މެދުއިރުމަތީ ހަމަނުޖެހުންތަކާ ގުޅިގެން ވަޒީރުންގެ ކޮމެޓީއަށް ބަދަލު

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފައިވާ ވަޒީރުންގެ ކޮމެޓީއަށް ބަދަލުގެންނަވައިފިއެވެ.

މި ކޮމެޓީއަށް ބަދަލުގެންނަވާފައިވަނީ ވަޒީރުންގެ މަޖިލީހަށް ގެންނަވާފައިވާ ބަދަލާ ގުޅިގެން 2026 އެޕްރީލް 15 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ. މިހާރު މި ކޮމެޓީ ޗެއަރ ކުރައްވަނީ މާލީ ކަންކަމާއި ބެހޭ ވަޒީރެވެ.

މި ބަދަލާއެކު ކޮމެޓީގައި މިހާރު ހިމެނިވަޑައިގަންނަވަނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރު މޫސާ ޒަމީރު، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

ކުރީގައި މި ކޮމެޓީގައި 9 ވަޒީރުން ތިއްބަވައެވެ. ނަމަވެސް މިހާރު މި ކޮމެޓީގައި ތިއްބަވާ ވަޒީރުންގެ އަދަދު 5 އަށް މަދުކުރައްވާފައިވެއެވެ.

ރައީސް އުފައްދަވައިފައިވާ މި ކޮމެޓީން ކޮންމެ ހަފްތާއަކު މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް ހާމަކުރައްވަމުން ގެންދަވައެވެ.

ކުޅުދުއްފުށީގައި ރުކަކުން ވެއްޓުނު ދިވެހި ފިރިހެނަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެނީ

ހދ. ކުޅުދުއްފުށި ސިޓީގައި ރުކަކުން ވެއްޓުނު އުމުރުން 38 އަހަރުގެ ފިރިހެނަކަށް، އެ ސިޓީގެ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައެވެ.

އެ ސިޓީ ހޮސްޕިޓަލުގެ އޮފިޝަލަކު މިރޭ “ހަވާސާ”އަށް ވިދާޅުވީ، މިއަދު 3:00 ހާއިރު އެފަދަ ހާދިސާއެއް ހިނގައިގެން މައުލޫމާތު ލިބުނު ކަމަަށެވެ. އަދި ހޮސްޕިޓަލަށް 3:05 ގައި މައުލޫމާތު ލިބުނުއިރު، އެ މީހާ ހޮސްޕިޓަލަށް ގެނެސް އަވަސް ފަރުވާ ދިނުމަށް ފަހު، މިހާރު ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

“ހާލު ވަރަށް ސީރިއަސް، އަނެއްހެން ބޭރަކަށް ބޮޑެތި އަނިޔާތަކެއް ފެންނަން ނެތް ކަމަކު، ވަރަށް ކްރިޓިކަލް ހާލަތެއްގައި އޮތީ. މާލޭގެ ނިއުރޯ ސާޖަންއާ ވާހަކަދައްކައިގެން ކުރިއަށްދޭ،”. އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި މިވަގަތު ސީޓީ ސްކޭނެެއްވެސް ހަދާފައިވާއިރު، އޭގެ މައްޗަށް ބިނާކޮށް ފަރުވާގެ ކަންކަންވެސް ދަނީ ކުރިއަށެވެ.

މީގެ ކުރިން ހިނގި މިފަދަ ހާދިސާތަކުގަައި ބަޔަކު ނިޔާވެސް ވެފައި ވެއެވެ.

ރިޔާސީ ބަޔާނުގައި ވައުދުވެވަޑައިގެންވި އާންމުންގެ ޝަކުވާ ހުށަހަޅާ ބިއުރޯ އުފައްދައިފި

އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅަން 24 ގަޑިއިރުގެ ކޯލް ސެންޓަރުގެ ޚިދުމަތް ވެސް ދޭ ގޮތަށް، “ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ” ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، މި ބިއުރޯގެ އިދާރާ ގާއިމްކޮށްފައި ހުންނާނީ ރައީސް އޮފީހުގައި ކަމަށެވެ.

