ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ފީފާގެ ރައީސް ރާއްޖެ ވަޑައިގަންނަވަނީ އަންނަ ހުކުރު ދުވަހުއެވެ.
މިއީ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސްކަމުގެ މަގާމާ އިންފަންޓީނޯ 2015 ވަނަ އަހަރު ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ނަވާރަ އަހަރު ފަހުން ފީފާގެ ރައީސަކު ރާއްޖެއަށް ދަތުރެއް ކުރާއިރު، މި ދަތުރުގައި އިންފަންޓީނޯ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ ވެރިންނާއި ރާއްޖޭގެ ކުލަބުތަކާއި ބައްދަލު ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މައުލޫމާތުލިބެއެވެ.
ފީފާގެ ރައީސަކު އެންމެ ފަހުމް ރާއްޖެއަށް ދަތުރެއް ކޮށްފައިވަނީ 2006 ވަނަ އަހަރު އޭރުގެ ފީފާ ރައީސް ސެޕް ބްލެޓާއެވެ.
އިންފަންޓީނޯގެ މި ދަތުރާ ގުޅިގެން އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގް ވިދާޅުވީ އިންފަންޓީނޯގެ މި ތާރީހީ ދަތުރުގެ ސަބަބުން އެފްއޭއެމް އާއި ފީފާ އާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ފުޓްބޯޅައިގެ ތަރައްގީއަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ.
މިހާރު އެފްްއޭއެމްގެ ހިންގާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޯރިގުގެ ޓީމަށް އިންފަންޓީނޯ ވަނީ މިފަހުން ތައުރީފް ކުރައްވައިފައެވެ. އެފްއޭއެމްގެ ރައީސް ތޯރިގުއާ ބައްދަލުކުރެއްވި ފޮޓޯތަކެއް، އިންފަންޓީނޯގެ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރެއްވިއެވެ. އަދި، އޭނާ ވަނީ ރާއްޖޭގެ ފުޓްބޯޅަ ރަނގަޅުމަގުން ކުރިއަށްގެންދިއުމަށް ކުރާ މަސައްކަތަށް ހިތްވަރު ދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު