މިހާރު ކުރިއަށްދާ ގައުމީ ޝޫޓީން މުބާރާތުގައި އަިއޝަތު އީޝާ ގައުމީ ރެކޯޑެއް ހަދައިފިއެވެ.
ސޯސަލް ސެންޓަރުގައި ކުރިއަށްދާ ގައުމީ ޝޫޓިން ސްޕޯޓްސް ޗެމްޕިއަންޝިޕް 2025ގައި އީޝާ ގައުމީ ރެކޯޑު ހަދާފައިވަނީ އަންހެނުންގެ ޕްރޮފެޝަނަލް އެއާ ރައިފަލް ކެޓަގަރީންނެވެ.

އީޝާ މި ރެކޯޑު ހަދާފައިވަނީ ޖުމްލަ 609.6ގެ ސްކޯއެއް ހޯދައިގެންނެވެ.
މި ރެކޯޑު ކުރިން އޮތީ ޝަރަފިއްޔާ އަބްދުލް ރަހްމާންގެ އަތުގައެވެ. އޭނާ މި ރެކޯޑު ހަދާފައިވަނީ 2022 ވަނަ އަހަރު ޗައިނާގައި ކުރިއަށްދިޔަ 19 ވަނަ އޭޝިއަން ގޭމްގައި 605.9ގެ ސްކޯއެއް ހޯދައިގެންނެވެ.
ނެޝަނަލް ޝޫޓިންގ ސްޕޯރޓްސް 2025 އަކީ ދިވެހިރާއްޖޭގައި ޝޫޓިންގ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާން އެތްލީޓުން ތަމްރީނުކޮށް ކުރިއެރުވުމަށް ބާއްވާ ޤައުމީ މުބާރާތެކެވެ.

މި މުބާރާތުގައި ހަތަރު ކެޓެގަރީއެއްގައި ޝޫޓަރުން ވާދަކުރާނެއެވެ. އެއީ ގައުމީ ޓީމުގައި ހިމެނޭ ޝޫޓަރުންނާއި ކުރިން ގައުމީ ޓީމުގައި ހިމެނި ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކޮށްފައިވާ އެތުލީޓުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޕްރޮފެޝަނަލް ކެޓެގަރީ އާއި، 12 އަހަރުން މަތީގެ މީހުންނަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ އޯޕަން ކެޓެގަރީ އާއި، 16 އަހަރާއި 21 އަހަރާ ދެމެދަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ޖޫނިއަރ ކެޓެގަރީގެ އިތުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްސަ ޔޫތު ކެޓެގަރީއެވެ.
މިދިޔަ އަހަރުވެސް މި މުބާރާތް ބާއްވާފަވާއިރު، އެ މުބާރާތް ވެގެންގޮސްފައިވަނީ ބޮޑު ތަރުހީބެއް ލިބުނު މުބާރާތަކަށެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގައި 400 ވަރަކަށް ޝޫޓަރުން ބައިވެރިވި ނަމަވެސް، ޖާގައިގެ ދަތިކަމާހުރެ މުބާރާތުން ފުރުސަތުދީފައިވަނީ 370 އެތުލީޓުންނަށެވެ.


ކިޔުންތެރިންގެ ހިޔާލު