ދިވެހި ފުލުހުންގެ ޚިދުމަތުގައި ރަސްމީ ވާޖިބު އަދާކުރަމުން ގެންދަނިކޮށް ނިޔާވި ސީނިއާ ސާޖަންޓް އަޙްމަދު އާސިފްގެ އާއިލާއާ ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ސީޕީ ވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތައުޒިއާގެ މެސެޖް އެ ޢާއިލާ އަށް ރައްދުކޮށްދެއްވައިފިއެވެ.
ރައީސްގެ މެސެޖުގައި، މަރުހޫމް، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފް ރަސްމީ ވާޖިބު އަދާކުރައްވަމުން ގެންދަވަނިކޮށް ވަކިވެދިޔުމަކީ އާއިލާއަށާއި މުޅި ގައުމަށް ލިބުނު ހިތާމައެއްކަން ފާހަގަ ކުރައްވައި، ގައުމީ ވާޖިބު އަދާ ކުރެއްވުމުގައި ދެއްކެވި ސާބިތު ކަމާއި، އިހުލާސްތެރި މަސައްކަތުގެ އަގު ވަޒަން ކުރެއްވިއެވެ. އަދި ހިތާމައިގެ މި ދަނޑިވަޅުގައި، ސަރުކާރުގެ ފަރާތުން އާއިލާއަށް ބޭނުންވާނެ އެންމެހައި އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެރުއްވިއެވެ.
މީގެއިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާނާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންމެހައި މުވައްޒަފުންނާއި ކޮމިޝަނަރގެ އަމިއްލަ ނަންފުޅުގައިވެސް އާއިލާއަށް ތަޢުޒިޔާ ރައްދުކުރެއްވިއެވެ.
މަރުހޫމް އަޙްމަދު ޢާސިފް ގައުމަށް ކޮށްދެއްވި ހިދުމަތް ފާހަގަކުރައްވައި، މަރުހޫމްގެ ހިދުމަތާއި ވެވަޑައިގަތް ގުރުބާނީގެ ހަނދާންތައް، ދިވެހި ފުލުހުންގެ ޚިދުމަތުން އަބަދުވެސް އާކުރާނީ އިހުތިރާމާއި ޝަރަފާއެކުކަން މި ބައްދަލުވުމުގައި ކޮމިޝަނަރ ވަނީ ތަކުރާރުކުރަށްވާފައެވެ.
އާސިފް، ހއ. އުލިގަމު/ވާދީ ނިޔާވެފައި ވަނީ ފުލުހުންގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް 2026 ޖޫން 11 ވަނަ ދުވަހުގެ ރެއެވެ.


ކިޔުންތެރިންގެ ހިޔާލު