އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ދުނިޔޭގެ ޗެމްޕިއަން ޗެލްސީ ރޭ ބަލިކޮށްފިއެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މި މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބު ކުރީ 2-1ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ފަށައިގެން ފަސް މިނެޓު ނުވަނީސް ޗެލްސީގެ ކީޕަރު ރޮބާޓް ސަންޗޭޒް މެންޗެސްޓާ ޔުނައިޓެޑްގެ ބްރިޔަން އެމްބުއެމޯއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރަތް ކާޑު ދައްކައި ދަނޑުން ވަނީ ފޮނުވާލައިފައެވެ.
މިއާއެކު މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެ ޓީމުގެ އެޓޭކުތައް ވަރުގަދަކޮށް ފުލުފުލުގައި ޗެލްސީގެ ގޯލަށް ނުރައްކާ ކުރަން ފަށައިފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޕެޓްރިކް ޑޯގޫ ޗެލްސީ ގޯލު ކުރި މައްޗަށް ހުރަސްކޮށްދިން ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މެންޗެސްޓަ ޔުނައިޓެޑްގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި މެންޗެސްޓާ ޔުނައިޓެޑުން ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެފައިވާއިރު، މެޗުގެ މެޗުގެ 37 ވަނަ މިނެޓުގައި ކަސެމީރޯ ވަނީ އިތުރު ގޯލެއް ޔުނައިޓެޑަށް ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ޔުނައިޓެޑުން މޮޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޔުނައިޓެޑްގެ ކަސެމީރޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާ ދަނޑުން ވަނީ ފޮނުވާލާފައެވެ.
ދެ ޓީމުންވެސް 10 ކުޅުންތެރިންނާއެކު މެޗުގެ ދެވަނަ ހާފު ފަށާފައިވާއިރު، ޗެލްސީން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.
މިގޮތުން މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ދިފާއީ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ޗެލްސީން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 80 ވަނަ މިނެޓުގައި ޗެލްސީން ވަނީ އެ ޓީމުގެ ގޯލު ކާމިޔާބުކޮށްފައެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޓްރެވީ ޗަލަބާއެވެ.
މި ގޯލަށް ފަހުވެސް ޗެލްސީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެ ހަމަލާތައް ދިފާއުކޮށްފައެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ 2-1ގެ ނަތީޖާ އަކުން ޔުނައިޓެޑް ކުރި ހޯދައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު