ނައުޝާދުގެ މަރު: ދައުވާކުރި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމްކޮށްފި

މާލޭގެ މުރަނގަ މަގުގައި ހުންނަ ‘ކްރާސާ’ ފިހާރަ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހާދިސާއަކީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:28 އެހާކަންހާއިރު، މާފަންނު މުރަނގަ މަގުގައި ހުންނަ ‘ކްރާސާ’ ފިހާރަ ތެރެއަށް ބަޔަކު ވަދެ، އެ ފިހާރައިގެ ތެރޭގައި ހުރި މުހައްމަދު އަހްމަދު

ދީދީ (ނައުޝާދް، 30 އަހަރު) އަށް ތޫނު ހަތިޔާރަކުން ހަމަލާދިނުމުން ހިނގި ހާދިސާއެކެވެ. މި ހަމަލާގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް، ނައުޝާދް ނިޔާވީ ހަމަލާދިންތާ ތިން ދުވަސް ފަހުން، ފެބްރުއަރީ 27 ގައެވެ.

މި ގަތުލުގެ މައްސަލާގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި، ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ.

ނަމަވެސް،ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މި މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް ކްރިމިނަލް ކޯޓުން އަދި އާންމުކޮށްފައި ނުވާތީ، ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ސީދާ ސަބަބުތަކެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލައިގެ ޝަރީއަތް ފެށުނީއްސުރެ ދައުވާލިބޭ ދެ މީހުންވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރެވުނީ އޭނާ ހޯދުމަށް ފުލުހުން އިއުލާނުކޮށް، އޭނާ ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.

ކްރާސާ ފިހާރަތެރޭގައި ހިންގި މާރާމާރީގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ނައުޝާދު ނިޔާވެފައިވާއިރު މި ހަމަލާއަކީ މާލޭގެ ގޭންގުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ ‘ކުޑަހެންވޭރު’ ކިޔައިގެން އުޅޭ ބަޔަކާއި ‘އެންސީ’ ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވެފައިވެއެވެ.

އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކު ހުޅުވައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކު މިއަދު ހުޅުވައިފިއެވެ.

ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑު ޕާކެއް ހިމެނޭ ގޮތަށް ތަރައްގީކުރި މި ސްކޭޓިން ޕާކު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ސްކޭޓު ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢު ވިދާޅުވީ، މިއަދު ހުޅުވި ސްކޭޓު ޕާކުގެ ސަބަބުން، ސްކޭޓުކުރާ ކުދިންގެ ހުނަރު އާލާކުރެވި، ރާއްޖެއަށް ސްކޭޓުކުރުމުގެ ކުޅިވަރުން ރީތި ނަމެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ސްކޭޓު ޕާކު ތަރައްގީކުރީ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުންނެވެ.

މި ސްކޭޓް ޕާކު ހުޅުވުމާ ހަމައަށް، ސްކޭޓުކުރުމަށް އުސްފަސްގަނޑުގެ ވަކި ސަރަހައްދެއް ގިނަ އަދަދެއްގެ ކުދިން ބޭނުންކުރެއެވެ.

މާލޭގައި ސްކޭޓް އެރީނާއެއް ތަރައްގީ ކުރާއިރު ހުޅުމާލޭ ރެޑްބުލް ޕާކާއި ސެންޓްރަލް ޕާކްގައި މިހާރު ވެސް ސްކޭޓް ކުރަން ޚާއްސަ ސަރަހައްދުތައް ހުރެއެވެ.

ސްކޭޓް ކުރުމަކީ ގިނަ އަދަދެއްގެ ކުޑަކުދިން ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. ވަކިވަކި ޓީމްތައް ހަދައިގެންނާއި ކޯޗުން ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ގިނަ ކުދިންތަކެއް މި ކުޅިވަރު ކުޅެއެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވައްކަންކުރާ މީހަކު ހައްޔަރުކޮށްފި

އެކި ދުވަސް މަތިން ހުޅުމާލެ ހޮސްޕިޓަލުން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި އެވެ.

އެ ހޮސްޕިޓަލުން ވައްކަންކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 22 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މިދިޔަ އާދިއްތަ ދުވަހު ވަނީ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެއީ، މއ. ވިނަރެސް، ހުސެއިން ޝިހާމް، 40 އެވެ.

އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް ހަތް ދުވަސް ޖަހައިފަ އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ ޝިހާމް ދިރިއުޅޭ އެޕާޓްމަންޓު ބަލައިފާސްކުރިއިރު ހޮސްޕިޓަލުން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކޮމްޕިޓަރު ސިސްޓަމާއި ޕްރިންޓަރާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ހިމެނޭ ކަމަށް ބުންޏެވެ.

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ހަރަދު ކުޑަކުރަން މެލޭޝިއާގެ ސިވިލް ސާވަންޓުން ގެޔަށް

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ހެދި ހަކަތަ އިގްތިސާދު ކުރުމަށް، މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި ގާނޫނީ ބާރު ލިބިގެން އުފައްދާފައިވާ މުއައްސަސާތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރާ ގޮތަށް ހަމަޖައްސަން ނިންމައިފި އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް އިއުލާނުކުރެއްވި ގޮތުގައި މި އުސޫލަށް އަމަލުކުރަން ފަށާނީ މި މަހުގެ 15 އިން ފެށިގެންނެވެ.

ބުދަ ދުވަހުގެ ރޭ ބޮޑުވަޒީރު މިކަން އިއުލާން ކުރެއްވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުން ތެޔޮ ލިބުން ދަތިވެ، އެކަމުގެ އަސަރު އެ ގައުމަށް ކުރަން ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

“ކެބިނެޓުން މިހާރު ވަނީ ގޭގައި ތިބެގެން މަސައްކަތްކުރާ އުސޫލަށް އެއްބަސްވެފައި. މީގެ ބޭނުމަކީ ތެޔޮ ބޭނުންކުރާ މިންވަރު މަދުކޮށް، ގައުމުގެ ހަކަތައިގެ ސަޕްލައި ހަމަޖެހޭ ގޮތެއްގައި ދެމެހެއްޓުން،” ހާއްސަ ބްރީފިންއެއްގައި އަންވަރު ވިދާޅުވި އެވެ.

މިކަމުގެ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ. ނަމަވެސް، ވަރަށް އަވަހަށް އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މެލޭޝިއާއަކީ ތެލަށް ބޮޑު ސަބްސިޑީއެއް ދޭ ގައުމެކެވެ. ޝަރުތު ހަމަވާ ރައްޔިތުންނަށް ޕެޓްރޯލް ލިޓަރެއް އެންމެ 1.99 ރިންގިޓް (0.49 ޑޮލަރު) އަށް ވިއްކަ އެވެ.

ނަމަވެސް، ދުނިޔޭގެ ބާޒާރުގައި، ސާފުނުކުރާ ތެލުގެ އަގު އިންތިހާއަށް އުފުލި، އިރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތުމުން، ސަބްސިޑީ ތެޔޮ ދޫކުރާ މިންވަރު މަހަކު 300 ލިޓަރުން 200 ލިޓަރަށް މަދުކުރަން ނިންމާފައިވާ ކަމަށް އަންވަރު ވިދާޅުވި އެވެ.

ސަބްސިޑީ ނުލިބޭ ތެލުގެ އަގުތައް ހުންނާނީ ދުނިޔޭގެ ބާޒާރުގެ ރޭޓުގަ އެވެ.

ފޮރިން މިނިސްޓަރު މުހައްމަދު ހަސަން މިދިޔަ ހަފުތާގައި ވިދާޅުވީ، ޕެޓްރޯނަސް، ސުޕޫރާ އެނާޖީ އަދި މެރިޓައިމް ކުންފުނި އެމް.އައި.އެސް.ސީގެ ތެޔޮ ޓޭންކަރުތައް ކަނޑުއޮޅިން ރައްކާތެރިކަމާ އެކު ދަތުރުކުރުމުގެ ހުއްދައަށް އިންތިޒާރު ކުރަމުން އަންނަ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އެންތަނީ ލޯކް ވިދާޅުވީ، އިރާނުން ނަގާނެ ކަމަށް އިންޒާރު ދީފައިވާ އެއްވެސް ޓޯލްއެއް (ދަތުރުކުރުމުގެ ފީއެއް) ދެއްކުމުން މެލޭޝިއާގެ އުޅަނދުތައް އިސްތިސްނާ ވާނެ ކަމަށެވެ.

“އަހަރެމެންނަކީ އެކުވެރި ބައެއް. އިރާނުގެ ސަރުކާރާ އެކު އަހަރެމެންގެ އޮންނަނީ ރަނގަޅު ޑިޕްލޮމެޓިކް ގުޅުމެއް،” އޭނާ ވިދާޅުވި އެވެ. އަދި އިރާނުން އެ އުޅަނދުތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގައި އަންވަރު ވަނީ، މެލޭޝިއާގެ ތެޔޮ ޓޭންކަރުތަކާއި އޭގެ ފަޅުވެރިންނަށް އެނބުރި ގައުމަށް އައުމުގެ ހުއްދަ ދިނީތީ އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއަށް ޝުކުރު އަދާކުރައްވައިފަ އެވެ. — އޭއެފްޕީ

މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލި މީހާ ޕޮލިހަށް ހާޒިރުވެއްޖެ

މާލޭގެ މަޖީދީ މަގުން މީހަކު ހުރަސް ކުރަނިކޮށް އޭނާގެ ގައިގައި ސައިކަލުން ޖައްސައި ފިލި މައްސަލާގައި ހޯދަން އިއުލާނުކުރި މީހާ ފުލުހުންގެ އިދާރާ އަށް ހާޒިރުވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މީޑިއާ ކައުންސިލް ހިންގި އިމާރާތް ކުރިމަތީގައި ހުރި ކަފިހި ހުރަހެއްގެ މަތިން މީހަކު ހުރަސް ކުރަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހި، ވެއްޓުމުން ވެސް  މަޑުނުކޮށް ސައިކަލުގައި އެ މީހާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުން އިއްޔެ އާންމުކުރި އެވެ.

އެ ވީޑިއޯއާ އެކު ވަނީ ސައިކަލުގައި ދިޔަ ފިރިހެން މީހާ މާލޭގެ އެކި ސަރަހައްދުތަކުންދާ ސީސީޓީވީ ފޫޓޭޖު އާންމުކޮށްފަ އެވެ.

މާލޭގެ ޓްރެފިކް އިންވެސްޓިގޭޝަނުން ތަހުގީގުކުރަމުން އަންނަ އެ މައްސަލައާ ގުޅިގެން ހޯދަން ބޭނުންވެ، އޭނާއަކީ ކާކުކަން ދެނެގަނެވިފައިވާ ނުވާ ކަމަށް އެ ޕޯސްޓުގައިވެ އެވެ.

އެކަމަކު، ފުލުހުން ބުނީ އެ ޕޯސްޓާ ގުޅިގެން އެ މީހާ ވަނީ ފުލުހުންގެ އިދާރާ އަށް ރޭގެ ވަގުތެއްގައި ހާޒިރުވެފައި ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ. އެ މީހާގެ ވަނަވަރު ވެސް ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.

މިދިޔަ ހަފްތާގައި މާލެ އާއި ބްރިޖާއި ހަލިމަގުގައި 56 އެކްސިޑެންޓެއް

މިދިޔަ ހަފްތާގައި މާލެ އާއި ސިނަމާލޭ ބްރިޖާއި ހަލި މަގުގައި 56 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މާޗް މަހުގެ 22 އިން ފެށިގެން 28 އަށް ޖުމްލަ 56 އެކްސިޑެންޓް ހިނގާފައިވާއިރު، އޭގެ ތެރެއިން އެއް ދުވަސް މަތިން އެންމެ ގިނަ އެކްސިޑެންޓް ހިނގާފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ.

  • 22 މާޗް 8 އެކްސިޑެންޓް،
  • 23 މާޗް 9 އެކްސިޑެންޓް،
  • 24 މާޗް 7 އެކްސިޑެންޓް،
  • 25 މާޗް 13 އެކްސިޑެންޓް،
  • 26 މާޗް 5 އެކްސިޑެންޓް،
  • 27 މާޗް 10 އެކްސިޑެންޓް،
  • 28 މާޗް 4 އެކްސިޑެންޓް،

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މުއްދަތުގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓެވެ. އެފަދަ 14 އެކްސިޑެންޓެއް ހިނގާފައިވެއެވެ. އަދި ސައިކަލާއި ސައިކަލު ޖެހުނު 13 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށްވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓްތައް ހިނގާފައިވަނީ ދުވާލު ގަޑީގައެވެ. ދުވާލު 37 އެކްސިޑެންޓް ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 19 އެކްސިޑެންޓް ކަމަށް ފުލުހުންގެ ތަފާސްހިސާބުތައްކުން ދައްކައެވެ.

މިދިޔަ ހަފްތާގައި ހިނގި އެކްސިޑެންޓްތަކަށް ބަލާއިރު، އެކަކަށް ސީރިއަސް އަނިޔާވެފައިވާއިރު 55 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.

އަދި އެ މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުން 65 އުޅަނދަކަށް ވަނީ އެކި ވަރުގެ ގެއްލުން ވެފައެވެ.

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 3.5 ބިލިއަން ރުފިޔާގެ ޓީ ބިލް ވިއްކާލަނީ

ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް 3.5 ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލް (ޓީ ބިލް) ވިއްކުމަށް މާލީ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން ހާމަކުރި ގޮތުގައި މެއި މަހުގެ ހަވަރު ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 1.1 ބިލިއަން ރުފިޔާގެ ޓީ ބިލަކާއި، ޖުލައި މަހުގެ 13 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް 169 މިލިއަން ރުފިޔާގެ ޓީ ބިލެއް އަދި އޮކްޓޫވަރު މަހުގެ ފަސްވަނަ ދުވަހު އަނބުރާ ދެއްކުމަށް 225.5 މިލިއަން ރުފިޔާގެ ޓީ ބިލެއްގެ އިތުރުން އޭޕްރީލް ފަސްވަނަ ދުވަހަށް އަނބުރާ ދެެއްކުމަށް 1.9 މިލިއަން ރުފިޔާގެ ޓީ ބިލެއް ވިއްކުމަށް ވަނީ އިއުލާންކޮށްފައެވެ.

މި ފަހަރު ސަރުކާރުން ވިއްކާލުމަށް ހުޅުވާލި ޓީބިލްތަލުގެ އިންޓްރަސްޓް ރޭޓް އުޅެނީ 3.50 އިންސައްތައާއި 4.60 އިންސައްތައާއި ދެމެދުގައެވެ.

އާންމު ގޮތެއްގައި ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑުންނާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިތުރުން ބައެއް ބޭންކްތަކުންނެވެ. އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީ ބިލް ގަނެއެވެ.

ޓީ-ބިލްއަކީ، ދައުލަތުގެ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް އާމްދަނީ ހޯދުމުގެ ގޮތުން ވަކި އިންޓަރެސްޓް ރޭޓެއްގައި، ފަހުން އަނބުރާ ފައިސާ ދައްކަން ޖެހޭ ގޮތަށް މަރުކަޒީ ބޭންކުން ވިއްކާ މާލީ އިންސްޓްރޫމަންޓެކެވެ.

ދެ އިންތިޚާބު އެއް ދުވަހަކު ބާއްވަން ކުރީގެ ރައީސް މައުމޫން ވެސް ތާއީދުނުކުރައްވާ

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތާއީދު ނުކުރައްވާކަން ހާމަވެއްޖެއެވެ.

މިކަން ރައީސް މައުމޫން ހާމަކުރެއްވީ މިހާރު އުވާލާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ އެކްސްކޯ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި، މެންބަރަކު ކުރެއްވި ސުވާލަކަށް އެމަނިކުފާނު ދެއްވި ޖަވާބުގައެވެ.

މި ވާހަކައިގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މައުމޫންގެ އަރިސް ބޭފުޅަކު ވަނީ އެ ސްކްރީންޝޮޓްގެ ސައްހަކަން “ހަވާސާ” އަށް ކަށަވަރުކޮށްދެއްވާފައެވެ.

އެ ސްކްރީންޝޮޓުން ފެންނަނީ، އިންތިޚާބު އެއްކޮށްލައި، ވޯޓުލުމަކީ ރަނގަޅު ކަމެއްތޯ ސުވާލުކުރުމުން، ރައީސް މައުމޫން ޖަވާބުގައި “ނޫން” ވިދާޅުވެފައި އޮއްވައެވެ. މިއީ ދެ އިންތިޚާބު އެކުގައި ބޭއްވުމަށް އެމަނިކުފާނު ތާއީދު ނުކުރައްވާކަން ހާމަވާ ކަމެކެވެ.

ދެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ސިޔާސީ އެކި ފަރާތްތަކުން ޚިޔާލު ފާޅުކުރަމުންދާއިރު، ރައީސް މައުމޫން ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށް ސޯޝަލް މީޑިއާގައި ލިޔުއްވައިފައިނުވެއެވެ.

ނަމަވެސް ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ މިނިސްޓަރު ޔުމްނާ މައުމޫން ވެސް ވަނީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދެ އިންތިޚާބު އެކުގައި ބޭއްވުމާ ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެވެ.

ސިމެންތި ބަސްތާއެއްގެ އަގު 300 ރުފިޔާއިން މައްޗަށް

އިމާރާތް ކުރުމުގެ ދާއިރާއަށް އެންމެ މުހިންމު ތަކެތީގެ ތެރޭގައި ހިމެނޭ ސިމެންތި ބަސްތާއެއްގެ އަގު މާލޭ ބާޒާރުގައި ވެސް 300 ރުފިޔާއިން މައްޗަށް ގޮސްފިއެވެ.

އާއްމުކޮށް 140 ރުފިޔާއާއި 160 ރުފިޔާ އާ ދެމެދު ވިއްކަމުން ދިޔަ, ސިމެންތި ބަސްތާއެއްގެ އަގު 250 ރުފިޔާއަށް ބޮޑުވީ ނިމިދިޔަ މަހުގެ ފަހުކޮޅުގައެވެ. އޭރު މާލޭ ބާޒާރުގައި 250 ރުފިޔާއަށް ސިމެންތި ބަސްތާއެއްގެ އަގު އެރުމާއެކު ކުޅުދުއްފުށީ ސިޓީފަދަ ތަންތަނުގައި ބަސްތާއެއްގެ އަގު 300 ރުފިޔާއަށް ވުރެން މަތިވިއެވެ.

މިއަދު ސިމެންތި ލިބެންހުރި އަގުތަކަށް ބަލާއިރު ރާއްޖެއަށް އެންމެ ގިނައިން ސިމެންތި އެތެރެ ކުރާ އަމިއްލަ އެއް ކުންފުނި ކަމަށްވާ, ވިލާއިން މާލެއަށް ޑެލިވަރީ ކޮށްދެނީ ބަސްތާއެއް 313 ރުފިޔާއަށެވެ. ތިލަފުށީ ކޮޅުން ގަންނަނަމަ 302 ރުފިޔާއަށް ބަސްތާއެއް ދެއެވެ. މިއީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑު އަގެކެވެ.

ވިޔަފާރިވެރިން ބުނަނީ މި ދުވަސްވަރު އެސްޓީއޯއިން ސިމެންތި ގަންނަން ނުލިބޭ ކަމަށެވެ. ނަމަވެސް މިކަމާ ގުޅިގެން އެސްޓީއޯގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

“މަސައްކަތްތައް މުޅިން ގާތްގަނޑަކަށް ހުއްޓިއްޖެ. މި އަގަށް ސިމެންތި ގަނެގެން ދެކޮޅެއް ނުޖެހޭނެ,” އދ. އަތޮޅު ރަށެއްގައި ގެސްޓްހައުސްއެއް އެޅުމުގެ މަސައްކަތް ކުރާ މީހަކު ބުންޏެވެ.

ވިލާއަކީ ރާއްޖޭން ބޭރުން ސިމެންތި ގެނެސް ރާއްޖޭގައި ބަންދުކޮށްގެން ވިއްކާ ކުންފުންޏެވެ. ކުއްލިއަކަށް ސިމެންތީގެ އަގު މިހާ ބޮޑުވާން ދިމާވީ ހަނގުރާމައިގެ ސަބަބުން އުޅަނދު ފަހަރުގެ ފްރައިޓް ކޯސްޓް ބޮޑުވުމުގެ ސަބަބުން ކަމަށްވެއެވެ.

މި ދޭތެރެއިން އެސްޓީއޯގެ ދަށުން ހިންގާ މޯލްޑިވް ގޭސްއިން ވެސް ގޭސް ސްޓޮކް މަދުވިއެވެ. އެ ފަހަރު އެ ކުންފުނިން ގޭސް ގަތީ ވިލާއިންނެވެ. ވިލާއިން ގޭސް ގަނެގެން އެ ކުންފުނިން އާއްމުންނަށް ވިއްކަމުން ދިޔައީ ލިމިޓް ކޮށްގެންނެވެ. ނަމަވެސް ގޭސް ލިބުމާއެކު މިހާރު މޯލްޑިވް ގޭސްއިން ވަނީ ލިމިޓް އުވާލައި އާއްމު އުސޫލުން ގޭސް ވިއްކަން ފަށައިފައެވެ.

އެމެރިކާ އާއި އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ 10 ނަރުހުން ޝަހީދުވެއްޖެ

އެމެރިކާ އާއި އިސްރާއީލުން ދިން ވަރުގަދަ ހަމަލާތަކުގައި، އަމަލީ މައިދާނުގައި ޚިދުމަތް ދެމުންދިޔަ އީރާނުގެ މަދުވެގެން 10 ނަރުހުން ޝަހީދުވެފައިވާ ކަމަށް އީރާނުގެ އިސްނާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފިއެވެ.

އީރާނުގެ ނާސިން ސިސްޓަމް އޯގަނައިޒޭޝަނުގެ ޑައިރެކްޓާ ޖެނެރަލާއި ހަވާލާދީ އެ އެޖެންސީން ބުނެފައިވަނީ، މި ނަރުހުން ޝަހީދުވެފައިވަނީ އެމީހުން ޚިދުމަތް ދޭން ތިބި މަރުކަޒުތަކަށް ދިން ހަމަލާތަކުގައި ކަމަށެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައިވީ ނަމަވެސް، އީރާނުގެ ސިއްހީ ޚިދުމަތްތަކަށް އެއްވެސް މެދުކެނޑުމެއް ނައިސް ކުރިއަށްދާ ކަމަށް އެ އެޖެންސީން ބުނެއެވެ.

ޑައިރެކްޓާ ޖެނެރަލް ފާހަގަކުރެއްވި ގޮތުގައި، ދިން ހަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، ސިއްހީ މުވައްޒަފުން ދަނީ އެއްވެސް ވަރުބަލިކަމެއް ނެތި ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ދެމިތިބެމުންނެވެ.

މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް، ސިއްހީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއްގެ ގޮތުގައި އީރާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ.

ރަޝިޔާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި 29 މަރު

ރަޝިޔާގެ އަސްކަރީ މުދާ އުފުލާ އޭއެން-26 މަރުކާގެ މަތިންދާބޯޓެއް ކްރައިމިއާގެ ފަރުބަދައެއްގައި ޖެހި ހިނގި ނުރައްކާތެރި ހާދިސާގައި، އޭގައި ދަތުރުކުރި 29 މީހުން މަރުވެއްޖެއެވެ.

ރަޝިޔާގެ ތާސް ނިއުސް އެޖެންސީން ބުނި ގޮތުގައި، ވެއްޓިފައިވަނީ އޭއެން-26 މަރުކާގެ އަސްކަރީ މުދާ އުފުލާ ބޯޓެކެވެ. މި ހާދިސާ ހިނގާފައިވަނީ 2014 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިން އަތުން އަތުލާފައިވާ ކްރައިމިއާ ޕެނިންސިއުލާގައެވެ. މި ހާދިސާގައި ބޯޓުގައި ތިބި 23 ފަސިންޖަރުންނާއި 6 ފަޅުވެރިން ހިމެނޭހެން ހުރިހާ އެންމެން ވަނީ މަރުވެފައެވެ.

ކްރައިމިއާގެ މަތިން އުދުހެމުން ދަނިކޮށް ބޯޓުގެ މުއާސަލާތީ ގުޅުން ވަނީ މެދުކެނޑިފައެވެ. ޓާސް އެޖެންސީން އިތުރަށް ރިޕޯޓުކޮށްފައިވާ ގޮތުގައި، ގުޅުން ކެނޑުނު މި ބޯޓު ވެއްޓިފައިވަނީ ފަރުބަދައެއްގެ އުސް ފަރާތަކަށެވެ. މިހާތަނަށް ބެލިބެލުމުން މި ހާދިސާ ހިނގަން މެދުވެރިވީ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

އޭއެން-26 މަރުކާގެ ބޯޓުތަކަކީ 1960 ގެ އަހަރުތަކުން ފެށިގެން ބޭނުންކުރަމުން އަންނަ ބޯޓުތަކެކެވެ. މިއީ މުދާ އުފުލުމަށާއި އަސްކަރީ ބޭނުންތަކަށް ބޭނުންކުރާ ބޯޓެއް ނަމަވެސް، ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި މި މަރުކާގެ ބޯޓުތަކަށް ނުރައްކާތެރި ގިނަ ހާދިސާތަކެއް ވަނީ ކުރިމަތިވެފައެވެ.

އެގޮތުން 2022 ވަނަ އަހަރު ޔޫކްރެއިންގެ ޒަޕޮރިއްޒިއާގައި މިފަދަ ބޯޓެއް ވެއްޓި މީހަކު މަރުވެފައިވާއިރު، 2020 ވަނަ އަހަރު ޔޫކްރެއިންގައި ހިނގި އެހެން ހާދިސާއެއްގައި 26 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ދެކުނު ސޫދާނާއި އައިވަރީ ކޯސްޓުގައިވެސް މި މަރުކާގެ ބޯޓުތައް ވެއްޓި މީހުން މަރުވުމުގެ ހާދިސާތައް ފާއިތުވި އަހަރުތަކުގައި ވަނީ ހިނގާފައެވެ.

ބީއެމްއެލްއިން އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހުޅުމާލޭގައި ގާއިމްކުރާ “އެފޯޑަބަލް ހައުސިން”ގެ އިތުރު 364 ހައުސިން ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ.

އެކަމަށް ޚާއްސަކޮށްގެން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ

ރޭ ބިންގާ އެޅިގެންދިޔަ 364 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ޕްރއިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އިމާރާތްކުރުމުގެ މަސައްކަތްކުރާ ތަޖުރިބާކާރު ދިވެހި ކުންފުންޏެކެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫގެ ދަށުން ޖުމްލަ ދެ ޓަވަރު އިމާރާތްކުރާއިރު، އޭގެ ތެރޭގައި މުޅިންވެސް ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތަކެވެ. އެތަންތަނުގެ ޖާގައިގެ ބޮޑުމިނުގައި 900 އަކަފޫޓު ހުންނާނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ އިން ޖުމުލަ 3،260 ހައުސިން ޔުނިޓް ގާއިމްކުރުމަށް ވަނީ ނިންމާފައި ވާއިރު، އެ ޔުނިޓްތަކުގެ މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭ ނިންމައިލެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ. އަދި މި މަޝްރޫގެ ދަށުން ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ ތިން ކޮޓަރީގެ ކޮލިޓީ ރަނގަޅު އެޕާޓްމެންޓުތައް ކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި “ބީއެމްއެލް އެފޯޑަބަލް ހައުސިން” މަޝްރޫއުގެ ދަށުން އިތުރު 540 ފުލެޓު އަޅަން ނިންމާފައިވާ ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް މިރޭ ވަނީ ވިދާޅުވެފައެވެ.