Advertisement

މޭރީގެ މަރު: އަންނަ މަހު ހުކުމް އިއްވަން ތާވަލުކޮށްފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހަށް ތާވަލުކޮށްފި އެވެ.

އެ މައްސަލައިގެ ހުލާސާ ބަޔާން އިއްވައި މައްސަލައިގެ އަޑުއެހުންތައް މިދިޔަ ހަފުތާގައި ވަނީ ނިންމާލައިފަ އެވެ. އަދި މައްސަލައިގެ ހުކުމް އިއްވުން އަންނަ މަހުގެ 12އަށް ވަނީ ތާވަލުކޮށްފަ އެވެ.

Advertisement

މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ދައުލަތުން ދައުވާކޮށްފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސްވައި ވާގަސް އާއި ޅ. ހިންނަވަރު/ މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހުމާނަށެވެ. މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ކުރިމިނަލް ކޯޓުގައި މާވިންއާއި ލަމްހާގެ ޝަރީއަތް މީގެކުރިން ގެންގޮސްފައިވަނީ ވަކިވަކިންނެވެ. ނަމަވެސް މިހާރު އެ ދެ މީހުންގެ ޝަރީއަތް ކުރިއަށްގެންދަނީ އެއްކޮށެވެ. މިއަދުގެ އަޑުއެހުމަށް ވެސް ދެ މީހުން ހާޒިރުކުރީ އެއްކޮށެވެ.

މި މައްސަލައިގައި މީގެ ކުރީން ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ބުނެފައިވަނީ މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި އޭނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ.

ހުއްދަ ނަގައިގެން ކުރާން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާ ލަމްހާގެ މައްޗަށް އުފުލާފައިވަނީ ކުރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ލަމްހާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީއެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން ހައްޔަރުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ލަމްހާ ހައްޔަރުކޮށްފައިވަނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މޭރީ ގްރޭސްގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ފިރިމީހާ މާވިން އެވެ. އެއިއިރު އެތާނގައި ތިބި ހޮސްޕިޓަލުގެ އެހެން މުވައްޒަފުން ކައިރީގައި ބުނެފައިވަނީ މޭރީ ގްރޭސް މަރުވެފައިވަނީ ދަންޖެހިގެން ކަމަށެވެ. ނަމަވެސް ފުލުހުން މައްސަލަ ތަހުގީގު ކުރީ މޭރީގެ މަރުގައި ޝައްކުތަކެއް ހުރުމުންނެވެ.

މި މައްސަލައިގައި ދައުލަތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި މޭރީގެ ޕޯސްޓްމޯޓަމް ހެދި އިންޑިއާގެ ޕެތޮލޮޖިސްޓެއް ކަމަށްވާ ޑރ. ސާލިނީ ބުނެފައިވަނީ އޭނާއަކީ 1،000 އަށްވުރެ ގިނަ ޕޯސްޓްމޯޓަމް ހަދާފައިވާ މީހެއް ކަމަށެވެ. އަދި އޭނާއަކީ ދުވަސްވީ ހަށިގަނޑުތަކާއި ވަޅުލައިފައިވާ ހަށިގަނޑުތަކުގެ ޕޯސްޓްމޯޓަމް ވެސް ހަދާ މީހެއް ކަމަށެވެ. މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދާފައިވަނީ މަރުވިތާ ދެ ހަފުތާ ފަހުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ދެ ހަފުތާ ފަހުން މޭރީގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ނަމަވެސް ހަށިގަނޑު ކުނިވާން ފަށާފައިނުވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ސަބަބަކީ ރާއްޖޭގައި މޭރީގެ ހަށިގަނޑު ބާއްވާފައިވަނީ މޯޗަރީއެއްގައި ކަމަށްވުން ކަމަށެވެ. ހަށިގަނޑު ކުނިވާން ފަށާފައިނުވާތީ އަދި ރައްކާތެރިކޮށް މޯޗާރީގައި ބާއްވާފައި އޮތުމުގެ ސަބަބުން ހަށިގަނޑުގެ ބޭރުގައި ހުރި ނިޝާންތައް ރަނގަޅަށް ދެނެގަނެވެން ހުރި ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

މޭރީގެ ޕޯސްޓްމޯޓަމް ހެދިއިރު ކަރުގެ ކަށިތަކާއި ނާރުތަކަށް ގެއްލުން ވެފައި ނުވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. އަދި ޕުއްޕާމެއަށް ލޭއެޅިފައިވާކަމުގެ އިތުރުން ބޮލަށް އަނިޔާތަކެއްވެފައިވާކަން ފާހަގަކުރެވުނު ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ހަށިގަނޑުގެ ބޭރުގައި ހުރި އަނިޔާތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. މޭރީގެ ކަރުގެ ތައިރޮއިޑް ކާޓްރިޖަށް އަނިޔާތަކެއް ވެފައިވާ ކަމަށް ވެސް ހެކިވެރިޔާ ބުނެފައިވެއެވެ.

ހެކިވެރިޔާ ބުނީ ދަންޖެހިގެން މަރުވެފައިވާ މީހެއްގެ ހަށިގަނޑުގެ ކަރުގެ ކަށިތަކަށާއި، ނާރުތަކަށް ގެއްލުންވާނެ ކަމަށެވެ. މޭރީގެ ފުއްޕާމެއަށް ލޭ އެޅިފައިވަނީ ނޭވާ ހޮޅި ނުވަތަ ވައި ހޮޅި ބެއްދުމުގެ ސަބަބުން ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ. ބޮލަށް އަނިޔާވެފައިވަނީ މޭރީގެ ބޯ ހަރުތަނެއްގައި ވަރަށް ބާރަށް ޖައްސައިފައިވުމުގެ ސަބަބުން ކަމަށެވެ. މޭރީގެ ތައިރޮއިޑުގެ ކާޓްރިޖަށް އަނިޔާވެފައިވަނީ އެހެން މީހަކު މޭރީގެ ކަރަށް ބާރަށް ފިތާލުމުގެ ސަބަބުން ކަަމަށް ލަފާކުރެވޭ ކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

“އަޅުގަނޑު ޕޯސްޓްމޯޓަމް ހެދީ ދަންޖެހިގެން މަރުވި ހަށިގަނޑެއްގައެއް ނޫން. ހަށިގަނޑުން ދަންޖެހިގެން މަރުވިކަމުގެ ނިޝާނެއް ނެތް ނެތް. މަރުވީ ބޮލަށާއި، ކަރަށް އަދި ފުއްޕާމެއަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން،” ހެކިވެރިޔާ ބުނެފައިވެއެވެ.

މޭރީގެ ހަށިގަނޑުން ނެގި ސާމްޕަލްތަކުގެ ޓޮކްސޮލޮޖީ އެނަލިލިސް ހެދި އިންޑިއާގެ ފޮރެންސިކް ތަޖުރިބާކާރަކު ހެކިބަސް ދެމުން ބުނެފައިވަނީ މޭރީ ގްރޭސްގެ ހަށިގަނޑުން ނެގި ލޭގެ ސާމްޕަލުން ނުރައްކާތެރި “ސަކްސިނައިލްކޮލިން”ގެ އަސަރު ފެނުނު ކަމަށެވެ.

މެރީޭގެ ލޭގެ ސާމްޕަލުން ސަކްސިނައިލްކޮލިންގެ އަސަރު ފެނިފައިވަނީ އާންމުކޮށް ކޭސްތަކުގައި ގެންނަ ބްލަޑް ސާމްޕަލްތަކުގައި ހުންނަ މިންވަރަށްވުރެ މަދުންކަމަށް ހެކިވެރިޔާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން: ވޯޓު ލެވޭ ގަޑި 5އަށް އިތުރުކޮށްފި

ތާރުއަޅާތީވެ، ބޮޑުތަކުރުފާނުމަގު އުތުރުފަރާތް ބަންދުކުރަނީ

ބިދޭސީން ވިޔަފާރިކުރަމުން ދިޔަ ހަ ތަނެއް ބަލައި، ހަތް މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

އުތުރާއި މެދުރާއްޖެތެރެއަށް މިއަދު މޫސުން ގޯސްވާނޭ: މެޓް