އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގައި އަފްޣާނިސްތާނުން، ރާއްޖެ ބަލިކޮށްފިއެވެ.
ދުނިޔޭގެ 33 ވަނައިގައި އޮތް އަފްޣާނިސްތާން، ރާއްޖޭގެ މައްޗަށް ކުރި ހޯދީ 10-1 ގެ ނަތީޖާއަކުންނެވެ.
މުޅި މެޗު ޑޮމިނޭޓް ކޮށްގެން އަފްޣާނިސްތާނުން ކުޅެފައިވާއިރު، ރާއްޖޭގެ ކުޅުންތެރިން ވަނީ މި މެޗުގައި އަފްޣާނިސްތާނުގެ ކުޅުންތެރިން ހިފެހެއްޓުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ.
އެންމެ ފަހުން ބޭއްވި ފުޓްސަލް ވޯލްޑްކަޕްގެ ގަދަ 16ގައި ވެސް ވާދަކޮށްފައިވާ އަފްޣާނިސްތާނުން ވަނީ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ހަތް ގޯލު ޖަހާފައެވެ. މިއާއެކު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 7-0ގެ ނަތީޖާއަކުން އަފްޣާނިސްތާނު ކުރީގައި އޮވެގެންނެވެ.
މި މެޗުގެ ދެވަނަ ހާފުގައި ރާއްޖެ އިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް އަފްޣާނިސްތާނު ކޮޅަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. މިގޮތުން ރާއްޖޭގެ ފުޓްސަލް ޓީމުގެ އަލީ ހާފިޒް (ހާއްޕެ) އާއި އަޔާޒް އަހުމަދު (އަޔާ) އަދި ހުޒެއިފަތު ރަޝީދު (ހުޒޭ) ވަނީ ގިނަ ހަމަލާތަކެއް އަފްޣާނިސްތާނުގެ ގޯލަށް ފޮނުވާލިއެވެ.
މި މެޗުގައި ރާއްޖެއިން ކާމިޔާބުކުރި ހަމައެކަނި ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ގޯލަކީ މުހައްމަދު އިމްރާން (އިންމި) ދިން ޕާހަކުން އިޝާން އިބްރާހިމް (ސައްޓު) ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުގެ ދެވަނަ ހާފުގައި އަފްޣާނިސްތާނުން ވަނީ އިތުރު ތިން ގޯލު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 10-1އަށް ބަދަލުކޮށްފައެވެ.
ކޮލިފައިންގެ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެއިން ނިކުންނާނީ މިޔަންމާ އާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު