ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު ހޯދީ ސަރަހައްދީ ބޮޑު ކާމިޔާބީއެކެވެ. މުޅި ދެކުނު އޭޝިއާ ފަތަހަކުރުމަށްފަހު ސަރަހައްދީ ފުޓްސަލް ތަށި ރާއްޖެއަށް ހޯދައިދިނީ އަމިއްލަ ފަސްގަނޑުގައި އިންޑޯއެއް ނެތިއެވެ. އެކަން މުޅި ދެކުނު އޭޝިއާއިން ވެސް ފާހަގަކުރެއެވެ.
ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑާއެކު ޓީމު އެނބުރި ރާއްޖެ އައުމުން ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާމެދު އާންމުންގެ ބޮޑެތި ނުރުހުންތަކެއް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް މުޅި އިވެންޓު އިންތިޒާމުކުރި ކުޅިވަރު ވުޒާރާއިން މި އިވެންޓު އިންތިޒާމުކުރީ އާންމުން އުންމީދުކުރި ފެންވަރަށްވުރެ މާ ބޮޑަށްވެސް ދަށްކޮށެވެ.
ޓީމު ރާއްޖެއައި ގަޑި، މީހުން އެއްކުރުމަށް އެކަށީގެންވާ “ޕީއާރު” ނުޖެއްސޭ
ކުޅިވަރު ވުޒާރާއިން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ އެއާޕޯޓުގެ ވީއައިޕީން ކުޅުންތެރިންގެ އާއިލާއާ ބައްދަލުވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި އެއްވެސް މީޑިއާއަކަށް އިންޓަވިއު ނެގުމުގެ ފުރުސަތެއް ނެތް ކަމަށެވެ. ވީއައިޕީ ލައުންޖަށް 21:00 ގައި ކުޅުންތެރިން އައުމާއެކު އެމްޓީސީސީ ބަހުގައި ސޯޝަލް ސެންޓަރަށް ގޮސް މަޖީދީމަގުން ލޮރީއަށް އަރައިގެން އާޓިފިޝަލް ބީޗަށް އަންނަ ގޮތަށެވެ.
މުޅި ޓީމަށްވެސް އެންމެ ބޮޑު ލަދަކާ ކުރިމަތިލާން ޖެހުނީ ލޮރީ ބުރުގައެވެ. މަގުމަތިން މީހުންގެ ފަރާތުން ފިނި ތަރުހީބެއް ލިބުނުުއިރު، ގިނަ ފަހަރު ހީވީ ބުރު ޖަހާލަން ދާ ލޮރީއެއް ހެނެވެ. ނުވަތަ މުޒާހަރާތަކުގައި ހައްޔަރުކުރާ މީހުން އަރުވަން ފުލުހުން ގެންގުޅޭ ލޮރީއެއް ހެނެވެ. ލޮރީގެ ކުރިމަތީގައި ނަން ބޯޑެއް ހަރުކޮށްފައިހުރި ނަމަވެސް އިތުރު މާ ބޮޑު ޒީނަތްތެރިކަމެއް ފެންނަން ނެތެވެ.
“އަހަރެމެންނަށް ކުރީބައިގަ މިކަން އިންތިޒާމުކޮށްފައި އޮތްކަން އެނގުނު ނަމަ ދާނަން، މިނިސްޓްރީން ވެސް ބުނީ އާޓިފިޝަލް ބީޗަށް ދާން. އިންތިޒާމު ހަމަ ސުމެއް، ރޭގަނޑު 10 ޖަހާއިރު އިވެންޓު އާޓިފިޝަލް ބީޗުގަ ރޭވިއިރު މިކަން އިންތިޒާމުކުރި ބަޔަކަށް އަނެއް ދުވަހަކީ ސުކޫލު ދުވަހެއްކަން ނޭނގެނީބާ ހިތައްއެރި، އެމީހުންނަށް (ސަރުކާރާއި ކުޅިވަރު ވުޒާރާ) އަށް ރަނގަޅު ވަގުތަކާ ދިމާކޮށް ދަތުރުގެ ކަންކަން ހަމަޖެއްސި ނަމަ މިވަރު ވާކަށް ނުޖެހޭނެ” ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރި ދިވެއްސެއް ލިޔެފައިވެއެވެ.

ރައީސް ވަޑައިނުގަންނަވާނެ ކަން ފަހުވަގުތު އެނގުން
އާޓިފިޝަލް ބީޗަށް ރައީސް ވަޑައިގަންނަވާނެ ކަމަށް އޮތީ 22:00 ގައެވެ. ނަމަވެސް އިވެންޓު ފެށެން ވަގުތު ކުޑަތަންވިއިރު ވެސް ރައީސް ވަޑައިނުގަންނަވާނެ ކަން ވުޒާރާއިން މީޑިއާތަކަށް ނާންގައެވެ. ޔަގީނުންވެސް ރައީސް މި އިވެންޓަށް ވަޑައިގަތުމަކީ މުހިންމު ކަމެކެވެ. އެއީ ސަރަހައްދީ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައިވާތީއެވެ.
ނަމަވެސް ފަހުވަގުތު ރައީސް ވަޑައިނުގަންނަވާނެ ކަން އެނގުމާއެކު ކުޅުންތެރިންނާ އާއިލާގެ ފޮޓޯ ސެޝަންތަކެއް ކުރިއަށްގެންދިޔައީ އެވެ. ކުޅުންތެރިންގެ މޫނުމަތިންވެސް އެކަން ދެއްކިއެވެ. އެ އެންމެންވެސް ތިބީ އެ ރަސްމިއްޔާތުގެ ތެރެއިން ފުޓްސަލް އިންޑޯގެ އަލިމަގެއް ފެންނާނެކަމުގައެވެ.
މުޅި އާޓިފިޝަލް ބީޗުގައި ގިނައިން ތިބީ ޗެމްޕިއަންކަން ހޯދި ޓީމު ކުޅުންތެރިންގެ އާއިލާތަކާއި މަދު ސަޕޯޓަރުންތަކެއްގެ އިތުރުން ބިދޭސީންނެވެ.
މިއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ތައްޓާއެކު އެނބުރި އައުމުން ކިޔާފައިވާ މަރުހަބާއަށްވުރެ ދެބައިކުޅަ އެއްބަޔަށް ވުރެވެސް މަދު ވަރެކެވެ.
ކޮންމެއަކަސް މި އިވެންޓުން ސަރުކާރު ފެއިލްވެއްޖެއެވެ. ދެން އެބުނާ ފުޓްސަލް އިންޑޯއެއްގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު އާންމުން ވިސްނާނެއެވެ. މި ދަނޑިވަޅުގައި އެކަން ނުކުރާނެތޯ ނުވަތަ ވާނެތޯ ސަރުކާރުން އަންގަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު