކި އަދަދެއް ޒުވާނުންގެ ގޮތުގައި ކަނޑައެޅުމަށް.” ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ބަދަލު ގެންނަން ބޭނުންވާކަމަށް އެމަނިކުފާނު މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. މިހާރު އޮންނަ ގޮތުން ކޮންމެ 5،000 ރައްޔިތަކަށް އިތުރު މެމްބަރެއް އިންތިހާބު ކުރަން ޖެހެއެވެ.

“ފުރަތަމަ ފެށުނު އިރުގައި 70 ވަރަކަށް މެމްބަރުން ތިބީ. އިތުރުވަމުން ވެސް ގޮސް މިހާރު 93 މެމްބަރުން އެބަތިބި. ރާއްޖޭގެ އާބާދީ ބޮޑުވާ ވަރަކަށް އެ އަރައިފާނެ 100 އަށް ވެސް. އެއީ ރަނގަޅު ގޮތެއް ނޫން. އެހެންވީމަ މަޖިލީހުގެ މެމްބަރުންގެ އަދަދު އިތުރުވާ އިތުރުވުމަށް އިސްލާހެއް ގެންނަން ޖެހޭ. މިކަން ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހެ ގެނެސްގެން. މިކަން ކުރުމުގައި އިންތިހާބު އެއް ދުވަހުގައި ބޭއްވުމަށް ރައްޔިތުން ނިންމަވާ ގޮތެއްގެ މައްޗަށް ބިނާކޮށް އެކަން އިސްލާހުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ.” ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ގިނަ އިސްލާހުތަކެއް ގެންނަން އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ. މިސާލަކަށް ރިޔާސީ އިންތިހާބު އެއްބުރުން ބޭއްވުމަށް ދިރާސާއެއް ކުރިއަށް އެބަ ގެންދާ ކަމަށާއި އެއްބުރުން ވޯޓުލާގޮތަށް ނިންމާ ނިންމުން ވެސް ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާއި ގުޅިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ނޮވެމްބަރު 17 ގެ ބަދަލުގައި ނޮވެމްބަރު 11 ގައި ދައުރު ފެށުން ވެސް އެކަމާއި ވަނީ ގުޅިފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީއެންސީގެ ފޯކައިދޫ ސްޓްއަރިން ކޮމެޓީގެ ރައީސް އެމްޑީޕީއާ ގުޅިއްޖެ

ށ. ފޯކައިދޫގައި ހުންނަ ޕީއެންސީގެ ސްޓްއަރިން ކޮމެޓީގެ ރައީސް އަޙުމަދު ޖައިލަމް، ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ) ދޫކޮށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ޖައިލަމް އެމްޑީޕީއަށް ސޮއިކުރެއްވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ފޯކައިދޫގައި ބޭއްވި “ހޭވައްލާ ތައްޔާރު” ކެމްޕޭން ޖަލްސާގައެވެ. މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން ޖައިލަމް ވިދާޅުވީ، އޭނާ އެމްޑީޕީއާ ގުޅެން ނިންމީ ގައުމަށާއި ރަށަށް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށް ފެންނާތީ ކަމަށެވެ. އަދި އެމްޑީޕީއަކީ ރައްޔިތުންނަށް ފައިދާހުރި ކަންކަން ފެންނަ ގޮތަށް ކޮށްދީ، ނަމޫނާ ދައްކާ ޕާޓީއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ފައިސަލް ނަސީމް ވަނީ ޖައިލަމްއަށް މަރުހަބާ ވިދާޅުވެ، މިއީ އެމްޑީޕީގެ ކައުންސިލްތަކުން ކުރާ މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެފައެވެ.

ޓެކްސީ ލައިނަށް ހާއްސަ ނަމްބަރަކީ 1655

ސަރުކާރުން ތައާރަފް ކުރުމަށް ނިންމާފައިވާ ޓެކްސީލައިން “މާލެ ޓެކްސީ”އަށް ހާއްސަ ހޮޓްލައިނެއް ކަނޑައަޅައިފިއެވެ.