މި ބިއުރޯގެ އަމަލީ މަސައްކަތް ފެށުމަށް ޓަކައި ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތަކާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ބިއުރޯގެ މަސައްކަތް މި އަހަރުގެ މެދުތެރޭ ފެށޭނެ ކަމަށް، އެ އޮފީހުން ބުންޏެވެ.

އާންމުންގެ ޝަކުވާ ހުށަހަޅަން އުފެއްދި ބިއުރޯގެ ޒިންމާއަކީ އެކިއެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އާންމުން ހުށަހަޅާ ޝަކުވާތައް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކުރުމުގެ އިންތިޒާމު ހަމަޖައްސައި، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މައުލޫމާތު ހޯދައި، އެ ޝަކުވާތަކަށް ޖަވާބުދިނުން ކަމަށް، ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އާންމުންގެ ކަންބޮޑުވުންތައް ހުށަހަޅަން 24 ގަޑިއިރުގެ ޚިދުމަތްދޭ ބިއުރޯއެއް ގާއިމްކުރާނެކަން ރައީސް ހާމަކުރެއްވީ، މިދިޔަ ފެބްރުވަރީ މަހުގެ ފަސްވަނަ ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަކީ ވީހާވެސް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްގެންދާ ސަރުކާރެއްގެ ގޮތުގައި ހެދުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅާ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި އޮފީހެއް ހުޅުވާނެ ކަމަށެވެ. އެ އޮފީސް ހުންނާނީ، 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ރައީސް އޮފީހުގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސޯޝަލް މީޑިއާއާއި ސިޓީގެ ޒަރިއްޔާއިންނާއި އެކި ވަސީލަތްތަކުން ލިބޭ ޝަކުވާތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، އިންތިޒާމު ހަމަޖައްސައި އެ ޝަކުވާތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ޖަވާބު ދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރައްޔިތުންނަށް ސުވާލުކުރުމަށް ފުރުސަތު ދިނުމަށް ފަށައިފައިވާ ހަރަކާތްތަކުގެ ތެރޭގައި، މިނިސްޓަރުންނާ ސުވާލުކުރެވޭ “އަހާ” ފޯރަމާއި، ރައީސަށް ސުވާލު ފޮނުވުމުން އެ މަނިކުފާނު ޖަވާބު ދެއްވާ “ރައީސްގެ ޖަވާބު” ސިލްސިލާ ހިމެނެއެވެ. ނަމަވެސް މިހާރު އޭގެން އެއްވެސް ހަރަކާތެއް ކުރިއަކަށް ނުދެއެވެ.

ވަގަށް ނަގާފައިވާ 1.46 މިލިއަން ރުފިޔާ ހޯދިއްޖެ: ފުލުހުން

މިހާތަނަށް މާލޭން ވަގަށް ނަގާފައިވާ ފައިސާގެ ތެރެއިން 1.46 މިލިއަން ރުފިޔާ، މި އޭޕްރިލް މަހުގެ ފުރަތަމަ ދެ ހަފުތާގެ ތެރޭ އެކަނިވެސް ހޯދިފައި ވާކަމަށް ފުލުހުން މިއަދު ބުނެފިއެެވެ.

ފުލުހުން މިއަދު ވަނީ ވައްކަމުގެ މައްސަލަތަކުގައި ގެއްލިފައިވާ ފައިސާގެ ތެރެއިން މި މަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ހޯދައިފައިވާ ފައިސާގެ އަދަދު ހާމަކޮށްފައެވެ.

އެގޮތުން ފުލުހުން ކޮށްފައިވާ ޕޯސްޓުގައި ވާގޮތުން، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1،461،315 ރުފިޔާ ވަނީ ހޯދިފައެވެ.

އޭގެތެރޭގައި ހިމެނެނީ ހެންވޭރު ޕޮލިހުން ހޯދައިފައިވާ 490،286 ރުފިޔާއާއި ގަލޮޅު ޕޮލިހުން ހޯދައިފައިވާ 710،404 ރުފިޔާއާއި މާފަންނު ޕޮލިހުން ހޯދައިފައިވާ 260،623 ރުފިޔާއެވެ.

އެ ފައިސާއަކީ، އެކި ތާރީޚުތަކުގައި ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގައި ހިމެނޭ ފައިސާކަން ފުލުހުން ފާހަގަކުރިއެވެ. ނަމަވެސް، މާލޭން ރިޕޯޓުކޮށްފައިވާ ވައްކަމުގެ މައްސަލަތަކުގައި މިހާތަނަށް ގެއްލިފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެ މުއައްސަސާއިން ހާމައެއްނުކުރެއެވެ.

ވައްކަމުގެ މައްސަލަތައް މާލެއާއި އަތޮޅު ތެރޭގައި ވެސް ވަނީ އިތުރުވެފައެވެ.

ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 3,421 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން ވައްކަމުގެ 952 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު ދާޚިލީ ވުޒާރާގެ ދަށަށް 9 އިދާރާއެއް ގެންގޮސްފި

ސަރުކާރުގެ އިދާރީ އޮނިގަނޑަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންނެވި ބަދަލުތަކާއެކު،  ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ދަށަށް 9 އިދާރާއެއް ބަދަލުކުރައްވައިފިއެވެ.

މި ބަދަލާއެކު އެ ވުޒާރާގެ މެންޑޭޓަށް ބޮޑެތި ބަދަލުތަކެއް އައިސް، ވުޒާރާގެ ނަން ވަނީ “މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ” (ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާބެހޭ ވުޒާރާ) ގެ ނަމަށް ބަދަލުކުރައްވާފައެވެ.

މި ވުޒާރާގެ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވަނީ ކުރިންވެސް އެ މަގާމުގައި ހުންނެވި އިޙްސާން އަލީއެވެ. ގެނެވުނު އިދާރީ ބަދަލުތަކުގެ ތެރޭގައި ކުރިން މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ދަށުން ހިންގަމުން އައި ބައެއް މަސައްކަތްތަކާއި އިދާރާތައް މިހާރު ވަނީ ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވިފައެވެ.

ދާޚިލީ ވުޒާރާގެ ދަށަށް ބަދަލުކުރެވުނު އިދާރާތައް

  • މޯލްޑިވްސް އިމިގްރޭޝަން
  • ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)
  • ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)
  • ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް
  • ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ
  • ލޭބަރ ރިލޭޝަންސް އޮތޯރިޓީ
  • ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް
  • މޯލްޑިވްސް ޑިޖިޓަލް ސަރވިސް
  • ނޭޝަނަލް ކެރިއަރސް ސަރވިސް

މި އިދާރާތަކުގެ ތެރެއިން ނޭޝަނަލް ކެރިއަރސް ސަރވިސް އަކީ މީގެ ކުރިން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގަމުން އައި އިދާރާއެކެވެ. ނަމަވެސް ސަރުކާރުގެ އޮނިގަނޑަށް ގެނައި އިޞްލާޙުތަކާއެކު، މަސައްކަތްތެރިންނާއި ވަޒީފާއާ ގުޅުންހުރި މުހިންމު މަސައްކަތްތައް މިހާރު ވަނީ ދާޚިލީ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމަނާފައެވެ.

މި ބަދަލަކީ ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދާޚިލީ ސަލާމަތާއި މަސައްކަތްތެރިންގެ ޙައްޤުތަކާއި ފަންނިއްޔާތާ ގުޅުންހުރި ކަންކަން އެއް ފުރާޅެއްގެ ދަށުން ވިލަރެސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.

ޑެންގީ ޖެހިގެން ރިޕޯޓުކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވަނީ، ސަމާލުވޭ

މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހު ރާއްޖޭގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ޑެންގީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް މޭ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރަށް މަތިވާނެ ކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

އެގޮތުން، އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތަކާއި، ބަލި މީހުންނަށް ފަރުވާދިނުމުގައި އަމަލުކުރާނެ ގޮތުގެ “ކުލިނިކަލް މޭނޭޖްމަންޓް” ސެޝަންތައް ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާކަން އެޗްޕީއޭއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، ރަށު ކައުންސިލްތަކާ ގުޅިގެން މަދިރި އާލާވާ ތަންތަން ނައްތާލުމުގެ މަސައްކަތާއި، ބަލި ފެތުރޭ މިންވަރު ގާތުން ބަލައި ކޮންޓްރޯލްކުރުމުގެ އޮޕަރޭޝަންތައް ވެސް އަންނަނީ ހިންގަމުންނެވެ.

މަދިރީގެ އުނދަގުލުން ރައްކާތެރިވުމަށްޓަކައި ޑީޓް (DEET) ނުވަތަ ޕިކަރިޑިން (Picaridin) އެކުލެވޭ މަދިރި ލޯޝަނާއި ސްޕްރޭ ބޭނުންކުރުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. ހަމައެހެންމެ، ހަށިގަނޑު ބޮޑަށް ނިވާވާ ފަދަ ފަނޑު ކުލައިގެ ހެދުން އެޅުމާއި، ގޭގެ ކުޑަދޮރުތަކުގައި މަދިރި ދާ ޖެހުމަކީ ވެސް ބަލިން ރައްކާތެރިވުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކެކެވެ.

ޑެންގީ ފަތުރާ އީޑިސް މަދިރިއަކީ އާންމުކޮށް ދުވާލު ގަޑީގައި ހަފާ މަދިރިއަކަށް ވީނަމަވެސް، ހުރިހާ ވަގުތެއްގައި ވެސް ސަމާލުވުން މުހިންމެވެ.

ޑެންގީ ކޮންޓްރޯލް ކުރުމަށް ކުރެވޭ މައިގަނޑު މަސައްކަތްތައް:

  • ބަލިން ރައްކާތެރިވުމަށް އާންމުން ހޭލުންތެރިކުރުވުން.
  • ބަލި މީހުންނަށް ފަރުވާދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް “ކުލިނިކަލް މޭނޭޖްމަންޓް” ތަމްރީނުތައް ބޭއްވުން.
  • ކައުންސިލްތަކާ ގުޅިގެން މަދިރި އާލާވާ ތަންތަން ނައްތާލުމުގެ ހަރަކާތްތައް ހިންގުން.
  • ބަލީގެ ތަފާސްހިސާބުތައް މޮނިޓަރކޮށް، ބަލި އިތުރުވާ ސަރަހައްދުތަކަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރުން.

ސާފު ފެން ހަރުލާ ކޮންމެ ތަނަކީ ވެސް އީޑިސް މަދިރި އާލާވެދާނެ ތަނަކަށްވާތީ، ގޭތެރެއާއި ގޯތިތެރޭގައި ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

އެޗްޕީއޭއިން ބުނާ ގޮތުގައި މަދިރި ފަނި އަޅާފައި ހުންނަ ތަކެތީގެ ފެން އޮއްސާލި ކަމުގައިވިޔަސް، އެ ތަކެތީގެ ފާރުގައި ހަރުލާފައި ހުންނަ މަދިރި ބިސް، ހަލާކުނުވެ ހަ މަސް ދުވަހަށްވުރެ ގިނަ ދުވަހު ހުރެއެވެ. އެހެންކަމުން އެފަދަ ތަކެތި ރަނގަޅަށް އުނގުޅައިގެން ދޮވެ ސާފުކުރުން މުހިންމެވެ.

ޑެންގީ ފަދަ ބަލިތަކުން މުޖުތަމައު ސަލާމަތްކުރުމަކީ ފަރުދީ އަދި ޖަމާއީ ޒިންމާއެކެވެ. މިކަމުގައި ލޯކަލް ކައުންސިލްތަކާއި އެހެނިހެން މުއައްސަސާތައް ގުޅިގެން ރަށް ސާފުކުރުމުގެ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ބަލި ފެތުރުން ހުއްޓުވުމަށް އޮތް އެންމެ ފަހި މަގެވެ.

ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދީފި، އެއް ފައި ބުރިކޮށްލަން ޖެހުނު

ގއ. ކޫއްޑޫ ކައިރީގައި މޫދަށް އެރިއުޅުނު ފަތުރުވެރިޔަކަށް މިޔަރެއް ހަމަލާދިނުމުގެ ސަބަބުން، އެ ފަތުރުވެރިޔާގެ އެއް ފައި ބުރިކޮށްލަން ޖެހިއްޖެއެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ. މިޔަރެއް ހަމަލާދިނުމުގެ ސަބަބުން އަނިޔާވެފައިވަނީ ސްޕެއިނަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިޔަކަށް ކަމަށް ފުލުހުން ބުންޏެވެ.

“މި ހަމަލާގައި ފަތުރުވެރިޔާގެ ދެ ފަޔަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާއިރު، އެ މީހާގެ އެއް ފައި ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ވަނީ ބުރިކޮށްލާފައި،” ފުލުހުން ބުންޏެވެ.

އެ ފަތުރުވެރިޔާއަށް ފަރުވާ ދީފައިވަނީ ގއ. އަތޮޅު ހޮސްޕިޓަލުގެ އައިސީޔޫގައި ކަމަށް ފުލުހުން ބުންޏެވެ. އެއަށްފަހު އިތުރު ފަރުވާއަށް މާލެއަށް ގެނައި ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ބުންޏެވެ. އަދި ފަތުރުވެރިޔާއަށް ފުރިހަމަކޮށްދޭންޖެހޭ އިޖުރާއީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ސްކޫލު ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެ

ސްކޫލެއްގައި ކިޔަވަމުންދިޔަ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކު ބަލިވެއިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

އިތުބާރު ހުރި މަސްދަރުތަކުން “ހަވާސާ” އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ބަލިވެއިން އަންހެން ކުއްޖާއަކީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ. އޭނާއަކީ ސްކޫލުގެ، ގްރޭޑު 11 ގައި ކިޔަވަމުންދާ ކުއްޖެއްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަންހެން ކުއްޖާގެ ބަނޑަށް މިހާރު ގާތްގަނޑަކަށް އަށްމަސް ކަމަށް ވެސް ވަނީ އެނގިފައެވެ. އަދި އެ ކުއްޖާ މިދިޔަ ހަފުތާގައި ވެސް ސްކޫލަށް ދިޔަ ކަމަށްވެއެވެ.

އެނގިގައިވާ ގޮތުގައި މިއީ، މާލޭން ދެކުނުގެ ރަށެއްގައި ހިނގައިގެން އުޅޭ ހާދިސާއެކެވެ.

އެ އަންހެން ކުއްޖާ ބަލިވެއިންކަން، ކަށަވަރުވެފައި ވާއިރު، އެކަން މިހާރުވަނީ ރަސްމީކޮށް، ޖެންޑާ މިނިސްޓްރީއަށާއި، ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. އަދި ސްކޫލަށް އެ މައުލޫމާތު ލިބުމާއެކު ރަސްމީކޮށް އެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ހިއްސާކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކާ އަދި މިހާތަނަށް ސުވާލުކޮށްފައިވާ ކަމަށް އެނގިފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ދެކުނުގެ ރަށެއްގައި ޑޮކްޓަރަށް ދެއްކި 17 އަހަރުގެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަށާރަ އަހަރުން ދަށުގެ ކުއްޖަކު ބަލިވެއިނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ވަރަށް ބޮޑަށް ސަމާލުކަންދޭ، އަދި ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅަންޖެހޭ ކަމެކެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން، ކުއްޖަކަށް ޖިންސީ އަނިޔާއެއް ނުވަތަ އިހުމާލެއްވާ ކަމަށް ޝައްކުކުރެވޭނަމަ، އެކަން ފުލުހުންނަށް ނުވަތަ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވަލޮޕްމަންޓަށް އެންގުމަކީ ކޮންމެ މީހަކަށްމެ ލާޒިމުކަމެކެވެ. އަދި މިފަދަ ކަމެއް ރިޕޯޓް ނުކުރުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، ޖިންސީ ކުށުގެ ޤާނޫނުގެ ދަށުން 18 އަހަރުން ދަށުގެ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމަކީ ވެސް ކުށެކެވެ. ކުއްޖާގެ ރުހުން އޮތްކަމަށް ބެލުނު ކަމުގައިވިޔަސް، ޤާނޫނީ ގޮތުން އެއީ ކުށެއްގެ ގޮތުގައި ބެލެވޭނެއެވެ. އަދި ބަލިވެއިނުމަކީ މިފަދަ އަމަލެއް ހިނގާފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ބެލެވޭނެއެވެ.

މިފަދަ ހާލަތެއްގައި ކުއްޖާގެ ސިއްޙީ އަދި ނަފްސާނީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ބަލިވެއިނުމާ ގުޅިގެން ލިބެންޖެހޭ ޞިއްޙީ ފަރުވާ ހުރަހެއްނެތި ލިބިދޭންޖެހޭނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމަށް މުންދު އައްޔަން ކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަންކަމުގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު އައްޔަންކުރައްވައިފިއެވެ.

މުންދުވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ބޭރުގެ އެކިއެކި ގައުމުތަކަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގަމުތައް އެކި ދުވަސްވަރު ފުރުއްވާފައެވެ.

މުންދު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަންމަންޓް ސްޕޯކްސްމަންކަން 2005 ން 2007 ށް އަދި ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަމުގެ މަގާމު 2007 ން 2008 ށް ފުރުއްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް އުފެދިގެން އައި ދުވަސްވަރު އެ މަސައްކަތުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

މުންދު އެންމެ ފަހުން އަދާކުރައްވާފައިވަނީ ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގައެވެ.

ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަނުކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓާ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ މަގާމަށް، ހަސަން ރަޝީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ހަސަން ރަޝީދަށް މަގާމުގެ ފަތްކޮޅު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިރޭ އިރާކޮޅުގެ ވަގުތެއްގައި ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހަސަން ރަޝީދުވަނީ މަގާމުގެ ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ސޮއިކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޑިފެންސް މިނިސްޓަރުގެ މަގާމަށް ހަސަން ރަޝީދު އައްޔަންކުރައްވާފައިމިވަނީ އެ މަގާމުގައި ކުރިން ހުންނެވި ގައްސާން މައުމޫން އެ މަގާމުން އިއްޔެ އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެ

ފުލުހުންގެ ބަންދުގައި ހުރި މީހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި މީހާ ނިޔާވެފައިވާކަން އެނގުނީ އެ މީހާ ބަންދުކޮށްފައި ހުރި ގޮޅިއަށް ވެއްޓިފައި އޮއްވާ ފެނިގެން އައިޖީއެމް ހޮސްޕިޓަލަށް ގެންދިއުމުންނެވެ.

މިއަދު ހަވީރު ހިނގި މި ހާދިސާގައި އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ މަޢުލޫމާތުދީފައެވެ.

ޖަލުގައި ބަންދުކޮށްފައި ހުއްޓާ ނިޔާވެފައިވަނީ މ. ރޭއަލިވާގެއާގެ، އުމުރުން 41 އަހަރުގެ އަޙްމަދު ނަވްޝާދުއެވެ.

މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހިއްސާކޮށްފައިވާނެކަމަށް ފުލުހުން ހާމަކުރެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

ބައެއް ވުޒާރާތަކަށް ދިވެހިން ކިޔާނެ އައު ނަންތައް ހަމަޖައްސައިފި

ސަރުކާރު ހިންގުމުގެ އޮނިގަނޑަށް ގެންނެވި ބަދަލާ ގުޅިގެން ބައެއް ވުޒާރާތަކަށް ދިވެހިން ކިޔާނެ އައު ނަންތައް ހަމަޖައްސަވައިފިއެވެ.

މިއީ 2026 އެޕްރީލު 14ވަނަ ދުވަހާއި، 15ވަނަ ދުވަހު، ސަރުކާރުގެ އިދާރީ އޮނިގަނޑަށް ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އައު ވުޒާރާތައް އުފެއްދެވުމާއި، ބައެއް ވުޒާރާތަކުގެ ނަމަށް ބަދަލުގެންނެވުމާއި ގުޅިގެން އައި ބަދަލެއްކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހާމަކުރެއެވެ.

އެގޮތުން، ނަމަށް ބަދަލުގެންނެވި ވުޒާރާތަކަށް ދިވެހިބަހުން ނަން ކިޔުމަށް ހަމަޖައްސާފައިވާ ގޮތް ތިރީގައި އެވަނީއެވެ.

  • މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ: ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް: މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް: ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ: ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް: އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް: މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް: އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން: ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް: ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ
  • މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ: މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ

ސަރުކާރު ހިންގެވުމަށް ހެޔޮ ބަދަލުތައް ގެންނެވުމަށް ފުރުސަތު ދެއްވުމުގެ ގޮތުން އަންގާރަ ދުވަހު ވަނީ 10 ވަޒީރަކު އިސްތިޢުފާދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ކެބިނެޓަށް ގެންނެވި ބަދަލުތަކެއް ކަމުގައެވެ.