ފާއިތުވެދިޔަ 46 އަހަރު ދުވަހުގެ ތެރޭގައި ގައުމީ ޓީމަށް ކުޅެފައިވާ ހުރިހާ ކުޅުންތެރިންގެ ހިދުމަތާއި ގުރުބާނީ ފާހަގަކުރަން ނިންމާފައިވާ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދިވެހި ފުޓްބޯޅައިގެ ޑައިމަންޑް ޖުބިލީ ފާހަގަކުރުމަށް ޓަކައި އެކުލަވާލި ޑައިމަންޑް ޖުބިލީ ކޮމިޓީ (ޑީޖޭސީ) ގެ ޗެއާޕާސަން އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.
މީގެ ތެރޭގައި މަޝްހޫރު ކުޅުންތެރިންނާއި އެހާ ބޮޑަށް ފާހަގަވެފައިނުވާ ކުޅުންތެރިން ވެސް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދިވެހި ފުޓްބޯޅައިގެ ޑައިމަންޑް ޖުބިލީ ފާހަގަކުރުމުގެ މަސްއޫލިއްޔަތު އެފްއޭއެމްއިން ހަވާލުކުރި ކޮމިޓީގައި ސުޒެއިންގެ އިތުރުން ނިއުރޭޑިއަންޓްގެ ޗެއާމަން އަހުމަދު މުބީން، ވެލެންސިއާގެ ޗެއާޕާސަން އަދި މަޝްހޫރު ފުޓްބޯޅަ ކޮމެންޓޭޓަރު އަބްދުﷲ އަޒްމީން އަދި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުއްލަތީފް މުހައްމަދު ހިމެނެއެވެ.
ސުޒެއިން ވިދާޅުވީ އެ މުނާސަބަތާ ގުޅިގެން ޖުމްލަ 75 ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތަކީ ފާއިތުވެ ގޮސްފައިވާ ގައުމީ ފުޓްބޯޅަ ކުޅުންތެރިންގެ ހިދުމަތް ފާހަގަކުރުމެވެ.
ދިވެހިރާއްޖޭގެ ފުރަތަމަ ގައުމީ ފުޓްބޯޅަ ޓީމު އުފެދުނީ 1979 ވަނަ އަހަރުއެވެ. އެ ޓީމުން ބައިވެރިވި ފުރަތަމަ މުބާރާތަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއެވެ. ސުޒެއިން އިތުރަށް ވިދާޅުވީ ގައުމީ ޓީމު އުފެއްދި ދުވަހުން ފެށިގެން މިހާރުގެ ކުޅުންތެރިންނާ ހަމައަށް ހުރިހާ ކުޅުންތެރިންގެ ހިދުމަތާއި ގުރުބާނީ ފާހަގަކުރެވޭނެ ކަމަށެވެ. އަދި ގައުމީ ޓީމުގެ ކެޕްޓަންކަން ކުރައްވާފައިވާ ހުރިހާ ކުޅުންތެރިންނަށް ވެސް ހާއްސަ ގޮތެއްގައި އެކަން ފާހަގަކުރެވޭނެ ކަމަށެވެ.
ޑީޖޭސީއަށް މަސައްކަތްކުރުމަށް އެފްއޭއެމްގެ އެގްޒެކްޓިވް ކޮމިޓީން އެއް އަހަރު ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު ނިމޭނީ އަންނަ އަހަރު އޮގަސްޓް މަހުގެ ނިޔަލަށެވެ. ސުޒެއިން ވިދާޅުވީ އެ މުނާސަބަތު މާލެއާއި އެހެން ރަށްތަކުގައި ވެސް ބަޖެޓާ އެއްގޮތަށް ފާހަގަކުރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު