ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް!

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށްޓަކައި ނަގާ ރެފަރެންޑަމް ވޯޓު ހުއްޓުވައިދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.

ހައިކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު މަރިޔަމް ޝުނާނާއެވެ. ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ވަނީ ރިފަރެންޑަމް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައެވެ.

މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި ރިފަރެންޑަމާ ގުޅޭ މައުލޫމާތު، ވޯޓު ކަރުދާހުގެ ނަމޫނާ އާއި ބިލާއި ރިޔާސީ ގަރާރު އެއް ތަނަކުން ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސަފައި ނެތުމާއި، އިންތިހާބާ ގުޅޭ ކަންކަމަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނެތުން ހިމެނެއެވެ.

މީގެ އިތުރުން، މި އިސްލާޙުގެ 4 ވަނަ މާއްދާގައި ހިމެނިފައިވާ ކަންކަމަކީ ޤާނޫނު ތަސްދީޤުކުރުމާއެކު ޤާނޫނުއަސާސީގެ ތެރެއަށް ވަންނާނެ މާއްދާއެއްތޯ ނުވަތަ ނޫންތޯ އުފެދިފައިވާ ސުވާލު ވެސް ޝުނާނާ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން އެ މާއްދާގައި އޮންނަނީ މި ޤާނޫނަށް އަމަލުކުރަން ފަށާއިރު ހިނގަމުންދާ މަޖިލީހުގެ އުމުރު 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ހަމަވާނެ ކަމަށާއި، މަޖިލިސް މެމްބަރުން ހޮވުމަށްޓަކައި ޤާނޫނަށް އަމަލުކުރުމަށް ފަހު އެންމެ އަވަހަށް ބާއްވަންޖެހޭ އިންތިޚާބު ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބާއްވައި، އެ މަޤާމުތަކަށް މީހުން އައްޔަނު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަމެއް ނިންމައި،  2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފުރަތަމަ ޖަލްސާ ބާއްވަންޖެހޭނެ ކަމަށެވެ.

ޝުނާނާ ހުށަހެޅުއްވި މައްސަލައިގައި ބަޔާން ކުރައްވާފައިވަނީ، މަޖިލީހުގެ ދައުރު ޑިސެމްބަރު 1، 2028 ގައި ހަމަވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވާނީ ފަސް އަހަރުގެ މުއްދަތަށް އިންތިހާބުކޮށް ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވުމުގެ ގާތްގަނޑަކަށް 177 ދުވަސް ކުރިން މަޖިލީސް އުވާލެވިގެން ކަމަށާއި، އެކަން ގާނޫނުއަސާސީ އަށް ގެންނަ އިސްލާހެއްގެ ގޮތުގައި ހިމަނާފައި ނެތް ކަމަށެވެ.

މި އިސްލާޙު މިހާރު އޮތް ގޮތުން 4 ވަނަ މާއްދާ އަންނަނީ ޤާނޫނުއަސާސީގެ ކޮން ހިސާބަކަށްކަން ވެސް އެނގޭކަށް ނެތްކަމަށް ޤާނޫނީ ބައެއް ބޭފުޅުންވެސް ގެންދަނީ ފާހަގަ ކުރައްވަމުންނެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރި ހަރަދަށް، ދެ އަހަރުގެ ކުލި ކަނޑާލައިފި

ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތްތަކަށް ކުރި ހަރަދަށް، ފްލެޓުތަކުގެ ދެ އަހަރުގެ ކުލި ކަނޑާލައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހިޔާ ފްލެޓުތަކުގެ ފިނިޝިން މަސައްކަތަށް ކުރަން ޖެހުނު ހަރަދުތަކަށް، ފްލެޓުތަކުގެ ވެރިންނަށް ބަދަލެއްގެ ގޮތުގައި 200،000 ރުފިޔާ ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. އެ ވައުދުފުޅާ އެއްގޮތަށް ހިޔާ ފްލެޓުތަކުގެ ޖުމުލަ ކުލިން 220،000 ރުފިޔާ މައާފުކޮށްދިނުމަށް ނިންމާފައިވާކަން އެޗްޑީސީން ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކޮށްފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ސޮއިކުރައްވައި، މިމަހުގެ 26 ގައި ފުލެޓުތަކުގެ ވެރިންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މިމަހުގެ 23 ގެ ނިޔަލަށް ދެ ލައްކަ ރުފިޔާގެ ތެރެއިން ޑިސްކައުންޓުން ނުދެވިވާ އަދަދާއި ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދުގެ ތަފްސީލުތައް ހިއްސާކޮށްފައެވެ.

އެ ސިޓީގައި ވަނީ، ރައީސްގެ ވައުދުފުޅު އެންމެ ފުރިހަމައަށް ހާސިލުކުރުމަށްޓަކައި އަންނަ ބުދަ ދުވަހުން ފެށިގެން ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަމަށެވެ. އަދި ފިނިޝިންއާ ގުޅިގެން ކޮންމެ ފްލެޓަކަށް ދޭން ކަނޑައަޅާފައިވާ ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުން މިހާތަނަށް ނުދެވިވާ ފުލެޓުގެ ކުލީގެ ގޮތުގައި (މެނޭޖްމަންޓު ފީ ނުހިމަނައި) ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރެވިގެންދާނެ ކަމަށް ސިޓީގައިވެއެވެ.

ކުލީގެ ގޮތުގައި ދައްކަން ޖެހި ނުދެއްކިވާ އަދަދު އުނިކުރުމަށްފަހު ބާކީވާ ނަމަ، ނުވަތަ ފްލެޓުގެ ކުލީގެ ގޮތުގައި ދައްކަންޖެހި ނުދެއްކިވާ ފައިސާއެއް ނެތް ނަމަ، ޑިސްކައުންޓަށްލާ ބައި (މަހަކު 5300 ރުފިޔާގެ ރޭޓުން) ހަމަވަންދެން ކުލި ދައްކަން ނުޖެހޭނެ ކަމަށާއި ނަމަވެސް އަންނަ ބުދަ ދުވަހުން ފެށިގެން މެނޭޖްމަންޓު ފީ ގަވާއިދުން ދައްކަން ޖެހޭނެ ކަމަށް ސިޓީގައިވެއެވެ.

ކުލި ދެއްކުން މެދުކަނޑާލެވޭ މުއްދަތު (ރެންޓް ފްރީ ޕީރިއަޑް) އެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަންނަ މަހުގެ އެކެއްވާ ބުދަ ދުވަހުން ފެށިގެން 2028 ވަނަ އަަހަރުގެ މާޗް 1 ގެ ނިޔަލަށެވެ. އެއީ ދެ އަހަރުގެ މުއްދަތަކަށެވެ.

ސިޓީގައި ވަނީ، ދެ ލައްކަ ރުފިޔާގެ ޑިސްކައުންޓުދީ ހަމަވުމުން، އަންނަ ބުދަ ދުވަހުން ފެށިގެން ފްލެޓުގެ އަގު ދައްކައި ހަލާސްކުރެވެންދެން، މެނޭޖްމަންޓު ފީ ނުހިމަނައި ފްލެޓުގެ މަހު ކުއްޔަކީ 5300 ރުފިޔާ ކަމަށް ކަނޑައަޅާފައިވާނެ ކަމަށެވެ.

އެ ބަދަލާ ގުޅިގެން އެ ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެންކަމުން މި މަސް ނިމުމުން، މި މަހުގެ ނިޔަވަލަށްވާ ބެލެންސް އަދަދަށް ބަލައި، އޭގެ ތަފްސީލު ޕޯޓަލް މެދުވެރިކޮށް ހިއްސާކުރެވޭނެ ކަމަށް ވެސް ސިޓީގައިވެއެވެ.

އެ މުއްދަތަށްފަހު ވެސް ހިޔާ ފުލެޓުގެ ކުލި އިތުރަށް ބޮޑުނުވާނެ ގޮތަށް އެގްރިމަންޓުތައް ބަދަލުކޮށްދެއްވާނެ ކަމަށް މިދިޔަ ޑިސެމްބަރު މަހުގެ 18 ގައި ހުޅުމާލޭ ފޭސް އެކެއްގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

އީރާނުގެ ނޭވީ ޗީފް އަވަހާރަވެއްޖެކަން އިރާނުން އިއްލާންކޮށްފި

އީރާނުގެ އިސްލާމިކް ރިވެލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ކަނޑުގެ ސަފުތަކުގެ ކޮމާންޑަރު، އަލީރިޒާ ތަންގްސީރީ އަވަހާރަވެފައިވާކަން އެ ޖަމާއަތުން އިއުލާންކޮށްފިއެވެ. އައިއާރުޖީސީން ބުނާ ގޮތުގައި އޭނާ ޝަހީދުވީ އެމެރިކާއާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

އައިއާރުޖީސީގެ ބަޔާނުގައިވާ ގޮތުން، ރިއަރ އެޑްމިރަލް ތަންގްސީރީ އަވަހާރަވީ ދާދި ފަހުން ދިން ހަމަލާއެއްގައި ލިބުނު ޒަޚަމްތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ. ނަމަވެސް، މި ހާދިސާ ހިނގި ވަގުތާއި ތަނުގެ ތަފްސީލެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅޭ މިނިވަން އެއްވެސް މަސްދަރަކުން މިހާތަނަށް މި މައުލޫމާތު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ތަންގްސީރީއަކީ އީރާނުގެ ކަނޑުގެ އަސްކަރީ ސްޓްރެޓެޖީ އެކުލަވާލުމުގައި، ހާއްސަކޮށް ހޮރްމުޒް ކަނޑުއޮޅީގައި އައިއާރުޖީސީން ހިންގާ ހަރަކާތްތަކުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅާއެވެ. އޭނާގެ ބެލުމުގެ ދަށުން އެ ސަރަހައްދުގައި އީރާނުގެ އަސްކަރީ ބާރު ދެއްކުމާއި، ހަލުވި ހަމަލާތައް ދޭ އުޅަނދުފަހަރު ބޭނުންކޮށްގެން ހިންގާ އޮޕަރޭޝަންތައް ވަނީ ވަރުގަދަކޮށްފައެވެ.

މި ޚަބަރު ކަށަވަރުވެއްޖެ ނަމަ، މިއީ ފަހުގެ ތާރީޚެއްގައި އީރާނުގެ އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ވެރިއަކު އަވަހާރަކޮށްލެވުނު ފުރަތަމަ ފަހަރަށް ވާނެއެވެ. މިއީ ސަރަހައްދީ މަސްލަހަތު އިތުރަށް ގޯސްވެ، މަސްރަހު ނުތަނަވަސްވެގެންދާނެ ކަމެއް ކަމަށް މުހައްލިލުން ދެކެއެވެ. އަދި އީރާނުގެ ދިފާއީ ނިޒާމުގައި އައި.އާރު.ޖީ.ސީ ނޭވީގެ މުހިންމުކަމަށް ބަލާއިރު، މީގެ ބަދަލުހިފުމުގެ ގޮތުން ތެހެރާނުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފާނެ ކަމުގެ އިންޒާރުވެސް މުހައްލިލުން ދެއެވެ.

މި ހަމަލާއާ ގުޅޭގޮތުން އެމެރިކާގެ ވޮޝިންގޓަނުން ނުވަތަ އިސްރާއީލުގެ ތެލް އަވީވުން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން މި މަހުގެ 26 ވަނަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އަލީރިޒާ ތަންގްސީރީ އަވަހާރަވީ ބަނދަރު އައްބާސްގެ އައްސޭރިފަށުގެ ސަރަހައްދަކަށް އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ދިން ހަމަލާއެއްގައެވެ.

އެމެރިކާގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް

އެމެރިކާގައި ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރުން މައްޗަށް އަރައިފި އެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އިރާނަށް ދިން ހަމަލާއަށް މަހެއް ވެފައިވާއިރު ހަނގުރާމަ ފެށިފަހުން މެދުއިރުމަތިން ތެޔޮ ބޭރުކުރާ މައި މަގު ހޮރުމޯޒު ކަނޑު އޮޅި ބަންދުކޮށް ގިނަ ފިޔަވަޅުތަކެއް އިރާނުން އެޅުމާއެކު ތެލުގެ ބާޒާރަށް ވަނީ އެކަމުގެ އަސަރު ކުރަން ފަށާފައެެވެ.

އެމެރިކާގައި ވެސް ތެލުގެ އަގު ބޮޑުވެ އެންމެ ފަހުން އެގައުމުން ސާފު ނުކުރާ ތެޔޮ ފީފާއެއް 100 ޑޮލަރުން މައްޗަށް އަރާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ހަނގުރާމަ ދިރާސާ ކުރާ ފަރާތްތަކުން ވަނީ އެމެރިކާއިން އިރާނަށް އެއްގަމު މަގުން އެރުމަށް ނިންމުމާއެކު އެގައުމުގައި ތެލުގެ އަގު ބޮޑުތަނުން މަތިވެ އެކަމުގެ ސަބަބުން ތަކެތީގެ އަގުވެސް އުފުލިގެންދާނެ ކަމަށް ބުނެފައެވެ.

އެމެރިކާގައި ސާފު ނުކުރާ ތެޔޮ އަގުބޮޑުވެފައިވާއިރު ބައިނަލްއަގުވާމީ މާކެޓުގައި ވެސް ސާފުނުކުރާ ތެޔޮ ފީފާއެެއްގެ އަގު ވަނީ 112.78 އެމެރިކާ ޑޮލަރަށް އަރާފައެވެ.

އިރާނަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ: ސްޕެއިން

އިރާނަށް ހަމަލާދިނުމަށް ވައިގެ ސަރަހައްދު ބޭނުން ނުކުރެވޭނެ ކަމަށް ސްޕެއިން އިން ބުނެފިއެވެ.

ސްޕެއިންގެ ޑިފެންސް މިނިސްޓަރު މާގަރިތާ ރޮބްލެސް ވަނީ އެމެރިކާއިން އިރާނަށް ހަމަލާދިނުމަށް ބޭނުންކުރާ އެއްވެސް ފްލައިޓަކަށް ސްޕެއިންގެ ވައިގެ ސަރަހައްދު ބަންދު ކަމަށް ވިދާޅުވެފައެވެ.

ރޮބްލެސް ވަނީ އެގައުމުގެ މިލިޓަރީ ބޭސްތައް ކަމަށްވާ މޮރޮންގެ އިތުރުން ރޯޓާ ބޭސް ވެސް އެއްވެސް ބޭނުމެއްގައި އެމެރިކާއަށް ބޭނުން ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. ސްޕެއިން ސަރުކާރުން ވަނީ އިރާނާ ދެކޮޅަށް އެމެރިކާއިން ހަމަލާ ދޭން ފެށުމާއެކު އެބޭސްތައް ބޭނުން ނުކުރެވޭނެ ކަމަށް ސާފުކޮށް ބުނެފައި ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

ސްޕެއިންގެ ފޮރިން މިނިސްޓަރު ޖޯސް މަނުއެލް އަލްބަރެސް ވިދާޅުވީ އެގައުމުން ނިންމި ނިންމުމަކީ މިދަނޑިވަޅުގައި ހަނގުރާމަ އިތުރަށް ފުޅާވުން ހުއްޓުވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ސްޕެއިން ސަރުކާރުގެ ނިންމުމާއެކު އެމެރިކާގެ ވައިޓް ހައުސް އިން ވަނީ އެމެރިކާއިން އިރާނާ ދެކޮޅަށް ފަށާފައިވާ އޮޕަރޭޝަން ”އެޕިކް ފިއުރީ” އަށް ސްޕެއިންގެ އަދި އެހެން ފަރާތެއްގެ އެހީތެރިކަމެއް ބޭނުން ނުވާކަމަށް ބުނެފައެވެެ.

އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި އެމެރިކާއާ އެކު ބައިއަތު ހިފުމަށް އެކަމުން ދުނިޔޭގެ ނުފޫޒު ގަދަ ބޮޑެތި ގައުމުތަކުގައި އެދުމުން ވެސް އެގައުމުތަކުން ވަނީ ހަނގުރާމައިގައި ބައިވެރި ނުވުމަށް ނިންމާފައެވެ.

ސައުދިއާއިން ރާއްޖެއަށް ދަތުރުކުރަން ފެށިތާ 10 އަހަރު ފުރުން ފާހަގަކޮށްފި

ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކޮށްފި އެވެ.

ސައުދިއާއިން ރާއްޖެއަށް ދަތުރުތައް ފެށީ 30 މާރިޗު 2016 ގައެވެ.

އެމްއޭސީއެލުން ބުނީ އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށިތާ އަހަރު 10 ފުރުން ފާހަގަކުރުމުގެ ގޮތުން އިއްޔެ ރާއްޖެ އައި ސައުދިއާގެ ފްލައިޓް, SV838ގެ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔައިފައިވާ ކަމަށެވެ. އަދި އެ އެއާލައިނުން އިއްޔެ ފުރި ފަސިންޖަރުންނަށް ހަދިޔާ ދީފައިވާ ކަމަށެވެ.

ސައުދިއާއިން ރާއްޖެއަށް ފާއިތުވި އަހަރު 10ގައި ދަތުރު ކޮއްފައި ވާއިރު އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރުން ރާއްޖެ އާއި ސައުދީ އާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރެވިގެން ގޮސްފައިވާ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

ކެނަބިސް ޓްރެފިކް ކުރި މީހަކު 12 އަހަރަށް ޖަލަށް

ކެނަބިސް ޓްރެފިކް ކުރި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ފުލުހުން ބުނީ މިމަހުގެ 25ގައި ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދަފްތަރު. ނަންބަރު ދރ. 2069 / މާލެ، ހަމްދޫން އަހްމަދު (31އ) ގެ މައްޗަށް ކަމަށެވެ.

އޭނާގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގެ ކުށް ސާބިތުވުމުން 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށް، އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމްދޫން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމާއި އެ ތަކެތީގެ ވިޔަފާރިކުރި މައްސަލައިގައި 2024 ފެބުރުއަރީ ހަތް ވަނަ ދުވަހުއެވެ.

އެސްޑީއެފަށް 400 މިލިޔަން ރުފިޔާ ޖަމާކޮށްފި

މި އަހަރުގެ މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް، އެސްޑީއެފަށް 400 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާގޮތުން މި މަހުގެ 19ގެ ނިޔަލަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ޖުމްލަ 425.1 މިލިޔަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 8.6 ޕަސަންޓެވެ.

މިއަހަރުގެ މިހާތަނަށް ދަރަނިތައް އަނބުރާ ދެއްކުމަށް 809.6 މިލިޔަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ސޮވަރިން ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި އަދި ބޭރުގެ ލޯނުތައް ދެއްކުމާއި އިގްތިސޯދީ ލޮޅުންތަކުން އައިސްދާނެ ގެއްލުމަކުން އަރައިގަތުމަށް އެމްއެމްއޭގައި އުފައްދާފައިވާ ސަރުކާރުގެ ވަކި ފަންޑެކެވެ.

މި މަހުގެ ދެ ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައިރާއްޖޭގެ ގްރޮސް ރިޒާވް ތާރީހުގައި މައްޗަށް ނުދާވަރަށް ގެންދެވިފައިވާ ކަމަށެވެ. އެގޮތުން ގްރޮސް ރިޒާވްގައި 1.27 ބިލިއަން ޑޮލަރު ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

18 ބިދޭސީން ބަލައި ފާސްކޮށް 1 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ތެރެއިން މާލެއިން 18 ބިދޭސީން ބަލައި ފާސްކޮށް އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެެ.

އިމިގްރޭޝަނުން މިއަދު ވިދާޅުވީ، މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މި މަހުގެ 28 ވަނަ ދުވަހު ގެންދިޔަ އޮޕްރޭޝަންގައި 18 ބީދޭސީން ބަލައި ފާސްކޮށް، އެއް ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ އަތުލައިގަނެފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

އިމިގްރޭޝަނުން ކުރަމުން އަންނަ މި މަސައްކަތަކީ ރާއްޖޭގައި އެތައް އަހަރެއް ވަންދެން ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް ހަރަކާތްތެރިވަމުން އަންނަ ބިދޭސީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.

ވަޒީފާއިން ވަކިކުރާ މީހުންނަށް މުސާރަ ދޭނަން: ޣަފޫރު

މި ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކުރާ މީހުންނަށް، އެމްޑީޕީ ސަރުކާރެއް އިންތިޚާބު ވަންދެން މުސާރަ ދޭނެ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ވާދަވެރިކަން ބޮޑުވެފައިވާއިރު، އިދިކޮޅު އެމްޑީޕީން ވަނީ މި ސަރުކާރުން ސިޔާސީ ސަބަބުތަކާ ހެދި ބައެއް މީހުން ވަޒީފާއިން ވަކި ކުރާ ކަމަށާއި ބައެއް ރަށްރަށުގައި ވަޒީފާތައް ‘ބަހަމުން’ އަންނަ ކަމަށް ވެސް ތުހުމަތުކޮށްފައެވެ.

ކުޅުދުއްފުށި ސިޓީގައި އޮތް ޖަލްސާގައި އެ ތުހުމަތުތަކާ ގުޅުވައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ، މި ސަރުކާރުގައި ނުހައްގުން މީހުން ވަޒީފާއިން ވަކިކުރުމުގައި ބައިވެރިވާ މީހުން، އެމްޑީޕީގެ ސަރުކާރެއްގައި ގާނޫނުގެ ކުރިމައްޗަށް ގެނެސް، ޖަލަށް ލާނެ ކަމަށެވެ.

ވަޒީފާއަށްބިރު ނުތިބެ، ސަރުކާރާ ދެކޮޅަށް ވޯޓުލާން ނިކުތުމަށް ގޮވާލައްވައި ޣަފޫރު ވަނީ، ވަޒީފާއިން ވަކި ކުރާ މީހުންނަށް މާލީ އެހީވާނެކަން ހާމަކުރައްވާފައެވެ.

ވަޒީފާއިން ކަނޑާލާ ކޮންމެ މީހަކަށް އަޅުގަނޑުމެން ވެރިކަމާ ހަވާލުވުމާ ހިސާބަށް މުސާރަ ދޭނަން. ބިރު ގަންނާކަށް ނުޖެހޭއެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ)

އޭނާ ވިދާޅުވީ، މި ސަރުކާރުން އިންތިޚާބާ ދިމާކޮށް ‘ބަހައިފައިވާ’ ވަޒީފާތަކުން، ހޮނިހިރު ދުވަހުގެ ފަހުން މީހުން ވަކި ކުރާނެ ކަމަށާއި އެއްވެސް މީހެއްގެ އަތުގައި ދާއިމީ ޗިޓެއް ނޯންނާނެ ކަމަށެވެ.

ސަރުކާރުން އެގޮތަށް ދީފައިވާ ވަޒީފާތަކުގައި، އޮފީހަށް ނުގޮސް، ފޯނުން އެޓެންޑެންސް ހަދައިގެން މުސާރަ ނަގާ 1،500 މުވައްޒަފުން އެކި އިދާރާތަކުގައި އެބަތިބި ކަމަށް ޣަފޫރު ތުހުމަތުކުރެއްވިއެވެ. އެ މުވައްޒަފުންނަށް މަހު މުސާރައަށް 67،000 ރުފިޔާގެ އިތުރަށް، އިތުރު ގަޑީގެ ފައިސާ ވެސް ލިބޭ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

ޣަފޫރު އެފަދައިން ވިދާޅުވިއިރު، ކައުންސިލް އިންތިޚާބަށް ކައިރިވެފައި ވަނިކޮށް ސަރުކާރުގެ އެކި އިދާރާތަކުން އަންނަނީ ވަޒީފާތަކަށް މީހުން ހޯދަން އިއުލާނުކުރަމުންނެވެ.

މިގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް 91 އިއުލާނެއްގެ ދަށުން އެމްޓީސީސީން ޖުމްލަ 1،185 ވަޒީފާއަކަށް ހުޅުވާލާފައިވާއިރު، ކަސްޓަމްސްއިން ވެސް ވަނީ 48 މުވައްޒަފުން ހޯދަން އިއުލާނުކޮށްފައެވެ.

އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބޮޑެތި ކުންފުނިތަކުން ވަޒީފާތައް “ބެހުން” ވެފައިވަނީ ސަރުކާރުތަކުން ވަރަށް އާންމުކޮށް ކުރާ ކަމަކަށެވެ. ކޮރަޕްޝަނަށް މަގުފަހިވާހެން ސަރުކާރުގެ މިފަދަ ވަސީލަތްތައް ބޭނުންކުރާކަމަށް މީގެ ކުރިން އާންމުކޮށްފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓުތަކުން ވެސް ހާމަވެއެވެ.

މިގޮތަށް ވަޒީފާ ދިނުން އެންމެ އާންމު ކުންފުނިތަކުގެ ތެރޭ ގެއްލުމުގައި ހިންގާ ފެނަކައާއި، ހިންގުން ދަށްވަމުން އަންނަ އެންމެ ބޮޑު އެއް ކުންފުނި އެމްއޭސީއެލް، ސްޓެލްކޯ، އަދި އާރުޑީސީ ފަދަ ކުދިކުދި ކުންފުނިތައް ވެސް ހިމެނެއެވެ.

އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތްދެވޭ ގޮތަށް ފުޅާކުރަނީ

އެމަޖެންސީ ނޫން ބައެއް ހާލަތްތަކުގައި ވެސް އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ޚިދުމަތް ދޭ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ހާމަކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި ފެށޭ އޭޕްރިލް މަހުން ފެށިގެން އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް އާންމުންނަށް ހޯދޭނެ އިތުރު ގޮތްތަކެއް ސަރުކާރުން ކަނޑައަޅައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި، ކުއްލި ހާލަތުގައި ނުވަތަ އެމަޖެންސީގައި ފަރުވާއަށް ހޮސްޕިޓަލަށް ގެންދާ ފަރާތްތަކާއި، މައްޔިތުންގެ އިތުރުން، އެނދުމަތިވެފައިވާ ފަރާތްތަކާއި، އައުޓްޕޭޝަންޓު ޚިދުމަތް ނެގުމަށް ފުރޮޅުލީގޮނޑީގައި ގެންދެވޭ ފަރާތްތަކާއި ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނާއި، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އާސަންދަ މެދުވެރިކޮށް, އޭޕްރިލް މަހުން ފެށިގެން އެމްބިއުލާންސްގައި ގެންދެވޭނެއެވެ.

ރައީސް ވިދާޅުވީ، މި ނިންމުން ސަރުކާރުން ނިންމާފައިވަނީ ޓެކްނިކަލް ފަންތީގައި ގިނަ ދުވަހު މަޝްވަރާކޮށް، ދައުލަތުގެ ބަޖެޓު ދިރާސާކޮށް، ހަދަންޖެހޭ ހިސާބުތައްވެސް ހެދުމަށްފަހު ކަމަށެވެ.

“ވަރަށް ގިނައިން އަންނަ ރިކުއެސްޓެއް ރައްޔިތުންގެ ފަރާތުން މިކަމަކީ (އާސަންދައިގެ ތެރެއިން އެމްބިއުލާންސްގެ ޚިދުމަތް ފުޅާކުރުމަކީ)، ވަރަށް ގިނަ ދަތިތައް ރައްޔިތުންނަށް ދިމާވާ، ވަރަށް ބޮޑަށް އެކަމުގެ ސަބަބުން ލުއިތަކެއް ބޭނުންވެގެން ދުވަސްތަކެއް ވެފަ އޮތް ކަމެއް ރައްޔިތުންގެ ފަރާތުން،” އެމަނިކުފާނު ވިދާޅުވިއެވެ.

މި ނިންމުމުގެ ސަބަބުން ރައްޔިތުންނަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރުވެސް، ހާލުބޮޑު ބަލި މީހުންނާއި އެމަޖެންސީކޮށް ފަރުވާ ބޭނުންވާ ފަރާތްތައް އެމްބިއުލާންސްގައި ހިލޭ ދަތުރު ކުރެވެއެވެ.

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ ބަޔަކަށް އޮޅުވައިލައިގެން 7 މިލިއަން ހޯދި ކިންގްސްޓަންގެ މައްޗަށް ދައުވާކުރަނީ

ސައިކަލު ވިއްކާކަމަށް ބުނެ ގިނަ އަދަދެއްގެ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވާ މައްސަލައިގައި ކިންގްސްޓަން ކުންފުނީގެ ވެރިޔާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ފުލުހުން ބުނީ، އެ ޚިދުމަތުގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަންސް އިން ތަހުގީގު ފުރިހަމަކުރުމަށްފަހު، މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި މި މަހުގެ ތިންވަނަ ދުވަހު ޕީޖީއަށް ފޮނުވައިފައިވާ ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވަނީ ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށާއި، އެ ކުންފުނީގެ ވެރިޔާ، ޕޯލާގްރޭސް/ ދ.ބަނޑިދޫ، އަޙްމަދު ޢާޠިފް ޙަސަންގެ މައްޗަށެވެ.

މި މައްސަލައަކީ 2023 ނޮވެމްބަރު މަހުން ފެށިގެން ކިންގްސްޓަން ހޯލްޑިންގްސް މޯލްޑިވްސްގެ ފަރާތުން ސައިކަލް ވިއްކާކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނަގައި، މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ތުހުމަތުކުރެވިގެން 2024 ވަނަ އަހަރުގެ އޯގަސްޓް އަށްވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ.

ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މައްސަލާގައި ޖުމްލަ 158 ފަރާތެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނަގާފައިވެއެވެ. އެގޮތުން ސައިކަލް ޕޭމަންޓުގެ ގޮތުގައި 7,193,764.00 ރުފިޔާ އާއި 8,398.18 ޑޮލަރު ނަގާފައިވާކަން ތަހުގީގަށް ކަށަވަރުކުރެވިފައިވާކަމަށް ވަނީ ބުނެފައެވެ.

މި މައްސަލައަކީ ގިނަ ބަޔަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މައްސަލައަކަށްވާއިރު، މިހާރު މި މައްސަލަ ވަނީ ޕީޖީ އޮފީހުގައި ދައުވާކުރުމުގެ މަރުހަލާގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.