ޕީއެންސީ މޭޔަރު ކެނޑިޑޭޓު މޫސާ އަލީ ޖަލީލް ވޯޓު ލައްވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމެޓީ އަދި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާއިމެދު ފެންނަ ގޮތެއް ނިންމުމަށް ނަގާ ވޯޓުގައި ޕީއެންސީ މޭޔަރު ކެނޑިޑޭޓް މޫސާ އަލީ ޖަލީލް ވޯޓު ލައްވައިފި އެވެ.

މޫސާ އަލީ ޖަލީލް ވޯޓު ލެއްވީ ކަލާފާނު ސްކޫލުގައި ބެހެއްޓިފައިވާ ވޯޓު ފޮއްޓަކަށެވެ. އިލެކްޝަންސް ކޮމިޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 41،162 މީހުން ވަނީ ވޯޓު ލައިފަ އެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8 އިން ހަވީރު 4 ޖެހުމާއި ހަމައަށެވެ. ވޯޓުލާ ވަގުތު އިތުރުކުރާނެ ކަން އަދި މިހާތަނަށް އީސީން ހާމަކޮށްފައި ނުވެއެވެ. މީގެ ކުރީ އިންތިހާބުތަކުގައި އީސީން ވަނީ ވޯޓުލުމުގެ ވަގުތު އިތުރުކޮށްފައެވެ. އިންތިހާބުގައި ވޯޓުލުމުގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ވަރަށް ފުރިހަމައަށް ހަމަޖައްސާފައި އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި 294،876 މީހުންނަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ.

މި އިންތިޚާބުގައި ވޯޓުލުމަށް 588 ތަނެއްގައި ވޯޓުފޮށި ބަހައްޓާފައިވާއިރު މިއިން ކޮންމެ ވޯޓުލާ ސްޓޭޝަނެއްގައިވެސް 3 ވޯޓަށް، ވަކިވަކި ވޯޓު ފޮށި ބެހެއްޓިފައިވެއެވެ.

އިލެކްޝަނުންވަނީ ވީހާވެސް އަވަހަށް ވޯޓުލާން ދިޔުމަށް އާންމުނަށް އިލްތިމާސްކުރައްވާފައެވެ.

ޕީއެންސީގެ ޑަބްލިއުޑީސީގެ ރައީސާ ކެންޑިޑޭޓް، އަލައިކާ ވެސް ވޯޓު ލައްވައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އާޝިއަތު އަލައިކާ އަދުނާނު ވެސް ވޯޓުލައްވައިފިއެވެ.

މިއަދު ކުރިޔަށްދަނީ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން ނަގާ ވޯޓެވެ.

މި އިންތިހާބުގައި އަލައިކާ އާއެކު، ޕީއެންސީގެ ފަރާތުން މޭޔަރުކަމަށް ނުކުންނަވާ މޫސާ އަލީ ޖަލީލު ވެސް ވަނީ ވަރަށް ހެނދުނާ ވޯޓު ލައްވާފައެވެ.

މި އިންތިޚާބުގައި މިހާތަނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ވޯޓުލައްވާފައެވެ. ރައީސް ވޯޓުލެއްވުމަށްފަހު ވަނީ ވީހާވެސް ގިނަ ރައްޔިތުން ނުކުމެ ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

އެމްޑީޕީގެ ރައީސް ޝާހިދު ވޯޓުލައްވައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި، ޑަބްލިއުޑީސީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވޯޓުލައްވައިފި އެވެ.

ޝާހިދު، ވޯޓުލައްވާފައި ވަނީ މަޖީދިއްޔާ ސްކޫލްގައި ބަހައްޓާފައިވާ މެދު ހެންވޭރު ދާއިރާގެ ވޯޓުފޮށްޓަށެވެ.

ޝާހިދުގެ އަރިހުގައި އެ މަނިކުފާނުގެ މަންވެސް ވަނީ ވޯޓު ލައްވައިފަ އެވެ.

ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ. މުޅި ރާއްޖޭގައި 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ. ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ޚާއްސަކޮށްފައިވާ ފޮއްޓަށެވެ. އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

މި އިންތިހާބުގައި 294،876 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އެއީ 144،506 އަންހެނުންނާއި 150،370 ފިރިހެނުންނެވެ. ކައުންސިލް އިންތިހާބުގައި 1،592 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުގައި 1،368 ކެންޑިޑޭޓުން ވާދަކުރެއެވެ.

ވޯޓު ނުލާނަމަ ނަން ހާމަކުރާތީ ކަންބޮޑުވުން

މިހާރު ކުރިއަށްދާ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބާއި، އާންމުންގެ ޚިޔާލު ހޯދާ ވޯޓުގެ ތެރެއިން ވޯޓެއްގައި ބައިވެރިވާން ބޭނުން ނޫން ކަމަށް، ވޯޓުލާން ދާ މީހަކު ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް އެ މީހަކަށް ނުދޭނެ ކަމަށާއި، އެ މީހެއްގެ ނަން ވޯޓުލާ މަރުކަޒުގައި އިއުލާނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނުމުން، ގާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، ވޯޓުލާން ދާ ކޮންމެ މީހަކަށް ތިން ކަރުދާސްކޮޅު ދޭނެ ކަމަށެވެ. ނަމަވެސް ވޯޓުލާން ދާ މީހަކު، އެއް ވޯޓުގައި ބައިވެރިވާން ބޭނުން ނޫން ކަމަށް ބުނެފި ނަމަ، އެ ވޯޓެއްގެ ކަރުދާސް ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑުމެން އިއުލާން ކުރާނީ މިވެނި މީހަކު އެ ކަރުދާސްކޮޅު ބޭނުންނޫން ކަމަށް، ހާމަކޮށްފައި އިއުލާން ކުރާނެ، އެއީ އޮބްޒާވަރުންނާއި ހުރިހާ އެންމެންނަށް ނޯޓު ކުރެވި، ފަހުން ޓެލީ ކުރުމުގައިއާއި އެ ހުރިހާ ކަމަކަށް އިންތިޒާމު ހަމަޖެހިގެންދާނެ،” ޒާހިދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެފަދައިން ހާމަކުރުމާ ގުޅިގެން، ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ‘އެކްސް’ގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، އިލެކްޝަންސް ކޮމިޝަނުގެ މި ނިންމުމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ހިފަހައްޓަން ނޭނގޭކަން ހާމަވާ ކަމަށާއި، ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވަން ޖާގަ ލިބިގެންދާކަން ދޭހަވާ ކަމަށެވެ.

ވޯޓުލާ މީހަކަށް ގިނަ ކަރުދާސް ދޭނަމަ، އެއް ކަރުދާސްކޮޅުގައި އެއްވެސް ފާހަގައެއް ނުޖަހައި ވޯޓު ފޮށްޓަށް ލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނަށް ހެދޭނެ ކަމަށާއި، މިއީ އެމެރިކާގެ ނިއުޔޯކުގައި އަމަލުކުރަމުން އަންނަ ގޮތެއްކަން ސުޢޫދު ފާހަގަކުރެއްވިއެވެ.

ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސް އެދިވަޑައިގެންފި

ދިވެހި ރައްޔިތުން ނުކުމެ، ވޯޓުލުމުގެ ގާނޫނީ ހައްގު އަދާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފިއެވެ.

ތާޖުއްދީން ސްކޫލްގައި ހުރި ވޯޓު ފޮއްޓަށް ވޯޓުލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވަރަށް ކުރުކޮށް ވިދާޅުވީ ވޯޓުލުމަކީ ރައްޔިތުންގެ ހައްގެއް ކަމަށެވެ. އެހެންވެ، ގާނޫނީ ހައްގު އަދާކުރެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
“ގާނޫނީ ހައްގު އަދާކުރެއްވުމަށް މިއަދުގެ ވޯޓުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް އަޅުގަނޑު ދަންނަވަން،” ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިއަދު ކުރިއަށް ދަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބާއި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯ ބެލުމަށް ނަގާ ވޯޓެވެ.

މި އިންތިހާބުތަކުގެ ވޯޓުލުން ކުރިއަށް ދާނީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. އިންތިހާބުގައި 294،876 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ކައުންސިލްގައި 225 ދާއިރާއެއްގެ 678 މަގާމަކަށް 1،368 ކެންޑިޑޭޓުން ކުރިމަތިލާފައިވާއިރު، އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 225 ދާއިރާއެއްގެ 678 މަގާމަކަށް 1،597 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އިންތިހާބުތަކުގެ ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ރާއްޖޭގެ ހުރިހާ ރަށްރަށާއި ރިސޯޓްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ހުންނަ ތަންތަނުގައި ޖުމްލަ 588 ފޮއްޓެއް ބަހައްޓާފައިވެއެވެ.

އެމެރިކާގެ ހެލިކޮޕްޓަރަކަށް އީރާނުން ހަމަލާ ދީފި

އެމެރިކާއިން ސާޗް އެންޑް ރެސްކިއުއަށް ބޭނުން ކުރަމުންދާ ހެލިކޮޕްޓަރަކަށް އީރާނުން ހަމަލާ ދީފިއެވެ.

އީރާނުގެ މެހެރް ނިއުސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ވައްޓާލި ކަމަށް ބުނާ ޖެޓް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާގެ ހެލިކޮޕްޓަރަކަށް ވެސް އީރާނުން ހަމަލާއެއް ދީފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އެމެެރިކާއިން އަދި ވަކި އެއްޗެއްް ބުނެފައެއް ނުވެއެވެ.

އީރާނުން އެމެރިކާގެ ޖެޓެއް ވައްޓާލާފައިވާ ކަމަށް ބުނެފައިވާއިރު، އެ ބޯޓުގެ ޕައިލެޓުން ހޯދައިދިން މީހަކަށް އިނާމެއް ދޭން އީރާނުން ނިންމާފައި ވެއެވެ.

މިއީ އީރާނުގެ ތެރޭގައި އެމެރިކާގެ ޖެޓެއް ވައްޓާލި ފުރަތަމަ ފަހަރެވެ.

ހަނގުރާމަ ފެށުނީއްސުރެ އީރާނުން ހަ ފަހަރެއްގެ މަތިން އެމެރިކާގެ މަތިންދާބޯޓުތައް ވައްޓާލި ކަމަށް ބުނެފައިވާއިރު، އެެމެރިކާއިން އަބަދުވެސް ދަނީ މި ވާހަކަ ދޮގު ކުރަމުންނެވެ.

އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެ

ވ. ފުލިދޫގައި އޮޔާ ދިޔަ ދެކުއްޖަކު ސަލާމަތް ކުރަން އުޅުނު ދިވެއްސަކު ނިޔާވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވ. ފުލިދޫގައި މޫދަށް އެރި އުޅެނިކޮށް އޮޔާދިޔަ ދެ ކުއްޔަކު ސަލާމަތްކުރުމަށް މަސައްކއްތް ކުރި މީހަކު ހާލު ދެރަވެގެން އެރަށު ހެލްތު ސެންޓަރަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު 2026 އޭޕްރިލް 3 ވަނަ ދުވަހުގެ 15:10 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެމީހާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެއީ 63 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ޑްރޯން ހަމަލާތަކެއްދީފި

އުރުދުންގެ އަލްއަޒްރަޤް (މުވާފަޤު ސަލްތީ) އެއަރ ބޭސްގައި އޮތް އެމެރިކާގެ ފައިޓަރ ޖެޓްތަކަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާއެއްގެ ޒިންމާ އީރާނުން އުފުލައިފިއެވެ. މިއީ ސަރަޙައްދީ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ. އީރާނުގެ ދައުލަތާ ގުޅުންހުރި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާގައި ބޭނުންކޮށްފައިވަނީ ދުރުން ދުއްވާ އުޅަނދުތަކެވެ. މި އުޅަނދުތަކުން އަމާޒުކޮށްފައިވަނީ އެ މަރުކަޒުގައި ޕާކްކޮށްފައިވާ ފައިޓަރ ޖެޓްތަކަށާއި، އަސްކަރީ އުމްރާނީ ވަސީލަތްތަކަށެވެ.

މި ހަމަލާއަކީ މެދުއިރުމަތީގައި ތިބި އެމެރިކާ އަދި އެ ގައުމުގެ އިއްތިހާދީ ބާރުތަކަށް އަމާޒުކޮށް އީރާނުން ދެމުންދާ ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް ފުރަތަމަ ލިބުނު ރިޕޯޓްތަކުން އެނގެއެވެ. އަލްއަޒްރަޤް އެއަރ ބޭސްއަކީ މެދުއިރުމަތީގައި އެމެރިކާގެ ވައިގެ އަސްކަރީ ހަރަކާތްތަކަށް މުހިންމު މަރުކަޒަކަށް ވާތީ، މިއީ އިސްތިރާތީޖީ ގޮތުން މުހިންމު އަމާޒެއް ކަމަށް ބެލެވެއެވެ.

ނަމަވެސް، މި ހަމަލާގެ ސަބަބުން ލިބުނު ގެއްލުމެއްގެ ތަފްސީލު ނުވަތަ މީހަކަށް އަނިޔާއެއް ލިބިފައިވޭތޯ، އަދި ޑްރޯންތައް އަމާޒަށް ވާސިލުވިކަން އެމެރިކާ ނުވަތަ އުރުދުންގެ ރަސްމީ އިދާރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ. މީގެ ކުރިން އުރުދުންއަށް އަމާޒުކޮށް ދީފައިވާ މިފަދަ ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކެއް ވައިގެ ދިފާއީ ނިޒާމުތަކުން ހުއްޓުވާފައިވާކަން ފާހަގަކުރެވެއެވެ.

އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، އެކި ގައުމުތަކުގައި ހުރި އަސްކަރީ މަރުކަޒުތަކަށް ދެމުންދާ މިފަދަ ހަމަލާތަކުގެ ސަބަބުން ސަރަޙައްދީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

ރިފަރެންޑަމް ހުއްޓުވަންއެދި ޝުނާނާ ހުށަހެޅި މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު އަންނަ ހޮނިހިރު ދުވަހު ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު (ރެފަރެންޑަމް) ހުއްޓުވުމަށް ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.

މި މައްސަލައަކީ ރިޔާސީ އިންތިހާބާއި މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ބަހެއް ހޯދުމަށް ބާއްވާ ވޯޓު ހުއްޓުވުމަށް އެދި ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ހުށަހެޅުއްވި މައްސަލައެކެވެ.

ޝުނާނާ މި މައްސަލަ ހުށަހެޅުއްވީ ރިފަރެންޑަމްގައި ކުރާ ސުވާލާއި ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ފާސްކުރި ބިލުގައި ވެސް މަޖިލީހުގެ އުމުރު ބަދަލުކުރަން ގެނެވޭ އިސްލާހެއް ހިމަނާފައި ނުވާތީއެވެ. މީގެ އިތުރުން، މި ވޯޓަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ކެމްޕެއިން ކުރުމަށް އެކަށީގެންވާ ފުރުސަތެއް ލިބިފައި ނުވާ ކަމަށް ބުނެ، އިންތިހާބު ހުއްޓުވުމަށާއި މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ފަދަ ކަމެއް ނުކުރަން އަމުރުކޮށްދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެއެވެ.

ނަމަވެސް ހައި ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ބަޔާންކޮށްފައިވަނީ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓަށް ބެލޭނީ ހަމައެކަނި ގާނޫނެއް ނުވަތަ ގަވާއިދެއް ނުވަތަ އޭގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ހިލާފުވެގެން ހުށަހަޅާ މައްސަލަތައް އެކަނި ކަމަށެވެ. ޝުނާނާ ހުށަހެޅުއްވި މައްސަލަ ބިނާކޮށްފައިވަނީ ފެންނަ ނުފެންނަ ވޯޓާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ރިޔާސީ ގަރާރުގެ މައްޗަށް ކަމަށްވާއިރު، އެފަދަ ގަރާރުތަކަކީ ދުސްތޫރީ މައްސަލަތަކެއްގެ ގޮތުގައި ބެލޭނެ ކަންކަން ނޫން ކަމަށް އެ ކޯޓުން މީގެ ކުރިން ނިންމާފައިވާ ކަމަށް ވެސް އެ ނިންމުމުގައިވެއެވެ. އެހެންކަމުން، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމިއިރު، ފެންނަ ނުފެންނަ ވޯޓު ހުއްޓުވުމަށް އެމްޑީޕީގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހެޅިއެވެ. އެހެންނަމަވެސް، އެ މައްސަލާގައި ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ، އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ހުއްޓުވޭނެ އެއްވެސް ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އީރާންގެ ބޯފެން އުފައްދާ ނިޒާމަށް ހަމަލާދީ އެގައުމު ފެނަށް ޖައްސާނަން: ޓްރަމްޕް

ޔަހޫދީ އިސްރާއިލާ އެމެރިކާ ގުޅިގެން  އިރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގައި، އެމެރިކާއިން ބޭނުންވާ ގޮތަށް އީރާނުން އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އެ ގައުމުގެ ސާފު ބޯފެން އުފައްދާ ނިޒާމަށް ހަމަލާތައް ދީ، ސުންނާފަތިކޮށް އީރާންގެ ރައްޔިތުން ފެނަށް ޖައްސާނެކަމުގެ ބިރުވެރި އިންޒާރެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް ދީފިއެވެ.

ޓްރަމްޕް ބުނީ، އޭނާ ބޭނުންވާ ކަންކަމަށް އީރާނުން އެއްބަސްނުވެއްޖެ ނަމަ، އެ ގައުމުގެ ލޮނުފެން މީރުފެނަށް ބަދަލުކުރާ ޕްލާންޓުތަކާއި އިންޖީނުގެތައް ސުންނާފަތި ކޮށްލާނެ ކަމަށެވެ.

އެމެރިކާއާއެކު ސީދާ މަޝްވަރާކުރުމަށް އީރާނުގެ އޮފިޝަލުން އިންކާރުކުރަމުންދާއިރު ވެސް، ޓްރަމްޕް ވަނީ އޭޕްރީލް 6 ގެ ކުރިން ހުރްމުޒް ކަނޑުއޮޅި ހުޅުވައިނުލައިފި ނަމަ އެކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރެއް ވެސް ދީފައެވެ.

ޓްރަމްޕްގެ އިންޒާރަކީ އީރާނުގެ ރައްޔިތުންގެ ދިރިހުރުމުގެ ހައްގަށް އަރައިގަތުމަށް ދީފައިވާ ހާމަކަން ބޮޑު އިންޒާރަކަށް ވާއިރު، ބައިނަލްއަޤުވާމީ ގާނޫނުތަކަށް އެމެރިކާއިން އިހުތިރާމުކުރާނެ ކަމުގައި ވައިޓް ހައުސްއިން ވެސް ބުނެފައި ވެއެވެ.

މިއީ އީރާނުގެ ތެޔޮ ވަޅުތަކާއި، ކަރަންޓު ވިއުގައިގެ އިތުރުން ހާރިގް ރަށަށް އަމާޒުކޮށް ޓްރަމްޕް ދީފައިވާ އިންޒާރެއް ކަމަށް ވާއިރު، ވަކިން އޮންނަ ރަށެއް ކަމުގައިވާ ހާރިގަކީ އީރާނުގައި އުފައްދާ ތެޔޮ ބޭރުކުރާ މައި މަރުކަޒެވެ. އެ ފަދަ މަރުކަޒުތަކަށް އެމެރިކާއިން ހަމަލާދީފި ނަމަ، ހަސްފަތާލުތަކުގެ ހިޮދުމަތް ހުއްޓި، ސިއްހީ ބޮޑު ކާރިސާއެއް ކުރިމަތިވާނެ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ނައުޝާދުގެ މަރު: ދައުވާކުރި ދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ހުކުމްކޮށްފި

މާލޭގެ މުރަނގަ މަގުގައި ހުންނަ ‘ކްރާސާ’ ފިހާރަ ތެރޭގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި ހާދިސާއަކީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގެ ރޭ 9:28 އެހާކަންހާއިރު، މާފަންނު މުރަނގަ މަގުގައި ހުންނަ ‘ކްރާސާ’ ފިހާރަ ތެރެއަށް ބަޔަކު ވަދެ، އެ ފިހާރައިގެ ތެރޭގައި ހުރި މުހައްމަދު އަހްމަދު

ދީދީ (ނައުޝާދް، 30 އަހަރު) އަށް ތޫނު ހަތިޔާރަކުން ހަމަލާދިނުމުން ހިނގި ހާދިސާއެކެވެ. މި ހަމަލާގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް، ނައުޝާދް ނިޔާވީ ހަމަލާދިންތާ ތިން ދުވަސް ފަހުން، ފެބްރުއަރީ 27 ގައެވެ.

މި ގަތުލުގެ މައްސަލާގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ ސ. މަރަދޫފޭދޫ، ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމާއި، ތ. ގާދިއްފުށި، ގުލޭނޫރައްމާގެ، ސިރުހާން އަލީގެ މައްޗަށެވެ.

ނަމަވެސް،ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ މި ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މި މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް ކްރިމިނަލް ކޯޓުން އަދި އާންމުކޮށްފައި ނުވާތީ، ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅި ސީދާ ސަބަބުތަކެއް އަދި ސާފެއް ނުވެއެވެ. އެހެންނަމަވެސް، މައްސަލައިގެ ޝަރީއަތް ފެށުނީއްސުރެ ދައުވާލިބޭ ދެ މީހުންވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ ފައިހް ނިޒާމް ހައްޔަރުކުރެވުނީ އޭނާ ހޯދުމަށް ފުލުހުން އިއުލާނުކޮށް، އޭނާ ފޮރުވައިގެން އުޅުނު ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކުރި ފަހުން، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވުމުންނެވެ.

ކްރާސާ ފިހާރަތެރޭގައި ހިންގި މާރާމާރީގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން ނައުޝާދު ނިޔާވެފައިވާއިރު މި ހަމަލާއަކީ މާލޭގެ ގޭންގުތަކުގެ މެދުގައި ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މާރާމާރީގެ މަންޒަރު ދުށް ބައެއް މީހުން ބުނީ އެ ފިހާރަ ތެރެއަށް މުޙައްމަދު އަޙްމަދުދީދީ ވަނީ ބަޔަކު މީހުން އޭނާ ހޯދަން އަންނާތީ ފިލަންވެގެން ކަމަށެވެ. ނަމަވެސް އެ ފިހާރައަށް ވަނުމުން ސައިކަލެއްގައި އައި ދެ މީހަކު ވަދެ ވަޅިން ހަމަލާ ދިނީ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު އެމައްސަލާގައި ވިދާޅުވީ، އެ މާރާމާރީ އަކީ މާލޭގެ ދެ ގޭންގަކަށް ނިސްބަތްވާ ދެ މީހެއްގެ ދެމެދުގައި 2023 ވަނަ އަހަރުގެ ކުރީކޮޅު ޖެހުނު މައްސަލައަކާ ގުޅިގެން ހިންގި މާރާމާރީއެއް ކަމަށެވެ. އެގޮތުން އެއީ ‘ކުޑަހެންވޭރު’ ކިޔައިގެން އުޅޭ ބަޔަކާއި ‘އެންސީ’ ކިޔައިގެން އުޅޭ ބައެއް ހިންގި މާރާމާރީއެއް ކަމަަށް ހަމީދު ވިދާޅުވެފައިވެއެވެ.

އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކު ހުޅުވައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްގީކުރި ސްކޭޓް ޕާކު މިއަދު ހުޅުވައިފިއެވެ.

ސްޕީޑް ސްކޭޓިން ޓްރެކަކާއި ސްކޭޓް ބޯޑު ޕާކެއް ހިމެނޭ ގޮތަށް ތަރައްގީކުރި މި ސްކޭޓިން ޕާކު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

ސްކޭޓު ޕާކު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު ޢަބްދުالله ރާފިޢު ވިދާޅުވީ، މިއަދު ހުޅުވި ސްކޭޓު ޕާކުގެ ސަބަބުން، ސްކޭޓުކުރާ ކުދިންގެ ހުނަރު އާލާކުރެވި، ރާއްޖެއަށް ސްކޭޓުކުރުމުގެ ކުޅިވަރުން ރީތި ނަމެއް ލިބިގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މި ސްކޭޓު ޕާކު ތަރައްގީކުރީ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ)ގެ ސީއެސްއާރުގެ ދަށުންނެވެ.

މި ސްކޭޓް ޕާކު ހުޅުވުމާ ހަމައަށް، ސްކޭޓުކުރުމަށް އުސްފަސްގަނޑުގެ ވަކި ސަރަހައްދެއް ގިނަ އަދަދެއްގެ ކުދިން ބޭނުންކުރެއެވެ.

މާލޭގައި ސްކޭޓް އެރީނާއެއް ތަރައްގީ ކުރާއިރު ހުޅުމާލޭ ރެޑްބުލް ޕާކާއި ސެންޓްރަލް ޕާކްގައި މިހާރު ވެސް ސްކޭޓް ކުރަން ޚާއްސަ ސަރަހައްދުތައް ހުރެއެވެ.

ސްކޭޓް ކުރުމަކީ ގިނަ އަދަދެއްގެ ކުޑަކުދިން ވަރަށް ލޯބިކުރާ ކުޅިވަރެކެވެ. ވަކިވަކި ޓީމްތައް ހަދައިގެންނާއި ކޯޗުން ބޭނުންކޮށްގެން މާލެ ސަރަހައްދުގައި ގިނަ ކުދިންތަކެއް މި ކުޅިވަރު ކުޅެއެވެ.