ޖަލު ބަންދުގައި ހުރި މާވިން އިސްލާމްވެ، ނަން ބަދަލުކޮށްފި

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ އޭނާގެ ފިރިމީހާ، އަދި އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރާ ހަލީމަތު ލަމްހާގެ ލޯބިވެރިޔާ މާވިން ވާގަސް ޖަލުގައި ހުރެ އިސްލާމްވެއްޖެއެވެ.

މާވިން އިސްލާމްވެ، އޭނާގެ ނަން މިހާރުވަނީ ޔޫސުފްއަށް ބަދަލުކޮށްފައެވެ. މާވިން އިސްލާމްވެއްޖެކަން، އިސްލާމިކް މިނިސްޓްރީންވަނީ ކޯޓަށްވެސް އަންގައިފައެވެ.

އެ މައްސަލއިގައި މިއަދު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ މިހާރު ބައްލަވާ ގާޒީ މުޒައްމިލު ނާސިރު ވިދާޅުވީ ޖަލު ބަންދުގައި ހުރި މާވިން އިސްލާމްދީން ގަބޫލުކޮށް، އޭނާގެ ނަން ޔޫސުފްގެ ނަމަށް ބަދަލުކޮށްފައިވާކަން އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.

މާވިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ، އޮކްޓޫބަރު، 2021 ގައި އޭނާގެ އަނބިމީހާ މޭރީ މަރާލި ކަމުގެ ތުހުމަތުގައި ކުރާ، އެނގިހުރެ މީހަކު މެރުމުގެ ދައުވާއެވެ. މާވިންގެ ލޯބިވެރިޔާ، ދިވެހި ނަރުސް ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މި މައްސަލައިގައި މިއަދު އޮތީ ޚުލާސާ ބަޔާން އިއްވުމެވެ. އެކަމަކު ބައެއް ލިޔުންތައް ނުލިބޭތީ އަންނަ މަހަށް ޚުލާސާ ބަޔާން އިއްވުން ފަސްކުރީއެވެ.

މީގެކުރިން މާވިން އާއި ލަމްހާގެ މައްސަލަ ވަކިން ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު ޝަރީއަތް ކުރިއަށް ގެންދަނީ އެއްކޮށެވެ. އަދި މިއަދު ޝަރީއަތަށް އެ ދެ މީހުން ހާޒިރުކޮށްފައިވަނީ ވެސް އެއްކޮށެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާލިބޭ އޭނާގެ ފިރިމީހާ މާވިންގެ ދިފާއުގައި ހެކިބަސްދޭން އޭނާގެ ރައްޓެހިންނަށް ދިން ފުރުސަތުގައި ދެވަނަ ފަހަރަށްވެސް ނައުމުން، އެ މީހުންގެ ހެކިބަހާ ނުލައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން އޮތީ ކުރިން ނިންމައިފައެވެ.

ހުޅުމާލޭގައި އަގުހެޔޮ 1000 ހައުސިން ޔުނިޓު އަޅާނެ ބަޔަކު ހޯދަނީ

ހުޅުމާލެ ތިން ވަނަ ފިޔަވަހީގައި އަގުހެޔޮ 1،000 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައި ބުނި ގޮތުގައި، ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް ޝައުގުވެރިވެ، ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހި ކުންފުނިތަކަށެވެ.

މިގޮތުން، އެ ޔުނިޓުތައް އިމާރާތް ކުރުމާއި ޑިޒައިން ކުރުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ، އަންނަ މަހު 23ގެ 13:00އަށެވެ.

މިނިސްޓްރީން ބުނީ، ހައުސިން ޔުނިޓު އެޅުމަށް ބިން ދޫކުރާނީ، އެއްވެސް އަގެއް ނުނަގާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެންމެ ކުޑަވެގެން 950 އަކަފޫޓުގެ ތިން ކޮޓަރިއާއި އެންމެ ކުޑަވެގެން 700 އަކަފޫޓުގެ ދެ ކޮޓަރީގެ ޔުނިޓުތައް އަޅާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ކަމާ ގުޅޭ ގޮތުން އަންނަ މަހުގެ ނިޔަލަށް މައުލޫމާތު ސާފުކުރެވޭނެއެވެ.

އަގުހެޔޮ ފުލެޓުތައް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ބޯހިޔާވަހިކަމަކީ މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައެވެ. ގިނަ ބަޔަކު މި ސަރަހައްދުގައި ދިރިއުޅެނީ، ބޮޑު ޚަރަދެއް ކޮށްގެން ކުއްޔަށެވެ.

މިދިޔަ އަހަރު ބީއެމްއެލްއަށް ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ

މިދިޔަ 2025ވަނަ އަހަރު ގައުމީ ބޭންކު ބީއެމްއެލުން 2.5 ބިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދައި، ރެކޯޑު މާލީ ނަތީޖާއެއް ހާސިލުކުރެވިއްޖެ ކަމަށް، އެ ބޭންކުން މިއަދު ބުނެފިއެވެ.

ބީއެމްއެލުން ބުނީ، މިދިޔަ އަހަރަކީ އެ ބޭންކުގެ ތާރީޚުގައި އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

ބޭންކުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، ޓެކުހަށް ކެނޑުމަށްފަހު މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެއީ މިދިޔަ އަހަރު ބީއެމްއެލަށް ސާފު ފައިދާގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 9.8 އިންސައްތައިގެ ކުރިއެރުމެކެވެ.

އެއާއެކު، ބޭންކުގެ މިލްކިއްޔާތުގެ އަގު ވަނީ 55.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެ ތަފާސްހިސާބުތަކުގައިވާ ގޮތުން ބީއެމްއެލުން މިދިޔަ އަހަރު އާންމުންނަށާއި ވިޔަފާރިތަކަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި އަލަށް ދިހަ ބިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މީގެ އިތުރުން އަލަށް 30،000އަށް ވުރެ ގިނަ ކަސްޓަމަރުން ބޭންކާ ގުޅި، ކަސްޓަމަރުން ބޭންކުގައި ފައިސާ ޖަމާކުރި ވަރު 2024ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު 16 އިންސައްތަ އިތުރުވެފައިވާ ކަމަށްވެސް ބީއެމްއެލްގެ ތަފާސްހިސާބުތަކުގައިވެއެވެ.

މި ނަތީޖާއަކީ ބީއެމްއެލުން މާލީގޮތުން ހޯދި ކުރިއެރުމާއި، ޚިދުމަތްތައް ފުޅާކުރުމަށް ކުރި މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިންމާތަކަށް ދީފައިވާ ޚާއްސަ ސަމާލުކަން ހާމަކޮށްދޭ ނަތީޖާއެއްގެ ގޮތުގައި ބީއެމްއެލުން ސިފަކުރެއެވެ.

ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވީ، މިދިޔަ އަހަރު ބީއެމްއެލުން މާލީގޮތުން ރަނގަޅު ނަތީޖާއެއް ހޯދައި، އިޖުތިމާއީގޮތުން ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

“އަޅުގަނޑުމެން ހޯދި ރެކޯޑު ފައިދާއާއި، ބެންކުގެ ތާރީޚުގައި ވެސް އެންމެ ގިނައިން ލޯނު ދޫކުރުމުން ދޭހަކޮށްދެނީ އަޅުގަނޑުމެންގެ ވިޔަފާރީގެ ހަރުދަނާކަމާއި ދިވެހި އިގްތިސާދު ކުރިއެރުވުމަށް އަޅުގަނޑުމެން ކުރަމުންދާ މުހިންމު މަސައްކަތް، ބޭންކުގެ ވިއުގަ އިތުރަށް ފުޅާކުރުމާއެކު ޑިޖިޓަލް ވަސީލަތްތައް ތައާރަފްކޮށް އިތުރަށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތުން ރަމްޒުކޮށްދެނީ، ކޮންމެ ދިވެއްސަކަށްވެސް، އެމީހަކު ހުރި ތަނަކުން ބޭނުންވާ މާލީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މެދުކެނޑުމެއްނެތި ކުރާ ބުރަ މަސައްކަތް. އަޅުގަނޑުމެން މި ބިނާކުރަނީ މިއަދާއި މާދަމާގެ ޖީލުތަކަށްޓަކައި ބިނާކުރާ އެންމެހާ ދިވެހީންގެ ބޭންކެއް،” ޝަރީފް ވިދާޅުވިއެވެ.

ނިމިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލަށް ލިބުނު އެންމެ ފާހަގަކޮށްލެވޭ ކާމިޔާބަކީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމްކުރުން ކަމަށާއި، އެ މަޝްރޫއާ ގުޅިގެން، މާލީ ޚިދުމަތްތަކުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ‘ކޯރަސް’ އިން ދޭ ‘އައުޓްސްޓޭންޑިންގް އެޗީވްމަންޓް އިން ފައިނޭންޝަލް އިންކްލޫޝަން’ އެވޯޑު ލިބިފައިވާ ކަމަށް، ބީއެމްއެލުން ބުންޏެވެ.

ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަން ސަރުކާރުން އިއުލާނުކޮށްފި

ރޯދަމަހުގެ ފަހު ދިހައެއް ބަންދުވާނެކަން، ސަރުކާރުން މިއަދު އިއުލާނުކޮށްފިއެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް އޮފީހުން ކުރި އިއުލާނުގައި ބުނީ އަންނަ މާރިޗު މަހުގެ ނުވައެއް ވާ ހޯމަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ފަހު ދިހައިގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.

ރަމަޟާން މަހުގެ ފަހުދިހައާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް ރައީސް އޮފީހުން ވަނީ އަންގައިފައެވެ.

މިއަހަރުގެ ރޯދަ މަސް ފެށީ މިމަހުގެ 18 ވަނަ ދުވަހެވެ.

މަޝްހޫރު ފިލްމު ޑައިރެކްޓަރު ނިމާލް ނިޔާވެއްޖެ

މަޝްހޫރު އަދި ތަޖުރިބާކާރު ފިލްމް ޑައިރެކްޓަރު އަޙްމަދު ނިމާލް މިއަދު ނިޔާވެއްޖެއެވެ.

ނިމާލަށް ސްޓްރޯކެއް ޖެހި، އޭޑީކޭ ހޮސްޕިޓަލުގައި އެންމެ ފުރަތަމަ ފަރުވާދޭން ފެށީ މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހެވެ. އޭގެ ފަހުން ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށް، ވަނީ ފަރުވާދީފައެވެ.

އުމުރުން 62 އަހަރުގެ ނިމާލް ނިޔާވިކަން، އައިޖީއެމްއެޗުން ވަނީ ‘ހަވާސާ’އަށް ކަށަވަރުކޮށްދީފައެވެ.

އައިޖީއެމްއެޗުން ބުނީ، ނިމާލަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ މިއަދު ހެނދުނު 6:50 ހާއިރު ކަމަށެވެ.

ނިމާލަކީ ކުޅަދާނަ ޑައިރެކްޓަރެއްގެ އިތުރުން އެކްޓަރެއް، އެޑިޓަރެއް، ލިޔުންތެރިއެއް އަދި ޕްރޮޑިއުސަރެއް ވެސް މެއެވެ.

އޭނާ ޑައިރެކްޓުކޮށްފައިވާ ފިލްމުތަކުގެ ތެރެއިން ޒަލްޒަލާ، ވާލޯބި އެނގޭނަމަ، ޚަލާސް ފަދަ ދިވެހީންގެ މަގުބޫލުކަން ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ.

ހަމައެއާއެކު ދިވެހި ފިލްމް އިންޑަސްޓްރީގައި ނިމާލަކީ ވަރަށް ވަރުގަދަ އެކްޓަރެކެވެ. ދިވެހީންގެ ތެރޭގައި ބޮޑު ތަރުހީބެއް ލިބިފައިވާ ވަރުގަދަ ފިލްމުތަކެއްގެ ލީޑް ރޯލުތަކުން އޭނާ ވަރަށް ގިނައިން ފެނިފައިވެއެވެ. އަދި އޭނާއަކީ ވަރަށް ގިނަ ފިލްމުތަކުގައި ބައްޕައެއްގެ ރޯލުގައި ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެއް ވެސް މެއެވެ.

އެގޮތުން އޭނާ އެކްޓުކޮށްފައިވާ އެންމެ ފާހަގަކޮށްލެވޭ ބައެއް ފިލްމުތަކަކީ، ވީރާނާ، ނިއުމާ، މިހަށިން ފުރާނަ ދާންދެން، ނޭނގި ޔާރު ވަކިވީ ފަދަ މަގުބޫލު ފިލްމުތަކެވެ.

އެންމެ ފަހުން ނިމާލް އެންމެ މަގުބޫލު ރޯލެއް ކުޅެފައި ވަނީ 2023 ވަނަ އަހަރު ރިލީޒްކުރި “ލޯބިވެވިއްޖެ” ފިލްމުގައެވެ.

ނިމާލްގެ ހުރި ހަމައެކަނި ފިރިހެން ދަރި ކަމަށްވާ މުހައްމަދު ޖުމައްޔިލްއަކީ ވެސް ފިލްމް އިންޑަސްޓްރީގައި މަގުބޫލު އަދި ކުޅަދާނަ އެކްޓަރެކެވެ.

ދުންފުހުގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަނީ

ދުންފުހުގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލެއް ހޯދަން ބޭރު ގައުމުތަކާއެކު މަސައްކަތްކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިފަހުން ރާއްޖެ ސަރަހައްދަށް ދުންފުހީގެ އަސަރު އަންނަނީ ވަރަށް ބޮޑަށް ކުރަމުންނެވެ. އެގޮތުން މިއަދުވެސް ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށްވެ ދުރުފެންނަ މިންވަރު ވަނީ ވަރަށް ކުޑަވެފައެވެ.

މި މައްސަލައާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގެ ސަރަހައްދަށް މިދުވަސްވަރު ކުރިމަތިވެފައިވާ ދުންފުހީގެ މައްސަލައަކީ، އާންމު ސިއްހަތާއި، ތިމާވެއްޓާއި އަދި ގައުމުގެ އިގްތިސާދާ ސީދާ ގުޅުންހުރި ކަމަކަށްވާތީ، މިއީ ސަރުކާރުން ނުހަނު އިސްކަންދޭ ގައުމީ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައިފައިވާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން އާންމު ރައްޔިތުން ކުރަމުންދާ ކަންބޮޑުވުންތައް ސަރުކާރުން ބަލައިގަންނަ ކަމަށާ، ބޯޑަރު ހުރަސްކޮށް އަންނަ މިފަދަ ވައިގެ ނުސާފުކަމަށް ގިނަ ވަގުތު ހުށަހެޅިފައި ހުރުމަކީ އާންމު ސިއްހަތަށާއި، އިޖުތިމާއީ ދުޅަހެޔޮކަމުގެ އިތުރުން ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިގްތިސާދަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަކޮށްފައިވެއެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ދުންފުހީގެ މައްސަލައަކީ މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލައެއް ކަމަށާ، މޫސުމީ ވަޔާއެކު ސަރަހައްދީ ގައުމުތަކުން ބޭރުވާ ދުމާއި ތަޣައްޔަރުވެފައިވާ ވައި ރާއްޖެއާ ހަމައަށް ފޯރަމުންދާ ކަމަށެެވެ. އަދި ރާއްޖޭގެ ޖަޒީރާވަންތަ ގޮތާއި، ކުޑަ ބިމެއްގައި އާބާދީ ބޮޑުވުމުގެ ސަބަބުން ބޭރުގެ ގައުމުތަކުން އަންނަ މިފަދަ ތިމާވެށީގެ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ނިސްބަތުން ބޮޑު ކަމަށްވެސް ބުންޏެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެ މިނިސްޓްރީން ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާ، އެގޮތުން، ސައިންޓިފިކް ދިރާސާތައް ހިއްސާކުރުމާއި، މައުލޫމާތު ބަދަލުކުރުމުގެ މަސައްކަތްތައް ފާހަގަކޮށްފައިވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ، ދުންފުހީގެ އަސަރު ކުޑަކުރުމަށާއި، ވައިގެ ސާފުކަން ދެމެހެއްޓުމަށްޓަކައި ދުންފުހީގެ މައްސަލައަށް ދިގު މުއްދަތުގެ ހައްލުތަކެއް ހޯދުމަށް ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި   މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން، ތިމާވެށި ރައްކާތެރިކުރުމާއި ދެމެހެއްޓެނިވި ތަރައްގީއަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.

މިޔަންމާގެ އަސްކަރިއްޔާއިން ދިން ހަމަލާއެއްގައި 17 މީހުން މަރުވެއްޖެ

މިޔަންމާގެ އެންމެ ހުޅަނގު ސްޓޭޓުގެ ރަށުގެ ބާޒާރަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި 17 މީހުން މަރުވެއްޖެއެވެ.

މީގެ ފަސް އަހަރު ކުރިން އަސްކަރިއްޔާއިން ބަޣާވާތެއް ކުރި ފަހުން މިޔަންމާ ވަނީ ދާޚިލީ ހަނގުރާމައިގެ ތެރޭގައެވެ. ޑިމޮކްރަސީގެ އެކްޓިވިސްޓުންނާއި ފެކްޝަންތަކުން ވަނީ ހަތިޔާރާ އެކުގައި ނުކުމެފައެވެ.

ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރާޚައިން އަކީ އެންމެ ބޮޑަށް ގެއްލުން ލިބުނު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. ގާތްގަނޑަކަށް އެ ސަރަހައްދު މުޅިން ވެސް ކޮންޓްރޯލް ކުރަނީ ނަސްލީ މައިނޯރިޓީ އަރަކަން އާމީ (އޭއޭ) އިން ކަމަށްވާއިރު، އެ އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދު ބްލޮކްކޮށް، ގަވާއިދުން އެތަނަށް ވައިގެ ހަމަލާތަކެއް ދީފައެވެ.

އޭއޭ އާއި ލޯކަލް ވޮލަންޓިއާ ގްރޫޕަކުން ބުނި ގޮތުގައި އަސްކަރިއްޔާގެ ވައިގެ ސިފައިން އިއްޔެ ވަނީ ސްޓޭޓްގެ ވެރިރަށް ސިޓްވޭގެ އިރުއުތުރުން ގާތްގަނޑަކަށް 33 ކިލޯމީޓަރު (20 މޭލު) ދުރުގައި އޮންނަ ޕޮނާގްޔޫން ޓައުންޝިޕްގެ ޔޯއީ ންގޫ އަވަށަށް ހަމަލާދީފައެވެ.

މިކަމާ ގުޅޭ ގޮތުން މިޔަންމާގެ އަސްކަރިއްޔާގެ ތަރުޖަމާނެއްގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އޭއޭގެ ބަޔާނުގައި މާރުކޭޓަކަށް ދިން ހަމަލާގައި ތިން ކުޑަކުދިން ހިމެނޭ ގޮތަށް މަރުވި 17 މީހުންގެ ނަން ލިސްޓްކޮށްފައިވެއެވެ. އަދި އިތުރު 15 މީހަކު ވެސް ވަނީ މި ހަމަލާގައި ޒަހަމްވެފައެވެ.

ދޮންދަރިޔާ ބެހިގެން 15 އަހަރަށް ޖަލަށްލީ ރަނގަޅަށް: ހައިކޯޓު

އުމުރުން އެންމެ 12 އަހަރުގެ ދޮންދަރިޔާ ބެހުނު ދޮންބައްޕަގެ މައްޗަށް އިއްވި 15 އަހަރުގެ ހުކުމަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

މިއީ 2018 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން އެކި ދުވަސްމަތިން، އޭނާގެ ދޮންދަރި އަކަށް އޭނާ ދިރިއުޅޭ ގޭގެ، އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި އެކުއްޖާގެ މޭމަތީގައާއި، ކުރިމަތި ފަރާތުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ އިސްތިއުނާފު ހުކުމެވެ.

މި މައްސަލައިގައި ދަށު ކޯޓުން އޮތީ ދޮންބައްޕަ 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައެވެ.

ފަނަރަ އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލަ އިސްތިއުނާފުކުރީ ދޮންބައްޕަގެ ފަރާތުންނެވެ. ދޮންބައްޕަގެ ފަރާތުން އިސްތިއުނާފު ކުރި މި މައްސަލަ ބެލި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ 15 އަހަރުގެ ޖަލު ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ. ހައިކޯޓުގައި މި މައްސަލަ ބެލީ، ފަނޑިޔާރު ފާތިމަތު ފަރުހީޒާ، އަބްދުލްމާނިއު ހުސައިން އަދި އަބްދުﷲ ޖަމީލް މޫސާއެވެ.

މި މައްސަލައަކީ އާއްމުކޮށް ހުޅުވާނުލައި ކުރިއަށް ގެންގޮސްފައިވާ މައްސަލައެކެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ދޮންބައްޕަވަނީ 12 އަހަރުގެ ދޮންދަރިޔަށް ހުތުރު އެތައް އަމަލެއްކޮށްފައެވެ. އެގޮތުން އެ ކުއްޖާއަށް ބަރަހަނާ ފޮޓޯއާއި ވީޑިއޯ ދެއްކުމާއި ލަދުވެތި ގުނަވަންތަކުގައި އަތްލުން ފަދަ އެތައް ކަމެއް ހިމެނެއެވެ. އަދި އެކަންކަން ސިއްރު ކުރުމަށް ކުއްޖާކައިރީގައި އެކި ފަހަރު މަތިން ބުނެފައިވާކަންވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވެމްކޯގެ މަސައްކަތްތަކުގައި ނުރައްކާތެރި ހާދިސާތައް ހިނގާތީ، އެޗްއާރުސީއެމުން ތަހުގީގެއް ފަށަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މަސައްކަތު މަހާއުލުގެ ސަލާމަތާއި ރައްކާތެރިކަން ދެނެގަތުމަށް ތަހުގީގެއް ފަށަން ނިންމާފައި ވާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)އިން މިއަދު ބުނެފިއެވެ.

ތަހުގީގު ފަށަން ނިންމާފައި ވާކަން އެ ކޮމިޝަނުން ހާމަކޮށްފައި ވަނީ، މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ވެސް، ވެމްކޯގެ ސައިޓުތަކުގައި ނުރައްކާތެރި ދެ ހާދިސާއެއް ހިނގި ފަހުންނެވެ.

އެޗްއާރްސީއެމްގެ ޕޯސްޓެއްގައި ވަނީ، ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުން ދާކަން ފާހަގަކޮށްފައެވެ. އެހެންކަމުން ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން އެ ކޮމިޝަނުން ރޭ ބޭއްވި ބައްދަލުވުމުގައި ނިންމާފައި ވާކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ، މިދިޔަ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓެއް ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއްވެފައިވާ މައްސަލަ، އިއްޔެ ހަވީރުގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި މީހަކު ފޮޓޮއާއެކު ހިއްސާކުރި ޕޯސްޓަކުންނެވެ. އެ ޕޯސްޓުގައި އޭނާ ބުނި ގޮތުގައި އާދިއްތަ ދުވަހުގެ ރޭ ދަންވަރު ތިނެއް ޖަހާކަށްހާއިރު ވެމްކޯގެ ރޭމްޕް މަތިން ކޮންޓެއިނަރަކަށް މީހަކު ވަނީ ވެއްޓިފައެވެ. އެ ރޭމްޕު މަތިން ކޮންޓެއިނަރާ ހަމައަށް 12 ނުވަތަ 13 ފޫޓުގެ އުސްމިނެއް ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

މީގެ ކުރިން، މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ވެމްކޯ ސައިޓުން ގެއްލިގެން ހޯދަމުން ދިޔަތާ ދެ ދުވަސް ފަހުން، މަރުވެފައި އޮއްވައި އުމުރުން 24 އަހަރުގެ ބިދޭސީއެއް ވަނީ ފެނިފައެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ މަރުވުމަށް މެދުވެރިވެފައިވަނީ ޖެނުއަރީ 26ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެންނެވެ. އަދި އެކްސްކެވޭޓަރުން ކުނިތައް އެ ތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އެ މީހާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި މީހާގެ ގައިމައްޗަށް ކުނިތަކެއް އެޅުނު ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެކްސްކެވޭޓަރު ދުއްވަން އިން، ސްރީލަންކާގެ މީހާ ހައްޔަރުކޮށްފައެވެ.

ގަސްދަކާ ނުލައި މީހަކު މެރިކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރުކޮށް، އަދިވެސް ހުރީ ބަންދުގައެވެ.

އެސްޓީއޯއިން ފިޔާ އާއި އަލުވީގެ އަގު ހެޔޮކޮށްފި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ފިޔާ އަދި އަލުވީގެ އަގުތައް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، މިއަދުން ފެށިގެން މި ގެނައި ބަދަލަކީ ރޯދަމަހު އާންމުކޮށް ބޭނުންކުރާ މިފަދަ އަސާސީ ބާވަތްތަކުގެ އަގުތައް ކުޑަކޮށް، ރައްޔިތުންގެ ޖީބުތަކަށް ލުއި ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ އިތުރުން، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގުތައް ކޮންޓްރޯލްކޮށް އެއް ހަމައެއްގައި ބެހެއްޓުމަށާއި، ރައްޔިތުންނަށް ދަތިކަމެއް ނެތި އެ ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އަގުތަކަށް އައި ބަދަލުތައް:

ފިޔާ: ކުރިން 12 ރުފިޔާއަށް ވިއްކި ފިޔާ ކިލޯއެއް މިހާރު ލިބޭނީ 10 ރުފިޔާއަށެވެ. އަދި 250 ރުފިޔާއަށް ކުރިން ވިއްކި ފިޔާ ބަސްތާއެއްގެ އަގު މިހާރު ވަނީ 190 ރުފިޔާއަށް ތިރިކޮށްފައެވެ.

އަލުވި: ކުރިން 14 ރުފިޔާއަށް ލިބުނު އަލުވި ކިލޯއެއް މިހާރު 12 ރުފިޔާއަށް ހެޔޮކޮށްފައިވާއިރު، އަލުވި ބަސްތާއެއްގެ އަގު ވަނީ 300 ރުފިޔާއިން 160 ރުފިޔާއަށް ބޮޑުތަނުން ހެޔޮކޮށްފައެވެ.

އެސްޓީއޯއިން ބުނީ މި ތަކެތި އާންމުންނަށް ވަކިން ގަންނަން ލިބޭނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަމަށެވެ. އަދި ވިޔަފާރިވެރިންނަށާއި ގަނޑުކޮށް މި ތަކެތި ބޭނުންވާ ފަރާތްތަކަށް އެސްޓީއޯގެ ހޯލްސޭލް ސެންޓަރުތަކުން މި ތަކެތި ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މާލޭ ބޮޑުތަކުރުފާނު މަގުގައި ނުރައްކާތެރު އެކްސިޑެންޓެއް؛ 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، 16 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މާލޭގެ ބޮޑުތަކުރުފާނު މަގު ބްރިޖް ލައިޓް ކައިރިން ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް ޕޭމެންޓް މައްޗަށް އަރައި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ ދަންވަރު 1:39 ގައި ކަމަށެވެ.

އަދި މި އެކްސިޑެންޓް ހިނގިއިރު ސައިކަލު ދުއްވަން އިނީ 19 އަހަރުގެ ފިރިހެނެއް ކަމަށާ އޭނާގެ ފަހަތުގައި އިނީ 16 އަހަރުގެ ފިރިހެން ކުއްޖެކެވެ. މި ދެ މީހުންނަކީވެސް ދިވެހިންނެވެ.

ފުލުހުން އިތުރަށް ބުނީ، މި ދެ މީހުންނަށްވެސް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްވާ ކަމަށާއި ސައިކަލުގެ ފަހަތުގައި އިން 16 އަހަރުގެ ފިރިހެން ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެކްސިޑެންޓުވި ސައިކަލު ދުއްވާފައި ވަނީ އެ އުޅަނދު ދުއްްވުމުގެ ލައިސެންސް އޮންނަ މީހެއް ނޫނެވެ.

މި މައްސަަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެމްޑީޕީގެ ކެމްޕެއިން ޓީމަށް އައްޑޫ ސިޓީ އިން ހޫނު މަރުހަބާއެއް ކިޔައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެމްޕޭނަށް އެމްޑިޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެސިޓީގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

 

މިރޭ އެމްޑީޕީގެ ކެމްޕެއިން ޓީމު އަޑޫ ސިޓީއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ އެމްޑީޕީގެ ލީޑާޝިޕް ޓީމަށް ހޫނު މަރުހަބާއެއް ވަނީ ކިޔައިފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން އައްޑޫށް ކުރާ މިދަތުރުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާއީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު އަބްދުﷲ ގެ އިތުރުން އެމްޑީޕީގެ ބައެއް އާންމު މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.

މިދަތުރުގައި އައްޑޫއިން ކައުންސިލަށްށާއި އަންހެނުންގެ ކޮމިޓީއަށް މަސައްކަތް ކުރާކޮމިޓީއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައިފައިވާ ކެނޑިޑޭޓުންގެ ޖަގަހަތައް ހުޅުވުމުގެ އިތުރުން ކެނޑިޑޭޓުންނާއި އެކު ލީޑާޝިޕްގެ ޓީމް ދޮރުން ދޮރަށް ހިނގައި ވޯޓް ހޯދަންވެސް މަސައްކަތް ކުރާނެކަމަށް ހަވާސާ ނޫހައް މަޢުލޫމާތު ދެމުން އެމްޑީޕީގެ އިސްބޭފުޅުކު ބުނުއްވިއެވެ.

މިއީ 2023 ވަނަ އަހަރު އޮތް ރިޔާސީ އިންގިހާބުގެ ކެމްޕެއިންގެ ފަހުން އައްޑޫގެ ރައްޔިތުން އެކައްޗަކަށްވެ އެމްޑީޕީގެ ޓީމަކަށް މަތުހަބާ ދެންނެވި ފުރަތަމަ ފަހަރެވެ.