ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅު ރަށަށް ޑިންގީއެއްގައި ދިޔަ ބަޔަކަށް މިއަދު ހެނދުނު ފަސް ފޫޓުގެ ކިނބުލެއް ފެނިގެން އެ ހިފައި، ސިފައިންނާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ އެ ކިނބޫ ފެނިފައި ވަނީ މިއަދު ހެނދުނު 7:00 ހާއިރު ކަމަށެވެ. ކިނބޫ ފެނުމާ އެކު އެ މީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ. އެ ހާދިސާގެ މައުލޫމާތު ނައިފަރު ޕޮލިސް ސްޓޭޝަން މެދުވެރިކޮށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ 10:51 ހާއިރު ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މައުލޫމާތު ލިބުމާ އެކު ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބާކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ރާއްޖެއިން ކިނބޫ ފެނުމަކީ އެހާ އާންމު ކަމެއް ނޫން ނަމަވެސް، ބައެއް އަހަރުތަކުގައި ވަކި މޫސުމެއްގައި ކިނބޫ ފެނިފައި އެބަ ހުއްޓެވެ.