ޓެކްސީލައިން ހިންގައި އޮޕަރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ، ޓެކްސީ ހިދުމަތުގެ ހާއްސަ ހޮޓްލައިންއަކަށް 1655 ކަނޑައަޅާފައިވާ ކަމަށެވެ.

ސަރުކާރުން މި ހިދުމަތް ދޭން ނިންމާފައި ވަނީ އެޕްލިކޭޝަންއެއް މެދުވެރިކޮށެވެ. 24 ގަޑިއިރު ދޭ މި ހިދުމަތް ސީދާ ފަށާނެ ތާރީހެއް އަދި ނޭނގޭއިރު، މިކަމަށް ބޭނުން ކުރާނީ އިލެކްޓްރޯނިކް ވެހިކަލްކަން ފާހަގަކޮށްލަން ޖެހެއެވެ.

ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވީ ނަމަވެސް، އެކި ކަހަލަ ޝަކުވާތައް އޮންނަ ކަމަށެވެ. އެގޮތުން ދަތުރުތައް ނުނެގުމާއި، ބޭނުން އިރަކު ދަތުރެއް ކޮށްފައި ހުއްޓާލުން ފަދަ ޝަކުވާތައް އޮންނަ ކަމަށެެވެ. އަދި އެއްވެސް ކޮންޓްރޯލެއް ނެތި ހިދުމަތް ވެސް ދަނީ ދެމުންނެވެ.

ސަރުކާރުގެ ޓެކްސީލައިން ހިދުމަތުގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ހިދުމަތެއް ދިނުމެވެ.

ރެފަރެންޑަމް ވޯޓު ހުއްޓުވުމަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކޮށް، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމާ މެދު ނަގާ ރެފެރެންޑަމް ވޯޓުގައި އަހާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ، އެ ވޯޓު ހުއްޓުވުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބާ އެކު ކުރިއަށްގެންދަން ނިންމާފައިވާ މި ރެފެރެންޑަމްގައި އަހާ ސުވާލަކީ، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވުމަށް ފެނޭތޯ އެވެ.

މި ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމް އެވެ. ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ރައުފާ ހައިދަރު ސޮއިކުރައްވައި އެ ދެ ބޭފުޅުންނަށް ފޮނުއްވި ލިޔުމުގައި ބުނެފައިވަނީ، މި މައްސަލަ ހުށަހަޅާފައިވަނީ ކޯޓުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށްވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.

އައިކް އާއި ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވާ ގޮތުގައި، ރެފެރެންޑަމްގެ ވޯޓަށް އަހަން ޖެހޭނީ ގާނޫނުއަސާސީއަށް އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ އާއި، އެ އިސްލާހުގެ ސަބަބުން މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުވެގެންދާތީ އެކަމަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށެވެ.

ނަމަވެސް، ރައީސް މުއިއްޒު ނެރުއްވާފައިވާ ގަރާރާއި އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އިއުލާނުގައިވާ ސުވާލުގައި އެ ބައި ހިމަނާފައި ނުވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ. މީގެ އިތުރުން، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އިމުގެ ބޭރުން ވެސް ބައެއް ކަންކަން މި އިސްލާހުގެ ބިލުގައި ހިމަނާފައިވާ ކަމަށް ވަކީލުން ތުހުމަތު ކުރައްވައެވެ.

މި މައްސަލައިގެ އިތުރުން، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ތަސްދީގުކުރުމަށް އޮތް މުއްދަތު ހަމަވެފައިވާ ކަމަށް ވިދާޅުވެ، އެ ބިލު ބާތިލްކޮށްދިނުމަށް އެދިވަޑައިގެން ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ވެސް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. އެހެންނަމަވެސް، އަލީ ހުސައިން ހުށަހެޅުއްވި މައްސަލަ ބަލައިގަތުމާ މެދު ކޯޓުން ވަކި ގޮތެއް ނިންމިކަން އަދި ސާފުވެފައެއް ނުވެއެވެ.

