ދުންފަތުގެ ބާވަތްތައް ވިއްކަން 200 އަށްވުރެ ގިނަ ލައިސެންސް ދީފި

ދުންފަތް ވިއްކަން 200 އަށްވުރެ ގިނަ ލައިސެންސް އަށް އެދެފިއެވެ.

އެޗްޕީއޭއިން ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމަށް ލައިސެންސް ނަގަން ހުށައަޅަން ދިން މުއްދަތުގެ ތެރޭގައި 767 ފަރާތަކުން ހުށައެޅި ކަމަށެވެ. އޭގެތެރޭގައި ކެފޭ ރެސްޓޯރަންޓްވެސް ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.

ލައިސެންސަށް އެދި ހުށައެޅި ފަރާތަކުން 652 ފޯމުގެ ވެރިފިކޭޝަން ނިންމާފައިވާކަމަށާއި އެކި ސަބަބުތަކާއި ހުރެ މިވަގުތު ހުއްދަ ދީފައިވަނީ 209 ފަރާތަކަށްކަމަށް އެޗްޕީއޭއިން ބުނެއެވެ. އެގޮތުން ޝަރުތު ފުރިހަމަނުވާތީ 244 ފޯމު ކެންސަލްކޮށްފައިވާކަމަށާއި އިސްލާހުކުރަން ޖެހޭ ކަންކަން ހުރުމުން 177 ފަރާތެއްގެ ފޯމު މަޑުޖައްސާލާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދުންފަތް ވިއްކަން ލައިސެންސްއަށް އެދި ހުށައެޅި އަދަދުތައް

  • ސިނގިރޭޓު ވިއްކަން އެދި 608 ފަރާތަކުން
  • ޓޮބޭކޯގެ އާ އުފެއްދުން ވިއްކަން އެދި 15 ފަރާތަކުން
  • ޓޮބޭކޯ އެތެރެކުރިމަށް އެދި 28 ފަރާތަކުން
  • ޓޮބޭކޯ ރޯ-އެކްސްޕޯޓު ލައިސެންސަށް އެއް ފަރާތަކުން

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަމަލުކުރަން ފެށުމުން، ދުންފަތުގެ ބާވަތްތައް ވިއްކޭނީ އެކަމަށް ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ލައިސެންސް ދޫކުރާނީ، އެކަމަށް ކަނޑައަޅާފައިވާ ފީއެއް ދެއްކުމުން ފަސް އަހަރުގެ މުއްދަތަށެވެ.

ފީ ނަގާގޮތް

  • ދުންފަތް ވަކިން ނުވަތަ ގަނޑުކޮށް ވިއްކުމަށް 5،000 ރުފިޔާ
  • ދުންފަތް އިމްޕޯޓުކުރުމާއި ރީއެކްސްޕޯޓު ކުރުމަށް 10،000 ރުފިޔާ
  • ކެފޭ/ރެސްޓޯރެންޓު ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރަން 10،000 ރުފިޔާ.

މީ ކޮންމެ ލައިސަންސް ލިބިމަށްފަހު އާ ކުރަން ބޭނުންވާނަމަ މުއްދަތު ހަމަވުމުގެ 60 ދުވަހުގެ ކުރިން ހުށަހަޅަންޖެހެއެވެ.

ފަރަށް އެރި ދޯންޏެއްގައި ތިބި ފަޅުވެރީންނަށް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފި

ހއ. އަތޮޅުގައި އޮންނަ މަނަފަރު ރިޒޯޓުން ކުނި ބަރުކޮށްގެން ކ.ތިލަފުށްޓަށް ދަތުުރުކުރަމުންދަނިކޮށް ފަރަށް އެރި “ގުރުވަ 1” ނަމަކަށްކިޔާ ދޯނީގައި ތިބި ފަޅުވެރީންނަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ދިވެއްސަކާއި ދެ ބިދޭސީންނާ އެކު ދަތުރުކުރަމުންދިޔަ މި ދޯނި، ނ.ކުޑަރަށް ކައިރިން ފަރަށް އެރި ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ އޮގަސްޓި 1ވަނަ ދުވަހުގެ 23:24 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ވަނީ އެ ސަރަހައްދަށް ދަތުރުކޮށް، ދޯނިން ދަތުރުކުރި ތިން ފަޅުވެރިން ހާބަރކްރާފްޓްއަށް ނަގާފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފަޅުވެރީން މިއަދު 08:45 ހާއިރު ނ.ހޮޅުދޫއަށް ގެންގޮސްދީފައިވާ އިރު، އެ އެންމެންގެ ވެސް ހާލު ރަނގަޅުކަމަށް ކޯސްޓްގާޑުން މަޢުލޫމާތު ދެއެވެ.

އިންސާނާ މަރުވުމަށްފަހުވެސް ފައިދާ ކުރާނޭ 3 ޢަމަލެއް!

إذا مات الإنسان انقطع عمله إلا من ثلاث : صدقةٌ جاريةٌ ، وعلمٌ يُنْتَفَعُ بِهِ ، وولدٌ صَالِحٌ يَدْعُو له ) الترمذي – قال : هذا حديثٌ حسنٌ صحيحٌ

މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. އިންސާނާ މަރުވުމަށްފަހު، ތިން ކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓި ދެއެވެ. އެއީ، صدقة جارية ދެމިގެންދާ ޞަދަޤާތެކެވެ. وعلم يُنتفع به ، ފައިދާ ކުރަނިވި ޢިލްމެކެވެ. وولد صالح يدعو له އަދި އޭނާއަށް ދުޢާ ކުރާނޭ ޞާލިޙު ދަރިއެކެވެ.

އެހެންކަމުން، މި ޙަދީޘްފުޅުގައި މި ވަނީ އިންސާނާ މަރުވުމަށްފަހު ތިން ކަމަކުން މެނުވީ އޭނާއަށް ފައިދާއެއް ނުކުރާނެ ވާހަކައެވެ. ފުރަތަމަ ކަމަކީ، ދެމިގެންދާ ޞަދަޤާތެކެވެ. އެއީ މިސާލަކަށް، މިސްކިތެއް ބިނާކޮށްފައި ދިޔުން، ސްކޫލެއް ބިނާކޮށްފައި ދިޔުން، ފެން ވަޅެއް ބިނާކޮށްފައި ދިޔުން، ވަޤްފެއް ދޫކޮށްފައި ދިޔުން ފަދަ ކަންކަމެވެ. އެކަންކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނާ ކަށްވަޅުގައި އޮތަސް އެކަމުގެ ޘަވާބާއި ދަރުމަ ލިބިގެންދާނެއެވެ.

ދެވަނަ ކަމަކީ، ދޫކޮށްފައިދާ ފައިދާ ކުރަނިވި ޢިލްމެކެވެ. އެކަމުން މީސްތަކުން ފައިދާ ލިބިގަންނަހާ ހިނދަކު އޭނައަށް އެކަމުގެ ޘަވާބާއި ދަރުމަ މެދުނުކެޑި ލިބެމުން ދާނެއެވެ. އެހެންކަމުން، މީގެ ތެރޭގައި ހިމެނޭނީ ޢިލްމުވެރިން އެކަންޏެއް ނޫނެވެ. ޢިލްމުވެރިންނާއި އެކުގައި އެ ޢިލްމު މީސްތަކުންގެ މެދުގައި ފަތުރާ މީހުންވެސް ހިމެނޭއެވެ. އެގޮތުން، މީހަކަށް ފޮތެއް ހަދިޔާ ކުރުމުގެ ސަބަބުން އެ ފޮތުން އެމީހަކު ފައިދާ ލިބި ، އެނާގެ ފަރާތުން އެހެން މީހަކަށް އެކަމުން ފައިދާ ލިބި ، އެގޮތަށް ކިތަންމެ ދުރަކަށް ދިޔަޔަސް އެ ފޮތް ހަދިޔާ ކުރި މީހާއަށް އެ އެ އެންމެންގެ ޘަވާބާއި ދަރުމަވެސް ލިބިގެން ދާނެއެވެ. އެހެންކަމުން، މި ބާބުގައިވެސް އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތެއް ކުރަން އެބަ ޖެހެއެވެ. ކޮންމެ މީހަކީ ޢިލްމުވެރިޔަކަށް ނުވެދާނެއެވެ. ނަމަވެސް، ޢިލްމުވެރި ދެއްވާފައިވާ ދަރުސްތަކާއި، ލިޔުއްވާފައިވާ ފޮތްތަކާއި ލިޔުއްވުންތައް މީސްތަކުންގެ މެދުގައި ފެތުރިދާނެއެވެ. އެއިގެ ސަބަބުން މީސްތަކުންނަށް ފައިދާ ކުރާހާ ހިނދަކު އަޅުގަނޑުމެންނަށްވެސް އެކަމުގެ ޘަވާބާއި ދަރުމަ މެދުނުކެޑި ލިބިލިބި ހުންނާނެއެވެ. މިއަށްވުރެ ވަކި ބޮޑު ނަޞީބެއް ކޮބައިތޯއެވެ؟

ތިންވަނަ ކަމަކީ، ޞާލީޙު ދަރިއެއް ދޫކޮށްފައި ދިޔުމެވެ. އެ ދަރިފުޅު ކުރާ ހެޔޮ ދުޢާގެ ޘަވާބާއި ދަރުމަ އެމައިންބަފައިންނަށް މެދުނުކެޑި ލިބިލިބި ހުންނާނެއެވެ. ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކޮށްފައި ދިޔުމަކީ މައިންބަފައިންނަށް ކުރެވޭ އެންމެ ރަނގަޅު އެއް ކަންތަކެވެ. އެހެނީ، އެއީ ކުރީގައި ބަޔާންވެފައިވާ ފައިދާ ކުރަނިވި ޢިލްމެއް ދޫކޮށްފައި ދިޔުމުގެ ކެޓަގަރީގައިވެސް ހިމެނޭނެއެވެ. އެހެެނީ، މައިންބަފައިން އެ ދަރިންނަށް ދޭ ހެޔޮ ތަރުބިއްޔަތާއި ނަޞޭޙަތް އެދަރިން އެދަރިންގެ ދަރީންނަށް ފޯރުކޮށްދޭނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އެހެންކަމުން، އެތައް ޖީލަކަށް އެ މައިންބަފައިންނަށް ޘަވާބާއި ދަރުމަ މެދުނުކެޑި ޢިލްމު ފެތުރި ކެޓަގަރީންވެސް ލިބިލިބި ހުންނާނެއެވެ.

އެހެންކަމުން، މަރާ ބައްދަލު ވުމުގެ ކުރިން، މިކަންކަމަށް އަޅުގަނޑުމެންނަށް ވީ ވަރަކުން މަސައްކަތް ކުރަން ޖެހޭނެއެވެ. އެހެނީ، ހުރިހާ ޢަމަލުތަކެއްގެ ނެތިދާ ދުވަހު، މި ޢަމަލުތަކަކީ ދެމިގެންދާނެ ޢަމަލުތަކެކެވެ.

ޤުރްއާން ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށްފަހު ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއް: ޚުޠުބާ

ޤުރްއާން ދަސްކުރުމަށް ފަހު ނުވަތަ ޤުރްއާނުން މިންވަރެއް ދަސްކުރުމަށް ފަހު، ޤަވާޢިދުން މުރާޖަޢާކޮށް ހަނދާނުގައި ބެހެއްޓުމަކީ ކޮންމެހެން ކުރާންޖެހޭނޭ ކަމެއްކަމުގައި ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގެ މައުލޫއަކީ “ކީރިތި ޤުރްއާން ހިތުދަސްކުރުމުގެ މާތްކަން” މި މައުލޫއެވެ.

އެ މައުލޫގައި ހުކުރު ޚުޠުބާގައި މިއަދު ބުނެފައިވަނީ ކީރިތި ޤުރްއާނަކީ އޭގެ އަކުރަކަށް ފިއްޔަކަށް ބަދަލު އައުމެއް ނުވާ ގޮތެއްގައި ޤިޔާމަތާ ހަމަޔަށް ދެމިގެންދާ މުޢުޖިޒާތެއްކަމުގައި ލައްވައިފައިވާ މާތް ﷲގެ ކަލާމްފުޅު ކަމަށާއި އެ ޤުރްއާން ރައްކާތެރިކުރައްވާނެ ގޮތް މާތް ﷲގެ ވަނީ މެދުވެރިކުރައްވާފައިވާކަމަށާއި ކީރިތި ޤުރްއާން ކިޔަވައި އެ ޤުރްއާން ހިތުދަސްކުރުމަކީ އޭގެ ތެރެއިން އެއް ގޮތް ކަމަށެވެ.

“ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ ދުންޔަވީ ޙަޔާތާއި އުޚްރަވީ ޙަޔާތުގައި ވެސް އޭގެ ފައިދާ އޭނާއަށް ލިބޭނޭ ކަމެއް” ޚުޠުބާގައި ބުނެފައިވެއެވެ.

  • ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ކީރިތި ޤުރްއާން ހިތުދަސްކުރުމަކީ އެހެނިހެން ޢިލްމުތައް ޙާޞިލުކުރާން ފަސޭހަވާނޭ ކަމެކެވެ. އުންމަތުގެ ސަލަފުން އެ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ޢިލްމު އުނގަންނަވައިދެއްވުމުގައި އެ ބޭކަލުންގެ ދަރިވަރުން ކީރިތި ޤުރްއާން ހިތުދަސްކުރުން ލާޒިމުކުރެއްވިއެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރުމުގައި ތިމާގެ ހިތުގެ އިޚުލާޞްތެރިކަމާއި އުޚުރަވީ ޙަޔާތުގައި ﷲގެ ޙަޟުރަތުން ލިބޭން ހުރި ނިޢުމަތްތައް ހަނދާންކުރާން ޖެހޭކަމާއި އެބައެއްގެ ޛަރީޢާއިން މާތް ﷲ ކީރިތި ޤުރްއާން ރައްކައުތެރިކުރައްވާނޭ މީހުންގެ ތެރޭގައި ތިބާ ހިމެނިފައިވާކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

އިއްޔެ އެކަނިވެސް ފަލަސްތީނުގައި 101 މީހަކު ޝަހީދުކޮށްލި

ޣައްޒާގެ ސިއްޙީ ވުޒާރާއިން އިޢުލާން ކުރި ގޮތުގައި، ބުރާސްފަތި ދުވަހު ޔަހޫދީން ވަނީ 101 މީހުން ޝަހީދު ކޮށްފައެވެ. އަދި 625 މީހުން ޒަޚަމް ކޮށްފައެވެ.

އަދި ހަމައެހެންމެ، ބުރާސްފަތި ދުވަހު އެހީއަށް އެދި މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން 81 މީހުން ޝަހީދު ކޮށްފައި ވެއެވެ. އަދި 666 އަށްވުރެ ގިނަ މީހުން އެހީދޭ މަރުކަޒުތައް ކައިރިން ޒަޚަމް ވެގެން ހޮސްޕިޓަލަށް ގެނަސްފައި ވެއެވެ.

މިއާއެކު ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަނިކޮށް ޝަހީދުވެ ހޮސްޕިޓަލްތަކަށް ގެނަސްފައިވާ މީހުންގެ ޖުމްލަ އަދަދު 1,320 އަށް އަރާފައިވެއެވެ. އަދި، 8,818 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްފައި ވެއެވެ.

މިގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 60,239 އަށް އަރައިފިއެވެ. އަދި، 146,894 މީހުން ޒަޚަމް ކޮށްފައި ވެއެވެ.

އަދި 2025 ވަނަ އަހަރުގެ މާރޗް 18 އިން ފެށިގެން މިއަދާ ހަމައަށް 9,071 މީހުން ޝަހީދު ކޮށްފައިވާއިރު 34,853 މީހުން ޒަޚަމް ކޮށްފައި ވެއެވެ.

ނަމަވެސް، ޝަހީދުވެފައިވާ ގެއްލިފައިވާ އެތައް ބަޔަކު އަދިވެސް ޢިމާރާތްތަކުގެ ދަށުގައާއި މަގުމަތީގައި ވެއެވެ. އެމްބިއުލެންސް އަދި ސިވިލް ޑިފެންސްގެ ޓީމްތަކަށް އެ މީހުންނާ ހަމައަށް ދެވޭ ގޮތަށް ވެފައި ނުވަނީ ޔަހޫދީން އެމީހުންނަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުންނެވެ.

ސޯސަލް މީޑިއާގައި ރައީސް މުއިއްޒަށް މަރުގެ އިޒާރުދިން މައްސަލައެއް ބަލަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރައީސް މުއިއްޒަށް މީހަކު މަރުގެ އިންޒާރުދިނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުންނާއި އެތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަން އެމަނިކުފާނު އިއުލާންކުރެއްވުމުންނެވެ.

އޮންލައިން ނޫހަކު ލިޔެފައިވާ އެ ޚަބަރު ޝެއާކޮށް މަސީހު މޫސާ ނަކަމަށް ކިޔާ މީހަކު ފޭސްބުކުގައި ލިޔެފައި ވަނީ “ފުރަތަމަ މަރާލަންވީ” ރައީސް މުއިއްޒު ކަމަށެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު ގެނައުމުގެ ކަންކަން ކުރަންވީގޮތުގެ އިރުޝާދު ރައީސް ވަނީ ކަމާބެހޭ އިދާރާތަކަށް ދެއްވާފައެވެ.

ގަވާއިދާ ޚިލާފަށް އުޅުނު 25 ބިދޭސީއަކު އަތުލައިގެންފި

އިމިގްރޭޝަނުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ގަވާއިދާ ޚިލާފަށް އުޅުނު އިތުރު 25 ބިދޭސީއަކު އަތުލައިގެންފިއެވެ.

އިމިގްރޭޝަނުން ބުނީ، ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ ސިލްސިލާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން މާލޭގެ ހެންވޭރު ކަރަންކާ މަގުގައި ހުންނަ ކެފޭއަކާއި އެކޮމޮޑޭޝަން ބްލޮކެއް މިއަދު ހެނދުނުގެ ވަގުތެއްގައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ރައީސް ޑރ. މުހައްމަދު ވެރިކަމަށް ވަޑައިގަތްފަހުން އަންނަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް އެފަދަ 5000 އަށްވުރެ ގިނަ މީހުން ވަނީ ޑީޕޯޓްކޮށްލާފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަން އަތޮޅުތަކުގައި ވެސް ކުރިއަށްގެންދެއެވެ.

6 ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑުކުރަން ހަވާލުކޮށްފި

ރާއްޖޭގެ ހަތަރު އަތޮޅެއްގެ ހަ ރަށެއްގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން އަމިއްލަ ކުންފުނިތަކަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ނައިބު އިސްމާއިލް ޒާހިރެވެ.

އެގޮތުން ހއ. ވަށަފަރާއި ހއ. ތުރާކުނު ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ “ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއެވެ.

ވަށަފަރު ސިއްހީ މަރުކަޒުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވޭއިރު، ތުރާކުނު ސިއްހީ މަރުކަޒުގެ މަސައްކަތަށް 3.4 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.

ށ. ޅައިމަގު ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ “އީކޮން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް” އާއެވެ. މިނިސްޓްރީން ބުނީ މި މަސައްކަތަށް 4.8 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

ނ. މަގޫދޫ، ފ. ބިލެއްދޫ އަދި ފ. ދަރަނބޫދޫ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކުރީ “ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް” އާ އެވެ. މި ތިން ރަށުގެ މަސައްކަތަށް ޖުމްލަ 13.9 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ދަށުން ހުރިހާ ސިއްހީ މަރުކަޒުތަކެއްގައިވެސް އައު ވޯޑުތަކާއި، ލެބޯޓްރީތަކާއި، ނާސް ސްޓޭޝަންތަކާއި، ޕްރޮސީޖާ ރޫމްތަކާއި، ސްޓޯ ރޫމްތައް ޤާއިމްކުރެވިގެންދާނެއެވެ.

ވަޅިން ބިރު ދައްކައިގެން ފައިސާތަކެއް ފޭރުނު މީހަކު 10 މަހަށް ޖަލަށްލައިފި

ވަޅިން ބިރު ދައްކައިގެން ފިހާރައަކުން ފައިސާތަކެއް ފޭރުނު މީހަކު 10 މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށްލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ ހ. ރެދަން، ފަވާޒް ކަޅުތުއްތުގެ މައްޗަށެވެ.

ފަވާޒް ވަނީ މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުގެ ހަވީރު އިސްކަންދަރު މަގުގައި ހުންނަ ފަރާއޯ ފިހާރައަށް ވަދެ، އެތަނުގެ މީހުންނަށް ވަޅިން ބިރު ދައްކައިގެން ފައިސާ ފޭރިފައެވެ.

މި މައްސަލައިގައި ފަވާޒްގެ މައްޗަށް 2 ދައުވާއެއް ދައުލަތުން ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާ އާއި ފޭރުމުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނީ މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުން އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅައި، ހަމަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް އޭނާގެ މައްޗަށް ހުކުމްކުރީ، އެ ފިހާރައަށް ވަދެ އެ ފިހާރައިގެ ކޭޝް ޑްރޯވާ ހުޅުވަން އުޅުމުން، ފިހާރައިގައި މަސައްކަތްކުރާ ނޭޕާލް މީހަކު ހުރަސް އެޅުމުން އޭނާއާ ދިމާލަށް ވަޅި ދިއްކުރުމުން ކަމަށެވެ. އެ އަމަލު ހިންގިކަމަށް ފަވާޒް ކަޅުތުއްތު ވަނީ ކޯޓުގައި އިއުތިރާފުވެފައެވެ.

މި ދައުވާއާ ގުޅިގެން އޭނާ ހަ މަހަށް ޖަލަށް ލާން ހުކުމްކޮށްފައިވާއިރު، އޭނާ ބަންދުގައި ހޭދަކުރި މުއްދަތު ޖަލު އަދަބުން އުނިކުރުމުން ތަންފީޒު ކުރަން ޖެހޭ އަދަބަކީ ތިންމަހާއި 12 ދުވަހުގެ ޖަލު އަދަބެއް ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އަދި ފޭރުމުގެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ، ފިހާރައިގެ ކޭޝް ޑްރޯވާ ހުޅުވަން އުޅުމުން ހުރަސްއެޅި ނޭޕާލް މީހާއާ ދިމާލަށް ވަޅި ދިއްކުރުމުން އެކަމުގެ ބިރަށް އެ ފިހާރައިގައި މަސައްކަތްކުރަން ތިބި ނޭޕާލްގެ ދެމީހުން ފިހާރައިން ނުކުތުމުން ކޭޝް ޑްރޯވާ ހުޅުވައި އޭގައިއޮތް 700 ރުފިޔާ ނަގައިގެންގޮސްފައިވާތީއެވެ. މިކަމަށްވެސް އޭނާ ވަނީ ކޯޓުގައި އިއުތިރާފްވެފައެވެ.

އެހެންކަމުން ފޭރުމުގެ ކުށުން އޭނާ ކުށްވެރިވާކަމަށް ކަނޑައަޅައި އަދަބެއްގެ ގޮތުން ހަތަރު މަހާއި 24 ދުވަހަކަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ގއ.ވިލިގިލީ ކައުންސިލް އިދަރާ ދޮރުމަތީ އަންހެނަކު އޮށޯވެގެން އޮވެ މުޒާހަރާކޮށްފި

ގއ. ވިލިނގިލީގެ ދެ ރޯހައުސަކަށް ކުރިމަތިލި މީހުންގެ ލިސްޓު ބާތިލުކޮށް، އަލުން އިއުލާނުކުރުމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް، އަންހެނަކު އެރަށު ކައުންސިލް ކުރިމަތީ އޮށޯވެ އޮވެގެން އިހުތިޖާޖު ކުރަން ފަށައިފިއެވެ.

ކައުންސިލް ކުރިމަތީ ތަންމަތި އަޅައިގެން އޮތް އެ އަންހެން މީހާ މިއަދު ހެނދުނު ކައުންސިލް ހުޅުވިއިރު ވެސް އޮތީ އެތާ ދޮރުމަތީގައެވެ.

އޭނާ ކައުންސިލް ކުރިމަތީގައި އިހުތިޖާޖު ކުރާއިރު، ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިހުތިޖާޖު ކުރަމުންދާ އަންހެން މީހާއަކީ ހާއްސަ އެހީއަށް ބޭނުންވާ ދަރިން ހުރި މީހެކެވެ.

ވިލިގިލީގައި ހުރި ރޯ ހައުސްތަކުގެ ލިސްޓު އޭސީސީގެ އެންގުމަށް ބާތިލުކޮށް އަލުން މިހާރު ވަނީ ކުރިމަތިލާން ހުޅުވާލައިފައެވެ.

މީގެ ކުރިން ވެސް އެންޓިކޮރަޕްޝަން ކޮމިޝަނަށް (އޭސީސީ) މައްސަލައެއް ހުށަހެޅިގެން ރޯހައުސް ދޫކުރުންވަނީ ހުއްޓައިލައިފައެވެ.

މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ކަނޑައަޅަނީ

މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް މަސައްކަތްކުރަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލްގައި މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެކަމަށެވެ.

އެގޮތުން މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމަޢު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

 

މަޖިލީހަށް މިހާރު ހުށަހަޅާފައިވާ މަސްތުވާ ތަކެއްޗާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ނުވަތަ ވިޔަފާރިކުރުމުގެ ކުށް ސާބިތުވާ ފަރާތްތަކަށް ދުނިޔޭގެ ބައެއް އެހެން ޤައުމުތަކުގައިވެސް ކަން ކުރާ ގޮތަށް، މަރުގެ އަދަބު ހިމެނޭހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށްޓަކައި އެ ބިލު އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް މިހާރު ދަންނަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

 

މަސްތުވާތަކެތީގެ މައްސަލަ ޙައްލު ކުރުމުގެ ގޮތުން މަސްތުވާތެކެތީގެ ވާބާގައި ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމުގެ ނިޒާމާއި، އެފަރާތްތައް އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް އެކަށައެޅިފައިވާ ނިޒާމު، އެއް އަމާޒަކަށް މަސައްކަތް ކުރަން ޤައުމީ އޮނިގަނޑެއްގެ ތެރެއިން މިހާރު މަސައްކަތްތައް ރޭވިފައިވާ ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިން ވިދާޅުވެފައެވެ.

 

މަސްތުވާތަކެއްޗާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހުގައި ޤާނޫނުގެ ދަށުން މިހާރު ކޮންޓްރޯލް ކޮށްފައިވާ މަސްތުވާތަކެތީގެ އިތުރުން އަލަށް ކޮންޓްރޯލް ކުރަންޖެހޭ މަސްތުވާތަކެތި ކޮންޓްރޯލް ކުރެވޭނެ ނިޒާމެއް ތައާރަފުކުރުމާއި، މަސްތުވާތަކެއްޗާ ގުޅޭ އިތުރު ކުށާއި އަދަބު ކަނޑައެޅުމާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ދެވޭ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޑްރަގު ކޯޓު ހިންގުމުގެ އުސޫލުތަކާއި ޑްރަގް ކޯޓުގެ ފަރުވާގެ ޕްރޮގްރާމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމަށް ވަނީ ހިމަނުއްވާފައެވެ.

ޢުމްރާއަށްދިޔަ މީހަކު ނިޔާވެއްޖެ

ޢުމްރާއަށްދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި ޖުލައިމަހު ޢުމްރާއަށްދިޔަ ފަރާތެއްކަމަށްވާ ރ. ފައިނު އުޑުވިލާގެ މަރިޔަމް ސިޔާމާއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 42 އަހަރުގެ މަރިޔަމް ސިޔާމާ ނިޔާވީ ފުރަތަމަ ޢުމްރާ ނިންމައި، މަދީނާއަށް ގޮސް އެނބުރި އައި މަގުމަތީގައި ގުބާ މިސްކިތުގައި ދެ ރަކުއަތުގެ ނަމާދެއް ކުރިތާ އިރުކޮޅެއް ފަހުންނެވެ. އެއީ ރާއްޖޭގެ ގަޑިން މިއަދުގެ މެންދުރު އެކެއް ޖަހާކަށްހާއިރުކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

ސިޔާމާ ނިޔާވުމާ ގުޅިގެން ޙައްޖު ކޯޕަރޭޝަނުން ވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި ސިޔާމާގެ އާއިލާށް ތައުޒިޔާ ދަންނަވާފައެވެ.