ޣައްޒާގެ ސިއްޙީ ވުޒާރާއިން އިޢުލާން ކުރި ގޮތުގައި، ބުރާސްފަތި ދުވަހު ޔަހޫދީން ވަނީ 101 މީހުން ޝަހީދު ކޮށްފައެވެ. އަދި 625 މީހުން ޒަޚަމް ކޮށްފައެވެ.
އަދި ހަމައެހެންމެ، ބުރާސްފަތި ދުވަހު އެހީއަށް އެދި މަޑުކޮށްގެން ތިބި މީހުންގެ ތެރެއިން 81 މީހުން ޝަހީދު ކޮށްފައި ވެއެވެ. އަދި 666 އަށްވުރެ ގިނަ މީހުން އެހީދޭ މަރުކަޒުތައް ކައިރިން ޒަޚަމް ވެގެން ހޮސްޕިޓަލަށް ގެނަސްފައި ވެއެވެ.

މިއާއެކު ކާބޯތަކެތި ހޯދުމަށް މަސައްކަތްކުރަނިކޮށް ޝަހީދުވެ ހޮސްޕިޓަލްތަކަށް ގެނަސްފައިވާ މީހުންގެ ޖުމްލަ އަދަދު 1,320 އަށް އަރާފައިވެއެވެ. އަދި، 8,818 އަށްވުރެ ގިނަ މީހުން ޒަޚަމް ކޮށްފައި ވެއެވެ.
މިގޮތުން، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 60,239 އަށް އަރައިފިއެވެ. އަދި، 146,894 މީހުން ޒަޚަމް ކޮށްފައި ވެއެވެ.

އަދި 2025 ވަނަ އަހަރުގެ މާރޗް 18 އިން ފެށިގެން މިއަދާ ހަމައަށް 9,071 މީހުން ޝަހީދު ކޮށްފައިވާއިރު 34,853 މީހުން ޒަޚަމް ކޮށްފައި ވެއެވެ.
ނަމަވެސް، ޝަހީދުވެފައިވާ ގެއްލިފައިވާ އެތައް ބަޔަކު އަދިވެސް ޢިމާރާތްތަކުގެ ދަށުގައާއި މަގުމަތީގައި ވެއެވެ. އެމްބިއުލެންސް އަދި ސިވިލް ޑިފެންސްގެ ޓީމްތަކަށް އެ މީހުންނާ ހަމައަށް ދެވޭ ގޮތަށް ވެފައި ނުވަނީ ޔަހޫދީން އެމީހުންނަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުންނެވެ.


ކިޔުންތެރިންގެ ހިޔާލު