އިޒްރޭލަށް ރެއާއި ދުވާލު ހަމަލާދޭން ރައީސް މުއިއްޒު ގޮވާލައްވައިފި

އިރާނުން ރެއާއި ދުވާލު އިޒްރޭލަށް ހަމަލާދިނުމަކީ އެމަނިކުފާނު ވަރަށް ބޭނުންވެވަޑައިގަންނަވާ ގޮތެއް ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، އިރާނުން ހަމަލާދޭން ޖެހޭނީ އިޒްރޭލަށް ކަމަށާއި އެއީ އެމަނިކުފާނު ބޭނުންވެވަޑައިގަންނަވާ ވެސް ގޮތް ކަމަށެވެ.

“އެ ހަނގުރާމަ ޖެހޭނީ މިހާރުން މިހާރަށް ހުއްޓެން. އެ ހަނގުރާމައިގައި ހަމަލާދޭ އެއްވެސް ފަރާތަކުން ދެމުން އެ ދަނީ ދީގެންވާނެ ހަމަލާއެއް ނޫން. އިރާނުން ހަމަލާ ދެންޏާ ދޭން ޖެހޭނީ ސީދާ އިޒްރޭލަށް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތް. އިޒްރޭލަށް ހަމަ ހަމަލާ ދޭންވީ ހަމަ ރެއާއި ދުވާލު. އަޅުގަނޑުމެން ވަރަށް ބޭނުން އެކަން އެގޮތަށް ދާން،” ރައީސް ވިދާޅުވި އެވެ.

އެމެރިކާއިން އަރަބި ގައުމުތަކުގައި ގާއިމްކޮށްފައިވާ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ވެސް ރައީސް މުއިއްޒު ވަނީ މިއަދު ހިތްވަރުދެއްވައިފަ އެވެ.

“މި ހަނގުރާމަ ކުރާ ދެ ފަރާތަށް، އިރާނަށް ހަމަލާ ދޭ އެމެރިކާ އާއި އިޒްރޭލުގެ ތަންތަނަށް [އަސްކަރީ ބޭސްތަކަށް] އެ ސަރަހައްދުގެ މުސްލިމުންނަށް ގެއްލުން ނުވާ ގޮތަށް އެކަން ހިނގުމަކީ ކަން ނޭނގެ މިކަން ވާން ޖެހޭނެ ގޮތަކީ. އެއީ ދިވެހި ސަރުކާރުގެ ސިޔާސަތަކީ،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު ހިތްވަރު ދެއްވިއިރު އެމެރިކާ ސަރުކާރުގެ ވަރަށް އިސް އޮފިޝަލަކު މިވަގުތު ހުންނެވީ ރާއްޖޭގަ އެވެ. ރާއްޖެ ވަޑައިގެން އުޅުއްވަނީ އެމެރިކާ ސަރުކާރުން ދެކުނާއި މެދުތެރޭ އޭޝިއާގެ ގައުމުތަކަށް ކަނޑައަޅާފައި ހުންނެވި ހާއްސަ މަންދޫބު ސާޖިއޯ ގޯ އެވެ. ރާއްޖެއަށް ކުރައްވާ ދަތުރުގައި ރައީސް މުއިއްޒުއާ ބައްދަލު ކުރަން ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، ހަނގުރާމައާ ގުޅޭ ގޮތުން ރާއްޖެއިން އެމެރިކާއާ ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި ހަނގުރާމައިގެ އެއްވެސް ކަމަކަށް އެމެރިކާއަށް އެހީތެރިކަން ފޯރުނުކޮށްދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

“އަޅުގަނޑު ބޭނުންވަނީ ބަލަން ކޮބައިތޯ ދައްކަން ބޭނުންވާ ވާހަކައަކީ. މި ހަނގުރާމައާ ބެހޭ ގޮތުން ވާހަކައެއް ދައްކަންޏާ އަޅުގަނޑު ދައްކާނެ ވާހަކައެއް ނޯންނާނެ. ރާއްޖޭގެ އެއްވެސް ސަރަހައްދެއް ނުލިބޭނެ މި ހަނގުރާމައަށް އަދި އެއްވެސް ހަނގުރާމައެއް ކުރާކަށް. އެކަމެއް ނުވާނެ،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދޭން ރައީސް މުއިއްޒު މިއަދު ހިތްވަރުދެއްވިއިރު، އިރާނުން ގަލްފުގެ ގައުމުތަކަށް ދިން ހަމަލާތައް އެމަނިކުފާނު އަދި ދިވެހި ސަރުކާރުން މީގެ ކުރިން ވަނީ ކުށްވެރިކޮށްފަ އެވެ. ހާރިޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަނގުރާމައިގައި ޝާމިލުވާ “ހުރިހާ ފަރާތަކުން ދޭ ހަމަލާތައް ވެސް ރާއްޖެއިން ކުށްވެރިކުރާ” ކަމަށެވެ.

ލިބިފައިވާ ބިން ސަރުކާރުގެ އިތުރުން އާއިލާއަށް ދޫކޮށްލެވޭ ގޮތަށް ބަދަލުކުރަނީ

ލިބިފައިވާ ބިން ސަރުކާރުގެ އިތުރުން އާއިލާއަށް ދޫކޮށްލެވޭ ގޮތަށް ބަދަލުކޮށް، މިހާރު ހުޅުވާފައިވާ އާއިލީ ބޯހިޔާވެހިކަމުގެ ސްކީމުގެ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދު ނޫނީ މާދަމާ، ބިން ދޫކޮށްލުމާ ބެހޭގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތު ގެޒެޓް ކުރައްވާނެ ކަމަށެވެ.

އެގޮތުން ކުރިން 400 އަކަފޫޓަށް ވުރެ ކުޑަ ބިމެއް އޮވެއްޖެއްޔާ ފްލެޓް ނުވަތަ ބިމެއް ލިބިއްޖެނަމަ ސަރުކާރަށް ލިބިފައިވާ ބިން ދޫކޮށްލުމުގެ އުސޫލަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި، ސަރުކާރުން ނެރޭ އާ އުސޫލުގެ ދަށުން ލިބިފައިވާ ބިން އާއިލީ ފަރާތަކަށް ދޫކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާ، އާ އުސޫލުގެ ދަށުން އާއިލީ ފަރާތްތަކުގެ ތެރެއިން ބިން ދޫކޮށްލެވޭނީ، އަނބިމީހާ، ފިރިމީހާ، ދަރިން ނުވަތަ އެއްބަނޑު އެއްބަފާ މީހުންނަށް ކަމަށް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން އެޕްލައި ކުރި ފަރާތްތަކަށްވެސް މި އާ އުސޫލުގެ ދަށުން ބިން ދޫކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

‘މިހާރު ސަރުކާރަށް ދޫކޮށްލަން ޖެހޭނީ ސަރުކާރުން ދީފައިވާ ފްލެޓެއް ދޫކޮށްލާފަ ދާން ޖެހޭ ހާލަތެއްގައި’ ރައީސް ވިދާޅުވިއެވެ.

އަދި އެ ބިމުގައި ގިނަ ފަރާތްތަކުން ލޯނު ނަގާފައި ހަދާފައި ހުރުމުންނާއި އަދި ގިނަ ބަޔަކު އެއަށް އިންވެސްޓް ކޮށްފައިވާތީ ސަރުކާރުން އެ ބިންތައް ނެގުމަށް ގަސްތު ނުކުރައްވާ ކަމަށްވެސް ރައީސް ވަނީ ވިދާޅުފައެއެވެ.

މީގެއިތުރުން، ޖޮއިންޓް އެޕްލިކޭޝަންގެ ތެރެއިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން، މުޅި ގޯތި އެއްކޮށް ދޫކޮށްފައި ހުރި ފަރާތްތައް އެޕްލައި ކޮށްގެން ލިބޭނަމަ ހުރިހާ ފަރާތްތަކުންވެސް ދައުލަތައް އެ ބިން ދޫކޮށްލަން ޖެހޭނެކަމަށާއި އަދި ލާއްޖައްސާ އުސޫލުގެ ތެރެއިން ވެސް ދޫކޮށްލާ މުޅި ގޯތި ސަރުކާރަށް ދޫކޮށްލަން ޖެހޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުފައެވެ.

ހަނގުރާމައިގެ އަސަރު ކުރާއިރުވެސް މަޖިލިސް އޮތީ ވާކޮށްލާފައި، ވަޒީރުން ހާޒިރުކޮށްދެއްވާ: މީކާއިލް

ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްލާފައި ކަމަށާއި އެކަމާ ގުޅޭ މައުލޫމާތު ހާމަ ކުރުމަށް މަޖިލީހަށް ވަޒީރު ހާޒިރު ކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ޓެގް ކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މީކާއިލް ވިދާޅުވީ ހަނގުރާމައިގެ ނޭދެވޭ އަސަރު ރާއްޖޭގެ އާންމު ރައްޔިތުންނަށް ފޯރަމުންދާއިރު، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އޮތް ރައްޔިތުންގެ މަޖިލިސް ވަނީ ވާކޮށްފައި ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ބާއްވަން ލާޒިމް ޖަލްސާތައް ވެސް ނުބާއްވާއިރު، ޕީއެންސީ އޮތީ ކެންޕޭނަށް ހުސްވެ ކަމަށެވެ.

މީކާއިލް ވަނީ ވަޒީރުން ހާޒިރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އެ ޕޯސްޓާއެކު މެންބަރު ވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން މަޖިލީހަށް ހާޒިރު ކުރަން އެދި، ކުރައްވަން ހުށަހަޅުއްވާފައިވާ ސުވާލުތައް ވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން މެންބަރު ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ނުރައްކާތެރިކަން  ދިވެހިރާއްޖެ އަށް އޮތީ ކިހާ މިންވަރަކަށް ކަން ދެނެގަނެވިފައިވާ ނަމަ އެ ކަމަށް ތައްޔާރު ވުމުގެ ގޮތުން އަޅަނީ ކޮން ފިޔަވަޅުތަކެއްތޯ މިނިސްޓަރާ ސުވާލު ކުރައްވާފަ އެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ހުރަސްކޮށް ޑިއެގޯ ގާސިއާ އަށް ހަމަލާ ދީފައިވާއިރު އެކަން ދިވެހިރާއްޖޭގެ ދިފާއީ ބާރަށް އެނގިފައިވޭތޯ ސުވާލު ކުރެއްވުމާއި އެފަދަ ކަންކަމުން ދިމާވެދާނެ ނުރައްކަލަކުން ދިވެހި ރައްޔިތުން ސަލާމަތް ކުރުމަށް ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މިހާތަނަށް އެއްވެސް ކަމެއް ކޮށްފައިވޭތޯ މިނިސްޓަރާ ސުވާލު ކުރުމަށް ވެސް ހިމަނުއްވާފައި ވެ އެވެ.

މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ގަވާއިދުގައި ލާޒިމު ކުރާ ދުވަސްތަކުގައި ވެސް ނުބާއްވާ، މެންބަރުންނަށް ވާނުވާ ވެސް އެންގުމެއް ނެތި ޖަލްސާތައް ކެންސަލް ކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. މިކަމުގެ ކަންބޮޑުވުން އިދިކޮޅު މެންބަރުން ދަނީ ތަކުރާރު ކޮށް ފާޅުކުރައްވަމުންނެވެ.

ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމަށް ތަކެތި ހުސްކުރުމަށް އަންގައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ސަރަޙައްދު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާތީ، އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި ނެގުމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާއިން އަންގައިފިއެވެ.

މިކަމާ ގުޅިގެން އެ ވުޒާރާއިން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވީ، ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން ރަސްމީ ފާލަމާ ހިސާބަށް މަގު ހެދުމުގެ މަސައްކަތް މާދަމާ ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، އެ ސަރަޙައްދުގައި ބަހައްޓާފައިވާ އެންމެހާ ތަކެތި މާދަމާ ހެނދުނު 6:00 ގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ. އަދި ކަނޑައެޅިފައިވާ ވަގުތަށްފަހު މަގުމަތީގައި ހުންނަ ތަކެތި އެ ވުޒާރާގެ ފަރާތުން ނަގާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 700 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މަސައްކަތް އަވަސްކުރުމަށްޓަކައި 4 ސެގްމަންޓެއްގެ މަސައްކަތް އެއްފަހަރާ ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން މާލޭގެ އުތުރު ފަރާތުން ބޮޑު ސަރަޙައްދެއް ބަންދުކުރެވޭނެއެވެ.

މި ސަރަޙައްދަކީ އަތޮޅުތެރޭގެ ފެރީތަކާއި އެހެނިހެން ދަތުރުފަތުރުތަކަށް ބޭނުންކުރާ މައި މަރުކަޒަކަށް ވުމާއެކު، ގިނަ އަދަދަކަށް ސައިކަލު ޕާކުކޮށްފައި އޮންނަ ސަރަޙައްދެކެވެ. މީގެ އިތުރުން ފެރީތަކުން ގެންނަ މުދާ ބާލާ ބަހައްޓާ ސަރަޙައްދެއް ކަމުން، މަސައްކަތް ފެށުމުގެ ކުރިން އެ

ސަރަޙައްދުގައި ހުރި މުދަލާއި އުޅަނދުތައް ނެގުމަކީ މަސައްކަތް ތަރުތީބުން ކުރިއަށް ގެންދިއުމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ފައްޓަވާފައިވާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރަށް ލުއިފަސޭހަ ކޮށްދިނުމަށް ހިންގޭ މުހިންމު މަޝްރޫޢެކެވެ.

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ ޑްރަގް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯގެ ޑްރަގް އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާރވިސް އިން މިއަދު ބުނީ މި މަހުގެ 20 ވަނަ ދުވަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

މިއީ ކެނަބިސް ފަތާއި ހަޝިޝް އޮއިލް އެެވެ. އެގޮތުން ފަސް ކިލޯއަށް ވުރެ ގިނަ ކެނަބިސް އެތެރެކުރަން އުޅުނެވެ. އަދި 6.5 ކިލޯގެ ހަޝިޝް އޮއިލް ވަނީ އަތުލައިގެންފަ އެވެ.

މިތަކެތީގެ މަގުމަތީ އަގު 9.6 މިލިއަނަށް ވުރެ އިތުރު ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ޤައުމީ އިނާމަށް ނަން ހުށައެޅުމަށް ބުދަ ދުވަހު ހުޅުވާލަނީ

މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ބުދަ ދުވަހު ހުޅުވާލުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

ޤައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އަންނަ ބުދަ ދުވަހުން ފެށިގެން އަންނަ މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2.00ގެ ނިޔަލަށެވެ.

މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ “ފޯމު ހުށަހެޅުން” ޕޯޓަލް މެދުވެރިކޮށެވެ. އިނާމަށް އެދި ފޯމުހުށަހަޅާއިރު ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން އިލްތިމާސްކޮށްފައިވެެއެވެ.

މިއަހަރުވެސް ޤައުމީ އިނާމަށް ހުޅުވާލުމަށް ނިންމަވާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ޤައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުޢިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވައިފައެވެ.

އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުންވެސް ޤައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށްވަނީ ހަމަޖައްސަވައިފައެވެ. ޤައުމީ އިނާމު ދެއްވާނީ، ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވުމަށްފަހު، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ޤައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ، މިއަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުއެވެ.