Advertisement

ރާއްޖެ-ލަންކާ މެޗުން މޮޅުވާ ބަޔަކަށް ލިބޭ ޓްރޮފީ ދައްކާލައިފި

ރާއްޖެ އާއި ސްރީލަންކާ ކުޅޭ ދެ މެޗުން މޮޅުވާ ބަޔަކަށް ޓްރޮފީ ދައްކާލައިފިއެވެ.

“ދެކުނު އޭޝިއާ ސުޕަ ކަޕް 2025” ގެ ނަމުގައި ކުޅޭ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު އޮންނާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 5:00 ގައި ލަންކާގެ ރޭސް ކޯސް ފުޓްބޯޅަ ދަނޑުގައެވެ. އަދި ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހު ހަވީރެވެ.

Advertisement

މި ދެ މެޗަށް ހާއްސަކޮށްފައިވާ ޓްރޮފީ ތައްޔާރުކޮށްފައިވަނީ ރިހި ކުލައިން މެދުގައި ބޯޅައެއް ސިފަވާ ގޮތަށެވެ. ޓްރޮފީގެ އަސްލަކަށް ބަލާފައިވަނީ މި އަހަރު ފީފާއިން ބޭއްވި ކުލަބު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ޓްރޮފީއަށެވެ. މި ޓްރޮފީގައި ރާއްޖެ އާއި ލަންކާގެ ނަން ވެސް ޖަހާފައިވެއެވެ.

ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޖަސްވަރު އުމަރު ވިދާޅުވީ ރާއްޖެ އާއި ލަންކާއާ ދެމެދު ކޮންމެ އަހަރަކު ވެސް މިކަހަލަ މެޗެއް ކުޅެން ޖެހޭ ކަމަށެވެ. އަދި މިވަގުތު ލަންކާގެ އަމާޒަކީ ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާއެއް ހާސިލް ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރު ދެ މެޗު ވެސް ލަންކާގައި ކުޅުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ހޯމް/އަވޭ އުސޫލުން މެޗު ކުޅެން ބޭނުންވާ ކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަކީ ވޯލްޑް ކޮލިފައިން މެޗުތަކަށް ތައްޔާރުވާން ލިބޭ ފުރުސަތަކަށް ވާނެ ކަމަށެވެ.

ރާއްޖެއާއި ލަންކާއަކީ ފުޓްބޯޅައިގެ ދިގު ތާރީޚެއް އޮތް ދެ ގައުމެވެ. 2021 ވަނަ އަހަރު ލަންކާގައި ބޭއްވުނު ފޯ ނޭޝަންސް ކަޕްގައި އެންމެ ފަހުން ލަންކާގައި ދެ ގައުމު ބައްދަލުކުރިއިރު، ރާއްޖެ 4-0 ގެ ލީޑެއްގައި އޮވެ ލަންކާއިން ހިތްވަރާއެކު ކުޅެ 4-4 ގެ ނަތީޖާއަކުން މެޗު އެއްވަރުކުރީ ހައިރާންކުރުވަނިވި ކުޅުމެއް ދެއްކުމަށް ފަހުއެވެ. ނަމަވެސް، އެ މެޗުގެ އެންމެ މަހެއް ކުރިން މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ 1-0 ގެ ނަތީޖާއަކުން ލަންކާ ބަލިކޮށްފައެވެ.

ދެ ގައުމުގެ އެންމެ ފަހުގެ ބައްދަލުކުރުމަކީ 2022 ވަނަ އަހަރުގެ ޖޫން މަހު ބޭއްވުނު އޭޝިއަން ކަޕް ކޮލިފައިން މެޗެވެ. މި މެޗުގައި ހަމްޒާ މުހައްމަދު (ހައްމަބު) ޖެހި ގޯލާއެކު ރާއްޖެ ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

ޖުމްލަ 22 ފަހަރު މި ދެ ގައުމު ބައްދަލުކޮށްފައިވާއިރު، ރާއްޖެއަށް ނުވަ މެޗުން މޮޅުވެ ކުރި ލިބިފައިވެއެވެ. ލަންކާއިން 3 ފަހަރު ރާއްޖެ ބަލިކޮށްފައިވާއިރު، 10 މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. މި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދައި، ސަޕޯޓަރުންގެ އިތުބާރު އަނބުރާ ހޯދުމަށް ގައުމީ ޓީމަށް ފުރުސަތު ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ލިޔުމާއި ގުޅޭ

ވޯލްޑް ކަޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ޝަކީރާ ލަވަކިޔަނީ

ބިލިއާޑްގެ ޗެއާމަނަކަށް ތިންވަނަ ފަހަރަށް ޑީޑީ އިންތިހާބު ކޮށްފި

ނޯތު ރީޖަން ލީގް: ދިއްދޫ އަދި ހަނިމާދޫގެ ‘ރީމެޗު’ މިއަދު ހަވީރު

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯނު އެކެއްގެ ފައިނަލް (ހާ އަލިފް އަދި ހާ ދާލު) މެޗުގެ ހިންހަމަނުޖެހުން ގިނަ ބަޔަކު ފާޅުކޮއްފި