Advertisement

ވޯޓުލުން ކުރިއަށްދާ ގޮތާމެދު މީކާއިލްގެ ޝަކުވާތަކެއް، ގޮވާލެއްވީ އިންތިހާބުގެ މިނިވަންކަން ކަށަވަރުކުރަން!

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްދާ ގޮތާމެދު ކަންބޮޑުވުން ފާޅުކުރައްވައި، މިނިވަން އިންތިހާބެއް ބޭއްވޭކަން ކަށަވަރުކުރަން އެ އިންތިހާބުގައި ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ގޮވާލައްްވައިފައެވެ.

މިއަދު ހަވީރު ގަލޮޅު މަދަރުސާގައި ބަހައްޓާފަިއ ހުރި ފޮއްޓަކަށް ވޯޓު ލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން މީކާއިލް ވިދާޅުވީ، ބައެއް ރަށްރަށުގައި އޭނާގެ މަންދޫބުންނަށް ގަސްތުގައި ފާސް ނުދީ ވޯޓުލުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަނެއްބައި ރަށްރަށުގައި ވޯޓުލާ ފޮށި ފަޅާލާފައި، ފަޅާލި ފޮއްޓަށް ވޯޓުލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

އޭގެ އިތުރުން، ބައެއް ރަށްރަށުގައި ވޯޓާސް ލިސްޓު އޮޅުވާލާފައިވާ ކަމަށާއި އޭނާއަށް ވޯޓުލާން ތިބި މީހުން ލިސްޓުން އުނިކޮށްގެން ވޯޓުލުން ކުރިއަށްގެންދާ ކަމަށް މީކާއިލް ތުހުމަތުކުރެއްވިއެވެ.

މީކާއިލް ގޮވާލެއްވީ މިނިވަން އިންތިހާބެއް ބޭއްވޭކަން ޕާޓީގެ އިންތިހާބީ ކޮމިޓީން ކަށަވަރުކޮށްދެއްވުމަށެވެ. އަދި މިހާރު ހިނގަމުންދާ ކަންތައްތަކަކީ އޭނާ ދުވަހަކު ވެސް ދެކެވަޑައިގަންނަވަން ބޭނުންފުޅުވި މަންޒަރުތަކެއް ނޫން ކަމަށް ވިދާޅުވިއެވެ.

”އަޅުގަނޑު ދުވަހަކު ވެސް އެމްޑީޕީގެ އެތެރޭގެ އިންތިހާބެއްގައި ދެކެން ބޭނުންވި މަންޒަރެއް ނޫން މިއީކީއެއް. އަޅުގަނޑު ތަސަރައްވުރުކުރާ އެމްޑީޕީއެއް ނޫން މިއީކީއެއް،“

އޭނާ މިއަދު ވެސް ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެވޭނީ ޕާޓީގެ އެތެރޭގެ ހަމަހަމަކަން ކަށަވަރުކޮށްގެން ކަމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި އިންތިހާބުގައި އަދިވެސް ކުރީގައި އުޅުއްވަނީ އޭނާ ކަމަށެވެ. އަދި ޕާޓީގެ ވީހާ ވެސް ގިނަ މެމްބަރުން ނުކުމެ ވޯޓުލުމަށް އޭނާ ގޮވާލެއްވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް މި އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ އިތުރުން ސްރީލަންކާގައި ވެސް ވަނީ ވޯޓު ފޮއްޓެއް ބަހައްޓާފައިވެއެވެ. މި އިންތިހާބުގައި 241 ވޯޓު ފޮށި ބަހައްޓާފައިވާއިރު، އޭގެ ތެރޭގައި މާލޭގެ 10 ސްކޫލެއްގައި ބަހައްޓާފައިވާ ވޯޓު ފޮށިތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ފޮނަދޫއިން ރުށް ބޭރުކުރަން އީއާރުއޭއިން އެއްވެސް ފަރާތަކަށް ހުއްދަދީފައެއްނުވޭ!

ވަޒީފާއިން ވަކިކުރާ މީހުންނަށް އެމްޑީޕީ ސަރުކާރެއްގައި އަލުން ވަޒީފާ ދޭނަން: އަބްދުﷲ ޝާހިދު

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 5600 ވޭޕް ކާޓްރިޖް އަތުލައިގަނެފި

ޖަލު ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަސައްކަތް މި މަހުގައި ފަށަނީ